ހަތަރު އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގިމަރައެސް އާސެނަލަށް ބަދަލުވެއްޖެ

ގިމަރައެސް އާސެނަލަށް ބަދަލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލުން، ނިއުކާސަލް ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ގިމަރައެސް 75 މިލިއަން ޕައުންޑް (101.16 މިލިއަން ޑޮލަރު) ގެ ފީއަކަށް އެ ކްލަބަށް ބަަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ބްރެޒިލް މެދުތެރެއަށް ކުޅޭ ކުޅުންތެރިޔާ އާސެނަލާއެކު ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މީގެ އިތުރުން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރުވެސް އާސެނަލަށް ވަނީ ލިބިފައެވެ. ގިމަރައެސްއަކީ ކޯޗު މިކޭލް އާޓެޓާގެ ސްކޮޑަށް އިތުރުވި، ލީގުގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް މިޑްފީލްޑަރެވެ.

ކްލަބުގެ އޮފިޝަލް ވެބްސައިޓުގައި ހިއްސާކުރި ބަޔާނެއްގައި ގިމަރައެސް ބުނީ، އާސެނަލްގެ ސްޕޯޓިންގ ޑިރެކްޓަރު އެންޑްރިއާ ބާޓާ އާއި ކޯޗު އާޓެޓާއާ ފުރަތަމަ ވާހަކަދެއްކި ދުވަހުން ފެށިގެންވެސް މި ބަދަލަށް އޭނާ ހުރީ ވަރަށް ބޮޑަށް ޝައުގުވެރިވެފައި ކަމަށެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުން ކަމަށާއި، ސަބަބަކީ ނިއުކާސަލްއަކީ އޭނާގެ ހިތާ ވަރަށް ގުޅިފައިވާ ކްލަބަކަށް ވާތީ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

"މި ބަދަލަކީ ވަރަށް ނިންމަން އުނދަގޫވި ނިންމުމެއް. ނަމަވެސް އަހަރެން ބޭނުންވީ ހަޔާތުގައި އާއިލާއާއެކު އާ ތަޖުރިބާއަކާއި ގޮންޖެހުމަކާ ކުރިމަތިލާން. އަހަރެން ހުރީ އެކަމަށް ތައްޔާރަށް،" ގިމަރައެސް ބުންޏެވެ.

އޭނާ ހާމަކުރި ގޮތުގައި އާސެނަލަށް ބަދަލުވުމުގެ ކުރިން، އެ ޓީމުގައި ހިމެނޭ ބްރެޒިލްގެ ގައުމީ ޓީމުގެ ބައިވެރިޔާ ގެބްރިއަލްގެ އިތުރުން މިޑްފީލްޑަރު ޑެކްލަން ރައިސްގެ މެސެޖުތައް އޭނާއަށް ލިބުނެވެ.

"އަހަރެން ބޭނުންވަނީ ތަށިތައް ކާމިޔާބުކޮށް، ތާރީޚުގެ ތެރެއިން ޖާގަ ލިބެން. އަދި އެކަން ކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ އާސެނަލް ކަމަށް އަހަރެން ދެކެން. ކުރިއަށްއޮތީ އުނދަގޫ މެޗުތަކެއް. އެހެންވެ މުޅި ޓީމުގެ ދައުރު ވަރަށް މުހިންމުވާނެ،" ގިމަރައެސް އިތުރަށް ބުންޏެވެ.

ޖެނުއަރީ 2022 ގައި އޮލިމްޕިކް ލިއޯނުން ނިއުކާސަލްއާ ގުޅުނު ގިމަރައެސް ވަނީ އެ ކްލަބަށް ކުޅެދިން 195 މެޗުގައި 31 ލަނޑު ޖަހައިދީފައެވެ. ކުރީގެ ކޯޗު އެޑީ ހޯވްގެ އިރުޝާދުގެ ދަށުން ޓީމު ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރި ގިމަރައެސް ވަނީ 2025 ވަނަ އަހަރުގެ ކަރަބައޯ ކަޕް ފައިނަލްގައި ލިވަޕޫލް ބަލިކޮށް، ވޭތުވެދިޔަ 70 އަހަރު ތެރޭގައި ނިއުކާސަލްއަށް ބޮޑު ތައްޓެއް އުފުލައިދިން ފުރަތަމަ ކެޕްޓަންގެ ޝަރަފު ހޯދާފައެވެ.

މީގެ އިތުރުން 2023 އަދި 2025 ވަނަ އަހަރު ނިއުކާސަލް ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައިވެސް އޭނާ ބޮޑު ހިއްސާއެއް އަދާކުރިއެވެ. ގިމަރައެސް ޓީމު ދޫކޮށްލުމަކީ ނިއުކާސަލަށް ލިބުނު އިތުރު ބޮޑު ގޮންޖެހުމެކެވެ.

އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އެންތަނީ ގޯޑަން އާއި ސަންޑްރޯ ޓޮނާލީގެ އިތުރުން ކޯޗު އެޑީ ހޯވް ވަނީ ޓީމު ދޫކޮށް ގޮސްފައެވެ. އެޑީ ހޯވްގެ ބަދަލުގައި މިހާރު އެ ޓީމާ ހަވާލުވެހުރީ ޖަރުމަނުގެ ކޯޗު މަޓިއަސް ޔައިސްލައެވެ.

ގިމަރައެސްގެ ސަބަބުން އާސެނަލްގެ މެދުތެރޭގައި ޑެކްލަން ރައިސް، މާޓިން ޒުބިމެންޑީ، މިކޭލް މެރީނޯ އަދި ކެޕްޓަން މާޓިން އޮޑެގާޑް ފަދަ މޮޅު ކުޅުންތެރިންނާއެކު އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މިއީ ޚާއްސަކޮށް ވޭތުވެދިޔަ ސީޒަނުގައި 22 އަހަރަށްފަހު އާސެނަލަށް ލީގު ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑެކްލަން ރައިސް ފަދަ ކުޅުންތެރިންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށް ލިބޭނެ ފުރުސަތެކެވެ.

އާސެނަލްގެ އައު ސީޒަން ފެށޭނީ މި މަހުގެ 21 ވަނަ ދުވަހު، އަލަށް ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި ކޮވެންޓްރީ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު