ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026 ގެ ފެށުން މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)، ކުލަބު ވެލިގާ، އެންމެ ފަހުގެ ރަނަރަޕް ކުލަބު ހޯކްސް އަދި މާކޯ ރެކްރިއޭޝަން ކުލަބުން ރަނގަޅުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ސެކްޓަރ ލީގުގައި 20 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ފަސް ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އަތުން އެމްއޭޑަބްލިއުސީ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެމްއޭޑަބްލިއުސީއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަހުސަމެވެ.

ކުލަބު މޯލްޑިވްސް ސެކްޓާ ލީގުގެ ފުރަތަމަ ދުވަހު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މި ގްރޫޕުގެ އަނެއް މެޗުން ވެލިގާއިން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބިއޮންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ވެލިގާގެ އަޙްމަދު ލައިތު އައްބާސް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަޙްމަދު ޝަޒީމް އަދި ނައްވާފު އަބްދުالله ނަޝީދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ވެލިގާގެ އަނެއް ލަނޑު މި މެޗުގައި ކާމިޔާބުކޮށްދިނީ ހަސަން މުއާޒެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ހޯކްސްއިން ވަނީ 4-0 ގެ ނަތީޖާއަކުން ކުލަބު ލޯކަލްޗަރ ބަލިކޮށްފައެވެ. މި މެޗުގައި ހޯކްސްގެ އަޙްމަދު އައިހަމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ނަދާދު އަދި މުޙައްމަދު ނާއިމެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ރޭ މާކޯއިން ވަނީ 4-1 ގެ ނަތީޖާއަކުން ކުލަބު ހެޕީ މާކެޓް ބަލިކޮށްފައެވެ. މި މެޗުގައި މާކޯގެ އުކާޝް އަލީ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޔޫހު ނަސީރު އަދި މުޙައްމަދު އިޔާދު އަލީއެވެ. އަދި ހެޕީ މާކެޓުގެ ހަމައެކަނި ލަނޑަކީ މާކޯގެ އަބްދުލް ރަހުމާން ޝައްފާފު ޝާހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މުބާރާތުގެ ހަ މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފުރަތަމަ ރޭގަނޑު 20:10 ގައި ބައްދަލުކުރާނީ ކުލަބު އެސްބީއައި އާއި ލިއޯ އެފްސީގެ އިތުރުން އެރީނާ ހޮޓެލް އާއި ސިލްވަރސޭންޑްސް އެވެ.
މީގެއިތުރުން، ރޭގަނޑު 21:25 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ބަރޮސް މޯލްޑިވްސް އާއި ކުލަބު އެޕޯލޯ ބައްދަލުކުރާ މެޗުގެ އިތުރުން ޔޫރޯ އާރްސީ އާއި އާރްއޯއެލްގެ މެޗެވެ. އަދި ރޭގަނޑު 22:45 ގައި ކުޅެވޭ މެޗުތަކުގައި ކުލަބު އާރްސީސީ އާއި ޓީމު ވިލާ ވާދަކުރާއިރު، މެޑްޓެކް ނުކުންނާނީ މީޑިއާނެޓާ ދެކޮޅަށެވެ.