ރާއްޖެއަށް 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި މައުލޫމާތުގައިވަނީ އެ މައްސަލަ ހިނގީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ. އެގޮތުން އެ ދުވަހު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ މީހާ އެެތެރެކުރީ 66 ބުލެޓުގެ ކޮކެއިން ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 1180 ގުރާމު ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.
އެފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުން ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރެއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން ދައްކާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި މީހާ ހުރީ ބަންދުގައެވެ. އެއީ ޖަމައިކާއަށް ނިސްބަތްވާ، 53 އަހަރުގެ، އެންޑްރޫ ލޮއިޑް ކޯބިން ނަމަކަށް ކިޔާ މީހެކެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ އެއާޕޯޓުގައި ހުއްޓާ އޭނާއާ މެދު ޝައްކުކުރެވިގެން ކަސްޓަމްސްއިން އޭނާ ސްކޭން ކުރިއިރު އެއްޗެއް ފޮރުވާފައިވާ ކަމަށް ބެލެވުނެވެ. އެކަމާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރުމުން އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވި ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންނާ ހަވާލުކުރުމުން އެ މުއައްސަސާއިން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި އެ މީހާ ދިޔައީ އޭނާގެ ނަމުގައި ބުކްކޮށްފައިވާ ހޮޓަލަކަށެވެ. އެ ތަނުގައި އޭނާއާ ވަޓްސްއެޕްއިން ވާހަކަ ދެއްކި މީހަކު ވަނީ 33 ބުލެޓް ހަށިގަނޑުން ބޭރުވުމުން އެ ތަކެތި އޭނާ ފޮނުވާ މީހަކާ ހަވާލުކުރުމަށް އަންގައިފައެވެ. އެ މެސެޖުގައި ވަނީ ބާކީ ބުލެޓުތައް އެހެން މީހަކާ ހަވާލުކުރުމަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ދިން ބަޔާނުގައި މަސްތުވާތަކެއްޗާ ހަވާލުވާން ދިވެހި ދެ ފިރިހެނުން ދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކަކީ ނ. ޅޮހި، ނޯރައިޓްސްގެ، އިބްރާހީމް އަތޫފް ކަމަށެވެ. އެ ވަގުތު އެ ދެ ދިވެހީން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ބިދޭސީ މީހާގެ ބަންދަށް މިދިޔަ އަންގާރަ ދުވަހު ވަނީ 30 ދުވަސް ޖަހައިފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އެކި އުކުޅުތައް ގެންގުޅޭއިރު، ދިރުވާލައިގެން އެ ތަކެތި އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އެއީ ހަށިގަނޑަށް ނުރައްކާތެރި ކަމެއް ކަމަށްވާއިރު، އޭގެ ސަބަބުން ބައެއް މީހުންނަށް ފަރުވާ ދޭން ވެސް ޖެހެއެވެ.
ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، މި އަހަރުގެ ތެރޭގައި މީހަކަށް ކްރިމިނަލް ކޯޓުން ވަނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 50،000 ރުފިޔާއިން ޖޫރިމަނާއެއްކޮށްފައެވެ. އެ މައްސަލައަކީ 2024 ވަނަ އަހަރު ކޯޓަށް ހުށަހެޅި މައްސަލައެކެވެ.