ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު ހިނގައިދިޔަ އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ހާދިސާތަކާއި މުބާރާތުގެ ތެރޭގައި ހިންގާފައިވާ އެހެނިހެން ގަވާއިދާ ޚިލާފު އަމަލުތަކާ ގުޅިގެން، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އާއި ދެ ގައުމެއްގެ ކުޅުންތެރިންނަށް ފިޔަވަޅު އަޅަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.
މި މައްސަލަ ބެލުމަށް ހާއްސަ ޕްރޮސިކިއުޓަރެއް ފީފާއިން ވަނީ އައްޔަނުކޮށްފައެވެ. ފީފާއިން ބަލާ މައްސަލަތަކުގެ ތެރޭގައި ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ގުޅިގެން ދަނޑުމަތީގައި ހިންގި މާރާމާރީގެ މައްސަލަ ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ފީފާއިން ފިޔަވަޅު އަޅަން ތަހުގީގުކުރާ ފަރާތްތަކުގެ ތެރޭގައި އާޖެންޓީނާގެ ނަހުއެލް މޮލީނާއާއި، ލެއަންޑްރޯ ޕަރެޑޭސް، ތިއާގޯ އަލްމާޑާ، އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ އާއި ސްޕެއިންގެ މިޑްފީލްޑަރު ގަވީ ހިމެނެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން--
މި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 14 ވަނަ މާއްދާގެ (މާރާމާރީއާ ގުޅޭ މާއްދާ) ގެ ދަށުންނެވެ. މީގެ ތެރެއިން މޮލީނާއަށް ކުޅިވަރުގެ ރޫހާ ޚިލާފު ކަންކަން ހިންގުމުގެ ސަބަބުން ވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.
ފީފާގެ ގަވާއިދުގައިވާ ގޮތުން، ކުޅިވަރުގެ ރޫޙާ ޚިލާފު އަމަލެއް ހިންގައިފި ނަމަ އެންމެ ދަށްވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. އަދި މާރާމާރީގެ ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް ދިނުމުގެ އިޚްތިޔާރު ފީފާއަށް ލިބިގެންވެއެވެ.
ވަކިވަކި ކުޅުންތެރިންގެ އިތުރުން، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނާ (އޭއެފްއޭ) ދެކޮޅަށް ވެސް މުބާރާތުގެ ތަފާތު މެޗުތަކުގައި ހިނގާފައިވާ ގިނަ މައްސަލަތަކެއް ބެލުމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
އެގޮތުން، ކުޅިވަރާ ނުގުޅޭ ސިޔާސީ މެސެޖުތައް ބޭނުންކުރުމުގެ މައްސަލައާއި (13 ވަނަ މާއްދާ)، ޓީމުގެ ނުރަނގަޅު ސުލޫކުގެ މައްސަލައާއި (14 ވަނަ މާއްދާ)، ނަސްލީ ތަފާތުކުރުމާއި އިހާނެތި ބަސްތައް ބޭނުންކުރުމުގެ މައްސަލައާއި (15 ވަނަ މާއްދާ)، އަދި މެޗުގެ ސެކިއުރިޓީއާއި ނިޒާމު ބެލެހެއްޓުމުގެ ގަވާއިދުތަކާ ޚިލާފުވުމުގެ މައްސަލަ (17 ވަނަ މާއްދާ) ހިމެނެއެވެ.
އާޖެންޓީނާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން އާޖެންޓީނާ މޮޅުވުމަށްފަހު، އެގައުމުގެ ކުޅުންތެރިން ދަނޑުމަތީގައި (ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއް) ލިޔެފައިވާ ސިޔާސީ ބެނާއެއް ނަގައިގެން އުފާފާޅުކުރި މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން، ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަސްލީ ތަފާތުކުރުމާ ގުޅޭ ލަވަތަކާއި އިޝާރާތްތަކުގެ މައްސަލައާއި، މެޗު ފެށުން ލަސްވުމުގެ މައްސަލައާއި، ސަޕޯޓަރުންނާއި ކުޅުންތެރިން އެކަށީގެންނުވާ މެސެޖުތައް އާންމުކުރުމުގެ މައްސަލައިގެ އިތުރުން ސަޕޯޓަރުން ދަނޑުތެރެއަށް ތަކެތި އުކި މައްސަލަތައް ވެސް ފީފާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.