18 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕް ވިނަރސް ކަޕްގެ ފުރަތަމަ މެޗުގައި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން 0-5 އިން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.
މެޗު ފެށިގެން އެންމެ 18 ސިކުންތުގެ ތެރޭގައި ނިއުއިން ވަނީ ލީޑު ނަގާފައެވެ. މިއީ މެޗު ފެށިގޮތަށް ވާތުފަޅިން އުފެއްދި ހަމަލާއެއްގައި، މި ސީޒަނަށް އެޓީމަށް އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން، ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ބުރަށް ލިބުނު ހިލޭ ޖެހުމަކުން އަރީން ޢަބްދުﷲ އިބްރާހީމް ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް، ލައިންސްމަން ވަނީ އެއީ އޮފްސައިޑު ގޯލެއް ކަމަށް ނިންމާފައެވެ.

ކަޕް ވިނާސް ކަޕް 2026 ގައި ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ވިޝާލް
މެޗުގެ ކުރީކޮޅު ނިއުއިން ލީޑު ނެގުމާއެކު، ނަތީޖާ ހަމަހަމަކުރުމަށް ބުރުން ގިނަ މަސައްކަތްތަކެއްކޮށް، ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް އޮފްސައިޑްގެ މަގަނޑުތަކާ ހުރެ ފުރަތަމަ ހާފުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-1 އިން ނިއު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 60 ވަނަ މިނެޓުގައި ޑަ ސިލްވާ ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ވަނީ ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭގެ 3 މިނެޓު ފަހުން، މުޙައްމަދު ނާއިމް ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ތެރެއަށް ވަދެ ޑޮރިއެލްޓަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ކަޕް ވިނާސް ކަޕް 2026 ގައި ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: އަލީ ވިޝާލް
ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ޑަ ސިލްވާގެ ހުރަހަކުން ސެންޓޭ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރުމުން ރީބައުންސަށް ނުކުތް ބޯޅައިން އޭނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ނާއިމް ދިން ތުރޫ ޕާހަކުން ނިއުގެ 5 ވަނަ ލަނޑު ޖަހައިދިނީ ޢަބްދުﷲ ބިލިޓީއެވެ.
މެޗުގެ ތެރޭގައި ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ނުރުހުން ފާޅުކުރުމުގެ ސަބަބުން، ދެވަނަ ހާފުގައި ކައިރިކައިރީގައި ދެއްކި ދެ ރީނދޫ ކާޑާއެކު ނިއުރޭޑިއަންޓުގެ ކޯޗު ފްރާންސެސްކޯ މެނުއަލްއަށް ވަނީ ރަތްކާޑެއް ދައްކައި ބެންޗުން ފޮނުވާލާފައެވެ.
ކަޕް ވިނާސް ކަޕުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ގަދަ 4 ޓީމެވެ. އެއީ މާޒިޔާ، ނިއުރޭޑިއަންޓް، އޮޑި ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 21:00 ގަައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.