ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ތައްބޫގެ ހުއްދައާ ނުލައި އޭނާގެ ނަމާއި، ފޮޓޯ އަދި އޭނާއާ ވައްތަރުވާ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެތި ބޭނުންކުރަމުންދާތީ، އޭނާގެ އަމިއްލަވަންތަކަމާއި ޝަހުސިއްޔަތު ރައްކާތެރިކުރުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ތައްބޫ ހުށަހެޅި މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޭނާގެ ސިފަތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ހުއްދައަކާ ނުލައި ވިޔަފާރީގެ މަންފާއަށް އޭނާގެ ވަކިވަކި ސިފަތައް ބޭނުންކުރަމުންދާ ދިއުމަށެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ކޯޓުގެ ފަނޑިޔާރު ވަނީ ތާބޫގެ ގާނޫނީ ޓީމުން ހުށަހެޅި ލިޔެކިޔުންތަކުގައި ބައެއް އުނިކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދައުވާލިބޭ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓުގައި ބައެއް ފަރާތްތައް ރަނގަޅަށް ބަޔާންކޮށްފައި ނެތްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު ބަޔާންކުރެއްވި ގޮތުގައި މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭނީ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް އެނގެން އޮވެގެންނެވެ.

ތައްބޫ ފިލްމު "ދްރިޝްޔަމް 2"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ
މި ދައުވާގައި ތައްބޫ އެދިފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އޭނާގެ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުން ހިމާޔަތް ހޯދުމަށެވެ. މީގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އުފައްދާ ފޭކު ވީޑިއޯ (ޑީޕްފޭކްސް)، ހުއްދަނެތި ކުރާ އިޝްތިހާރުތައް، އަދި އޭނާގެ ސިފަ ބޭނުންކޮށްގެން ކުރާ އެކި ބާވަތުގެ އޮޅުވާލުންތައް ހިމެނެއެވެ.
ދިއްލީ ހައިކޯޓަށް މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭއައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް، މަޝްހޫރު ފަރާތްތަކުގެ ހުއްދައަކާ ނުލައި އެމީހުންގެ ސިފަތައް ވިޔަފާރީގެ ބޭނުމަށާއި މީހުންނަށް އޮޅުވާލުމަށް ބޭނުންކުރާތީ ގިނަ ބަޔަކު ދަނީ ކޯޓުގެ އެހީތެރިކަމަށް އެދެމުންނެވެ.
ތައްބޫގެ އިތުރުން ގޯތަމް ގަމްބީރު، ސުނިލް ގަވާސްކަރު، ސްރީ ސްރީ ރަވީ ޝަންކަރް، އަރުޖުން ކަޕޫރު، އައްލޫ އަރުޖުން، ނާގާރުޖުނާ، ވަރުން ދަވަން، ކާޖޮލް، އައިޝްވާރިޔާ ރާއީ ބައްޗަން، އަބީޝެކް ބައްޗަން، ޖޫބިން ނައުޓިޔާލް، ކަރަން ޖޯހަރް، ރާޖް ޝަމާނީ، ޝަޝީ ތަރޫރު އަދި ނާގާ ޗައިތަންޔާ ފަދަ މަޝްހޫރު ފަރާތްތަކުން ވެސް ވަނީ އެމީހުންގެ ޝަހުސިއްޔަތާއި ސިފަތައް ހިމާޔަތްކުރުމަށް ގާނޫނީ އެހީތެރިކަން ހޯދާފައެވެ.