ކަންފަތުގައި އަޅުވާލެވޭ ފަދަ "އިޔާ ހޫކް" ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ އާ "ގެލެކްސީ ބަޑްސް" އެއް އުފެއްދުމުގެ މަސައްކަތް ސެމްސަންގުން ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކޮޑުނޭމް "ބަޑްސް ކެނޭލް 5" ގެ ނަމުގައި އެތެރޭގައި މައުލޫމާތު ފެތުރެމުންދާ މި އިޔާބަޑްސް ބާޒާރަށް ނެރޭނީ އެހެން ނަމެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ޚާއްޞަކޮށް ކަސްރަތުކުރާ މީހުންނާއި ދުވުންތެރިންނަށް އަމާޒުކޮށް، ދުވާއިރު ނުވަތަ ކަސްރަތުކުރާއިރު ކަންފަތުން ވެއްޓުނަނުދީ ހިފަހައްޓައިދިނުމަށް ފަރުމާކުރެވޭ އުފެއްދުމެކެވެ.

"އިޔާ ހޫކް" ޑިޒައިނަށް އޮތް މަގުބޫލުކަން ދަނީ އިތުރުވަމުން ----
މި އިޔާބަޑްސްގައި ކަންފަތަށް ހެޔޮވަރުކޮށްލެވޭ އިން-އިޔާ ޓިޕްސްއާއި ފްލެޓް އިޔާ ހޫކްސް ހިމެނޭނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ދައްކައެވެ.
މީގެއިތުރުން، އެކްޓިވް ނޮއިސް ކެންސެލޭޝަން (އޭއެންސީ) ސަޕޯޓުކުރުމުގެ އިތުރުން ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އިންގްރެސް ޕްރޮޓެކްޝަން (އައިޕީ) ރޭޓިންއެއް މި އިޔާބަޑްސްގައި ހިމެނޭނެ ކަމަށް ބެލެވެއެވެ. އަދި މީގެ ޗާޖިން ކޭސްއަށް ޔޫއެސްބީ ޓައިޕް-ސީ މެދުވެރިކޮށް ޗާޖުކުރެވޭނެއެވެ.
މި ޚަބަރު ފެންމަތިވެފައިވަނީ ސެމްސަންގުން "ގެލެކްސީ ބަޑްސް އޮން" ނުވަތަ "ގެލެކްސީ ބަޑްސް އޭބަލް" ގެ ނަމުގައި ކްލިޕް-އޮން ޑިޒައިނެއްގެ އިޔާބަޑްސްއެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނާ ރިޕޯޓުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި އާ އުފެއްދުންތަކާ ގުޅޭގޮތުން ސެމްސަންގުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ "ގެލެކްސީ ބަޑްސް 3" ސީރީޒްގެ އިޔާބަޑްސްތައް ފަރުމާކޮށްފައިވަނީ އެޕަލްގެ އެއާޕޮޑްސްއާ ތަފާތު، ތިރިއަށް ދިގުކޮށް އިންނަ "ސްޓެމް" ޑިޒައިނަކަށެވެ.
ސެމްސަންގް ކުންފުނީގެ އުފެއްދުންތައް އާންމުން ބަލައިގަތް ނަމަވެސް، ކަސްރަތުކުރާ މީހުންނާއި ހަރަކާތްތެރިކޮށް އުޅޭ މީހުންގެ މެދުގައި ކަންފަތުން ވެއްޓުނަނުދީ ހިފަހައްޓައިދޭ "އިޔާ ހޫކް" ޑިޒައިންގެ އިޔާބަޑްސްއަށް އޮތް މަގުބޫލުކަން އިތުރުވަމުންދާތީ، ސެމްސަންގުން ދަނީ އެކި ކަހަލަ ބޭނުންތަކަށް ޚާއްޞަ އައު ޑިޒައިންތަކުގެ އިޔާބަޑްސްތައް އުފެއްދުމުގެ މަސައްކަތް ފުޅާކުރަމުންނެވެ.