ޗައިނާގެ ޝެންޒެންގެ ކުންފުންޏެއް ކަމަށްވާ ޔޫބީޓެކް ރޮބޮޓިކްސްއިން އުފައްދާފައިވާ އިންސާނުންގެ ސިފަޔަށް ހަދާފައިވާ "ޔޫ1" ސީރީޒްގެ ރޮބޮޓްތައް އާންމުންގެ ގޭގޭގައި ބޭނުންކުރުމަށް ގަންނަން ފަށައިފިއެވެ.
މިއީ މީގެ ކުރިން މައިގަނޑު ގޮތެއްގައި ކާރުޚާނާތަކުގެ މަސައްކަތްތަކާއި އެސެމްބްލީ ލައިންތަކުގައި އެކަނި ބޭނުންކުރަމުން އައި އިންސާނުންގެ ސިފަޔަށް ހަދާފައިވާ ރޮބޮޓްތައް، އާންމުންގެ ދިރިއުޅޭ ކޮޓަރިތަކާ ހަމައަށް ފޯރުމުގެ މުހިންމު ފެށުމެކެވެ.
ބެއިޖިންގެ އިންވެސްޓަރެއް ކަމަށްވާ އުމުރުން 39 އަހަރުގެ ސޮންގް ވަނީ ޔޫބީޓެކްގެ "ޔޫ1 ޕްރޯ" މޮޑެލްގެ އަންހެން ރޮބޮޓެއް 159,800 ޔުއާން (ގާތްގަނޑަކަށް 23,680 އެމެރިކާ ޑޮލަރު) އަށް ގަނެފައެވެ. ސޮންގް ބުނެފައި ވަނީ މިއީ ކެއްކުމާއި ގޭގެ މަސައްކަތްތައް ކުރުމަށް ގަތް އެއްޗެއް ނޫން ކަމަށާއި، މީގެ މުހިންމު ބޭނުމަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ތަޖުރިބާ ހޯދުން ކަމަށެވެ.

ޔޫބީޓެކްއިން އުފައްދާފައިވާ "U1 ސީރީޒް" ގެ އަންހެން އަދި ފިރިހެން މޮޑެލްގެ ރޮބޮޓް ތައާރަފުކުރުން --- ފޮޓޯ: އެސްސީއެމްޕީ
މިފަދަ ރޮބޮޓްތައް އާންމުންގެ ގޭގެއަށް ތަޢާރަފުކުރުމަށް ޗައިނާގެ ރޮބޮޓިކްސް ކުންފުނިތަކުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އިންސާނުންނާ އެކު ދިރިއުޅުމުގެ ވެށީގައި މުއާމަލާތް ގާއިމުކޮށް، އެކުވެރިއެއްގެ ގޮތުގައި މިފަދަ ވަސީލަތްތައް ބޭނުންކުރެވިދާނެތޯ ބެލުމަށް މިހާރު ދަނީ އަމަލީ ގޮތުން ތަޖުރިބާކުރެވެމުންނެވެ.
ދުނިޔޭގެ ޓެކްނޮލޮޖީގެ ވާދަވެރިކަމަށް ބަލާއިރު، އިންސާނުންގެ ސިފަޔަށް ހަދާފައިވާ ރޮބޮޓްތަކުގެ ދާއިރާއިން ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބެމުންދާ ކަމެކެވެ. ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކްސްގެ ދާއިރާއިން ޗައިނާއިން ކުރިއެރުންތައް ހޯދަމުންދާތީ، އެމެރިކާގެ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިންގެ މެދުގައިވެސް މިކަމާމެދު ކަންބޮޑުވުންތަކެއް އުފެދެމުންދާކަން ފާހަގަކުރެވެއެވެ.
އާންމު ދިރިއުޅުމުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ވަސީލަތްތައް ތަޢާރަފުވަމުންދާއިރު، ސޮފްޓްވެއާއާއި މޮޑެލްތައް އަގުހެޔޮވެ އަދި ހަރުދަނާވަމުން ދިއުމަކީވެސް މިފަދަ ރޮބޮޓްތައް އާންމުންނާ ހަމައަށް ފޯރުމަށް މަގުފަހިވާ މުހިންމު ސަބަބެކެވެ.
ޗައިނާގެ އިލެކްޓްރޯނިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ބޮޑެތި ކުންފުނިތަކުން މިހާރު ދަނީ ގޭތެރޭގައި ބޭނުންކުރާ ރޮބޮޓްތަކުގެ އަގުތައް އާންމުންނަށް އަތްފޯރާފަށަށް ތިރިކުރުމަށްޓަކައި އުފެއްދުންތެރިކަމުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށާއި، ކުޑަކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން ގޭތެރޭގެ އެހީތެރިއެއްގެ ގޮތުގައި މިފަދަ ރޮބޮޓްތައް ބޭނުންކުރެވޭނެ ސޮފްޓްވެއާ ނިޒާމުތައް ތަރައްޤީކުރުމަކީ މި ސިނާއަތުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުންދާ އެއް ދާއިރާއެވެ.
މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި، މިހާރު ގޭގޭގައި ސްމާޓްފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ފަދައިން އިންސާނުންގެ ސިފަޔަށް ހަދާފައިވާ ރޮބޮޓްތަކަކީ އާންމު ގޭގޭގެ މުހިންމު ބަޔަކަށް ވެގެންދާނެއެވެ.