އާސެނަލަށް ވިނީޝިއަސް ނުލިބުނު، ދެން ގެންދާނީ ކާކު؟

ވިނީޝިއަސް ޖޫނިއަރ--

ކުރިއަށްއޮތް 27/2026 ސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯއާއެކު އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކަށްވީ، ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ވިނީޝީއަސް ޖޫނިއަރ (ވިނީ) ގެ ކޮންޓްރެކްޓު އައުނުކޮށް، އެހެން ކުލަބަކަށް ބަދަލުވާން ވިސްނާ ވާހަކައެވެ.

މުސާރައިގެ އިތުރުން އިމޭޖް ރައިޓްސްގެ މައްސަލައިގައި ވިނީޝިއަސް އާއި ރެއާލުން ދެބަސްވެފައިވާކަމުގެ ވާހަކައެވެ. އެއާއެކު، އެންމެފަހުގެ އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ އާސެނަލްއިން އޭނާ ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. ވިނީއާއެކު އެއްބަސްވުމަކަށް އައިކަމުގެ އަޑުތައްވެސް ފެތުރެން ފެށިއެވެ. ނަމަވެސް އާޚިރުގައި އޭނާ ނިންމީ، މިހާރުގެ ކުލަބު ކަމަށްވާ ޔޫރަޕުގެ ރަސްގެފާނު، ރެއާލް މެޑްރިޑުގައި މަޑުކުރާށެވެ.

މިއާއެކު، އޭނާ ހޯދަން ފޫގަޅައިގެން އުޅުނު އާސެނަލަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ދެން ޓާގެޓުކުރާނީ ކޮން ކުޅުންތެރިއަކަށް ހެއްޔެވެ؟

ފުރަތަމަ ކަމަކަށް، އާސެނަލްގެ ޓްރާންސްފަރ ވިންޑޯއަށް ބަލާއިރު، އެ ކުލަބުން ގެންދަން ބޭނުންވި ކުޅުންތެރިންގެ ތެރެއިން ކާމިޔާބުކަމާއެކު ސޮއި ހޯދިފައިވާ އެންމެ ހައި ޕްރޮފައިލް ކުޅުންތެރިއަކަށް ފާހަގަކުރެވެނީ ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން، ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރ ބްރޫނޯ ގިމަރޭސް އެވެ.

ނިމިދިޔަ ވޯލްޑްކަޕުގައި ބްރެޒިލްއަށް މާ އެދެވޭ ނަތީޖާއެއް ނުނެރެވުނު ކަމުގައި ވީނަމަވެސް އޭނާ ވަނީ އެ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ވޯލްޑްކަޕުގައި އޭނާ ކުޅުނު ފަސް މެޗުން އޭނާ ވަނީ ހަތަރު ލަނޑު ޖަހަން އެހީވެދީފައެވެ.

ނަމަވެސް، އާސެނަލްގެ މިވަގުތުގެ ސްކޮޑަށް ބަލާއިރު، ވިނީ ފަދަ ޒުވާން، ހުނަރުވެރި އަދި ތަޖުރިބާކާރު ވިންގަރެއް އެޓީމަށް ވަރަށް މުހިންމެވެ. މިވަގުތު އާސެނަލްގެ ވިންގަށް ކުޅެންތިބި ކުޅުންތެރިންގެ ތެރެއިން ނިމުނު ސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކީ އިނގިރޭސިވިލާތުގެ ބުކާޔޯ ސަކާއަށް އެކަންޏެވެ.

ދެން ތިބީ ޒުވާން އަދި ހުނަރުވެރި، އެހެން ނަމަވެސް ހާއްސަކޮށް ޗެމްޕިއަންސް ލީގު ފަދަ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ އެއްވެސް ވަރަކަށް ނެތް ކުޅުންތެރިންތަކެކެވެ. އެހެންކަމުން، މި ތިން ޝަރުތުވެސް ފުރިހަމަވުމާއެކު އެއްވާނެއްގައި މޮޅު ކުޅުމެއް ދެއްކޭނެ ވިންގަރެއް ހޯދުމަކީ އެޓީމަށް ވަރަށް މުހިންމުވެފައިވާ ކަމެކެވެ.

އެހެންކަމުން އެޓީމުން ދެން އަމާޒު ހިފާނީ ކޮން ކުޅުންތެރިއަކަށް ހެއްޔެވެ؟ ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، އާސެނަލްއިން ދަނީ ހަތަރުވަރަކަށް ކުޅުންތެރިން ހޯދަން މަސައްކަތްކުރަމުންނެވެ. މީގެތެރެއިން އެކަކީ އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ތުރުކީގެ ހުނަރުވެރި ޒުވާން ވިންގަރ، ކިނާން ޔިލްޑިޒް އެވެ. ނަމަވެސް، އޭނާ ޔުވެންޓަސް އާއެކު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން އިތުރު ހަތަރު އަހަރަށް އައުކޮށްފައި ވާތީ، ޔިލްޑިޒް ވިއްކުމަކީ ނާދިރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔިލްޑިޒްގެ އިތުރުން އާސެނަލް އިން ގެންނަން މަސައްކަތްކުރަމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ހާއްސަ އެއް ނަމަކީ، ފްރާންސްގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީގެ ވިންގަރ، ބްރެޑްލީ ބާކޯލާއެވެ. ނިމުނު ވޯލްޑްކަޕުގެ އަށް މެޗު ކުޅެ، ތިން ގޯލު ޖަހައި، އެއް ގޯލު ޖަހަން އެހީވެދީފައިވާ އުމުރުން އެންމެ 23 އަހަރުގެ ބާކޯލާއަކީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ އެންމެ ވިދުންގަދަ އެއް ނަމަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ޕްރެޑިކްޓް ކުރަން އުނދަގޫ، ހުނަރުވެރި ކުޅުންތެރިއެކެވެ. ނަމަވެސް، ބާކޯލާ ގެންނަން އާސެނަލްއަށް ކުރިމަތިވާނެ އެންމެ ބޮޑު ހުރަހަކީ ޕީއެސްޖީން އޭނާ ވިއްކަން ކިޔާ އަގެވެ.

ބާކޯލާގެ އިތުރުން އާސެނަލްއިން ފާރަލަމުންދިޔަ، އެސްޓަން ވިލާގެ މޯގަން ރޮޖަރސްވެސް ނުގެންނަން އެޓީމުން ނިންމީ އޭނާ ވިއްކަން ވިލާއިން ކީ އަގު ބޮޑުވެގެންނެވެ. އެހެންކަމުން ރޮޖަރސް، އާސެނަލްގެ އެންމެ ބޮޑު އެއް ރައިވަލް ކަމަށްވާ ޗެލްސީއަށް ބަދަލުވެފައިވަނީ 117 މިލިއަން ޕައުންޑަށެވެ. ބާކޯލާ ވިއްކަން ޕީއެސްޖީން ކިޔަނީ 100 މިލިއަން ޕައުންޑުގެ އަގެކެވެ.

އެންމެ ފަހު ނަމަކަށް، ރިޕޯޓުތަކުން ފެންނަ ފާހަގަކޮށްލެވޭ ނަމަކީ ސްޕެއިންގެ އެތުލެޓިކް ބިލްބާއޯއަށް ކުޅެމުން އަންނަ، ނިކޯ ވިލިއަމްސްއެވެ. ހަލުވިކަމުގެ ސަބަބުން ހުއްޓުވަން އުނދަގޫ ނިކޯ، އެހެން ކުލަބަކަށް ގެންދިއުންވެސް ވާނީ ހަމަ އެހާ އުނދަގޫ ކަމަކަށެވެ. ފާއިތުވި ދެ ތިން އަހަރު މެދުކެނޑުމެއް ނެތި، އެކަން ކުރަން ފޫގަޅައިގެން އުޅުނު ބާސެލޯނާއަށްވެސް އެކަން ނުވެގެން އެންމެފަހުން ޖެހުނީ ހުއްޓާލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު