ކަޕް ވިނަރސް ކަޕުގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 1-2 ގެ ނަތީޖާއިން ހަނި މޮޅެއް ހޯދައި، މާޒިޔާގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ މާޒިޔާއިންނެވެ. މިއީ، އަޙްމަދު އައިހަމް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 18 ވަނަ މިނެޓުގައި ނައްސާޙް އިބްރާހީމް ނަޞީރު ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޮޑިއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން، މުޒްދާން ޙަސަނެވެ. މި ލަނޑު ޖެހުމާ ހަމައަށްވެސް އޮޑިން ވަނީ މާޒިޔާގެ ގޯލަށް އެކިފަހަރުމަތިން ނުރައްކާކޮށްފައެވެ.
ކެޕްޝަން..މާޒިޔާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މިއީ، ބެންޖަމިން ތޮމަސް ކޫކޫ ދިން ޕާހަކުން ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި، ގޯލުގެ ވާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން އަޙްމަދު އައިހަމް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
މެޗުގައި އިތުރު ގޯލެއް ނުފެނުނު ނަމަވެސް، ހާއްސަކޮށް މާޒިޔާއިން ވަނީ ގޯލު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ތިންވަނަ ލަނޑެއް ޖަހަން މާޒިޔާއަށް ލިބުނު ފުރުސަތުތަކުގެ ތެރޭގައި، މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމުން ތަނަވަސްކުރި ފުރުސަތު ފާހަގަކޮށްލެވެއެވެ. ހައިޝަމް ޙަސަން، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި ހުރަސްކޮށްދިން ބޯޅަ، އިބްރާހީމް މަޙްދީ ޙުސައިން (ފޭދޫ އިއްބެ)ގެ ފައިގައި ލައްވާނުލާ ހުރަސްވެގެން ދިއުމުން، އޭރިއާގެ އަނެއް ފަރާތުން ޢަބްދުﷲ ލޫޠު އިބްރާހީމް ލިބިގަނެ، ޙައިޝަމަށް ދިނުމުން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މުބާރާތުގެ ދެވަނަ މެޗު، މާޒިޔާއިން ކާމިޔާބުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓުން ވަނީ ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ބޮޑު މޮޅެއް ހޯދާފައެވެ. ހަތަރު ޓީމެއް ވާދަކުރާ މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ނުކުންނައިރު، ދެވަނަ މެޗުގައި ނިއުރޭޑިއަންޓު ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.