ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާއިން 1.5 ބިލިއަން ޑޮލަރުގެ އަގުހުރި 21 ބޯއިންގް ބޯޓު ގަންނަން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ބިޔޯންޑް ވިތު ބޯއިންގް" ހަފުލާގައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޔޫއެސް-ބަންގްލާއިން ގަންނާނީ ބޯއިންގް 737-8 މަރުކާގެ 15 ބޯޓާއި ބޯއިންގް 737-800 މަރުކާގެ ހަ ބޯޓެވެ. މި ހުރިހާ ބޯޓެއް 2027 ވަނަ އަހަރުގެ ނިޔަލަށް އެ އެއާލައިނާ ހަވާލުކުރާނެއެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުﷲ އަލް މައުމޫން ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ބޯޓުތަކެއް އިތުރުކުރުން ނޫން ކަމަށާއި، މިއީ އެ ކުންފުނި ބައިނަލްއަގުވާމީ އޭވިއޭޝަން ގްރޫޕަކަށް ބަދަލުކުރުމަށް ގެންގުޅޭ ދުރު ރާސްތާގެ ތަސައްވުރުގެ ދަށުން ކުރާ ކަމެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އާ ބޯޓުތަކާއެކު ދެކުނު އޭޝިއާއާއި، އިރުދެކުނު އޭޝިއާއާއި، އިރުމަތީ އޭޝިއާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކަށް ކުރާ ދަތުރުތައް ފުޅާކުރާނެއެވެ. މީގެ ތެރޭގައި އިންޑިއާގެ ބެންގަލޫރާއި، ސްރީލަންކާގެ ކޮލޮމްބޯއާއި، ނޭޕާލްގެ ކަތަމަންޑޫގެ އިތުރުން ޗައިނާގެ ބެއިޖިން، މެލޭޝިއާގެ ޕެނާން، ކުވައިތު އަދި ސައޫދީ އަރަބިއްޔާގެ މަދީނާއަށް ދަތުރުތައް ފެށުމަށް ވަނީ ރާވާފައެވެ.
ބަންގްލަދޭޝްގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މާކެޓުން އަހަރަކު ގާތްގަނޑަކަށް 5.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ބޭރުގެ އެއާލައިންތަކުންނެވެ. މި މައްސަލަ ހައްލުކުރުމަށާއި އެމެރިކާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް، ބަންގްލަދޭޝް ސަރުކާރުން ވެސް ވަނީ މިދިޔަ އޭޕްރީލް މަހު 3.7 ބިލިއަން ޑޮލަރުގެ 14 ބޯއިންގް ބޯޓު ގަތުމަށް އެއްބަސްވެފައެވެ. ޔޫއެސް-ބަންގްލާއިން ބުނި ގޮތުގައި، ބޯޓުތައް ގަތުމުގެ އިތުރުން އެ ކުންފުނިން ދަނީ ޓެކްނޮލޮޖީއާއި، މުވައްޒަފުން ތަމްރީނުކުރުމާއި، ކާގޯ އަދި އޭވިއޭޝަން އިންފްރާސްޓްރަކްޗަރަށް ވެސް އިންވެސްޓުކުރަމުންނެވެ.