މާލޭގެ ކުދިމަގޫގެ ވިއްކަން އަނެއްކާވެސް އިއުލާންކޮށްފި؛ މި ފަހަރު ބީލަން ފެށޭ އަގުން 5 ލައްކަ ކުޑަކޮށްފި

މާލެ: ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް މާލޭގެ ގެއެއް ނުވިއްކިގެން، ބީލަން ފެށޭ އަގުން ފަސް ލައްކަ ވަނީ ކުޑަކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިމުގެ ޑިމާންޑް އިންތިހާއަށް ބޮޑު, ވެރިރަށް މާލެއިން ގޯއްޗަކާއި އެ ގޯތީގައި ހިމެނޭ އިމާރާތް ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މިއަދު އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފިއެވެ.

އެމްއައިބީން ބީލަމުގައި ވިއްކާލަން އިއުލާންކޮށްފައިވަނީ މއ. ކުދިމަގޫގެއެވެ. ނިކަގަސްމަގުގައި ހުންނަ އެ ގެ ހަދައިފައިވަނީ 830 އަކަފޫޓުގެ ގޯއްޗެއްގައެވެ.

އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެމްއައިބީއަށް ދިނީ، ކުދިމަގޫގެ ރަހުނު ކޮށްފައި ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންނެވެ.

އެ ގެ ވިއްކާލަން މި އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ އިއުލާންކުރިއިރު، ނީލަން ފެށޭ އަގުގެ ގޮތުގައި ކަނޑައަޅައިފައި އޮތީ 12,650,000 ރުފިޔާއެވެ. ނަމަވެސް އެ ނީލަން އަލުން މިދިޔަ ޖުލައި މަހު ވެސް އިއުލާންކުރިއެވެ. އެ ފަހަރު ނީލަން ފެށޭ އަގަކަށް އޮތީ 12,150,000 ރުފިޔާއެވެ.

އެމްއައިބީން މިއަދު ނެރުނު އިއުލާނުގައި ވަނީ، ޖުލައި މަހު ނެރުނު އިއުލާނުގައި ޖަހައިފައިވާ އަދަދުން ފަސް ލައްކަ އުނިކޮށްފައެވެ. އެގޮތުން މިހާރު ފުރަތަމަ އަގަކަށް 11,650,000 ރުފިޔާ ހުށަހެޅޭނެއެވެ.

މިއަދުން ފެށިގެން ނީލަން ހުށަހެޅޭނީ އަންނަ ބުދަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. އެގޮތުން ނީލަން ހުށަހަޅާނީ އެމްއައިބީގެ ހެޑް އޮފީހުގެ ތިންވަނަ ފަންގިފިލާގެ ބިޒްނަސް ޑިޕާޓްމެންޓުގައި ބަހައްޓާފައިވާ ނީލަން ފޮށްޓަށެވެ.

ނީލަން ފެށުމަށް ޓަކައި، އަންނަ ބުދަ ދުވަހުގެ 13:00ގައި އެ ތަނަށް ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އެއީ ނީލަން ފަށާ އަގު ކަމުގައި އިއުލާންކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ނީލަމުގައި ބައިވެރިވާ މީހުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ވެސް ހުށަހަޅަން ވާނެއެވެ.

އެ ބީލަމާ ގުޅޭ އިތުރު މައުލޫމާތު އެމްއައިބީގެ ނަމްބަރު 3044573އަށް ގުޅުމުންނާއި، މެއިލް ކުރުމުން ލިބޭނެއެވެ.

comment ކޮމެންޓް