އައިފޯނާއި މެކް ފަދަ އެޕަލްގެ އުފެއްދުންތަކުގެ އަގުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އެ ތަކެތި އެއްކޮށް ގަތުމުގެ ބަދަލުގައި މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުއްޔަށް ނެގޭނެ ޚާއްޞަ ޕްރޮގްރާމެއް އެޕަލް ކުންފުނިން ތަޢާރަފުކޮށްފިއެވެ.
ޕޭމަންޓް ޕްލެޓްފޯމް ކްލާނާއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އެމެރިކާގައި ފަށާފައިވާއިރު، އެޕަލްގެ ރީޓޭލް ފިހާރަތަކުންނާއި އޮންލައިންކޮށް އަދި އެޕަލް ސްޓޯރު އެޕް މެދުވެރިކޮށްވެސް މި ޚިދުމަތް ލިބޭނެއެވެ. މީގެތެރެއިން އައިފޯނާއި އެޕަލް ވޮޗް 12 މަސް ނުވަތަ 24 މަސްދުވަހުގެ މުއްދަތަކަށް ކުއްޔަށް ނެގޭއިރު، މެކް އަދި އައިޕެޑް ކުއްޔަށް ނެގޭނީ 24 މަސް ނުވަތަ 36 މަސްދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމުގެ ދަށުން ކުއްޔަށް ނެގޭ ތަކެތީގެ ތެރޭގައި އައިފޯން 17 ލައިނަޕާއި، އައިފޯން އެއާ، އެޕަލް ވޮޗް ސީރީޒް 11، އެޕަލް ވޮޗް އަލްޓްރާ 3، މެކްބުކް އެއާ، މެކްބުކް ޕްރޯ، އައިމެކް، މެކް ސްޓޫޑިއޯ، އައިޕެޑް އެއާ، އައިޕެޑް ޕްރޯ އަދި އައިޕެޑް މިނީ ހިމެނެއެވެ. ނަމަވެސް އެޕަލްގެ އަގުހެޔޮ އުފެއްދުންތައް ކަމަށްވާ އައިފޯން 16، މެކްބުކް ނިއޯ، ބޭސް އައިޕެޑް އަދި އެޕަލް ވޮޗް އެސްއީ މި ޕްރޮގްރާމުގައި ނުހިމެނެއެވެ.
މި އައު ޕްލޭނަކީ ކުރިން ބޭނުންކުރަމުން އައި "އައިފޯން އަޕްގްރޭޑް ޕްރޮގްރާމް" ގެ ބަދަލުގައި ތަޢާރަފުކުރި ޕްރޮގްރާމެކެވެ. މީގެ ކުރިން އޮތް ޕްރޮގްރާމުގައި 12 މަހު ފައިސާ ދެއްކުމަށްފަހު އައިފޯން ބަދަލުކުރެވުނު ނަމަވެސް، އައު ޕްލޭނުގެ ސަބަބުން އެޕަލްގެ ގިނަ އުފެއްދުންތަކެއް ކުޑަ މަހު ފީއެއްގައި ލިބި، ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
މާކެޓް ރިސާޗް ފާމް އިންޓަރނޭޝަނަލް ޑޭޓާ ކޯޕަރޭޝަންގެ އެނަލިސްޓުން ބުނާ ގޮތުގައި، މި ޕްރޮގްރާމުގެ ސަބަބުން ކަސްޓަމަރުން އައިފޯން ނުވަތަ މެކް ބައްލަވައިގަތުމަކީ ބޮޑު ޚަރަދެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ސަބްސްކްރިޕްޝަން ޚިދުމަތެއްގެ ގޮތުގައި ދެކެން ފަށާނެއެވެ. ޚާއްޞަކޮށް ޗިޕްތަކާއި މެމޯރީގެ އަގުތައް ބޮޑުވުމުގެ ސަބަބުން އިލެކްޓްރޯނިކްސްގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
އެޕަލް ކުންފުނިން ކުއްޔަށްދޫކުރާ އައު ޕްރޮގްރާމެއް ތަޢާރަފުކުރަން ނިންމާފައި މިވަނީ، މައިކްރޯޗިޕްތަކާއި މެމޯރީގެ އަގުތައް އުފުލުމުގެ ސަބަބުން އިލެކްޓްރޯނިކްސް ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އެ ކުންފުނީގެ އެންމެ އަގުބޮޑު ފޯނު ކަމަށްވާ ފޯލްޑަބަލް އައިފޯނު މާކެޓަށް ނެރުމުގެ ކުރިން، ގަންނަންލިބޭ ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން ކަސްޓަމަރުން އުފެއްދުންތައް އާކުރުން މަދުކުރުމުގެ ފުރުޞަތު އޮތުމުން، އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އާންމުކޮށް ކަސްޓަމަރުން މިހާރު ފޯނެއް ބޭނުންކުރާ މުއްދަތު 22 މަސްދުވަހަށް އިތުރުވެފައިވާއިރު، މި ޕްރޮގްރާމުގެ ސަބަބުން ކަސްޓަމަރުން އައިފޯނާއި މެކް ބައްލަވައިގަތުން ބޮޑު ޚަރަދެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި މަހުން މަހަށް ދައްކާ ސަބްސްކްރިޕްޝަން ޚިދުމަތެއްގެ ގޮތުގައި ދެކެން ފަށާނެ ކަމަށް މާކެޓް އެނަލިސްޓުން ލަފާކުރެއެވެ.