ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ އިދާރާގެ ބައެއް ހިއްސާތައް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ރާވަމުންދާ ރޭވުންތަކާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕް ބޯއިކޮޓްކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ
ފީފާއިން އަމިއްލަ އިންވެސްޓަރުންގެ އެހީގައި އާ ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އަށް ނިސްބަތްވާ ގައުމުތަކުން މި ހަފުތާގައި ކުއްލި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިންފަންޓީނޯ އަމާޒު ހިފާފައިވަނީ 20 ބިލިއަން ޑޮލަރުގެ އަގުހުރި "ފީފާ ފޯވާޑް އެންޓަޕްރައިޒް" ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް 4.2 ބިލިއަން ޑޮލަރަށް އެ ކުންފުނީގެ 20 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް ވިއްކާލުމަށް ވަނީ ރޭވިފައެވެ.
މިކަމާ ގުޅިގެން ޔުއެފާއިން ވަނީ ވަރުގަދަ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ ފުޓްބޯޅައިގެ ހިންގުމަކީ ވިއްކާލެވޭނެ އެސެޓެއް ނޫން ކަމަށް ބުނެފައެވެ. ފީފާއިން ބުނާ ގޮތުގައި މި ހިއްސާ ވިއްކާލައިގެން ލިބޭ ފައިސާ ބޭނުންކުރާނީ މެންބަރު އެސޯސިއޭޝަންތަކަށް ދޭ އެހީ 2027 އިން 2030 އަށް 8 މިލިއަން ޑޮލަރުން 20 މިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ.
ނަމަވެސް، މި މަޝްރޫއުގެ މައި އިންވެސްޓަރު "ތްރައިވް އެޓާނަލް" ގެ ސީއީއޯ ޖޯޝް ކުޝްނާއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ހަރަކާތްތެރިވާ ޖެރެޑް ކުޝްނާގެ ބޭބެ ކަމަށްވުމުން، މިއީ ސިޔާސީ މަންފާއަށް ކުރާ ކަމެއްގެ ތުހުމަތު ވަނީ އުފެދިފައެވެ.
ޔޫރަޕްގެ ގައުމުތަކުން މީގެ ކުރިން 2021 ވަނަ އަހަރުވެސް ވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމަށް ފީފާއިން ކުރި މަސައްކަތް ބޮއިކޮޓްކުރުމުގެ އިންޒާރާއެކު ހުއްޓުވާފައިކަމުން، މިއީ ފީފާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.