އެއާޕޯޓުގެ ޑްރޮޕް-އޮފް ސަރަހައްދު ވިއްސާރައަށް ތައްޔާރުކުރަން ގޮވާލައިފި

މިއަދު ކުރަމުން އަންނަ ވިއްސާރާގައި އެއާޕޯޓްގެ ވެއިޓިން އޭރިއާ ތޮއްޖެހިފައި--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް ޑްރޮޕް-އޮފް ސަރަހައްދު ވިއްސާރައަށް ތައްޔާރުކުރުމަށް، އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު އަދި އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް މިއަދު ގޮވާލައްވައިފިއެވެ.

މިހާރު މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނައިރު މައި އެއާޕޯޓަށް އަންނަ ގިނަ ފްލައިޓްތަކެއް ދަނީ ޑިލޭ ވަމުންނެވެ. އަދި އަންނަ މީހުން ޓެކްސީ ކިޔޫގައި ގިނައިރުތަކެއް ވަންދެން މަޑުކުރަން ޖެހޭއިރު ވާރެއާ ހިޔާ ވާން ދަތިވާ ކަމަށް ބުނެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

ވިއްސާރަ ދުވަސްވަރު އެއާޕޯޓްގެ ވެއިޓިން އޭރިއާގައި ތޮއްޖެހޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށް, ކަންބޮޑުވުން ފާޅުކުރުމަކީ އާއްމު ކަމެކެވެ.

ފިރާޤް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މުހިންމު އުމްރާނީ ވަސީލަތްތައް ފަރުމާކުރުމުގައި އަލުން ވިސްނަންޖެހިފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. ޚާއްސަކޮށް އެއާޕޯޓުގެ ޓާމިނަލަށް ފަސިންޖަރުން ބާލާ ސަރަހައްދަކީ މޫސުމީ ބަދަލުތަކާއި ގަދަ ވިއްސާރައަށް މިހާރަށްވުރެ ބޮޑަށް ތައްޔާރުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިރާޤް މިކަން ފާހަގަކުރެއްވީ، މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެއާޕޯޓަށް ފުރަންދާ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއާޕޯޓަށް ދާ ފަސިންޖަރުންނަށް ރައްކާތެރިކަމާއެކު ފަސޭހައިން ޓާމިނަލަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ފިރާޤް ވިދާޅުވިއެވެ.

މިހާރު ފަރުމާކޮށްފައިވާ ގޮތުން، ވިއްސާރަ ދުވަސްވަރު ޓެކްސީތަކުންނާއި ކާރުތަކުން ފަސިންޖަރުން ފައިބާއިރު ވާރެޔާ ތެމުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ލަގެޖު ތެމުމާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއާޕޯޓަކީ ގައުމުގެ މައި ދޮރާށި ކަމަށްވާއިރު، ފުރަތަމަ ފެންނަ މަންޒަރަކީ ފަސިންޖަރުންނަށް ފަސޭހަ ތަޖުރިބާއަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުސްތަގުބަލަށް ވިސްނައި، މިފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށް އިންވެސްޓުކޮށް، ރަނގަޅު ފަރުމާއެއްގެ ދަށުން ތަރައްގީކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ފިރާޤްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ޖުލައި މަހުގެ ފަހުކޮޅު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ މޫސުން ގޯސްވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓުވެސް ނެރެފައިވެއެވެ. މިފަދަ ގަދަ ވިއްސާރައިގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށާއި، ޚާއްސަކޮށް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއަރައެވެ.

ގަދަ ވަޔާއެކު ވާރޭވެހޭއިރު، ޓާމިނަލްގެ ބޭރުގައި ހިޔާކޮށްފައިވާ ސަރަހައްދު ކުޑަވުމުގެ ސަބަބުން، އެއްފަހަރާ ގިނަ ބަޔަކަށް އެތަނުގައި މަޑުކޮށްގެން ތިބުމަށް ދަތިތަކާ ކުރިމަތިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މިހާރުވެސް ކުރިއަށްދާއިރު، އާ ޕަސިންޖާ ޓާމިނަލްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލްގެ މަސައްކަތް ނިމޭއިރު، ފަސިންޖަރުންނަށް ދިމާވާ ޖާގައިގެ ދަތިކަމާއި އެހެނިހެން މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް، މީގެ ކުރިންވެސް ބޯކޮށް ވާރޭވެހޭ ދުވަސްވަރު އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި، ފަސިންޖަރުންނަށް ޓާމިނަލަށް ވަނުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ. އެހެންކަމުން، އަލަށް ތަރައްގީކުރާ ވަސީލަތްތަކަކީ މޫސުމީ ބަދަލުތަކަށް ތަހައްމަލުކުރެވޭ ފަދަ ތަންތަނަށް ހެދުމުގެ މުހިންމުކަން ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ފާހަގަކުރަމުންނެވެ.

comment ކޮމެންޓް