އިޒީގެ ކައިވެނީގެ ހަބަރު ލިބުމުން، ޔައިލް ތަކުރާރުކޮށް އިޒީއަށް ގުޅަން މަސައްކަތް ކުރިއެވެ. އިޒީގެ ފޯނު އޮންނަނީ ނިވާލާފައެވެ. އިޒީ އާއި ބައްދަލުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ޔައިލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ރަނގަޅަށް ނުކެވޭ ތަނުގައި ޔައިލްއަށް އެހެން ކަމަކާއި ވިސްނައިލާނޭ ވަގުތެއްވެސް ނުވެއެވެ.

ޔައިލްއަށް އިޒީ ފެނުނީ އެގޭ ކައިރިން ބުރުޖަހާތާ ތިންވަނައަށް ވީ ދުވަހުއެވެ. ގެއިން ނުކުތް ވަގުތު، ޔައިލް އެރީ އިޒީގެ ކުރިމައްޗަށެވެ. އިޒީ އުޅުނީ އަވަހަށް ގެއަށް ވަންނާށެވެ. ޔައިލް އެކަމަށް ހުރަސް އެޅިއެވެ.

********

"ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟..." ޔައިލްގެ އަޑުގައިވީ އެތައް ހާސް ރިހުމެވެ.

ޔައިލްއަށް ބަލައިލުމެއްނެތި އިޒީ އަނެއް ފަރާތަށް އެނބުރުނެވެ ޔައިލްގެ މޫނު ފެނުމުން، އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވަން ނުކުޅެދިދާނެކަމުގެ ބިރު އެ ހިތުގައި ވިއެވެ. ޔައިލް އާއި ދުރުގައި ހުންނަން އިޒީ ކެތްކުރަނީ އެކަމުން އޭނާގެ ހިތަށް އުފާވެރިކަން ލިބޭތީއެއް ނޫނެވެ. ދެރަ ނުވާތީކީވެސް ނޫނެވެ. އިޒީ އޭނާގެ އަމިއްލަ ހިތް ގުރުބާން ކުރަމުންދަނީ ޔައިލްއަށްޓަކައެވެ. ޔައިލްގެ އާއިލާގެ އުފާވެރިކަން ނަގާލާ މީހަކަށް ވާން ބޭނުން ނުވާތީއެވެ. މަޔަކާއި ދަރިއަކު ދުރުކުރެވިދާނެކަމުގެ ބިރު އެހިތުގައި ވީތީއެވެ.

"އަހަރެންދެކެ ހަމަ އެހާ ނަފުރަތު ކުރަންތަ؟..." އިޒީ އެއްޗެއް ނުބުނެ ގިނައިރުވުމުން، ޔައިލްގެ ހިތަށް ތަދުވިއެވެ. "އަހަންނަށް އެނގޭ އިޒީ ބޭނުންވާތީކީ ނޫންކަން ކައިވެނި ކުރަން ތި އުޅެނީ..."

ގެއަށް ވަނުމުގެ ބަދަލުގައި އިޒީ ހިނގައިގަތީ ގެއާއި ދުރަށެވެ. ޔައިލްއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން އޭނާ ބޭނުން ނުވީއެވެ. ޔައިލް ވަގުތުން އިޒީގެ އަތުގައި ހިފައިލިއެވެ. އިޒީގެ މުޅި ގައިން ހީބިހި ނެގިއެވެ. ޔައިލްގެ އެންމެ ބީހިލުމެއްގެ އަސަރު އޭނާގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ފޯރިއެވެ.

"އަހަންނަށް ކުރެވުނު އެންމެ ކުށަކަށް ތިގޮތަށް އަދަބު ނުދީފާނަންތަ؟... ޕްލީޒް...." ޔައިލް އާދޭހާއިއެކު އެދުނެވެ.

އިޒީއަށް ދެލޯ މަރައިލެވުނެވެ. ޔައިލްގެ އަތުން އަތް ދަމައިގަންނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފަސްއެނބުރި ޔައިލްއަށް ބަލައިލާނެ ހިތްވަރުވެސް މެއެވެ.

"ލެޓް މީ ގޯ..." އިޒީ މަޑުމަޑުން ބުނެލިއެވެ.

"އައި ކާންޓް..." ޔައިލް ގެނައި ކުއްލި ހަރަކާތާއިއެކު އިޒީ އޭނާ އާއި ދިމާއަށް އަނބުރުވައިލިއެވެ.

ޔައިލްގެ މޫނު ފެނުމުން، އިޒީ ހުއްޓުން އެރިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔައިލްއަށް އައިސްފައިވަނީ ގަބޫލު ކުރަންދަތި ބަދަލެކެވެ. ޔައިލް ތަހަންމަލް ކުރަމުންދާ ވޭން އެ މޫނުން ސިއްރު ނުވާއިރު، އަބަދު އެއްވަރަކަށް ކޮށާލާފައި އޮންނަ އިސްތަށިގަނޑު އޮތީ ތަރުތީބެއް ނެތް ވަރަށް ދިގުވެފައެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅި ކުރިއަށްވުރެ ދިގެވެ. ދެލޮލުގައިވީ މަޑު ރަތްކަމެވެ. ތުންފަތް ވަނީ ހިކިފައެވެ. ދެލޯ ކައިރީގައި ތާޒާކަމެއް ނެތެވެ. ޔައިލްގެ ރީތި ސިފަ ވަކިކުރަން އުނދަގޫވާވަރަށް އޭނާއަށް ވަނީ ބަދަލު އައިސްފައެވެ.

އެހާ ކައިރިން އިޒީގެ މޫނު ފެނުމުން، އަމިއްލަ ހާލަށްވުރެ ބޮޑަށް ޔައިލްއަށް ވިސްނުނީ އިޒީ އާއި މެދުގައެވެ. އެ ރީތި މޫނުގެ ތާޒާކަން ގެއްލިފައިވާއިރު، ކުރިން އެ ދެލޮލުން ފެނުނު ވިދުން މިއަދު ފެންނާކަށް ނެތެވެ. ހަށިގަނޑު ކުރިއަށްވުރެ ނިކަމެއްޗެވެ. އިޒީގެ ފަރުވާކުޑަކަން ފެނި، ޔައިލްއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސު ދެކެއެވެ.

"އަހަރެންދެކެ ކިތަންމެ ރުޅި އަޔަސް، އަމިއްލަ ނަފުސަށް ތިގޮތަށް އަނިޔާ ނުދީ..." އިޒީ އާއި ހަތަރުކަޅި ހަމަކޮށްގެން ހުރި ޔައިލްއަށް ލިބުނީ އާދަޔާ ހިލާފު ހިތްވަރެކެވެ. "ކުށް ކުރީ އަހަރެން... އޭގެ އަދަބު ލިބެންވާނީވެސް އަހަންނަށް..... އަހަރެން މިހުރީ އިޒީގެ ކުރިމަތީ.... އިޒީ ބޭނުން އަދަބެއް އަހަންނަށް ދީ..."

ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން، އިޒީ އުޅުނީ ޔައިލްގެ އަތް ފޮޅުވައިލާށެވެ. އަދަބުދޭން ޔައިލް އެދޭއިރު، އަމިއްލަ ހިތަށް އަދަބުދީގެން ހުދު އިޒީގެ ހިތްވެސް ކުދިކުދި ވަނީއެވެ. އެކަން ޔައިލްއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ޔައިލް ކުރިއަށްވުރެ ބާރަށް އިޒީގެ އަތުގައި ހިފައިލިއެވެ.

"ދޫކޮށްލާ!..." އިޒީ ހާސްވިއެވެ. "މީހަކަށް ފެނިދާ...."

އިޒީއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާއަށް ވިސްނައިލާނޭ ވަގުތެއްވެސް ނުދީ ޔައިލް ދޮރާށިން އެތެރެއަށް ދެމިގަތެވެ. ގެއާއި، ވަށާފާރާއި ދެމެދުގައިވާ ހަނި ޖާގައިގައި އިޒީ ހައްޔަރުކޮށްލިއެވެ. ދެމީހުން ތިބީ އެކަކު އަނެކަކާއި ނުހަނު ގާތުގައެވެ. ދެމީހުންގެ ހިތްވެސް ބުނެދޭން ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އެ އަޑު އެކަކު އަނެކަކަށް އިވެމުން ދިޔައެވެ.

"މިހާރު އެއްވެސް މީހަކަށް ނުފެންނާނެ..." ޔައިލް ބުނެލިއެވެ.

"އަހަރެން މި އުޅެނީ މީހަކާ އިންނާށޭ..." ޔައިލް ކަންތައް ކުރިގޮތުން، އިޒީ ހިތްހަމަނުޖެހުނެވެ. "އެއް އިރެއްގަ އަހަރެމެން ދެމީހުން މެރީކުރަން އުޅުނަސް، މިހާރު އެ ގުޅުމެއް ނެތް..."

ވީ ދެރައިން ޔައިލްއަށް ގޮށްމުށުން ފާރުގައި ޖަހައިލެވުނެވެ. އިޒީގެ ދުލުން އޭނާ ނޫން މީހަކާއި ގުޅޭ ވާހަކަ ބުނާ އަޑު އަހަން ޔައިލްގެ ހިތަށް ކެތް ނުވީއެވެ. ޔައިލްގެ އެ އަމަލުން ލިބުނު ސިހުމުގައި އިޒީ ހުރީ ދެލޯ މަރައި، ބާރުކޮށްލައިގެންނެވެ.

"ވަރަށް ފަސޭހަތަ ތިހެން ބުނަން؟... ކީއްވެ ތިހެން ބުނަން ތިހާ ފަސޭހައީ؟... ކީއްވެ އެހެން މީހަކާ އެކީ އުޅެން ހިތުވެސް ލީ؟.... އިޒީ ނޫން މީހަކާ އެކީ އުޅެން އަހަރެންގެ ހިތަށް ނުވެސް އަރާ... އަރުވަން އުޅުނަސް، ހިތަށް ތަދުވޭ..." ޔައިލްގެ އަޑުގައިވީ ރިހުމެވެ. "އިޒީ އެއްވެސް އިރަކު އަހަރެންދެކެ ލޯބިވިންތަ؟..."

"ދޫކޮށްލާ!..." އިޒީ އެދުނެވެ.

"އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ.... އަހަރެން އިޒީދެކެ މިވާ ލޯބި ހާމަކޮށްދޭން ކޮން ކަމެއްތަ ކޮށްދޭންވީ؟..." ގޮތް ހުސްވުމުން، ޔައިލްގެ އަޑު ނުކުތީ ކުރެހިގެންނެވެ.

ޔައިލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ކޯތާފަތުގައި ބީހިލާފައި ތިރިއަށް ދިޔައެވެ. އެ ހުރިހާއިރު، ހިތް ހަރުކޮށްގެން ހުރި އިޒީގެ ހިތް މަޑު ކަފަކޮޅަކަށް ވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ބޭއިހުތިޔާރުގައި އޭނާއަށް އަތް އުފުލައިލެވުނެވެ. ޔައިލްގެ ކަރުނަތައް ފޮހެލިއިރު، އިޒީގެ ދެލޮލަށްވެސް ކަރުނަ ޖަމާވެއްޖެއެވެ.

ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އިޒީއަށް އޭނާގެ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ޔައިލްގެ ހާލަކީވެސް އެއީއެވެ. އިޒީގެ ކަރުނަތައް ފޮހެލަމުން އެ މޫނާއި ގާތްވެލިއިރު، އެހެން ހުރިހާ ކަމެއްގެ މަތީން އޭނާ ހަނދާންނެތިފައިވާ ކަހަލައެވެ.

"ނޯ، ނޯ، ނޯ..." ކުއްލިއަކަށް އިޒީގެ ހަނދާނަށް އައީ އާމިނަތު ދެއްކި ވާހަކަތަކެވެ.

ޔައިލްގެ ހަޔާތަށް އެނބުރި ނުދިޔުމަށް އާމިނަތު އެދުނު އެދުން އިޒީގެ ކަންފަތް ކައިރީގައި ގުގުމައިލިހެން އޭނާއަށް ހީވިއެވެ. އިޒީއަށް ލިބުނީ ބުނެދޭން ނޭނގޭ ހިތްވަރެކެވެ. ޔައިލްގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލީ، ޔައިލް އެފަދަ ކަމަކަށް ނުވިސްނާ ހުއްޓައެވެ. ޔައިލް ގޮސް ޖެހުނީ ފާރުގައެވެ. ވީތަދުން ކުޑަ ހިދުކޮޅަކަށް ނަމަވެސް، ޔައިލް ހުރީ ހިރިލަންވެސް އުނދަގޫވެފައެވެ. އިޒީ ކަންބޮޑުވީ ޔައިލްއަށް ތަދުވެދާނެއޭ ހީވުމުންނެވެ. ޔައިލްގެ ކައިރިއަށް ދާން އުޅެފައިވެސް، އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވުމުގައި ކާމިޔާބު ހޯދިއެވެ.

"އަހަންނާ ދުރަށް ދާންވީ... އެއީ ޔައިލް ކޮށްދޭންވީ ކަމަކީ..." ހަރުކަށިކަން އަޑަށް ގެނުވަމުން އިޒީ ބުނެލިއެވެ.

ޔައިލް ހައިރާންވެފައި އިޒީގެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެ މޫނުން ޔައިލްއަށް ފެނުނީ ބީރަށްޓެހި ކަމެވެ. އިޒީ އެހާ ހިތް ހަރުކުރީ ކޮންއިރަކު ހެއްޔެވެ؟ ކުރިން އޭނާގެ ކޮންމެ ކަމެއްގައި އެހާ ފަރުވާތެރިވާ އިޒީ ބަދަލުވެފައިވާ މިންވަރު ފެނި، ޔައިލްގެ ހިތް ކުދިކުދިވިއެވެ. އެންމެފަހުގެ އުއްމީދުވެސް ފެނަށްވިއެވެ. އޭނާ ކިތަންމެ އާދޭހެއް ކުރިޔަސް، އިޒީގެ ވިސްނުން ބަދަލު ނުކުރާނެކަން ޔައިލްއަށް ކަށަވަރު ވިއެވެ.

"ތިކަމެއް ނުވާނެ..." ޔައިލް ފާޅުގައި އިޒީ އެދުނު އެދުމާއި ދެކޮޅު ހެދިއެވެ. "އަހަންނަށް އިޒީގެ ހަޔާތުން ދުރަކަށް ނުދެވޭނެ..."

"އަހަރެން މިއުޅެނީ އެހެން މީހަކާ އިންނާށޭ... ދެންވެސް ދުރަކަށް..." އިޒީ ބުނަން އުޅުނު ޖުމުލަ ހުއްޓައިލަން ޖެހުނީ ޔައިލް އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ.

"ޕްލީޒް... އެހެން މީހަކާ އިންނަ ވާހަކަ ނުދައްކަބަލަ... އަހަރެންގެ ހިތަކަށް ކެތެއް ނުވެޔޭ...." ޔައިލް އާދޭހާއިއެކު އެދުނެވެ.

"މިކަން ދެން ބަދަލެއް ނުވާނެ..." ޔައިލްގެ އަތް ނަގަމުން، އިޒީ ބުނެލިއެވެ.

"އިޒީ، ޕްލީޒް... އެއްވެސް އިރަކު އަހަރެންދެކެ ކުޑަކޮށްވެސް ލޯބި ނުވަންތަ؟..." އިޒީގެ ދެކޮނޑުގައި ހިފަހައްޓައިލަމުން، ޔައިލް އަހައިލިއެވެ.

"ނުވޭ..." އިޒީ ވަގުތުން ޖަވާބު ދިނެވެ.

"ނުކުރާނަން ގަބޫލެއް.... އަހަރެންގެ ދެލޮލަށް ބަލާފަ ތިހެން ބުނޭ..." ޔައިލް އެދުނެވެ.

"ނުވޭ ލޯތްބެއް... ނުވޭ...." ޔައިލް އާއި ހަތަރުކަޅި ހަމަކުރަމުން، އިޒީ ބުނެލިއެވެ.

ޔައިލްއަށް އިޒީގެ ގައިން ދޫކޮށްލެވުނެވެ. އިޒީ ދުވެފައި ގޮސް ގެއަށް ވަނެވެ. ދޮރު ޖަހައި، ދޮރުގައި ލެނގިލިއިރު، އިޒީގެ މަޑު ގިސްލުމުގެ އަޑު މުޅި ގޭގައި ހަރުލައިފިއެވެ. އޭނާގެ މުޅި ހަށިގަނޑުގައިވީ މަޑު ތުރުތުރުލުމެކެވެ. ދުލުން ބޭރުކުރެވުނު އެންމެ ޖުމުލައަކުން، އޭނާގެ ހިތް ޒަހަމުވެއްޖެއެވެ.

********

ރިޝާންގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލާފައި ޝަހާމާ އެތެރެއަށް ވަނެވެ. ކޮޓަރީގައި ރިޝާނެއް ނެތެވެ. ފާހާނާއިން ފެންމާގަނޑު ދޫކޮށްފައި ހުރި އަޑު އިވެއެވެ. ޝަހާމާ އޭނާ ގެނައި، ފޮށިތައް މޭޒުމަތީގައި ބަހައްޓާފައި އެނބުރެން އުޅުނު ވަގުތު މޭޒުމަތީގައި ބަންޑުން ބާއްވާފައިވާ ތަސްވީރުތަކެއް ފެނުނެވެ.

ތަސްވީރުތައް ބަލަން ހުއްޓައި، ފާހާނާގެ ދޮރު ހުޅުވައިލި އަޑަށް ޝަހާމާ ދިޔައީ ސިއްސައިގެންނެވެ. ބިރެއް ފެނިގެން ބަލައިލާހެން ދޮރާއި ދިމާއަށް ބަލައިލިއެވެ. ޝަހާމާ އޭނާގެ ދެއަތް ފުރަގަހަށް ލައި، އަތުގައި އޮތް ތަސްވީރުތައް ފޮރުވިއެވެ. އެ ތަސްވީރުތަކުގެ ފަހަތުގައި ފޮރުވިފައިވާ އަނދިރި ސިއްރު އެނގުނުކަން ރިޝާނަށް އަންގަން ބޭނުން ނުވާތީއެވެ.

އުނަގަނޑުގައި ތުވާލި އައްސާލައިގެން ހުރިއިރު، ތެމިފައިވި އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް ރިޝާންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބީހިލާފައި ތިރިއަށް ދިޔައެވެ.

"ކިހިނެއްވެފަ ތިހުރީ؟..." ޝަހާމާ ހުރިގޮތުން، ރިޝާނަށް ބަލައިލެވުނީ މޭޒާއި ދިމާއަށެވެ.

މޭޒުމަތީގައި ބަހައްޓާފައިވާ ތަސްވީރުތައް ނެތުމުން، ރިޝާނަށް ދެލޯ ހަނިކޮށްލެވުނެވެ. އޭނާ ޝަހާމާއަށް ބަލައިލީ، ކުރިން ނުބަލާފަދަ ނަޒަރަކުންނެވެ. ޝަހާމާ ހުރީ ބިރުން ވިރޭވަރު ވެފައެވެ. ރިޝާން މަޑުމަޑުން ކުރިއަށް ޖެހިލުމުން، ޝަހާމާ ޖެހުނީ ފަހަތަށެވެ. އޭނާއަށް ހުއްޓެން މަޖުބޫރުވީ ފާރުގައި ޖެހުމުންނެވެ.

"ގެނޭ..." އަތް ދިއްކޮށްލަމުން ރިޝާން އެދުނީ ތަސްވީރުތައް ދިނުމަށެވެ.

ދެވަނަ ފަހަރަށް ބުނާކަށް ރިޝާން މަޑެއް ނުކުރެއެވެ. ޝަހާމާގެ އަތުން ތަސްވީރުތައް ޖަހައިގަތެވެ.

"ތި ކުރެވުނީ ޝަހާ ކޮށްގެން ވާނެ ކަމެއް ނޫން އިނގޭ... ކިހާ ވަރަކަށް މި އެއްޗެހި ބަލައިފިން؟..." ތަސްވީރުތައް ދައްކައިލަމުން ރިޝާން އަހައިލިއެވެ.

"އަހަ...ރެން... ހީކުރި... ކަހަލަ... މީހަކަށް... ރިޝާން.. ނުވި...." ހުއްޓަމުން ކަހަލަ ގޮތަކަށް ޝަހާމާ ބުނެލިއެވެ.

"ތީގެ މާނަ އަކީ، ހުރިހާ ފޮޓޯއެއް ބެލީއޭ ދޯ؟..." ރިޝާން ދޫކޮށްލީ ފުން ނޭވާއެކެވެ.

ޝަހާމާ އެއްޗެއް ނުބުނެ، އިސްޖަހައިލިގޮތުން، ރިޝާނަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"އަހަރެން ތިކަން ބަސްޓުކޮށްލައިފިއްޔާ؟..." ބިރުން ހުރި ނަމަވެސް ޝަހާމާއަށް އަހައިލެވުނެވެ.

"ވަޓް؟...." ރިޝާން ގޮށްމުށުން ފާރުގައި ޖެހިއެވެ.

ޝާހާމާ ސިހުނެވެ. އެހެނަސް، އޭނާ ހުރީ ރިޝާންގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އިޒީއަށް އޮޅުވާލައިގެން ތި ކައިވެނި ކުރިޔަސް، ރިޝާނަށް އެއްވެސް އުފާވެރިކަމެއް ނުލިބޭނެ.... އިޒީއަށް ހަގީގަތް އެނގޭ ދުވަހު..." ޝަހާމާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.

"ޝަޓް އަޕް...." ރިޝާންގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އަހަރެން އިޒީއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން... ރިޝާންގެ ބައްޕައަށްވެސް މިކަން އަންގާނަން... ތިކަހަލަ ހަގީގަތެއް ސިއްރުކޮށްގެން އަހަންނަކަށް ނުހުރެވޭނެ... ތީ ބޮޑު އޮޅުވާލުމެއް...." ޝަހާމާ އުޅުނީ އެތަނުން ދާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު