ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ސީޒަނުގެ އެންމެ ފަހު މުބާރާތް ކަމަށްވާ "ސެކްޓާ ލީގު" މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ ސީޒަނުގައި ހިމެނޭ ހަތް މުބާރާތުގެ ތެރެއިން ކިޑްސަލް، ކިންގްސް ކަޕް، އެއިޓީން ތާޓީ، އެއިޓީން ތާޓީ ކްލަސިކް، ކްލަބް މޯލްޑިވްސް ކްލަސިކް އަދި ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ފަށާ މި މުބާރާތުގައި، މިފަހަރު މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ފެނިގެންދާނެއެވެ.
އެހެންކަމުން މިއީ މި ސީޒަނުގައި ފެންނާނެ އެންމެ ފޯރިގަދަ އަދި ވާދަވެރި އެއް މުބާރާތަށް ވެގެންދާނެއެވެ.
މުބާރާތުގެ ފުރަތަމަ ރޭ ކުޅޭ ފޯރިގަދަ މެޗުތަކުގެ ތެރެއިން ރޭގަނޑު 8:15 ގައި ފަށާނީ ހޯކްސް އާއި ކްލަބް ލޯކަލްޗާ ބައްދަލުކުރާ މެޗާއި، މިބްސާ އާއި އެމްއޭޑަބްލިއުސީ ވާދަކުރާ މެޗެވެ.
އަދި ރޭގަނޑު 9:45 ގައި ކްލަބް ވެލިގާ އާއި ބިޔޯންޑް ބައްދަލުކުރާއިރު، އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ނުކުންނާނީ ހެޕީ މާކެޓާއި މާކޯ ރެކްރިއޭޝަން ކްލަބެވެ.
ސެކްޓާ ލީގަކީ އަމިއްލަ ކުންފުނިތަކާއި ތަފާތު ސެކްޓަރުތަކަށް ޚާއްސަކޮށްގެން ކްލަބް މޯލްޑިވްސް އިން 2025 ވަނަ އަހަރު އަލަށް ތައާރަފްކުރި މުބާރާތެކެވެ. މިއީ ކޯޕަރޭޓް ދާއިރާގައި ފުޓްސަލްގެ ރޫޙު އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ފެށި މުބާރާތެކެވެ.
މުބާރާތުގައި މިދިޔަ އަހަރު 15 ޓީމަކުން ވާދަކުރިއިރު, ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ހޯކްސް ބަލިކުރި މާފުށީ އެރީނާ ހޮޓެލްސް އިންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ދެން ކުޅުނީ އާރްސީސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އެވެ.
ފުރަތަމަ އަހަރު މުބާރާތް ކުރިއަށްގެންދިޔައީ ފަސް ޓީމު ހިމެނޭ ތިން ގްރޫޕަކަށް ބަހާލައިގެން ކަމަށްވީ ނަމަވެސް، މިއަހަރު މުބާރާތަށް ލިބުނު ބޮޑު ތަރުހީބާއެކު ވާދަކުރާ ޓީމުގެ އަދަދު ވަނީ 20 އަށް އިތުރުވެފައެވެ. އެއާއެކު މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ހަތަރު ޓީމު ހިމެނޭ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ.