ކުލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026 ގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ސިލްވަރ ސޭންޑްސް، ކުލަބު އާރްސީސީ، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އަދި މާކޯ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުން ސިލްވަރ ސޭންޑްސް މޮޅުވީ ބަރޮސް މޯލްޑިވްސް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިލްވަރ ސޭންސްގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ހާމިދާއި، ޢަލީ ނާއިޝް އަޙްމަދު ވަހީދެވެ.
މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އާރްސީސީން ހޯދީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި މެޑްޓެކް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އާރްސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު ސަމާހު، މުޙައްމަދު އާހިލް ނަޒީރު އަދި ޢަބްދުالله ޒިޔާނެވެ. މި މެޗުގައި މެޑްޓެކުގެ ލަނޑުތައް ޖަހައިދިނީ އަލީ އަހުލާމް އާއި، ހައްފާފު ސިދުގީއެވެ.
ކުލަބު މޯލްޑިވްސް ސެކްޓަރ ލީގުގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން- ފޮޓޯ: ފޮޓޯ މާސްޓާމީގެ އިތުރުން މި މުބާރާތުގެ ކުއާޓާގެ ޖާގައެއް މިބްސާއިން ހޯދި ރޭގެ ގަދަ 16 ގެ މެޗުގައި މީޑިއާނެޓް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި މިބްސާގެ މުޙައްމަދު ނާއިޝް އިބްރާހީމް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޖަހައިދިނީ ޝިނާން ޝަރީފެވެ.
މާކޯއިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި މާކޯގެ މުޙައްމަދު އިޔާދު ޢަލީ ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޢަލީ ޔަޒީދާއި، ޔޫހު ނަސީރެވެ. އަދި މި މެޗުގައި އެރީނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އިމްރާން އާއި، ހުސައިން ރިފާނެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. މާދަމާރޭ 20:30 ގައި ކުޅޭ ކުއާޓާގެ ދެ މެޗުގައި ބައްދަލުކުރާޏީ އެމްއޭޑަބްލިއުސީ އާއި ކުލަބު ހޯކްސް އަދި ލިއޯ އެފްސީ އާއި ކުލަބު ވެލިގާއެވެ. އަދި 21:45 ގައި ބައްދަލުކުރާނީ ސިލްވަރ ސޭންޑްސް އާއި އާރުސީސީ އަދި މިބްސާ އާއި މާކޯ އާރްސީ އެވެ.
މި މެޗުތައް ސަން ޕްލޭއިން ވަގުތުން ގެނެސްދޭއިރު އެސްއެސް ޓީވީންވެސް މުބާރާތުގެ މެޗުތައް ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.