އަންހެން މުވައްޒަފަކު ބޭޒާރު ކުރުމުން ކަސްޓަމްސް: ޒިންމާތަކާމެދު ޝައްކު ނުއުފައްދާ

ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް ދިޔާނާ-- ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ގޮތަކަށް އަމަލުނުކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސްއިން މިކަމަށް އެދިފައިވަނީ، އެ އިދާރާއިން އަދާކުރާ ގާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ މުއައްސަސާގައި ވަރަށް ދުވަސްވީ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކަސްޓަމްސްގައި މަސައްކަތް ކުރާ ބައެއް މީހުންނާއި ބައެއް އާއްމުން ވެސް ވަނީ އެ އަންހެން މުވައްޒަފުގެ ދިފާއުގައި އިއްޔެ ވާހަކަ ދައްކައިފައެވެ. އެގޮތުން އޭނާ ގާނޫނީ ޒިންމާ އަދާ ކުރުމަކީ ބޭޒާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ޝުއޫރު ފާޅުކުރިއެވެ.

https://www.sun.mv/225544

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ ކަސްޓަމްސް ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި މިކަންކަން ކުރުމަށްޓަކައި ކަސްޓަމްސްއާއި ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެން ހޯދުންތަކަށް ރިޔާއަތްކޮށް, މުދަލެއް ނުވަތަ ފަސިންޖަރެއް, ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ, ގާނޫނާއި ގަވާއިދުގެ މަތިން ބަލައި ފާސް ކުރާނެ," ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން، ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އިންޓެލިޖެންސަށް ބިނާކޮށް، މުދަލާއި ފަސިންޖަރުން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކަސްޓަމްސްގެ ގާނޫނުގެ ދަށުން، ރާއްޖެއަށް އެތެރެވާ ކޮންމެ އުޅަނދަކާއި މުދަލެއް، އަދި ފަސިންޖަރުންގެ ލަގެޖް ފާސްކުރުމުގެ ފުރިހަމަ އިހުތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.

އެހެންކަމުން، ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، ގާނޫނާ ޚިލާފަށް އެތެރެކުރަން އުޅޭ ތަކެތި ހުއްޓުވުމަށް އެ އިދާރާއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ވަޒީފާ އަދާކުރާ އަންހެނުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައާއި އާންމު ތަންތަނުގައި ފުރައްސާރަކުރުމާއި އަބުރަށް އަރައިގަތް މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވެސް އިއްޔެ ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅައިފައެވެ.

comment ކޮމެންޓް