އިޤުރާރުވީމޭ ލޯބިން - 56

އިޤުރާރުވީމޭ ލޯބިން -

ހަތަރު މީހުން ގޮސް ގެއަށް ވަނުމާ އެކު، ލިބުނީ ހައިރާންކަމެކެވެ.

ޢާއިލާއަށް އަލަށް އިތުރުވި ދެ މެންބަރުންނާއި، ޒަހްރާނާ އައިރާއަށް މަރްޙަބާ ކިޔުމަށްޓަކައި މުޅި ގޭތެރެ ވަނީ ޒީނަތްތެރިކޮށްލައިފައެވެ. އޭރު ދޮރު ކުރިމައްޗަށް ވާގޮތަށް އަޔާޝްއާ ލަޔާލީގެ އިތުރުން އީލާފް ތިއްބެވެ. އެ މީހުން ތިބީ މަރްޙަބާ ކިޔުމަށް ތައްޔާރުވެގެންނެވެ. އައިރާއާއި ޒަހްރާނަށް އެކަކު އަނެކަކަށް ބަލައިލެވުނު އިރު ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެއްޖެއެވެ. ބަސްމާ އައިރާގެ އަތަށް ދަރިފުޅު ލައިދިނެވެ. ޒަހްރާނާ އައިރާ މެދުގައި ބައިތިއްބައިގެން ބަސްމާއާ މުރާދު އެ ދެމީހުންގެ އެއްފަރާތުގައި ތިބެގެން ގޭތެރެއަށް ވަނެވެ.

ނުލާއި ފިޔާތޮށިކުލައިގެ ފުއްޕާހަމާއި ފިޔާތޮށި ޕްލާސްޓިކް މާތަކުން މުޅި ތަންވަނީ ޒީނަތްތެރިކޮށްލާފައެވެ. ފާރުގައި ބޮޑުއަކުރުން މަރްޙަބާގެ ޢިބާރާތްތައް ލިޔެފައިވާ އިރު، މުޅި ތަނުގެ ޒީނާތްތެރިކަން އެއީ ފުދޭވަރަކަށް ގިނައިރުގެ މަސައްކަތްކަން ބަލައިލި ކޮންމެ މީހަކަށް ވެސް ފަހުމްވާނެއެވެ.

މުޅި ޢާއިލާ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުނެވެ. އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ވަގުތުތަކެކެވެ. އީލާފްމެންގެ ސަކަރާތް މާ ބޮޑުވާން ފެށުމުން އެންމެފަހުން ބަސްމާ ވާހަކަ ދެއްކިއެވެ.

"ދެން މިކަންތައް ނިންމާލަންވީ. މިހާރު އެންމެން ވެސް ތިބޭނީ ވަރުބަލިވެފަ." ބަސްމާ ބުންޏެވެ. އައިރާއަށް އަރާމު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ. ޒަހްރާން އަށް ވެސް މެއެވެ. މި ވީ ދުވަސްތަކުގައި ޒަހްރާން ވެސް އުޅުނީ ފުދޭވަރަކަށް ބުރަކޮށެވެ. ރަނގަޅަށް ނުނިދައެވެ.

އައިރާއާ ޒަހްރާނާ ދެމީހުން ކޮޓަރިއަށް ދިޔައިރު، އެމީހުންނަށް އެހީވުމުގެ ގޮތުން ބަސްމާއާއި ލަޔާލީ ދިޔައެވެ. އީލާފް ވެސް އެމީހުންގެ ފަހަތުން އުޅެއެވެ. އެހެން އެންމެންނަށް ވުރެ ބޮޑަށް އޭނާގެ އުފާވެރިކަން ވަނީ ދެގުނަވެފައެވެ. ދެ ކުދިން ނިދުމުން، ވެސް އީލާފް ހުރީ އެނދުކައިރީގައި އެ މައުސޫމް ދެ ކުދިންނަށް ބަލަހައްޓައިގެންނެވެ.

"އީލު، ދެން ހިނގާ ދާން. ކުޑަބެމެން އަރާމުކޮށްލަން ވަގުތުކޮޅެއް ދީ." ބަސްމާ ބުނެލިއެވެ.

"އުނދަގުލެއް ނުކުރަމޭ މަންމާ. އީލު މި ހުރީނު މިތާ ކަމެއްނުކޮށް." އީލާފް ބުނެލިއެވެ.

"އީލާފް...." ބަސްމާ ކުޑަކޮށް ދަމައިލައިފައި ގޮވައިލުމުން އެންމެ ފަހުން އީލާފް ތުންކޮޅު އޫކޮށްލަމުން، އެތަނުން ނުކުންނަން ހިނގައިގަތެވެ. ޒަހްރާނަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"ހޭލީމަ އީލުއަށް ގޮވާނަން." އެ މީހުން ކޮޓަރިން ނުކުތުމުގެ ކުރިން ޒަހްރާން ބުނެލިއެވެ. އައިރާ އެނދުގައި އިށީނުމުން، ޒަހްރާން އައިރާ ކަމެއް ބޭނުންވޭތޯ ސުވާލުކޮށްލިއެވެ. އައިރާ ނޫނެކޭ ބުނެލިއެވެ.

"ނިދާލަންވީނު. ބޭބީސް ހޭލީމަ އަނެއްކާ ނުނިދޭނެ." ޒަހްރާން ބުނެލިއެވެ.

"ނިދި ނުވެސް އާދެ." އައިރާ ބުންޏެވެ.

"އެހެން ވިޔަސް ނިދާލަންވާނެ. މިހާރު އަހަރެމެން ޖެހޭނީ ބޭބީސް ނިދާ ގަޑިއަށް ނިދުން އެޖަސްޓްކުރަން." ޒަހްރާން ސަމާސާގޮތަކަށް ބުނެލި ނަމަވެސް، އެއީ ހަމަ ހަޤީޤަތުގައި ވެސް އެކަންވާން ޖެހޭނެ ގޮތްކަން އައިރާއަށް ފަހުމްވިއެވެ. ޒަހްރާން އެނދުމަތީގައި އޮށޯތުމަށް ފަހު، އޭނާގެ ގާތަށް ޖެހިލުމަށް އައިރާގެ ގާތުން އެދުނެވެ. އައިރާ ވެސް ޒަހްރާނާ ގާތަށް ޖެހިލާ ޒަހްރާންގެ ގައިގައި ބައްދައިލިއެވެ.

ނިދި ނައިހެން ހީވި ނަމަވެސް، ރަނގަޅަށް އޮށޯވެ ހަމަ ޖެހިލުމާ އެކު، އައިރާއަށް ނިދިއްޖެއެވެ. ޒަހްރާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އައިރާ އޮތް ގޮތުން އުނދަގޫވެދާނެތީ ރީތިކޮށް އައިރާ އެނދުގައި ބާއްވައިލަދީ ރަޖާގަނޑު ރަނގަޅުކޮށްލިއެވެ. އެހެން އޮށްވައި އިސާހިތަކު އޭނާގެ ދެލޮލަށް ވެސް ނިދި ސަވާރުވެއްޖެއެވެ. ޒަހްރާނަށް ވެސް ނިދައިލެވުނެވެ. ހައްޓަށްވެރިވެފައިވާ ވަރުބަލިކަމާ ހުރެ ނިންޖާ ދެކޮޅަށް ހަނގުރާމަކުރުމަކީ އޭނާއަށް ވެސް ކުރެވުނު ކަމަކަށް ނުވިއެވެ.

ޒަހްރާނަށް ހޭލެވުނީ ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑާއެކުގައެވެ. އޭނާ ނިދިފައި އޮތް އައިރާއަށް ބަލައިލުމަށް ފަހު އަވަސް އަވަހަށް ގޮސް ދަރިފުޅު އުރައިލިއެވެ. އަންހެން ދަރިފުޅު އޮތީ ނިދައިފައެވެ.

"ގެނޭ ރެން... ބަނޑުހައިވެގެން އެ އުޅެނީ.." ޒަހްރާން ސިހުނީ އައިރާގެ އަޑާ އެކުގައެވެ. އޭނާ ފަސް އެނބުރުނުއިރު، އައިރާ އިނީ ފަޑީގައި ލެނގިލައިގެންނެވެ. ޒަހްރާން ދަރިފުޅު ގެންގޮސް އައިރާ އަތަށް ދިނެވެ.

*****

ޝުބާ އިނީ ސިޓިން ރޫމު ސޯފާގައެވެ. އޭނާ ތުއްތު ދަރިފުޅު އުރައިލައިގެން އިންއިރު، ވަރުބަލިވެފައި އިންކަން އެމޫނުމަތިން ދޭހަވެއެވެ. ރޭގަނޑުގެ ގިނަ ވަގުތު ނުނިދާ އުޅެން ޖެހޭތީ އަރާމުކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. މަންމަގެ ފަރާތުން ވެސް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. މިހާރު އެ މަންމަގެ ފަރާތުން އިތުރު އެހީއެއް ލިބޭނެކަމަކަށް އޭނާ އުންމީދެއް ވެސް ނުކުރެއެވެ. ވިހެއި ފަހުން ދެ މަސް ފާއިތުވެއްޖެއެވެ. ހޮސްޕިޓަލަށް އޭނަ ދެކިލުމަށް ވެސް އެ މަންމަ ނުދެއެވެ. ކުރެވުނު ފާފައަށް އޭނަ ވަނީ ތައުބާ ވެފައެވެ. އިތުރަށް އެފަދަ ފާފައަކާ އޭނާ ދެން ގާތެއްނުވާނެއެވެ. ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގުނެއް ކަމަކު އަލުން އަނބުރާ އާދޭސްކުރަމުން ދާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. ޝުބާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބުރުގާ އަޅައި ރަނގަޅަށް ނިވާވެއްޖެއެވެ. ދީނީ ކަންތައްތަކާ އިތުރަށް ގާތްވެއްޖެއެވެ. ނަމާދުތައް ބަރާބަރަށް އަދާކުރަން ފަށައިފިއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ދުޢާކުރެއެވެ. މިހާރު އޭނާއަށް ކުރެވުނު ކަންތައްތަކާ ލަދުގަނެއްޖެއެވެ. އޭނާގެ ދަރިފުޅަށް މީހުން ކުރާ މަލާމާތް އަޑު އިވި ހިތްފަޅައިގެން ދެއެވެ. މިހާރު އައިރާ ތަޙައްމަލްކުރި ވޭން އިޙްސާސްކުރެވެއެވެ. އޭނާ ބޭނުންވަނީ އައިރާގެ ގާތުން މާފަށް އެދޭށެވެ. އެހެން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އޭނާ އެތަނުގައި އިންދާ ޝާފިޔާ ސިޓިންރޫމަށް ނުކުތެވެ. އެހެން ނަމަވެސް، ޝުބާ ފެނުމާއެކު މޫނު އަނބުރައިލުމަށް ފަހު އޭނާ އެތަނުން ދިޔައީއެވެ. ޝުބާ އޭނާގެ ދަރިފުޅު މޭގައި ބޮނޑިކޮށްލިއެވެ. އުމުރު ދުވަހަށް ހިމާޔަތް ދޭނަމޭ ބުނާ ފަދައަކުންނެވެ.

*****

"ދާނިޔާ... އަހަރެން... އަހަންނަކަށް ދެނެއް ކުދިންނެއް ނުލިބޭނެ." އެނދުމަތީގައި އިށީނދެގެން އަތުގައި އޮތް ރިޕޯޓަށް ބަލަހައްޓައިގެން އިން، ރިހާމްގެ ދެލޮލުގައި ކަރުނައިގެ އަސަރު ވެއެވެ. މި ވީ ދުވަސްތަކުގައި އެތަކެއް ފަރުވާއެއް ކުރެވިއްޖެއެވެ. އެހެން ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނެވެ. މައްސަލަ ހުރީ ދާނިޔާގެ އެއް ނޫނެވެ. މައްސަލަ ހުރީ އޭނަގެއެވެ. ޙާލަތު ހުރި ގޮތުން އައިވީއެފްއަކަށް ވެސް ދެވެން ނެތީއެވެ. އޭނާގެ ސިއްޙަތު އެކަމަކަށް ތަން ނުދެނީއެވެ.

"ދެން ބޭރަށް ގޮސް ފަރުވާކުރާނީ..." ދާނިޔާއަށް ބުނެވުނެވެ. އުންމީދު ދޫކޮށްލަން ބޭނުން ނުވިޔަސް، މިހާރު ނާއުންމީދު ވާ ހިސާބަށް ހިނގައްޖެއެވެ.

"އެހެން ވިޔަސް މާ އެދެވޭ ކުރިއެރުމެއް ނުލިބޭނެކަން އެނގެއެއްނު. ޑޮކްޓަރު ބުންޏެއްނު އަހަރެންގެ...." ރިހާމްގެ ވާހަކަ ހުއްޓުވީ ދާނިޔާއެވެ.

"ވަން ލާސްޓް ފަހަރު ޓްރައި ކުރާނީ. ބޭސް ބޭނުންކޮށްފަ އަލުން ޓެސްޓްހަދާނީ..." ދާނިޔާ ބުނެލިއެވެ.

"އެ ކީއްކުރަން؟ އިތުރަށް މާޔޫސްވާންތަ؟" ރިހާމްއަށް ބުނެވުނެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ.

"މީ ހަމަ އަހަރެންނާ ހެދި ވީކަމެއް. އަހަންނަށް އެނގޭ ކީއްވެގެންކަން މިހެން މިވީ. އައިރާ..." ރިހާމްއަށް ބުނެވުނެވެ.

"އަދިވެސް އެ އައިރާގެ ވާހަކަ ދައްކަން ޖެހޭތަ؟" ދާނިޔާ ކުޑަކޮށް ރުޅި އައެވެ.

"ނޫނޭ ދާނިޔާ... އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ." ދާނިޔާ އެތަނުން ދާން އުޅުމުން ރިހާމް އޭނާގެ އަތުގައި ހިފަހައްޓައި ގެނެސް ކައިރީގައި ބެއިންދިއެވެ. "ދާނިޔާއަށް އެނގޭތަ އަހަރެން އައިރާ ވަރިކުރިއިރު އޭނަ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެޔޭ، އެ ދުވަހު އޭނަ އަހަރެންގެ، ދަރިއަކަށް ބަލިވެ އިންއިރު، އަހަރެން އޭނަގެ ބޮލުގައި އެޅުވީ ކިހައި ހަޑި ހުތުރު ފާފައެއްކަން އެނގޭތަ ދާނިޔާއަށް؟ އަހަރެންގެ ސަބަބުން އޭނާގެ ދަރިފުޅު ބައިގެން ދިޔައީ. އަހަރެން އޭނަ ކޮއްޕައިލުމުން. މި ހުރިހައި ކަމަކީ ވެސް އެކަމުގެ ސަބަބުން ވާހާ ކަންތައްކަންނޭނގެ." ރިހާމް އޭރުގެ ވާހަކަތައް ދާނިޔާއާ ހިއްސާކުރި އިރު ދާނިޔާ އެއްޗެއް ނުބުނެ އިނީއެވެ. ރިހާމް ހަޤީޤަތުގައި ވެސް އައިރާއާ މެދު ކަންތައް ކުރެވުނު ގޮތުން ދެރަވެއެވެ. އިންތިހާއަށް ދެރަވެއެވެ.

"އަދި ވެސް އޭނަ ދެކެ ލޯބިވޭތަ؟" ދާނިޔާ ސުވާލުކޮށްލިއެވެ. ރިހާމްއަށް އެ ސުވާލުން ސިހުމެއް ލިބިގެން ދިޔައެވެ. އޭނާ އެ ސުވާލަށް ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނައިލިއެވެ.

"ރިހާމް. އަހަރެން މި އަހަނީ އަދި ވެސް އެ އައިރާ ދެކެ ލޯބިވޭހޭ؟" ދާނިޔާގެ އަޑު ބާރުވިއެވެ. އޭނާގެ ދެބުމަ ވެސް ގޮށްޖެހުނެވެ. އެހެން އިންއިރު، އޭނާ ރިހާމްގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ދާދިގާތުން ދިރާސާކުރިއެވެ. ރިހާމް ދޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައިރު، ހިތުގެ ތެޅުން ވެސް ބާރުވެއްޖެއެވެ.

"ރިހާމް..." ދާނިޔާއަށް ގޮވައިލެވުނެވެ. އިންތިޒާރުގައި އިންދާ ރިހާމް އެ ސުވާލަށް ދިން ޖަވާބުން އޭނައަށް ދެބުމަ އަރުވައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު