ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިންނަށް ޖުމްލަ 12 ޤައުމީ ރިކޯޑެއް

ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ދިވެހި ފެތުންތެރިން-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ސްވިމިންގ ހުރިހާ އިވެންޓެއް ނިމިފައިވާއިރު، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ ފެތުންތެރިން ޖުމްލަ 12 ޤައުމީ ރިކޯޑެއް އައުކޮށްފިއެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ސްވިމިންއިން ވާދަކުރާ އެތުލީޓުންނަކީ އަމްނާ ތަޒްކިޔާ މިރުސާދު، މިރާލް އައިން ލަތީފް، މުޙައްމަދު ރިހާން ޝިހާމް، ލޫތު މުޙައްމަދު ހުސައިން އަދި މުޙައްމަދު އާން ހުސައިނެވެ.

ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމްލަ 8 ޤައުމީ ރިކޯޑެއް އައުކޮށްފައެވެ. އަދި އިއްޔެ އައުކުރި ހަތަރު ޤައުމީ ރިކޯޑާއެކު ޖުމްލަ 12 ޤައުމީ ރިކޯޑު ހަމަވީއެވެ.

ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ ރިކޯޑު ރިހާން ވަނީ އައުކޮށްފައެވެ. އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑު ތަޒްކިޔާ އައުކުރިއިރު، ހަތަރެއް ގުނަ 100 މީޓަރުގެ މިކްސްޑް މެޑްލީ ރިލޭ އިވެންޓުގެ ޤައުމީ ރިކޯޑު ވަނީ އައުކޮށްފައެވެ.

ރިލޭ ޓީމުގައި ހިމެނެނީ ތަޒްކިޔާ، ލޫތު، ރިހާން އަދި މިރާލެވެ. މި ރިލޭގެ ފުރަތަމަ ލެގުގައި ފަތައިގެން، ތަޒްކިޔާ ވަނީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑު އައުކޮށްފައެވެ.

ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރިކޯޑު އައުކުރީ 5 މިނެޓު 9.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރިހާން މި ރިކޯޑު ހޯލްޑުކުރީ މި އަހަރުގެ ބަހްރެއިން އަކުއަޓިކްސް ކަޕުގައި 5 މިނެޓު 11.03 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ރިލޭ އިވެންޓުގައި ވާދަކުރި ތަޒްކިޔާ، ލޫތު، ރިހާން އަދި މިރާލް، ޤައުމީ ރިކޯޑު އައުކުރި ޓައިމިންއަކީ 4 މިނެޓު 31.16 ސިކުންތުންނެވެ. މީގެކުރިން 22 ވަނަ ވޯލްޑް އަކުއަޓިކްސް ޗެމްޕިއަންޝިޕުގައި ތަޒްކިޔާ، އާން، ރިހާން އަދި މިރާލް މި އިވެންޓް ނިންމި ޓައިމިންއަކީ 4 މިނެޓު 40.23 ސިކުންތުންނެވެ.

ތަޒްކިޔާ ވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި 27.99 ސިކުންތުން ރޭސް ނިންމައި، ޤައުމީ ރިކޯޑު އައުކޮށްފައެވެ. މީގެ ކުރިން އޭއޯއެސްއައި މުބާރާތުގައި ތަޒްކިޔާ އެ ރިކޯޑު ހަދާފައި އޮތް ޓައިމިންއަކީ 28.49 ސިކުންތުންނެވެ.

މިކްސްޑް ރިލޭ އިވެންޓުގެ ފުރަތަމަ ލެގުގައި ފަތައި ތަޒްކިޔާ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރިކޯޑު ހެދި ޓައިމިންއަކީ 1 މިނެޓު 11.26 ސިކުންތުންނެވެ. މީގެ ކުރިން 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި މި އިވެންޓުގައި ވާދަކޮށް ތަޒްކިޔާ ރިކޯޑު ހެދި ޓައިމިންއަކީ 1 މިނެޓު 13.49 ސިކުންތެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން މީގެ ކުރިން އައުކުރި ރިކޯޑުތަކަކީ އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި މިރާލް ހެދި ރިކޯޑާއި، ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރި މިކްސް ރިލޭ ޓީމުގެ ރިކޯޑާއި، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އާން ހެދި ރިކޯޑާއި، 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ލޫތު ހެދި ރިކޯޑުތަކާއި، 100 މީޓަރު ފްރީސްޓައިލް އިވެންޓާއި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ތަޒްކިޔާ ހެދި ރިކޯޑުތަކުގެ އިތުރުން، 200 މީޓަރު ބަޓަފްލައި އިވެންޓުގައި ރިހާން ހެދި ޤައުމީ ރިކޯޑެވެ.

އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައެވެ.

މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު