ކުށްތަކަށް ތައުބާވެ، ފާފަތަކާ ދުރުހެލިވުމަށް ވަރުގަދައަށް ޢަޒުމުކަނޑައަޅަންޖެހޭ: ޚުތުބާ

ހުކުރު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށްތަކަށް ތައުބާވެ ފާފަތަކާ ދުރުހެލިވުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅަން ޖެހޭކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ގިޔާމަތްދުވަހާއި މަހުޝަރުގެ މައިދާނަށް ތައްޔާރުވުމަށް ގޮވައިލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ، އެ ދުވަހުން މީސްތަކުންގެ ހާލު ހުންނާނެ ގޮތާއި ދުވަހުގެ ބިރުވެރިކަން ކިޔައިދީފައެވެ.

ހުކުރު ޚުތުބާގައި ވަނީ ގިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެއް ކަމަށާއި އެ ޒަލްޒަލާ ފެންނަ ދުވަހު ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، މީސްތަކުން މަސްތުވެފައިވާފަދައިން ތިއްބާ ފެންނާނެ ކަމަށް ބުނެފައެވެ.

އެގޮތުން ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިން ކަމަށާއި ނަމަވެސް މަހުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ ކަމަށާއި އެންމެ ގާތްމީހުން ވެސް ދާނީ ފިލަން ކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނެކަމެއް އެ ދުވަހުން ވެއެވެ. ހުކުރު ޚުތުބާ

ގިޔާމަތްވާ ދުވަހުން އުޑު އިރައިރައިގެންދާނެ ކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އެ ދުވަހުން އެކަލާނގެ ވަޢުދުފުޅު ފުރިހަމަވާނެކަމަށާއި އެ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހޭނެ ކަމަށް ބުނެފައެވެ. އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުންނާއި ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުންކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ކީރިތު ޤުރުއާނުގެ އާޔަތަކާ ހަވާލާދީ ޚުތުބާގައި ވަނީ އެ ދުވަހުން އަލިވެ ހިނިއައިސް، އުފާވެފައިވާ މޫނުތަކެއް ވާނެކަމަށާއި އަދި އެ މޫނުތަކެއްގެ މައްޗަށް ހިރަފުސްއަރާފައިވާ މޫނުތަކެއް ވެސް ވާނެ ކަމަށެވެ. އެ މޫނުތަކަށް ކަޅު އަނދިރިކަމެއް ވެރިވާނެ ކަމަށާއި އެއުރެންނީ ހަމަ ނުލަފާވެގެންވާ ކާފިރުން ކަމަށެވެ.

އެ އާޔަތްތަކުން ދޭހަވަނީ އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންނަށް އެ ނާމާން ބިރުވެރި ދުވަހުގައި ވެސް ބިރެއް ނެތްކަން ކަމަށާއި އަދި ކާފިރު ފާޖިރުންނަށް ހުރި ބިރުވެރިކަމުގެ ބޮޑުކަން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ ދުނިޔޭގައި މާތް ﷲއާއި އެކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި ޢަޒާބާ ކުރިމަތިލާނެ ކަމަށް ބުނެފައެވެ. އަދި އެ މީހުން ފިދާއެއް ދީގެން ވިޔަސް އެ ޢަޒާބުން މިންޖުވާން އެދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ހުކުރު ހުތުބާގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެއުރެން އެކަކު އަނެކަކަށް ފެންނާނެ ގޮތް މެދުވެރިކުރައްވާނެއެވެ. އެ ދުވަހު އަޒާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރީން ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެ ކަމަށް އެދޭނެތެވެ. އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ. އަދި، އޭނާއަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުން ވެސްމެއެވެ. އަދި، ބިމުގައިވާ އެންމެން ވެސްމެއެވެ. ދެން އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ. ހުކުރު ޚުތުބާ

މިއަދުގެ ޚުތުބާގައި ވަނީ އެ ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ކަމަށާއި އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރަން މަސައްކަތްކުރާނެ ކަމަށާއި ދޮގުހަދަން އުޅޭނެ ކަމަށާއި ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާގެ ގުނަވަންތައް އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނޭކަން ވަނީ ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ވަނީ އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެ ކަމަށާއި އޭނާ ކުޅަހާ ޢަމަލެއް ހިމެނިފައިވާ ފަތް އޭނާ ކިޔައި ބެލުމަށްޓަކައި ހާމަކުރެވޭނެ ކަމަށާއި އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެކަން ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ވަނީ އެ ދުވަހަށް ތައްޔާރުވެފައިވާ މީހާ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ނުއުރެދޭނެކަމަށާއި އޭނާ މާތް ﷲއާއި އެކަލާނގެ ރަސޫލާދެކެ ލޯބިވާނެ ކަމަށް ބުނެފައެވެ.

އެކަމުން މިސާލު ދައްކަވައި ޚުތުބާގައި ވަނީ ޤިޔާމަތްވާނީ ކޮންއިރަކުންތޯ މީހަކު ރަސޫލާއަށް ދެންނެވުމުން އެ ދުވަހަށް އޭނާ ތައްޔާރުކުރީ ކޮންއެއްޗެއްތޯ އެކަލޭގެފާނު އެއްސެވި ކަމަށް ބުނެފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ، އެ ދުވަހުން ތިބާ ވާހުށީ ތިބާ ލޯބިވާ މީހަކާ އެކުގައި ކަމަށެވެ.

ޚުތުބާގައި ވަނީ މިފަދަ ބަސްފުޅުތަކުން ޢިބުރަތް ހާސިލުކޮށް، މާތް ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާން ގޮވައިލައިފައެވެ. ކުށްތަކަށް ތައުބާވެ އެކަލާނގެ ފާފަފުއްސެވުމާއި ރަޙުމަތަށް އެދި އަތްތައް އުފުލުމަށާއި ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ވަރުގަދައަށް ޢަޒުމުކަނޑައަޅައި ދެން އެއަށް ފަހު މާތް ﷲގެ ރަޙުމަތުން މަޙުރޫމުކުރެވިފައިވާ ޝައިޠާނާގެ މަގަށް އެނބުރި ނުދިއުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކުރުމަށާއި ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލުމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޢަމަލުތަކުގެ އަޖުރު ފުރިހަމައަށް ލިބޭނޭ ދުވަހަކީ ޤިޔާމަތްދުވަސް ކަމަށާއި ނަޞީބުވެރިއަކީ އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން މަޙުޝަރުދުވަހަށް ބިރުވެތިވެ ކޮންމެ ނަފުސަކަށްމެ އެ ނަފުސެއް ކުޅަ ޢަމަލުތައް ހާމަކުރެވޭ ދުވަހަށާއި މާތް ﷲ އަށް ބިރުވެތިވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް