އޯޕަންއޭއައިގެ އާ މޮޑެލުން ސައިބާ ނުރައްކަލެއް ކުރިމަތިވެދާނެތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

އަސްޓްރާ މޮޑެލްއަށް އަމިއްލައަށް އެކި ބާވަތުގެ ނުރައްކާތެރި ސައިބާ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި ---

އޯޕަންއޭއައިއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް "އަސްޓްރާ" އިން ސައިބާ ސެކިއުރިޓީއަށް ނުރައްކާތެރި ބޮޑެތި ކަންތައްތަކެއް ހުރެދާނެކަމަށް ބަލައި، އެ ކުންފުނިން އެތެރޭގެ ބައެއް މަސައްކަތްތައް ހުއްޓާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އޯޕަންއޭއައިގެ ސޭފްޓީ އުސޫލުތައް ބުނާގޮތުން، އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ސޮފްޓްވެއާތަކުގެ ނުރައްކާތެރި އުނިކަންކަން (ޒީރޯ-ޑޭ އެކްސްޕްލޮއިޓްސް) ހޯދައި، އެކަންކަމުގެ ނުފޫޒު ފޯރުވުމާއި ނުވަތަ ރައްކާތެރިކަން ވަރުގަދަ ސިސްޓަމްތަކަށް ހަމަލާދިނުމުގެ ގާބިލުކަން މޮޑެލްއަކަށް ލިބިއްޖެނަމަ އެއީ "ކްރިޓިކަލް" ނުވަތަ ނުރައްކާތެރި ދަރަޖައެކެވެ.

https://sun.mv/225638

ފާއިތުވި ދުވަސްތަކުގައި ހެދި އިބްތިދާއީ ވަޒަންކުރުންތަކުންނާއި ބޭރުގެ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި، އަސްޓްރާ މޮޑެލްއަށް އަމިއްލައަށް އެކި ބާވަތުގެ ނުރައްކާތެރި ސައިބާ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ނަތީޖާތަކާ ގުޅިގެން އޯޕަންއޭއައިއިން ވަނީ އަސްޓްރާއާ ގުޅޭގޮތުން އެތެރޭގައި ކުރިއަށްދިޔަ ބައެއް މަސައްކަތްތައް ހުއްޓާލައި، އަލަށް އެކުލަވާލި ވަރުގަދަ ސެކިއުރިޓީ އުސޫލުތަކާ އެއްގޮތަށް މޮޑެލް ޓެސްޓުކުރުމުގެ މަސައްކަތް އިންޓަނެޓްގެ ނެޓްވޯކާ ވަކިކުރެވިފައިވާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ.

އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަން އެކްސްގައި ބުނެފައިވަނީ، ބާރުގަދަ އޭއައި މޮޑެލްތައް ވަކި ބަޔަކަށް އެކަނި ދޫކޮށްފައި ބެހެއްޓުމަކީ ރަނގަޅު ސްޓްރެޓެޖީއެއް ނޫން ކަމަށާއި، އަސްޓްރާ އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ފަހަކަށް އައިސް އޯޕަންއޭއައި، އެންތުރޯޕިކް އަދި މެޓާ ފަދަ ބޮޑެތި އޭއައި ކުންފުނިތަކުގެ ސެކިއުރިޓީ ޓެސްޓިން ތަކުގައި، އޭއައި މޮޑެލްތަކުން އެހެން ކުންފުނިތަކުގެ ސިސްޓަމްތަކަށް ވަދެފައިވާކަން ވަނީ ހާމަވެފައެވެ.

އޯޕަންއޭއައިއިން ވަނީ އަސްޓްރާ މޮޑެލްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އޭއައި ސޭފްޓީ ޖަމްއިއްޔާތަކާ ގުޅިގެން އިތުރު ތަހުގީގީ ޓެސްޓުތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

އޯޕަންއޭއައިގެ އާ އޭއައި މޮޑެލްތަކުން އުފެދިދާނެ ކަމަށް ބެލެވޭ ސައިބާ ނުރައްކާތަކާ ގުޅޭގޮތުން، ފަހަކަށް އައިސް ބޮޑެތި އޭއައި ކުންފުނިތަކުން ވަނީ އެފަދަ ނިޒާމުތައް ޓެސްޓުކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެން ފަށާފަ އެވެ.

ހާއްސަކޮށް، އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ސޮފްޓްވެއާތަކުގެ ނުރައްކާތެރި އުނިކަންކަން ހޯދައިގެން ނުފޫޒު ފޯރުވުމުގެ ގާބިލުކަން އޭއައި މޮޑެލްތަކަށް ލިބެމުންދާތީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަކީ ދުނިޔޭގެ މައިގަނޑު ޓެކްނޮލޮޖީ ކުންފުނިތަކުން މިހާރު އެންމެ އިސްކަންދޭ އެއް ކަންތަކެވެ.

comment ކޮމެންޓް