ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރަން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއާ މިއަދު މަޝްވަރާކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެމެރިކާއާއި ރާއްޖެއާ ދެމެދު އިގުތިސާދީ އެއްބާރުލުން ވަރުގަދަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން، މިނިސްޓަރު ސައީދުވަނީ، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް ވެރިޔާ ޑޭވް ވިލިއަމްސްއާ ބައްދަލުކުރައްވައިފައެވެ.
އެ ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓް އިތުރުކުރުމަށް އޮތް ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށް އެ ޕޯސްޓުގައިވެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ، ދެ ގައުމުގެ އިގުތިސާދީ ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވައިފައެވެ.
ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރެވެ. އެމެރިކާއިން އާންމުކޮށް ރާއްޖެއަށް އެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ދޭ އެހީއާއި ތަރައްގީގެ ބޭނުންތަކަށް ދޭ އެހީ ހިމެނެއެވެ.