ފީފާގެ ވޯލްޑް ކަޕް މުބާރާތްތަކުގެ ވިޔަފާރި ރައިޓްސްގެ ވަކި އިންސައްތައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރޭވި ރޭވުން ފޭލްވެ، މަގާމު ރައްކާތެރިކުރުމަށްޓަކައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ހުއްޓާލި ފަހުން އިންފަންޓީނޯ ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ނަމަވެސް، އެ މަސައްކަތްތައް ކާމިޔާބުވެފައި ނުވާއިރު، މީޑިއާތަކުގެ ފާޑުކިޔުންތައް އަމާޒުވުމާއެކު އިންފަންޓީނޯއަށް ވަނީ އެކަނިވެރިކަން އިހުސާސް ކުރެވިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލަ އުފެދިގެން އުޅެނީ ފީފާގެ ވިޔަފާރި ބެލެހެއްޓުމަށް އާ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ރޭވި ރޭވުމާ ގުޅިގެންނެވެ.
ނަމަވެސް، ފުޓްބޯޅަ އިދާރާތަކާއި މެންބަރު އެސޯސިއޭޝަންތަކުގެ ބޮޑު ނުރުހުމަކާ ގުޅިގެން ފީފާއިން ވަނީ މި ނިންމުން އަނބުރާ ގެންގޮސްފައެވެ. މިއާއެކު 2027 އިން 2031 އަށް ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އިންފަންޓީނޯ ކުރައްވާ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ޓްރަމްޕާއި އިންފަންޓީނޯގެ މެދުގައި ގާތް ގުޅުމެއް އޮންނައިރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ތެރޭގައިވެސް ދެބޭފުޅުން އެކުގައި ފެނިގެންގޮސްފައިވެއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފަންޓީނޯ ވަނީ ފީފާގެ ފުރަތަމަ "ޕީސް ޕްރައިޒް" ޓްރަމްޕަށް އަރުވާފައެވެ. މި މަޝްރޫއުގެ ދަށުން އިންވެސްޓްކުރަން އުޅުނު "ތްރައިވް ކެޕިޓަލް" އަކީ ޓްރަމްޕުގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ބޭބެ ޖޯޝުއާ ކުޝްނާގެ ކުންފުންޏެކެވެ.
އިންފަންޓީނޯ ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާވެސް ފޯނުން ވާހަކަދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް އެމެރިކާގެ ޚާރިޖީ އޮފިޝަލް ދިލާން ޖޯންސަން އެކްސްގައި ވިދާޅުވީ އިންފަންޓީނޯއާ އެކު އެފަދަ އެއްވެސް ފޯން ކޯލެއް ކުރިއަށްގެންދިއުމުގެ ރޭވުމެއް ނެތް ކަމަށެވެ.