އީލާފް އާއި ޑެނިއަލްގެ ހިތްވަރާއެކު މުއާއި ތައި ރިންގުގައި މުޅި ރާއްޖެ ފަހުރުވެރިކޮށްދެނީ

މުއައި ތައި ރިންގުގައި ރާއްޖެ ފަހުރުވެރިކޮށްދިން އީލާފް އަދި ޑެނިއަލް

ދިވެހި ކުޅިވަރުގެ ތާރީޚުގައި މާޝަލް އާޓްސްގެ ދާއިރާއިން އައު ބާބެއް ލިޔެމުންދާ އަހްމަދު އީލާފް ނަދީމަކީ މިއަދު ދިވެހިންގެ ފަޚުރެކެވެ. ބައިނަލްއަގްވާމީ މުއާއި ތައި ރިންގުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލާލައި، ރަން ވަނަތަކެއް ހޯދަމުންދާ އީލާފް ވަނީ ދާދިފަހުން ސްރީ ލަންކާގައި ބޭއްވި ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ވާދަކޮށް، އޭނާގެ ދެވަނަ ބައިނަލްއަގްވާމީ ރަން މެޑަލް ހޯދައި މުޅި ގައުމު އުފާކޮށްދީފައެވެ.

އީލާފްއަކީ ކުޑައިރުއްސުރެ މާޝަލް އާޓްސް އާއި ކޮމްބެޓް ސްޕޯޓްސްއަށް ޚާއްޞަ ޝައުގުވެރިކަމެއް ބަހައްޓަމުން އައި، ނުގުޑާފަދަ އަޒުމެއްގެ އެތުލީޓެކެވެ. އޭނާގެ ފިޓްނެސް އަދި މުއާއި ތައި ކެރިއަރުގެ މުހިންމު ބިންގާ އެޅީ ފައިޓްސޯލް މޯލްޑިޗްސް އަދި މޯލްޑިވްސް މުއާއި ތައި އެކަޑަމީގެ ތެރެއިންނެވެ.

އީލާފްގެ ހުނަރު އިތުރަށް ފުރިހަމަކޮށް، ބައިނަލްއަގްވާމީ ފެންވަރަށް އޭނާ ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ހެޑް ކޯޗު މުހައްމަދު ޝަނާޒްއެވެ. ޝަނާޒްގެ އިރުޝާދުގެ ދަށުން އީލާފް ވަނީ ދިގު މުއްދަތަކަށް ތަމްރީނުތަކެއް ފުރިހަމަކޮށް، ރިންގު ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

އީލާފް ރަން މެޑަލް ހޯދާފައިވަނީ ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި (ބީއެމްއައިސީއެޗް) ކުރިއަށްދިޔަ މުބާރާތުގައި ވާދަކުރި މިޑްލްވެއިޓް 76 ކިލޯ ކެޓެގެރީގައި ވާދަކޮށްގެންނެވެ.

ލަންކާ އަތުން މޮޅުވި މެޗަށްފަހު ރާއްޖޭގެ އީލާފް--

އޭނާއާ ވާދަކުރީ ސްރީލަންކާގެ ތަޖުރިބާކާރު އަދި ވަރުގަދަ ފައިޓަރު އިސުރުއެވެ. ނަމަވެސް، ރިންގު ތެރޭގައި އީލާފް ދެއްކި ހިތްވަރާއި، ހުޝިޔާރުކަމާއި، ރޭވުންތެރި އުކުޅުތަކާއެކު ފަސޭހަކަމާއެކު އިސުރު ބަލިކޮށް، އޭނާ ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި އީލާފް ރަން މެޑަލް ހޯދި ދެވަނަ އަހަރެވެ.

މި ކާމިޔާބީއަކީ އެކަނި ރިންގު މަތީގައި ހޭދަކުރި މަދު މިނެޓުކޮޅެއްގެ ނަތީޖާއެއް ނޫނެވެ. އޭގެ ފަހަތުގައިވަނީ ބުރަ ތަމްރީނުތަކާއި، ނުގުޑާފަދަ އަޒުމެކެވެ. މުބާރާތުގެ ކުރިން ދިވެހި އެތުލީޓުން ވަނީ ލަންކާގައި ޚާއްޞަ ޓްރޭނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ

ދިވެހި މުއާއި ތައި ޓްރެއިނަރު މުހައްމަދު ޝަނާޒްގެ އިރުޝާދުގެ ދަށުން ތައްޔާރުވި އީލާފްއާއި، އެއް ޓީމެއްގައި ވާދަކުރި ޑެނިއަލް އަހްމަދު ޒަކީއަށް ލަންކާގެ ކޭމްޕުގައި އިރުޝާދުދިނީ ވެންކުއިޝް މުއާއި ތައި އެންޑް ފިޓްނެސްގެ އިންސްޓްރަކްޓަރު ވިމުކިތި އަބެނަޔަކާއެވެ. މި މުބާރާތުގައި ޑެނިއަލްވެސް ވަނީ ލަންކާގެ ފަހަދުއާ ދެކޮޅަށް ފަހުވަގުތާ ޖެހެންދެން މޮޅު ފައިޓެއްދީ، ދިވެހި އެތުލީޓުންގެ ހިތްވަރު ސާބިތުކޮށްދީފައެވެ.

ރާއްޖޭގެ ޑެނިއަލް--

އީލާފްގެ މި ރަންވަނައަކީ އޭނާގެ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މިއަހަރުގެ ފެބްރުވަރީ މަހު ބޭއްވުނު ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕުގައިވެސް، ލަންކާގެ އެއްވަނަ އެތުލީޓު ބަލިކޮށް ދިވެހިރާއްޖެއަށް މުއާއި ތައިގެ ތާރީޚީ ފުރަތަމަ ރަން މެޑަލް ހޯދައިދިނީވެސް އީލާފްއެވެ.

އަހްމަދު އީލާފް ނަދީމްގެ މިންނެތް މަސައްކަތުން މިއަދު ސާބިތުކޮށްދެނީ، އެކަށީގެންވާ ތަމްރީނާއި މަސައްކަތްކޮށްފިނަމަ، ދިވެހި ކުޅުންތެރިންނަށްވެސް ދުނިޔޭގެ ފެންވަރުގެ ރިންގުތަކުގައި ރަން މެޑަލް ހޯދިދާނެކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު