މެމްބަރު ސަމީރުގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާތީ އެމްޑީޕީން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަނުން ހުށަހަޅައިފައިވާ މައްސަލައެއް ފުލުހުން ބަލަމުން ގެންދާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު ސަމީރުގެ މައްޗަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްޜޭޝަނުން ހުށަހެޅި މައްސަލައެއް ފުލުހުން ބަލަމުން ގެންދަނީ ސަމީރަށް ބިރުދައްކައި އެ މެމްބަރުގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުމަށް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސަމީރާ ގުޅޭ ގޮތުން މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ހަވީރު ނޫޙުގައި "އޭސީސީ އޮތުމުގެ ބޭނުން ކެނޑުނީތަ؟" އެ ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކަށް ސަމީރު ދެއްވި އިންޓަވިއުއެއްގައި ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން އެ ރިޕޯޓު ލިޔުނު ހަވީރު ނޫހުގެ ޑެޕިއުޓީ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް އެ ރިޕޯޓްގައި ހުރި ވާހަކަތަކަކީ ސަމީރު ދެއްކެވި ވާހަކަތަކެއްތޯ ސުވާލު ކުރައްވައިފަ އެވެ.

ސަމީރަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ މެމްބަރެއް ކަމަށާއި އޭނާ އަށް ފެނިވަޑައިގެންނަވާ ގޮތެއް ދުވަހު ނޫހަކަށް ދެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ކަމާ އެކު ޖޭއެސްސީ އިންނާއި ފުލުހުންގެ ގުޅިގެން ކުރިއަށް ގެންދާ އެ ތަހުގީގު ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އެމްޑީޕީގެ އެބަޔާނުގައި ގޮވައިލައިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު