މިދިޔަ އަހަރު ޖުމްލަކޮށް މަހަކު 3.8 މިލިއަން ޑޮލަރު ތައުލީމަށް، 1 މިލިއަން ޑޮލަރު ސިއްހީ ކަންކަމަަށް ދޫކުރި: ބީއެމްއެލް

ބީއެމްއެލް އޮފީސް: --

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެވްރެޖްކޮށް މަހެއްގެ މައްޗަށް ތައުލީމީ ބޭނުންތަކަށް 3.8 މިލިއަން ޑޮލަރު އަދި ސިއްހީ ކަންކަމަށް އެއް މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ބޭއްވި "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓަޖީ މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުން ޑޮލަރު ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބޭސްފަރުވާއަށާއި ތައުލީމަށް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، ތައުލީމީ ދާއިރާއަށް ޑޮލަރު ދޫކުރުމުގައި ފާއިތުވި ތިން އަހަރުވެސް ފެންނަނީ އެއް ޓްރެންޑެކެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 3.8 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް މަހަކު އެވްރެޖްކޮށް 3.6 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެއިން ދޭހަވަނީ ތައުލީމީ ދާއިރާއަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު، މިދިޔަ އަހަރު ބޭސްފަރުވާއަށް މަހަކު އެވްރެޖްކޮށް ދޫކޮށްފައިވަނީ އެއް މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަދަދު ވަނީ މަހަކު ތިން މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު ބޮޑު އިތުރުވުމެކެވެ.

މީގެ އިތުރުން ބީއެމްއެލް އިން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް ސައީދު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި ޓީޓީ ހެއްދުމަށް ދޫކުރާ ޑޮލަރު ހިމެނެއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 570 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.

ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ޖެނުއަރީން ޖޫންގެ ނިޔަލަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވެއެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ.

comment ކޮމެންޓް