ފީފާގެ މުބާރާތްތައް ޕްރައިވަޓައިޒްކޮށް ކޮމާޝަލްކުރުމަށްޓަކައި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުމާއެކު އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކާލަން ނިންމި ޕްލޭނާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އާއި އޭގެ މެމްބަރު 55 ގައުމުން ތެދުވެއްޖެއެވެ.
ޔުއެފާއިން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލްޑް ކަޕަކީ ވަކި ބައެއްގެ މާލީ މަންފާއަށްޓަކައި ވިއްކާލެވޭނެ މުދަލެއް ނޫން ކަމަށާއި، ފީފާއިން މި ޕްލޭން އުވާނުލައިފިނަމަ ޔޫރަޕްގެ އެއްވެސް ގައުމީ ޓީމަކުން ފީފާގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވާނެ ކަމަށެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަ ސެފެރިން ވިދާޅުވީ، މިއީ އެތައް ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބިނާކޮށްފައިވާ ތަރިކައެއް ކަމަށާއި، އަލަށް ގެންނަން އުޅޭ މޮޑެލްއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް މޮޑެލްއެއް ނޫން ކަމަށެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން އުންމީދުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައިގެން ކުރިއަށްދާ މި ޑީލްގެ މައިގަނޑު ހިއްސާދާރަކަށް ހަމަޖައްސަން އުޅެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތުރައިވް ކެޕިޓަލް" އާއި މަޝްހޫރު ބޭންކު ޖޭޕީ މޯގަންއެވެ.
މިއީ އިންފަންޓީނޯއަށް ވެސް މަހަކު އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ލިބޭނެ ޑީލެއް ކަމަށް ތުހުމަތުކުރެވޭއިރު، ފީފާއިން ވަނީ މި ޕްރޮޕޯސަލް ފާސްކުރުމަށްޓަކައި ވޯޓުދޭ ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް 20 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމަށް ހުށަހަޅައި، ނިންމުން ނިންމުމަށް ސެޕްޓެމްބަރު 19 އާ ހަމައަށް 53 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހުށަހެޅުން ފާސްކުރުމަށް ފީފާގެ 211 މެމްބަރު ގައުމުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ބޭނުންވާއިރު، ޔުއެފާއިން ވަނީ ފީފާގެ މި ނިންމުމަކީ މާލީ ނަފާއަށްޓަކައި ބިރުދައްކައިގެން ގޭމް ކޮންޓްރޯލްކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި ކޮންކާކަފް، އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އަދި އެފްރިކާގެ ފުޓްބޯޅަ އިދާރާ (ސީއޭއެފް) އިންވެސް ވަނީ މެމްބަރުންނާ ފުރިހަމައަށް މަޝްވަރާކުރުމެއް ނެތި ސިއްރިއްޔާތުގައި މިފަދަ ބޮޑު ނިންމުމެއް ނިންމަން އުޅޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާވެސް ވަނީ އިންފަންޓީނޯގެ މި ނިންމެވުމަށް ފާޑުވިދާޅުވެފައެވެ. މި މައްސަލައިގެ ސަބަބުން، 2030 ވަނަ އަހަރު ސްޕެއިން އާއި ޕޯޗުގަލް ހިމެނޭހެން ބާއްވަން ތައްޔާރުވާ ވޯލްޑް ކަޕާއެކު ދުނިޔޭގެ ފުޓްބޯޅައިގެ މުސްތަގުބަލާމެދު މިހާރު ވަނީ ބޮޑު ސުވާލުމާކެއް އުފެދިފައެވެ.