މިއަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ނިމުނު ޖުލައި މަހު، ރާއްޖެއިން ޑެންގީ ޖެހުނު މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖުލައި މަހު ޑެންގީ ޖެހިފައިވަނީ 443 މީހުންނަށެވެ. އެއީ ޖޫން މަހު އެ ބަލި ޖެހިފައިވާ 673 މީހުންނާ އަޅާބަލާއިރު 34 އިންސައްތައިގެ ދަށްވުމެކެވެ.
ޑެންގީ ޖެހުނު މީހުންގެ އަދަދު ދަށްވި ނަމަވެސް އެޗްޕީއޭއިން ވަނީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަން ހަނދާން ކޮށްދީފައެވެ.
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ނިމުނު މަހު ރިޕޯޓުކުރި މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ނިމުނު ޖުލައި މަހު އަރިދަފުސް ރޯގާ ޖެހިގެން 29،663 މީހުން ރިޕޯޓުކޮށްފައިވާއިރު އެއީ މިއަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ 34،877 މީހުންނާ އަޅާބަލާއިރު 14 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަކޮށްލެވެއެވެ.
އަދި އިންފުލުއެންޒާއަށް ބަލާއިރު ނިމުނު ޖުލައި މަހު އިންފުލުއެންޒާއަށް 212 މީހަކު ޓެސްޓުކުރެވިފައިވާއިރު ޕޮޒިޓިވް ވެފައިވަނީ އެންމެ 33 މީހުންނެވެ. އެއާ ޚިލާފަށް ޖޫން މަހު 451 މީހަކު ޓެސްޓުކުރެވުނުއިރު، 142 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭއިން ވަނީ އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 2،945 މީހަކު ޓެސްޓުކުރެވުނުއިރު އޭގެތެރެއިން 1،043 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ބައެއް ތަފާސްހިސާބުތައް -- ފޮޓޯ: އެޗްޕީއޭ
މީގެ އިތުރުން ބޭރަށް ހިންގުމުގެ ކޭސްތައްވެސް ވަނީ ނިމުނު ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މަދުވެފައެވެ. އެގޮތުން ޖޫންމަހު 4،442 މީހުން ބޭރަށް ހިންހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ޖުލައިމަހު އެއަދަދު ވަނީ 4،307 އަށް ދަށްވެފައެވެ.
އެޗްޕީއޭއިން ވަނީ ބަލިތައްޖެހި ފައްސިވެފައިވާ މިންވަރު މަދުވި ނަމަވެސް ޑެންގީއާއި ކޮވިޑާއި ރޯގާފަދަ ބަލިތަކާއި ބޭރަށްހިންގުންފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ބަލިތަކުން ރައްކާތެރިވެ ތިބޭނެ ގޮތުގެ އިރުޝާދުވެސް އެ އެޖެންސީއިން ވަނީ ދީފައެވެ.
އެގޮތުން ޑެންގީން ރައްކާތެރިވުމަށްޓަކައި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުމުގެ އިތުރުން ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ހިންގުމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު ސައިބޯނިލައިގެން އަތްދޮވުމަށާއި ސާފު ބޯފެން ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި ކުރުނބާފެން، ލޮނުޕެކެޓް އަދި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށް އެޗްޕީއޭއިން ލަފާދެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ވަނީ އިރުޝާދުދީފައެވެ. އަދި ހޮސްޕިޓަލަށް ދާއިރު ވީހާވެސް މަދު މީހުން ދިއުމަށާއި ކުޑަކުދިންނާއި މާބަނޑު މީހުން ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުމަށްވެސް ވަނީ އެދިފައެވެ.