ޕީއެންއެފުން ދައުލަތުގެ އެންމެ ލާރިއެއް ވެސް ބޭނުންނުކުރޭ، ނުވެސް ކުރާނެ: ޔާމީން

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ޕީއެންއެފުން ދައުލަތުގެ އެންމެ ލާރިއެއް ވެސް ބޭނުންނުކުރާ ކަމަށް ޔާމީން ވިދާޅުވި -- ސަން ފޮޓޯ: މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ޕީއެންއެފުން ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންނުކުރާ ކަމަށާއި، ޕާޓީން ކުރިއަށްދާނީ ވެސް އެގޮތަށް ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދު އިތުރުވެގެން ނުވަތަ އެ ޕާޓީތަކަށް ފައިސާ ލިބުމުން ޕީއެންއެފުން ކަންބޮޑުވެގެން ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕީއެންއެފް އުފެދުނުއިރުން ފެށިގެން މިހާތަނަށް ދައުލަތުގެ އެންމެ ލާރި ފޮއްޗެއް ވެސް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެ ޕާޓީ ހިންގަނީ ދައުލަތުން ލާރި ލިބޭނެ ކަމުގެ އުއްމީދުގައި ނޫން ކަމަށެވެ.

ޕީއެންއެފުން މިދިޔަ އަހަރު ބޭއްވި ގައުމީ ޖަލްސާގެ ތެރެއިން --- ފޮޓޯ: ޕީއެންއެފް

ޔާމީން ވަނީ، ދައުލަތުން މީޑިއާތަކާއި ޕާޓީތަކަށް ފައިސާ ދޭކަން ފާހަގަކުރައްވައި، ދައުލަތް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަނީ ޕީއެންއެފާއި އެ ޕާޓީގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ކަވަރު ކުރާ ޗެނަލް 13 ކަމަށް ވިދާޅުވެފައެވެ.

"..ދައުލަތާއި ރައްޔިތުންގެ މަސްލަހަތުގައި، މައްސަލަތައް ކަރަންޓު އިޝޫސްތައް ގެނެސްދީ އޭގެ ރަނގަޅު ގޮތް، ހަގީގަތް އޮތް ގޮތް ކިޔައިދޭ ޕާޓީއަކަށް، އެއީ ރެސްޕޮންސިބުލް ޖާނަލިޒަމް އެކަން ކުރި ބަޔަކީ ޕީއެންއެފާއި ޗެނަލް 13،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއަށްފަހު ޔާމީން ވަނީ، މި ސަރުކާރުން މީޑިއާތަކަށް ފައިސާ ދޫކުރަން ފެށިއިރު، ފުރަތަމަ ފައިސާ ދޫކުރި މީޑިއާތަކުގެ ތެރޭގައި ޗެނަލް 13 ނުހިމެނޭކަން ފާހަގަކުރައްވައިފައެވެ. އަދި ސަރުކާރުން ފައިސާ ދެނީ ސަރުކާރުން އަޑު އަހަން ބޭނުންވާ ވާހަކަތައް ދައްކާ މީޑިއާތަކަށް ކަމަށް ތުހުމަތު ކުރައްވައި އެ މަނިކުފާނު ވަނީ، ޗެނަލް 13އަށް ފައިސާ ނުދިނީ ސަރުކާރަށް "އަޑު އަހަން ނުކެރޭ" ވާހަކަ ދައްކާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެހެންވީމަ މި ޕާޓީގެ ވިސްނުމެއް ވެސް ނެތް، ދައުލަތުން ލިބޭ ފައިސާއިން މި ޕާޓީ ހިންގާކަށް، އިރާދަކުރެއްވިއްޔާ މި ޕާޓީ މިހާތަނަށް ހިންގީ، ދެންވެސް ހިނގާނީ ހަމަ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ފަރާތްތަކުން، މި ޕާޓީ ހިންގަން އެހީތެރިވާ ފަރާތްތައް [ދޭ ފައިސާއިން]
ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވީ، ދައުލަތުން ފައިސާ ނުލިބުނަސް، ދައުލަތް އެންމެ ބޮޑަށް ޖަވާބުދާރީ ކުރުވާ ޕާޓީއަކީ ޕީއެންއެފް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިލެކްޝަން ކޮމިޝަން (އީސީ)ން ވަނީ މި އަހަރު ދައުލަތުން ފައިސާ ލިބޭނީ ހަތަރު ޕާޓީއަކަށް ކަން އިއުލާންކޮށްފައެވެ. އެއީ 10،000 މެމްބަރުން ހަމަވި ހަތަރު ޕާޓީ ކަމަށްވާ، ޕީއެންސީއާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

އީސީގެ ދަފުތަރުން ދައްކާ ގޮތުގައި ޕީއެންސީގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ތިބީ 3،137 މެންބަރުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ތާއިދާއެކު ކަމަށްވާއިރު، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވެ ދެ ބޭފުޅުންގެ މެދުގައި ވަނީ ގުޅުން ގޯސްވެފައެވެ. އެއަށްފަހު ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގެން، ޕީއެންއެފް އުފެއްދެވީއެވެ. އެ ޕާޓީ ރެޖިސްޓާކޮށްފައިވަނީ އޭޕްރިލް 5، 2024ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު