އިންފަންޓީނޯ ނެތްނަމަ ފީފާއަށް މިހާރު ލިބޭވަރުގެ ފައިދާތަކެއް ނުލިބޭނެ: ޓްރަމްޕް

ފީފާގެ ރައީސް އިންފަންޓީނޯއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެ، ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލައްވަމުން ގެންދަވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެދުވެވަޑައިގެންފިއެވެ.

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ފާޅުގައި ވާހަކަފުޅުދައްކަވާފައި މިވަނީ، ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ)، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަދި ކޮންކާކަފް ގުޅިގެން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.

އެ ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިންފަންޓީނޯ ވަނީ އޮޅުވާލުމުގެ ތެރެއިން އިތުބާރު ނަގާލާފައެވެ. އެއީ ފީފާގެ މުބާރާތްތަކުގެ ވިޔަފާރި އަދި ޓިކެޓު ވިއްކުމުގެ ހައްގުތައް ބަލަހައްޓާނެ އައު ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ އަމިއްލަ އިންވެސްޓުމަންޓް ކުންފުންޏަކަށް ވިއްކާލުމަށް އޭނާ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)" މަޝްރޫއާ ގުޅިގެންނެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މި މަޝްރޫއުގެ މައުލޫމާތު ފެންމަތިވި ފަހުން، ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ އިންފަންޓީނޯ ވަކިކުރަން އުޅުމަކީ ހެދޭނެ ބޮޑު ގޯހެއްކަމަށް ބުނެފައެވެ.

"ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ރައީސް ޖިއާނީ އިންފަންޓީނޯ ބަދަލުކުރުމަށް ފީފާއިން ވިސްނާނަމަ، އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް" ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން އިންފަންޓީނޯއަކީ ވަރަށް ކާމިޔާބު ބޭފުޅެއް ކަމަށާއި، އޭނާ ނެތްނަމަ ކުރިއަށްއޮތް ތަނުގައި ފީފާގެ މުބާރާތްތަކުން މިހާރު ލިބޭފަދަ ބޮޑު ކާމިޔާބީއަކާއި ފައިދާއެއް ނުލިބޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިދިޔަ ހޫނު މޫސުމުގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބޭއްވި 2026 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ޗެމްޕިއަންކަން ހޯދިއިރު، އެ މުބާރާތް އިންތިޒާމުކުރުމުގައި ދެބޭފުޅުންގެ މެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފަންޓީނޯ ވަނީ ޓްރަމްޕަށް ފީފާގެ ފުރަތަމަ ސުލްހައިގެ އިނާމުވެސް އަރުވާފައެވެ.

އެފްއެފްއީ މަޝްރޫއަށް އިންވެސްޓުކުރާނެ ކަމަށް ބެލެވެނީ "ތުރައިވް އީޓާނަލް" ނަމަކަށް ކިޔާ އެމެރިކާގެ ކުންފުންޏަކުންނެވެ. މި ކުންފުންޏަކީ ޓްރަމްޕުގެ ދަނބިދަރި ޖެރާޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ ކުންފުންޏެކެވެ. މީގެއިތުރުން، ވޯލްޑް ކަޕުގެ ހިއްސާ ވިއްކާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، ޓްރަމްޕުގެ ސަރުކާރުގެ އެހީތެރިކަމަށް އިންފަންޓީނޯ އެދިވަޑައިގެންނެވި ކަމަށް ނިއު ޔޯކް ޕޯސްޓުން މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލައިގައި ޔުއެފާއިން ވަނީ ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމުގެ އިންޒާރު ދީފައެވެ. އަދި ތިން ކޮންފެޑެރޭޝަން ގުޅިގެން ނެރުނު ބަޔާނުގައި، އަމިއްލަ އެދުން އިސްކޮށް މަސްއޫލިއްޔަތާ ޚިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. މިއީ އަންނަ އަހަރުގެ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ނިންމަވާފައިވާ އިންފަންޓީނޯއަށް، އަބުރުވެރިކަމާއެކު މަގާމުން ވަކިވުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައި އެ ކޮންފެޑެރޭޝަންތަކުން ދެކެއެވެ.

މި މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، މި ތިން ކޮންފެޑެރޭޝަން ގުޅިގެން އަމިއްލަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުސަތުތައް ދަނީ ދިރާސާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު