މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު ކަމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރީ، ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނަތްތެރިވީ ކަމަށް ތުހުމަތުކޮށް، ސަސްޕެންޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހުއެވެ.
ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރުމުން، އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، އޭނާއަށް އަލުން ވަޒީފާ ދޭން، ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އެކަމަކު، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރީއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އަމުރަކުންވަނީ، ހައިކޯޓުން މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން އާސިފަށް އަލުން ވަޒީފާ ދިނުން ހުއްޓުވަން އަމުރެއް ނެރެފައެވެ.
އާސިފް ސަސްޕެންޑު ކުރީ، އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއްގައެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ނިމެންދެން، އެ މަގާމަށް އިތުރު މީހަކު ނެގުން ކޯޓުން އޮތީވެސް ހުއްޓުވާފައެވެ. ސިވިލް ކޯޓުގެ ގާޒީ ޒުލައިޚާ ޝީޒާ ކަރެކްޝަންސްގެ މައްޗަށް އަމުރުކުރެއްވީ، އާސިފް އަދާކުރެއްވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް މުވައްޒަފަކު ނެގުން މަޑުޖައްސާލައި، މުވައްޒަފެއް ނަގަން މަސައްކަތްކުރާ ނަމަ އެކަން ކުރުން ހުއްޓާލުމަށެވެ.
އެހެން އެކަން އޮތުމަށް ފަހު، ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.
މި މައްސަލައިގައި އާސިފްގެ ފަރާތުން އެދިފައިވަނީވެސް އޭނާ ވަޒީފާއިން ވަކިކުރީ ބަލަން ޖެހޭ ކަންކަން ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަން ޖެހޭ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށާއި އެހެންވެ، އޭނާ ވަޒީފާއިން ވަކިކުރަން ކަރެކްޝަނުން ނިންމި ނިންމުން ބާތިލްކުރުމަށެވެ.