ކުދި ވިޔަފާރިތައް ކުރިއަރުވައި، އިތުރު ވަޒީފާތައް އުފެއްދުމުގައި އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފޭނެ ފަހުގެ ސިއްރުތައް ފޯބްސް މަޖައްލާގެ ރިޕޯޓަކުން ހާމަކޮށްފިއެވެ.
އެމެރިކާގެ މަޝްހޫރު ބިޒްނަސް މަޖައްލާ ފޯބްސްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި، ވިޔަފާރިތަކަށް އޭއައި އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ބޮޑެތި ބަދަލުތަކުން ނޫން ކަމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދިކުދި މަސައްކަތްތައް ފަސޭހަކޮށްދީގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެންމެ ކާމިޔާބު ވިޔަފާރިތަކުން އޭއައި ބޭނުންކުރަނީ މުވައްޒަފުން ބަދަލުކުރަން ނޫން ކަމަށާއި، މުވައްޒަފުންނަށް އެހީތެރިވެދީގެން ކުދި މައްސަލަތަކަށް ޙައްލު ހޯދައިގެން ވިޔަފާރި ފުޅާކުރުމަށް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން އޭއައި މެދުވެރިކޮށް ނަފާ އިތުރުކުރެވިދާނެ 10 ގޮތެއް އެރިޕޯޓްގައި ކިޔައިދީފައިވެއެވެ.
1. ކަސްޓަމާ ސަޕޯޓް 24 ގަޑިއިރު ފަސޭހަކުރުން
އޭއައި ޗެޓްބޮޓް އާއި ވާޗުއަލް އެސިސްޓެންޓް ބޭނުންކުރުމުން، ވިޔަފާރި ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ކަސްޓަމަރުން ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބުދެވޭނެއެވެ. މިއީ މުވައްޒަފުން ނެތް ވަގުތުތަކުގައިވެސް ކަސްޓަމަރުންނަށް ޚިދމަތް ފޯރުކޮށްދީ، ކަސްޓަމަރުން އިންތިޒާރުކުރަންޖެހޭ ވަގުތު ނައްތާލައި، ވިޔަފާރިއަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ.
2. މާކެޓިންގ އަދި ކޮންޓެންޓް އުފެއްދުން
ބްލޮގަކުން ނުވަތަ ޕޯސްޓަކުން ފެށިގެން ސޯޝަލް މީޑިއާއަށާއި، އީމެއިލަށް، އަދި އިޝްތިހާރުތަކަށް ބޭނުންވާ ތަފާތު ކޮންޓެންޓް އޭއައި މެދުވެރިކޮށް ވަރަށް އަވަހަށް އުފެއްދެއެވެ. ވިޔަފާރިތަކަށް މާކެޓްކުރުމަށްޓަކައި ގިނަ ވަގުތު ހޭދަކޮށްގެން ތަފާތު ޕްލެޓްފޯމްތަކަށް ކޮންޓެންޓް ތައްޔާރުކުރުމުގެ ބަދަލުގައި، އޭ.އައި ޓޫލްސް މެދުވެރިކޮށް އެއް ލިޔުމަކުން ނުވަތަ ޚިޔާލަކުން ފޭސްބުކް، އިންސްޓަގްރާމް، އީމެއިލް މާކެޓިން، އަދި އިޝްތިހާރުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ޓެކްސްޓްތައް ސިކުންތުކޮޅެއްގެ ތޭގައި އުފެއްދޭނެއެވެ.
3. އެޑްމިން މަސައްކަތް އޮޓޮމޭޓްކުރުން
ދުވަހުން ދުވަހަށް ކުރަންޖެހޭ ފޫހިކުރުވަނިވި އަދި ވަގުތު ހޭދަވާ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކަމަށްވާ ޑޭޓާ އެންޓްރީ ކުރުމާއި، މީޓިންތަކާއި މަސައްކަތްތައް ޝެޑިއުލްކުރުމާއި، އަދި ސްޓޮކް އިންވެންޓަރީ ބެލެހެއްޓުން ފަދަ ކަންކަން އޭ.އައި މެދުވެރިކޮށް އޮޓޮމެޓިކުން ކުރުމުން އިންސާނީ ގޯސްތައް މަދުވެ، މުވައްޒަފުންގެ މަސައްކަތު ގަޑިތައް ވަރަށް ބޮޑަށް ސަލާމަތްވެއެވެ.
4. ފައިނޭންސް އަދި އެކައުންޓިން
ޚާއްޞަ އެކައުންޓިންގ ސޮފްޓްވެއާ ތަކުގައި އޭއައި ހިމަނާފައިވުމުގެ ސަބަބުން، ވިޔަފާރީގެ އިންވޮއިސްތައް ބެލެހެއްޓުމާއި، ޚަރަދުތައް ރެކޯޑްކުރުމާއި، އަދި ކުރިއަށް އޮތް ތަނުގައި ވިޔަފާރިއަށް ލިބޭނެ ފައިސާއާއި ކުރަންޖެހޭ ޚަރަދުތައް ލަފާކުރުމުގެ މަސައްކަތް އެއްވެސް އުނދަގުލަކާނުލައި އޮޓޮމެޓިކުން ކުރެވޭނެއެވެ.
5. އެޗް.އާރް، ޕޭރޯލް އަދި މުވައްޒަފުން ހޯދުން
ދިރާސާތަކުން ދައްކާގޮތުން ގިނަ ކުދި ވިޔަފާރިތަކުން މިހާރު ވެސް ހިއުމަން ރިސޯސަސްއާއި ޕޭރޯލްގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރަމުންދާއިރު، މިއީ ރެކްރޫޓްމަންޓާއި ޤާނޫނީ ޤަވާއިދުތަކަށް ފެތުން ވަރަށް ބޮޑަށް ފަސޭހަކޮށްދޭ ކަމެކެވެ.އާ މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމާއި، އަންނަ ސީ.ވީތައް ސްކްރީންކޮށް ވަޒީފާއަށް އެންމެ އެކަށީގެންވާ މީހުން ދެނެގަތުމާއި، އަދި މުވައްޒަފުންގެ މުސާރައާއި ޕޭރޯލްގެ ކަންކަން ޤާނޫނީ ޤަވާއިދުތަކާ އެއްގޮތަށް ގެންދިއުމަށް މިއަދު ގިނަ ވިޔަފާރިތަކުން އޭއައި ގެ އެހީ ހޯދައެވެ.
6. ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުން
ކަސްޓަމަރުން ކުރާ މުޢާމަލާތްތަކާއި އެމީހުންގެ ވިޔަފާރީގެ ޢާދަތަކާ ގުޅޭގޮތުން އޭ.އައި އެނަލިޓިކްސް މެދުވެރިކޮށް ފުން ދިރާސާތައް ކޮށްދެއެވެ. މިއީ މާކެޓްގައި މިވަގުތު އޮތް ޓްރެންޑްތައް ދެނެގަނެ، ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މުހިންމު ވިޔަފާރީގެ ނިންމުންތައް ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
7. ސޭލްސް ލަފާކުރުމާއި ސަޕްލައި ޗެއިން
ވިޔަފާރީގެ ޑިމާންޑް ލަފާކޮށް، ސްޓޮކް ހުންނަންޖެހޭ މިންވަރު ބެލެހެއްޓުމާއި، އޯޑަރު ޕްރޮސެސްކުރުން އޮޓޮމޭޓްކުރުމުން ވިޔަފާރީގެ އޮޕަރޭޝަންތައް ވަރަށް އޮމާންކޮށް ހިނގައެވެ.މިދިޔަ އަހަރުތަކުގެ ސޭލްސް ރިކޯޑްތަކަށް ބަލައި، ކުރިއަށް އޮތް މޫސުމުގައި ނުވަތަ މަހެއްގައި މުދަލަށް އޮންނާނެ ޑިމާންޑް ލަފާކުރުމަށް އޭ.އައި އެހީތެރިވެދެއެވެ. މިއީ ވިޔަފާރިއަށް ބޭނުންވާވަރަށް ސްޓޮކް ގެންގުޅެ، އިތުރުވެގެން ބާކީވާ މުދަލާއި ސަޕްލައި ޗެއިންގެ މައްސަލަތައް ޙައްލުކޮށްދޭ ކަމެކެވެ.
8. ސަލާމަތާއި ރިޕޯޓިން
ފިހާރަތަކާއި ގުދަންތަކުގައި ހުންނަ ސީ.ސީ.ޓީ.ވީ ކެމެރާތަކާއި ސެކިއުރިޓީ ނިޒާމުތަކާ އޭ.އައި ގުޅުވައިގެން ޝައްކުކުރެވޭ ކަންކަން ނުވަތަ ނުރައްކާތައް ވަގުތުން ދެނެގަނެވޭނެއެވެ. އަދި ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިންނަށް ބޭނުންވާ ޚުލާޞާ ރިޕޯޓްތައް އަމިއްލައަށް ތައްޔާރުކޮށްދިނުމުގެ ޤާބިލުކަން އޭ.އައި ގައި ހުރެއެވެ.
9. ކަސްޓަމަރަށް ޚާއްސަ ތަޖުރިބާއެއް ދިނުން
ކޮންމެ ކަސްޓަމަރަކު ވެސް ކުރިން ބައްލަވާފައިވާ ތަކެއްޗަށާއި ކުރައްވާފައިވާ ވިޔަފާރިތަކަށް ބަލައި، އެމީހަކު ޝައުޤުވެރިވާނެ ޒާތުގެ އުފެއްދުންތަކާއި ޚާއްޞަ ޑިސްކައުންޓްތައް ނުވަތަ ޕާސަނަލައިޒްކޮށްފައިވާ މެސެޖްތައް ފޮނުވައިގެން ކަސްޓަމަރުންގެ ހިތް އަތުލުމަށް މިއީ ވަރަށް ވަރުގަދަ ވަސީލަތެކެވެ.
10. މުވައްޒަފުންގެ ވަގުތު ސަލާމަތްކޮށް ވަޒީފާ އިތުރުކުރުން
އޭއައި ގެ ސަބަބުން ކޮންމެ މުވައްޒަފަކަށްވެސް ދުވާލަކު މަދުވެގެން އެއް ގަޑިއިރުގެ ވަގުތު ސަލާމަތްކުރެވެއެވެ. މިފަދައިން ސަލާމަތްވާ ވަގުތުތައް މުވައްޒަފުން ހޭދަކުރަނީ އާ ކަސްޓަމަރުން ހޯދުމަށާއި ޚިދމަތްތައް ތަރައްޤީ ކުރުމަށެވެ. މިހެންވުމުގެ ސަބަބުން ވިޔަފާރި ފުޅާވެ، އިތުރު މުވައްޒަފުން ނަގަންޖެހޭ ފެންވަރަށް ވިޔަފާރި ކުރިއަރައިގެންދެއެވެ.