ޑީއެމްޖީސީ: ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތުގެ ކޮލިފަޔާ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026' (ޑީއެމްޖީސީ 2026)ގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ގޮތުން، މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.

މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ. ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔާތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

މި މުބާރާތުގެ އެމްއެލްބީބީ ކޮލިފަޔާގައި ބައިވެރިވުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މިދިޔަ ބުރާސްފަތީގައި ހުޅުވައިފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވައިލައިފައެވެ. މި ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 10,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ، ރަނަ-އަޕް އަށް 3,000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 2,000 ރުފިޔާ ލިބޭނެއެވެ.

މުބާރަތުގެ ރޮކެޓް ލީގު ކޮލިފަޔާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހަމަ އެ މުއްދަތަށް އޮންނާނެއެވެ. މި ކޮލިފަޔާގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 5,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 2,500 ރުފިޔާ، ރަނަ-އަޕް އަށް 1,500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1,000 ރުފިޔާ ލިބިގެންދާނެއެވެ.

އަދި، ޕަބްޖީގެ ކޮލިފަޔާގެ ރެޖިސްޓްރޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ. މި ކޮލިފަޔާއާ ބެހޭ އިތުރު މައުލޫމާތު ޑީޖީޖީއިން ވަރަށް އަވަހަށް އިއުލާނުކުރާނެއެވެ.

ދިރާގުން ވަނީ، މި ކޮލިފަޔާތަކުގައި ބައިވެރިވެ މި ވަރުގަދަ މުބާރާތުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ގޭމް ކުޅުންތެރިއަކަށް ވެސް މިހާރު ހުޅުވައިފައިވާކަން ފާހަގަކޮށްފައެވެ. އަދި ބައިވެރިވުމަށް އެއްވެސް ފީ އެއްވެސް ދައްކާކަށް ނުޖެހޭނެކަން ފާހަގަކޮށްފައިވެއެވެ.

މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް