އެކްސްބޮކްސް ބޭނުންކުރާ ފަރާތްތަކުން ގެންގުޅޭ ފިޒިކަލް ގޭމް ޑިސްކުތައް ޑިޖިޓަލް ކޮލެކްޝަނަކަށް ބަދަލުކުރެވޭނެ ފީޗާއެއް ތައާރަފުކުރުމަށް މައިކްރޯސޮފްޓުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލީކުވެފައިވާ މައިކްރޯސޮފްޓްގެ ޑޮކިއުމަންޓަކާ ހަވާލާދީ ދަ ވާޖްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޑިސްކް-ޓޫ-ޑިޖިޓަލް" ޕްރޮގްރާމްގެ އާންމު ބީޓާ ޓެސްޓިން ޖުލައި މަހު ފެށުމަށްފަހު، މި އޮގަސްޓު މަހުގެ ތެރޭގައި އެންމެންނަށް އާންމުކޮށް ހުޅުވާލުމަށް އޮތީ ރޭވިފައެވެ.
ނަމަވެސް، އެކްސްބޮކްސް އިންސައިޑަރުންނަށް ޚާއްޞަކޮށްގެން ޖުލައި މަހު ފަށަން އުޅުނު ބީޓާ ޓެސްޓިންގ ފަސްވެފައިވާތީ، މި މަހުގެ ތެރޭގައި މި ފީޗާ އާންމުކޮށް ލިބެން ހުންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
މި ފީޗާ މަސައްކަތްކުރާ ގޮތަށް ބަލާއިރު، އެކްސްބޮކްސް ވަން ނުވަތަ އެކްސްބޮކްސް ސީރީޒް އެކްސް ކޮންސޯލަކަށް ގޭމް ޑިސްކެއް ލުމުން، އެ ގޭމެއްގެ ޑިޖިޓަލް ލައިސަންސް ޔޫޒަރުގެ އެކައުންޓާއި އެ ޑިސްކާ ގުޅުވާލަދޭނެއެވެ.

ޑިސްކްތައް ޑިޖިޓަލް ކުރާކަށް އިތުރު ފީއެއް ނުގަނާނެ ----
މިގޮތަށް ލިބޭ ޑިޖިޓަލް ލައިސަންސް ތަފާތު ޑިވައިސްތަކުގައި ބޭނުންކުރެވުނު ކަމުގައިވީ ނަމަވެސް، އެ ޑިސްކު އެހެން މީހަކަށް ވިއްކާލައިފިނަމަ ނުވަތަ ކުއްޔަށް ދީފިނަމަ އެ ލައިސަންސް އެ ޑިސްކް ބޭނުންކުރާ މީހާގެ އެކައުންޓަށް ބަދަލުވެގެންދާނެއެވެ.
މައިކްރޯސޮފްޓުން މިފަދަ ފީޗާއެއް ތައާރަފުކުރަން އުޅެނީ ގޭމިން އިންޑަސްޓްރީ މުޅިން ޑިޖިޓަލް މުސްތަގުބަލަކަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައެވެ.
ސޮނީންވެސް ވަނީ 2028 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޕްލޭސްޓޭޝަން ގޭމްތަކަށް ޑިސްކު އުފެއްދުން ހުއްޓާލާނެކަން އިއުލާނުކޮށްފައެވެ. އަދި މައިކްރޯސޮފްޓުންވެސް ކުރިއަށް އޮތް ތަނުގައި އެކްސްބޮކްސް ގޭމްތަކުގެ ފިޒިކަލް ޑިސްކު އުފެއްދުން ހުއްޓާލާނެ ކަމަށް ބެލެވެއެވެ.
މައިކްރޯސޮފްޓުން މި ފީޗާ ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ، ޑިސްކު ޑްރައިވް ނުހުންނަ މުޅިން ޑިޖިޓަލް އެކްސްބޮކްސް ކޮންސޯލްތައް ބޭނުންކުރާ ފަރާތްތަކަށް ކުރިން ގަނެފައިވާ ފިޒިކަލް ގޭމްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ.
މިގޮތުން ގޭމް ޑިސްކުތައް ޑިޖިޓަލް ލައިސަންސަކަށް ބަދަލުކުރުމުން، ކްލައުޑް ގޭމިން މެދުވެރިކޮށް ސްމާޓްފޯނާއި، ޓެބްލެޓް އަދި ސްމާޓް ޓީވީ ފަދަ ތަފާތު އެހެން ޑިވައިސްތަކުންވެސް އެ ގޭމްތައް ކުޅެވޭނެ މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ގޭމް ރީޓޭލަރުންނާއެކު ޚާއްޞަ ޕާޓްނަޝިޕެއް ގާއިމުކޮށް، ބޭނުންކޮށްފައިވާ ގޭމް ޑިސްކުތައް ފިހާރަތަކަށް ހަވާލުކުރުމުން އެއަށްވާ ޑިޖިޓަލް ކޯޑު ދޫކުރާނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް މައިކްރޯސޮފްޓުން ދަނީ ރާވަމުންނެވެ.