"ޝަޓް އަޕް...." ރިޝާންގެ ކެތްތެރިކަން ކޮޅުންލިއެވެ.
"އަހަރެން އިޒީއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން... ރިޝާންގެ ބައްޕައަށްވެސް މިކަން އަންގާނަން... ތިކަހަލަ ހަގީގަތެއް ސިއްރުކޮށްގެން އަހަންނަކަށް ނުހުރެވޭނެ... ތީ ބޮޑު އޮޅުވާލުމެއް...." ޝަހާމާ އުޅުނީ އެތަނުން ދާށެވެ.
********
ރިޝާން އެރީ ޝަހާމާގެ ކުރިމައްޗަށެވެ.
"ހަމަ އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ..." ރިޝާން އެދުނެވެ. "ޕްލީޒް..."
ގަދަހަދަން މަސައްކަތް ކުރިނަމަ، ޝަހާމާއަށް އެކަން ވީހެވެ. ގޭތެރޭގައި ތިބި ބަޔަކަށް އޭނާގެ އަޑު އިވުނީސްވެސް މެއެވެ. އެހެނަސް، ރިޝާންގެ އާދޭހަށް ބީރު ކަންފަތެއް ދޭހާ ޝަހާމާގެ ހިތް ހަރެއް ނޫނެވެ. ޝަހާމާ އެނބުރި ގޮސް އެނދުގައި އިށީނެވެ.
"ހުވާކޮށްފަ މި ބުނަނީ، އަހަރެން އެ ކުއްޖާއާ ކައިރިވެސް ނުވަން... އެއީ އެހެން ބަޔަކު ކުރި ކަމެއް... އެ މީހުން މަސައްކަތް އެ ކުރަނީ އަހަރެން ފްރޭމް ކުރަން... އެރޭ އަހަންނަށް އެތަނަށް ދެވުނީ އިއްތިފާގަކުން.... އޭރު އެމީހުން އެކުއްޖާއަށް ހަދާނެ އެއްޗެއް ހަދައިފި..." ކޮންމެ ގޮތަކުންވިޔަސް، ރިޝާން ބޭނުންވީ ޝަހާމާގެ އިތުބާރު ހޯދާށެވެ. "ޝަހާ އަހަރެންގެ ވާހަކަ ގަބޫލު ނުކުރަންޏާ، ދެން ކާކު އަހަރެންގެ ވާހަކަ ގަބޫލު ކުރާނީ؟..."
ޝަހާމާ ދެންވެސް އެއްޗެއް ނުބުނެއެވެ. ދުރު ބަލަހައްޓައިގެން އިނަސް، ރިޝާން ދެއްކި ވާހަކައަށް އޭނާ ސަމާލުކަން ދިންކަން އެ މޫނުން އެނގެއެވެ.
"އެރޭ އިޒީ އެކްސިޑެންޓްވީ އަހަރެންގެ ސަބަބުން... އެކަމަކު އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން..." ރިޝާން އިސްޖަހައިލީ މާޒީގެ އެ ހިތްދަތި ހާދިސާ ހިތަށް ސިފަވުމުންނެވެ. "އަހަރެން މަސައްކަތް ކުރިން އިޒީއަށް އެހީވާން... އެކަމަކު... ބައްޕަ އަހަރެން ހުއްޓުވީ.."
އޭނ؟..." ޝަހާމާއަށް ކުއްލި ސިހުމެއް ލިބުނެވެ. "ޝާކިރުބެއަށް އެނގޭތަ؟..."
ރިޝާން މަޑުމަޑުން ބޯ ޖަހައިލިއެވެ.
"އަހަރެން އެރޭ ދުއްވީ ބައްޕަގެ ކާރެއް... އަހަރެންގެ އަތަކު ލައިސަންސެއް ނެތް... އަނެއްކޮޅުން އަހަންނަކީ ކުޑަ ކުއްޖެއް... އެ މައްސަލަ ގޯސްވިނަމަ، ހުރިހާ ހަޑިއެއް ލިބޭނީ ބައްޕައަށް... ބައްޕަގެ ވަޒީފާ ގެއްލިދާނެތީ، ބައްޕަގެ ނުފޫޒުން ހުރިހާ ކަމެއް ސިއްރު ކުރީ... ހެކިވެސް ނައްތާލީ..." ރިޝާން ކިޔައިދިނެވެ.
ޝާކިރާ ބެހޭގޮތުން އަޑު އިވުނު ވާހަކަތަކުން ޝަހާމާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޝަހާމާ ހީކުރީ ޝާކިރަކީ އިހުލާސްތެރި މީހެއް ކަމަށެވެ. އެކަމަކު، ކަންތައްވީ މުޅީން އިދިކޮޅަށެވެ.
"ބައްޕަ އަދިވެސް ގަބޫލުކުރަނީ އައިޝާއަށް އެހެން ހެދީ އަހަރެން ކަމަށް... އެމަންޒަރު އިޒީއަށް ފެނުނީމަ، އަހަރެން އިޒީ މަރާލަން މަސައްކަތް ކުރީކަމަށް..." ރިޝާން ހިތި ގޮތަކަށް ހިންދިރުވައިލީ ހާމަކުރަންޖެހުނު ހިތި ހަގީގަތެއްގެ ސަބަބުން ހިތަށް އުނދަގޫވެގެންނެވެ.
"ދެން ކީއްވެ އިޒީއަށް އެކަންތައް ސިއްރުކުރީ؟... އަދިވެސް ވަގުތު އެބައޮތް... ކައިވެނީގެ ކުރިން އެވާހަކަ އިޒީއަށް ކިޔައިދީ... ނޫނީ ފަހުން ރިގްރެޓް ކުރަން ޖެހިދާނެ..." ޝަހާމާ ބޭނުންވީ ރިޝާނަށް ވިސްނައިދޭށެވެ.
"ދެން މިހާރު އަހަރެން މިވާހަކަ ދައްކައިފިއްޔާ، މި ކައިވެނި ކެންސަލް ވެދާނެ.... އިޒީ ބޭނުމެއް ނުވާނެ އަހަންނާ އިންނާކަށް... އެ ފެމެލީވެސް ބޭނުމެއް ނުވާނެ އަހަރެން ކަހަލަ މީހަކާ އިޒީ ގުޅޭކަށް..." ރިޝާން އަވަސް އަވަހަށް ބުނެލިއެވެ. "މިހާރު ހުރިހާ ކަމެއްވެސް ގޮއްސަ މިއޮތީ ރަނގަޅަށް... އައި ލައިކް ހާރ... އިޒީ ގެއްލިއްޖެއްޔާ އަހަރެންގެ ހުރިހާ އުއްމީދެއްވެސް ގެއްލުނީ....."
"އެކަމަކު ތީ ރަނގަޅު ގޮތެއް ނޫން.. ތިވަރުގެ ބޮޑު ކަމެއް ސިއްރުކޮށްގެން ދިރިއުޅުމުގެ ބިންގާ އަޅަން ހެޔޮވެސް ނުވާނެ...." ޝަހާމާ ދެންވެސް މަސައްކަތްކުރީ ރިޝާންގެ ވިސްނުން ބަދަލުކުރެވޭތޯއެވެ. "މާދަންވެސް އިޒީއަށް ހަގީގަތް އެނގިދާނެ... އޭރުން އިޒީ ދެން ދުވަހަކުވެސް އިތުބާރު ނުކޮށްފާނެ..."
"ޝަހާ ޕްލީޒް... ހެލްޕް މީ..." ރިޝާން އާދޭހާއިއެކު އެދުނެވެ. "ހުރިހާވެސް އެއްޗަކީ ފައިސާއާ މުދަލެއް ނޫން... އާރާ، ބާރެއްވެސް ނޫން... އަހަރެން ބޭނުންވަނީ ލޯބި... މި މުއްސަނދި ދިރިއުޅުމުން، އަހަންނަށް ނުލިބުނު ހަމައެކަނި އެއްޗަކީ އެއީ... ޝަހާ ވިސްނާލަބަލަ... މީހުން ހިތަށް އަރާނެ އަހަރެން އުޅެނީ ވަރަށް އުފަލުގައޭ... އެކަމަކު، އަހަރެންގެ ދިރިއުޅުން އުފާވެރި ނުވަނީ ކީއްވެ؟..."
ރިޝާނަށް ބަލަން އިރުކޮޅަކު އިނދެފައި، ޝަހާމާ ދޫކޮށްލީ ފުން ނޭވާއެކެވެ. ރިޝާން ބުނީ ތެދެކެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވިޔަސް، ރިޝާން އުޅެނީ އެކަނިވެރި ދިރިއުޅުމެކެވެ. ބައްޕައަކު ހުއްޓަސް، އިތުބާރު ކުރެވޭހާ ގާތެއް ނޫނެވެ. ބައްޕައެއްގެ މާބޮޑު އަޅާލުމެއް ރިޝާނަކަށް ނުލިބެއެވެ. ޝާކިރު އެންމެ އިސްކަމެއް ދެނީ އަމިއްލަ ނަފުސަށެވެ. އަމިއްލަ ނަފުސަށް ގެއްލުމެއް ލިބިދާނެ ކަމަކުން އަރައިގަންނަން އޭނާ ނުކުރާނެ ކަމެއް ނެތެވެ.
"ގަޔަށް އެއްޗެއް ލައިގެން އާދޭ..." ޝަހާމާ ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.
ރިޝާން ދެންވެސް ދާކަށް ނޫޅުނެވެ. އިތުބާރެއް ނެތްފަދަ ނަޒަރަކުން ޝަހާމާއަށް ބަލަން ހުރީއެވެ.
"އަހަރެން ނޫޅެމޭ ދާކަށް..." ޝަހާމާ ތެދުވެގެން ގޮސް އަލަމާރިން ގަމީހެއް ނަގާފައި، ރިޝާނާއި ދިމާއަށް އެއްލިއެވެ. ރިޝާނަށް ގަމީހުގައި ހިފުނީ ކިރިޔާއެވެ.
********
"ފަރުހާދަށް ހީވޭތަ އަހަރެމެންނަށް މިކުރެވެނީ ހަމަ ރަނގަޅު ކަމެއްހެން؟..." އާގިސާ އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
"ކީއްވެ ގޯސްވާންވީ؟... ރަނގަޅު ކަމެއް އެއީ... އެވަރުގެ އާއިލާއެއް ދެން ނުލިބޭނެ..." ފަރުހާދު ވިސްނީ އާގިސާ ވިސްނާ ގޮތަކަށް ނޫނެވެ.
"އާއިލާގެ ވާހަކައެއް ނޫނޭ މި ދައްކަނީ..." ފަރުހާދު ކޮންމެ ފަހަރަކު އާއިލާ އާއި ގުޅުވާތީ، އާގިސާ ހިތްހަމަނުޖެހުނެވެ. "އިޒީ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިޔާލު ބަދަލުވޭ... ހާދަ ދެރަވެފައޭ އިޒީ ހުންނަނީ...."
އާގިސާ ވިސްނީ އޭނާގެ ދަރިފުޅާއި މެދުގައެވެ. ކޮންމެ ކަމެއްގައިވެސް އޭނާއަށް އިސްވަނީ އަމިއްލަ ފަރިފުޅެވެ. އެ ދަރިފުޅުގެ އުފަލެވެ.
"މިހާރު ދެރަވިޔަސް، ފަހުން އުފާވާނެ... އާގިސާ މާބޮޑަށް ތި ވިސްނަނީ.... ކަންކަމާ ތިހާވަރަށް ވިސްނަން ވެއްޖެއްޔާ، އެއްކަމެއްވެސް ރަނގަޅަކަށް ނުވިސްނޭނެ..." ވާހަކަ ދައްކަމުން ފަރުހާދު ތެދުވިއެވެ. "ހިނގާބަލަ މިއަދު ހުދު ގަމީހެއް ގަނެލަން...."
"އަހަރެން ބޭނުން ރިޝާނާ ވާހަކައެއް ދައްކާލަން...." ބޭރަށް ނުކުންނަން ދަމުން އާގިސާ ބުނެލިއެވެ.
ފަރުހާދަށް ހިނިތުންވެލެވުނެވެ. ރިޝާނާއި ވާހަކަ ދައްކަން އޭގެ ކުރިން އާގިސާ ދެކޮޅު ހެދިއެވެ. މިއަދު އެ ހިޔާލު ބަދަލުވުމުން، ފަރުހާދު އުފާވިއެވެ. ފަރުހާދަށް ނޭނގުނީ އޭނާއަށް ނޭނގޭ ސިއްރެއް އާގިސާއަށް އެނގިފައިވާ ކަމެވެ.
**********
"ކީކޭ މަންމާ!..." ދޮރު ހުޅުވައިލިގޮތަށް ޔައިލް ސުވާލުކުރިއެވެ. "އޮފީހަށް ދަނިކޮށް މަންމަ އަންނާށޭ ބުނީމަ މިއައީ... އެއްޗެއް ބޭނުންވީތަ؟..."
"ދަރިފުޅު އައިސްބަލަ..." އާމިނަތު އެދުނެވެ.
ގަޑިއަށް ބަލައިލާފައި ޔައިލް އެތެރެއަށް ވަނެވެ.
"މަންމަ ވަރަށް މުހިއްމު ވާހަކައެއް ބުނަން ވެގެން....." އާމިނަތު ބަލައިލީ އޭނާގެ ކިޔަމަންތެރި ދަރިފުޅަށެވެ. ޝަކުވާއެއްނެތި އެ ދަރިފުޅު އޭނާ އެދޭ ކޮންމެ އެދުމެއް ފުރިހަމަކޮށްދޭތީ، ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
"އަވަހަށް ބުނޭ..." ޔައިލް އެދުނެވެ.
"މަންމަ މިއުޅެނީ މާދަމާ ރޭ ރަށަށް ފުރަން..." އާމިނަތު ބުނެލިއެވެ.
"ކީއްވެ ކުއްލިއަކަށް ރަށަށް ދާން ތިއުޅެނީ؟..." ޔައިލްއަށް އަހައިލެވުނެވެ.
""ސަކިންތަ އެބައުޅޭ މިކޮޅުގަ... މާދަމާ ރޭ ސަކިންތަ ފުރާނެ... މަންމައަށް ފަސޭހަވާނެ ސަކިންތައާ އެކީ ދެވިއްޖެއްޔާ...." އާމިނަތު ތަފްސީލް ދިނެވެ.
"މަންމަ ބޭނުންވާ ގޮތެއް ހެދީމަ ރަނގަޅުވާނެ..." ޔައިލް ހީކުރީ އާމިނަތުގެ ވާހަކަ ނިމުނީ ކަމަށެވެ. "އޮފީހުން އައިސް މަންމަ ގޮވައިގެން ދާނަން އެއްޗެއް ގަނެލަން... ތައްޔާރުވެގެން ހުންނައްޗޭ..."
"އަދި މަޑުކޮށްބަލަ ދަރިފުޅާ!..." އާމިނަތު އެދުނެވެ.
ޔައިލް ކުޑަކޮށް ހައިރާންވެފައި އާމިނަތަށް ބަލައިލިއެވެ. އާމިނަތުގެ ރާގު އެހެން ދުވަސްދުވަހާއި ތަފާތު ކަން ޔައިލްއަށް އެނގުނެވެ.
"ދަރިފުޅު ބޭނުންތަ އިޒީއާ ކައިވެނިކުރަން؟...." ދުރުދުރުން ވާހަކަ ދައްކާކަށް އާމިނަތު މަސައްކަތެއް ނުކުރެއެވެ.
"އޭނ؟..." ޔައިލްއަށް ހީވީ އޭނާއަށް އަޑު އިވުނީ ގޯސްކޮށް ކަމަށެވެ.
އާމިނަތު އޭނާގެ ޖުމުލަ ތަކުރާރުކޮށްލުމުންވެސް ޔައިލްއަށް ގަބޫލެއް ނުކުރެވުނެވެ.
"އިޒީ ދަރިފުޅާ ދުރުވީ މަންމަގެ ސަބަބުން..." އާމިނަތު އިސްޖަހައިލިއެވެ. "މަންމަ ބުނީ ދަރިފުޅާ ކައިވެނިކޮށްފިއްޔާ ދުވަހަކުވެސް އިޒީއަށް މާފެއް ނުކުރާނަމޭ... މި އަމިއްލަ އެދުން ބޮޑު މަންމަ، އިޒީއަށް މަޖުބޫރުކުރުވީ ދަރިފުޅާ ދުރަށްދާން..."
ޔައިލް ގަނޑުވިއެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އިސްޖަހައިގެން ހުރި އާމިނަތަށް ބަލަން ހުރިއިރު، އޭނާގެ ހަނދާނަށް އައީ އިޒީ ކަންތައް ކުރި ގޮތެވެ.
********
ޝަހާމާ ގުޅުމުން، އިޒީ ނުކުތީ ގެއިން ބޭރަށެވެ.
"އަހަންނަށް އެނގޭ މިކަމުގެ ތެރެއަށް ވަންނަން އެންމެ އެކަށީގެންވާ މީހެއް ނޫންކަން މީ..." ޝަހާމާ ވާހަކަ ފެށީ ދުރުދުރުންނެވެ. "ބޭރަށް ނުކުންނަން މިބުނީ ބައްޕަ ކައިރީ ހުރެދާނެތީ..."
"ކޮން ކަހަލަ ވާހަކައެއްބާ؟..." އޭގެ ކުރިން އެހާ ގާތްކޮށް ޝަހާމާ ވާހަކަ ދައްކާފައި ނުވާތީ، އިޒީއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
"ރިޝާންއާ މެރީކޮށްގެން އިޒީއަށް އުފާވެރި ދިރިއުޅުމެއް ނުލިބިދާނެ..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝަހާމާ ބުނެލިއެވެ. "އަހަރެންގެ ހިތަށް އުނދަގޫކުރާ ވަރުން މި ގުޅީ..."
"އޭނ؟..." އިޒީއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ތޭރަ އަހަރު ކުރިން އިޒީ އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ރިޝާން.... ހެކި ނައްތާލީ ރިޝާންގެ ބައް...." ޝަހާމާ ވާހަކަ ދައްކާ ދައްކާ ހުއްޓާ ކުއްލިއަކަށް އިވުނީ ފޯނު ކެނޑުނު އަޑެވެ.
އިޒީގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހޭކަށް ގިނައިރެއް ނުނެގިއެވެ. އިޒީ ހުރީ ވިސްނަންވީ ގޮތެއްވެސް ނޭނގިފައެވެ. އެއްކޮޅުން ޔައިލްއެވެ. އަނެއްކޮޅުން ރިޝާނެވެ. ދެމީހުންވެސް ގުޅިފައިވީ އިޒީގެ ހިތްދަތި މާޒީއަށެވެ. ކޮންމެ މީހެއްގެ ހަގީގަތް އެނގެނީ ކައިވެންޏާއި ހަމައަށް ދިޔުމުންނެވެ. އެ މާޒީގެ ހަގީގަތް ހޯދުމަށް އިޒީ ފެށި ދަތުރު އެފަދަ ހިތްދަތި ގޮތަކަށް ނިމިދާނެކަމަށް އިޒީ ހީވެސް ނުކުރެއެވެ.
އިޒީ ތަކުރާރުކޮށް ޝަހާމާއަށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. އެހެން ހެކިތައް ނައްތާލިގޮތަށް ޝަހާމާއަށް ދެރަގޮތެއް ހެދީބާއޭ އިޒީގެ ހިތަށް އެރިއެވެ.
ގެއަށް ވަންނަން އިޒީ އަޅައިލި ފިޔަވަޅު ފަހަތަށް އަޅައިލަން މަޖުބޫރުވީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފައި ދަމައިލުމުންނެވެ. އިޒީ ގޮސް ޖެހުނީ އެމީހެއްގެ ގައިގައެވެ. އެންމެ ބީހިލުމަކާއިއެކު، އެއީ ކާކުކަން އިޒީއަށް އެނގުނީ ނޭފަތުގައި ހަރުލި ފިހެންވަންތަ ސެންޓުގެ ވަހުންނެވެ.
"އަހަރެން މިއައީ ހަމަ އެންމެ ވާހަކައެއް ބުނަން..." ޔައިލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. "އަހަރެން ތި ލޯބި ހޯދާނަން..."
(ނުނިމޭ)