ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލު ގެނެސްފި

ބީއެމްއެލްގެ އިސްވެރިން ކަމަށްވާ، ރަޝްފާ، ޒަމްރާ، ނިމާލް، ގެރީ-- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ޓީމުގެ މެންބަރުންގެ ދައުރަށް އެ ބޭންކުން މިއަދު ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ދަށުން، ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:

އައިޝަތު ޒަމްރާ ޒާހިރު: ޗީފް ކޮމާޝަލް އޮފިސަރު

މޫސާ ނިމާލް: ޗީފް މާކެޓިން އޮފިސަރު

ރަޝްފާ ޖައުފަރު: ޗީފް ރިސްކް އޮފިސަރު

ގެރީ ލޯޓަން: ޗީފް ކްރެޑިޓް އޮފިސަރު

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށެވެ. ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބޭންކުގެ މަގުސަދަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން ކަމަށެވެ.

"އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް," ޝަރީފް ވިދާޅުވިއެވެ.

މިއީ ޓީމަށް އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.

comment ކޮމެންޓް