އިޤުރާރުވީމޭ ލޯބިން - 53

އިޤުރާރުވީމޭ ލޯބިން -

އައިރާ ވެސް އެ ގޮތާ ޤަބޫލުވިއެވެ. ޒަހްރާން އޭނާގެ ވިސްނުން ހާމަކުރުމުން، ޒަހްރާނާ މެދު އޭނާގެ ހިތުގައި އޮތް ލޯބި އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނާއާ މެދު އެހާ ބޮޑަށް ވިސްނާ ފިރިއަކު ލިބުނުކަމީ މިއަދު އޭނާ، ﷲ އަށް، ޝުކުރުވެރިވާކަމެކެވެ.

އެ ދެމަފިރިންގެ އުވާފެރިކަމާއި، ލޯބީގެ މާ ބަގީޗާގައި ފޮޅެމުންދިޔަ މާމެލާމެލީގެ މީރުވަސް ވަނީ މުޅި ޙަޔާތަށް ފެތުރިފައެވެ. ލޯބީގެ ފުންކަމާއި، އެ ޖަޒުބާތުތަކުން ލިބިދޭ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމަފިރިން ވެސް ދިޔައީ، ޙާސިލްކުރަމުންނެވެ. މިހާރު އުންމީދަކީ، ޢާއިލާ ފުރިހަމަކުރުމެވެ. އުންމީދުކުރެވެނީ އެ ދެމަފިންގެ ޙަޔާތް އުޖާލާކުރުމަށްޓަކައި ލޯބިލޯބި ދަރިއަކު އުފަންވާނެ ދުވަހަކަށެވެ.

*****

ޒަހްރާންއާ އައިރާ އާ ދެމީހުން ވެސް ދަރިއަކު ހޯދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި، ޑޮކްޓަރަށް ދެއްކިއެވެ. އޭގެ އިތުރުން ހަދަންޖެހޭ ޓެސްޓުތައް ހެދިއެވެ. މީގެ ކުރިން ބައިގެން ދިޔަ ނަމަވެސް، މާބަނޑުނުވެވޭ ފަދަ އެއްވެސް މައްސަލައެއް ނެތްކަމުގައި ޑޮކްޓަރު ފާހަގަކުރީ ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ ވެސް ރަނގަޅަށް އައުމުންނެވެ. ބޭހެއް ލިޔެލަ ދިނުމަށްފަހު، ކޮންމެ ދުވަހަކު ގަވައިދުން އެ ބޭސް ބޭނުންކުރުމަށް ޑޮކްޓަރު އިރުޝާދުދިނެވެ.

އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން އޮފީހުގައި ބުރަ ދުވަހެކެވެ. ޒަހްރާންއާއި އަޔާޝްއާ ދެމީހުން ތިބީ އަޔާޝްގެ ކެބިންގައެވެ.

"ދޮންބޭ! މިގޮތަކަށް ކަންތަކެއްނުކުރެވޭނެ އެއްނު. މިހެން އެކްޓެންޝަން ދެންޏާ ދޭހާ ވާނީ. އަހަންނަށް ފެންނަނީ އެކިއެކައްޗަކަށް ހުރިހާ އެގްރީމެންޓުތަކެއް ބާތިލްކުރަން." ޒަހްރާންގެ އަޑުން ސީރިއަސްކަން ފާޅުވަމުން ދިޔައެވެ.

"ހޫމް. އެންމެ ރަނގަޅު. ރެންއަށް ތީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނަންޏާ ދޮންބެގެ މައްސަލައެއް ނެތް." އަޔާޝް ބުނެލިއެވެ.

"އަނެއްކާ ބައްޕައާ މި ވާހަކަ ހިއްސާކުރަންޖެހޭނެތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ.

"އުހުމް. ބައްޕަ އޮތީ އަހަރެމެންގެ އަތްމައްޗަށް މިކަންތައް ދޫކޮށްލާފައެއްނު. އެހެންވީމަ އޯކޭވާނެ ނުބުންޏަސް." އަޔާޝް ބުނެލިއެވެ.

"އަސްލު ރިހާމްއަކީ އައިރާގެ އެކްސް ވީމައެއް ނޫން..... ޕަރސަނަލް ކަންތައްތައް އެއްފަރާތްކޮށްފަ ފެއަރކޮށް ކަންތައް ކުރަން ވަރަށް މަސައްކަތްކުރިން. އެކަމަކު ދެނެއް ނުވާނެ." ޒަހްރާން ބުންޏެވެ.

"އަންޑަރސްޓޭންޑް ވެޔޭ. ދޮންބެ ތިކަމާ އެއްޗެއް ނުބުނަމެއްނު. އޯކޭވާނެ. ޑޯންޓް ވޮރީ." އަޔާޝް ބުނެލިއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ.

ދެމީހުން އެ ފަދަ ވާހަކަތަކެއްގައި ތިއްބެވެ. ދެން ދެކެވެން ފެށުނީ ޢާއިލާގެ ބައެއް ވާހަކަތަކެވެ.

އޮފީސް ނިންމާފައި، ޒަހްރާން ގެއަށް ދިޔައިރު ވެސް އަޔާޝްއެއް ނުދެއެވެ. އޭނާ ކުޑަކަމަކު މަޑުކުރަން ޖެހުނީއެވެ. ކާރު ޕާކުކޮށްލާފައި، ގޮސް ގޭގެ މައި ދޮރުން ޒަހްރާން އެތެރެއަށް ވަތްއިރު އީލާފް ގެއިން ނުކުންނަންވެގެން އައެވެ. އޭރު އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވައިލައިފައި އޮތެވެ. ފޯނުން މެސެޖުލިޔަމުން ގެއިން ނުކުންނަން ދިޔައިރު، އޭނާގެ ހުރިހާ ސަމާލުކަމެއް ވެސް ހުއްޓިފައި ހުރީ، ފޯނުގެ ސްކްރީނަށެވެ.

"ކޮންތާކަށް ތި ދަނީ؟" ޒަހްރާންގެ އަޑަށް އީލާފް ސިހިފައި ބަލައިލިއެވެ.

"ކްލާހަށް." އީލާފް ބުންޏެވެ.

ބޭރަށް ކިޔަވަން ދިޔުމުގެ ބަދަލުގައި، އީލާފް ނިންމީ ރާއްޖޭން ޑިގްރީ ހަދާށެވެ.

"ލައިދޭންދާން ވީ ދޯ." ޒަހްރާން ސުވާލުކޮށްލިއެވެ.

"ނޫނޭ. ޑްރައިވަރާ އެކީ ދާނީ. ދޭބަ ކުޑަބެދައްތަ ކައިރިއަށް. ބަލިވެޔޭ އުޅެނީ." އީލާފް އެހެން ބުނެލުމާ އެކު، ގޮސް ނުކުމެއްޖެއެވެ. ޒަހްރާންއަށް ހައިރާންކަން ލިބުނެވެ. ގައިމު އޭނާ އޮފީހަށް ދިޔައިރު އައިރާ ރަނގަޅެވެ. އަނެއްކާ ވީ ކީއްހެއްޔެވެ؟ އޭނާއަށް ގުޅާފައި އައިރާ އެކަހަލަ ވާހަކައެއް ވެސް ނުބުނެއެވެ. ސިޑިއާ ދިމާލަށް ބާރު ފިޔަވަޅުތަކެއް އަޅައިލިތަނާ ޒަހްރާންގެ ކަންފަތުގައި ބަސްމާގެ އަޑު ޖެހުނެވެ. ޒަހްރާން އެނބުރުނެވެ. ބަސްމާ ވެސް ކާކޮޓަރިން ނުކުމެގެން އޭރު އެ ދިމާލަށް އަންނަނީއެވެ. އޭރު އޭނާގެ އަތުގައި ސޫޕްތައްޓެއް ހުއްޓެވެ.

"އައިރާ ވަރަށް ގިނައިން ހޮޑުލައިފި... މަންމަ ބުނިން ހޮސްޕިޓަލަށް ދާން ވެސް. އެކަމަކު ރެން އައިމަ ދާންނޭ ކިޔާފަ އެ އޮތީ. ރެންއަށް ގުޅަން ބުނީމަ ބުނި އާއެކޭ. ނުގުޅާ ދޯ..." އެއްފަހަރާ އެތަކެއް ވާހަކައެއް، ބަސްމާ ދެއްކިއެވެ. އޭނާގެ އަޑުން ކަންބޮޑުވުން ފާޅުވެއެވެ. "މަންމައަށް ފެންނަނީ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާން."

"ގެނޭ އަޅުގަނޑު އަތަށް." ބަސްމާ އޭނާގެ އަތަށް ސޫޕްތަށި ދިނުމުން، ޒަހްރާން ސިޑިން މައްޗަށް އެރުމަށް ހިނގައިގަތެވެ. އޭރު އޭނަވެސް ހަމަ ރަނގަޅަށް ހާސްވެއްޖެއެވެ. ބަލިވުމުން ވެސް އައިރާ ނުގުޅުމުން ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވެސް ވިއެވެ. ކަމެއް ވެއްޖެނަމަ ލަސްނުކޮށް ގުޅުމަށް އޭނާ އޮންނަނީ އައިރާއަށް އަންގާފައެވެ. ވީއިރު، އެގޮތަށް ކަންތައްކުރުމުން، ކުޑަކޮށް ދެރަ ވެސް ވިއެވެ. އައިރާއަށް ވުރެ މުހިންމު މަސައްކަތެއް އޮފީހަކު ނޯންނާނެއެވެ.

ޒަހްރާން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލަފައި އެތެރެއަށް ވަތްއިރު، އައިރާ، އިނީ އެނދުގައި އިށީނދެލައިގެންނެވެ. ޒަހްރާން ގޮސް އަތުގައި އޮތް ބޯތަށި، ސައިޑް ކަބަޑުމަތީގައި ބަހައްޓައިލިއެވެ.

"މަންމަ ބުނި އައިރާ ބަލިވެޔޭ. ކީއްވެ ނުގުޅީ؟" ކުޑަ ހަރުކަށިކަމެއް އަޑުގައި ވިޔަސް ހާމަވަމުން ދިޔައީ އޭނާ އައިރާ ދެކެވާ ލޯތްބެވެ.

"ހޮޑުލެވުނު ވާހަކަ ވެސް ބުނި. ހިނގާ ޑޮކްޓަރަށް ދައްކަން ދާން." ޒަހްރާން އަނެއްކާ ވެސް ބުންޏެވެ.

"ރެން...." އައިރާ ޒަހްރާނަށް ގޮވައިލިއެވެ.

"އުހުމް. ޑޮކްޓަރަށް ދައްކަން ދާންޖެހޭނެ. އެހަށް ސޫޕްބޯނީ. އެއަށްފަހު ފެންވަރާ ރީތިވެގެން ދާނީ." ޒަހްރާން ހީކުރީ އައިރާ ޑޮކްޓަރަށް ދައްކަން ދާން ދެކޮޅު ހަދަނީކަމަށެވެ. އެހެންކަމުން އޭނާ ހުރީ އައިރާ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާ ގޮތަކަށް ނޫނެވެ.

"ރެން... އަހަންނަކަށް ކަމެއް ނުވެޔޭ..." އައިރާއަށް ބުނެވުނެވެ.

"ތި މިތާ އިށީނދެބަލަ. ރެން ހީވަނީ އަހަންނަށް ބޮޑުކަމެއް ވެގެން އުޅޭހެން. ހަމަޖެހިބަލަ." އައިރާ ޒަހްރާންގެ އަތުގައި ހިފަހައްޓައި އޭނާގެ ކައިރީގައި ޒަހްރާން ބެއިންދިއެވެ. އެއަށްފަހު، އޭނާ ޒަހްރާންގެ އަތަށް ފިތައިލިއެވެ.

"މި އަންނަނީ. ވެއިޓް." އެހެން ބުނެލުމަށް ފަހު، އައިރާ ދިޔައީ ޑްރެސިންޓޭބަލް ކައިރިއަށެވެ. އޭގެމަތީގައި އޮތް ކޮންމެވެސް އެއްޗެއް ހިފައިގެން އޭނާ އައިސް ޒަހްރާންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު އައިރާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އައިރާ ލަސްލަހުން އޭނާގެ މުށުތެރޭގައި އޮތް އެތި ޒަހްރާންއަށް ދައްކައިލިއެވެ. އެއާއެކު ޒަހްރާންގެ ނަޒަރު އެއަށް ހުއްޓެވެ. އޭނާ އެ ނަގާ ބަލައިލިއެވެ. އެއާއެކު، ވީ ގޮތް ބުނެދޭކަށް ވެސް ނޭނގުނެވެ. އެ ވަގުތު ވެރިވި ޝުޢޫރުތަކަކީ މީގެ ކުރިން ދުވަހަކު ވެސް އޭނާއަށް ވެރިވި ޝުޢޫރުތަކެއްނޫނެވެ. ހިތަށް ވީ ގޮތް ބަޔާންކުރަން ދައްޗެވެ. ހިތް ބާރުބާރަށް ތެޅިގަތްހެން ހީވިއެވެ. ހިތުގެ ހިނގުން މަޑުޖެހިލިހެން ވެސް ހީވިއެވެ. އުފާވިއެވެ. ޖަޒުބާތީ ވެސް ވިއެވެ. އައިރާގެ އަތުން ނެގި ޕްރެގްނެންސީ ކިޓަށް ބަލަހައްޓައިގެން، އޭނާއަށް އިނދެވުނެވެ.

އައިރާއަށް ބަލައިލުމާ އެކު، ވާހަކަ ދައްކަން އަނގަ ވެސް ހުޅުވައެއް ނުލެވުނެވެ. މާބޮޑަށް ޖަޒުބާތީ ވީއެވެ. ޒަހްރާން ބުމަ އަރުވައިލިއެވެ. އެއާއެކު، އައިރާ ބޯ ޖަހައިލިއެވެ. ޒަހްރާނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އަތުގައި ހުރި ބާރުލާފައި އައިރާގެ ގައިގައި ބައްދައިގަނެވުނެވެ.

"އައި... އައި ލަވްޔޫ ސޯ މަޗް... އައި ލަވް ޔޫ ސޯ މަޗް ބޭބީ..." ޒަހްރާންގެ ދުލުން ނުކުތް ލަފުޒުތަކާއެކު އޭނާގެ ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. "ވަރަށްވަރަށް އުފާވެއްޖެ."

"ރެން... ނޭވާއެއް ނުލެވެޔޭ." އައިރާއަށް އުނދަގުލުން ބުނެވުނެވެ.


ސޮރީ.. ސޮރީ..." ޒަހްރާން އައިރާއާ ދުރުވެލިއެވެ. ޒަހްރާންގެ ލޮލުން ކަރުނަ ފެނުމުން އައިރާގެ ލޮލަށް ވެސް އިސާހިތަކު ކަރުނަ ޖަމަވެއްޖެއެވެ. އެކަމަކު އެއީ އުފާވެރިކަމުގެ ކަރުނައެވެ. ދަރިއަކު ލިބެން އުޅުމުން ލިބޭ އުފާވެރިކަން ހަޤީޤަތުގައި މިއަދު އޭނާއަށް އިޙްސާކޮށްލެވިއްޖެއެވެ.

"ތަދުވިތަ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. އައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއަށްފަހު، އޭނާ ޒަހްރާންގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އަދި އެ ލޮލުން އައި ކަރުނަތައް ފުހެދިނެވެ.

"އައި ލަވް ޔޫ..." އިސްވެ އައިރާ ޒަހްރާންގެ ގައިގައި ބައްދައިލިއެވެ. ރައްދުގައި ޒަހްރާން ވެސް އައިރާގެ އުނަގަނޑުގައި އަތް ވަށައިލިއެވެ. އޭނާ އައިރާގެ ނިތަށް ބޮސް ދިނެވެ.

"ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް ހައްދާނަން އިނގޭ. ބްލަޑް ޓެސްޓް ހަދާފަ މަންމަމެން ކައިރީ ބުނާނީ." ޒަހްރާން ބުންޏެވެ. އައިރާ ބޯ ޖަހައިލިއެވެ.

އެ ހަފްތާގެ ތެރޭގައި ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދުމަށް ފަހު، ޢާއިލާއާ އެ އުފާވެރިކަން ހިއްސާކުރުމުން، ގޭތެރެއަށް ހީވީ ޢީދެއް އައިހެންނެވެ. އެންމެން ވެސް އައިރާއާ ޒަހްރާނަށް މަރްޙަބާ ކިޔެވެ.

އަދި ބަނޑަށް ވީ އެންމެ ފަސް ހަފްތާ ނަމަވެސް، މިހާރުން ފެށިގެން ވެސް ބަސްމާގެ ފަރާތުން އައިރާއަށް ޚާއްޞަ ސަމާލުކަމެއް ލިބެން ފަށައިފިއެވެ. ޒަހްރާން ގޭގައި ނުހުންނަ ވަގުތުތަކުގައި، އައިރާ ބެލުމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އޭނާ އަދާކުރަމުން ދިޔައެވެ. މަސައްކަތެއް ނުކޮށް ހުރުމަކީ އައިރާއަށް އުނދަގޫކަމެއް ނަމަވެސް، ކުޑަ ވެސް މަސައްކަތެއް ކުރުމަށް ބަސްމާ އޭނާއަށް ފުރުޞަތެއް ނުދެއެވެ. ހަމައެއާއެކު ލަޔާލީ ވެސް އެފަދައެވެ. އޭނާ ވެސް އައިރާއާ މެދު ޚާއްސަ ކަމެއް ބަހައްޓައެވެ. އައިރާކަމެއް ބޭނުންވޭތޯ އަބަދު ބަލައެވެ. ފުރަތަމަ ދުވަސްކޮޅު އެހެން ގިނަ އަންހެނުންނަށް ދިމާވާ ފަދަ މައްސަލަތައް އައިރާއާ ވެސް ކުރިމަތިވިއެވެ. މޭނުބައި ކުރުމާއި ބޯ އެނބުރުމާއި، ހޮޑުލެވުންފަދަ ކަންކަމެވެ. އެހެންކަމުން ގޭގެ އެންމެންގެ ފަރާތުން ވެސް އޭނާއަށް ދިޔައީ ކެނޑިނޭޅި އޯގާތެރިކަމާއި، އެހީތެރިކަން ލިބެމުންނެވެ. ވަކިން ޚާއްޞަކޮށް ޒަހްރާންގެ ފަރާތުންނެވެ. އޭނާ ބޭނުންވީ ޗުއްޓީ ނަގައިގެން އައިރާއާ އެކު ގިނަ ވަގުތު ހޭދަކުރަން ނަމަވެސް، އައިރާ އެކަމާ ދެކޮޅު ހެދިއެވެ. ޒަހްރާން އޮފީހަށް ނުދަންޏާ މި ދުވަސްކޮޅު އަޔާޝްއަށް މާ ބުރަވާނެކަމަށް ބުނެ އޭނާ ޒަހްރާނަށް ވިސްނައިދިނެވެ. ދުވަސްވަމުން ދާ ވަރަކަށް އޭނާއަށް ޒަހްރާންގެ އެހީތެރިކަން ބޮޑަށް ބޭނުންވާނެކަމަށް ބުނެއެވެ. އެހެންކަމުން، ތަންކޮޅެއް ފަހުން ޗުއްޓީ ނެގުމަށް އޭނާ ނަޞޭޙަތްދިނުމުން ޒަހްރާން އެގޮތާ އެއްބަސްވީ، ކުޑަކަމެއް ދިމާވިޔަސް، އޭނާއަށް ގުޅަން އައިރާ ލައްވާ ވަޢުދުކުރުވުމަށް ފަހުއެވެ.

ހަޔާތުގެ އައު ބާބަކަށް ދެމަފިރިން އެކުގައި ކުރިމަތިލީ އިރު، ގޭތެރޭގެ އުފާވެރިކަން ވަނީ ދެގުނަވެފައެވެ. ނުވާންވީ ވެސް ކީއްވެހެއްޔެވެ؟ އައިރާ ބަލިވެ އިނީ އެއް މާބަނޑު ދެކުދިންނައް ވިއްޔާއެވެ.

****

ދުވަސްތައް ހަލުވިކަމާ، އެކު ފާއިތުވަމުން ގޮސް އައިރާގެ ބަނޑަށް 6 މަސް ވެއްޖެއެވެ. ހިކިކޮށް ހުންނަ އައިރާ ކުޑަކޮށް ފަލަވެ ކޮލުގައި ވެސް މަސްޖަހައިލައިފިއެވެ. އެހެނެއްކަމަކު، އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. މާބަނޑުވީފަހުން އަދި ކުރިއަށް ވުރެ ރީތިހެން ހީވާން ފަށައިފިއެވެ. އެއްމާބަނޑު ދެކުދިންނަށް ވީތީ، އައިރާގެ ބަނޑުވެސް ފުދޭވަރަކަށް ބޮޑެވެ. ފައި ދުޅަވެ، އާދަޔާ ޚިލާފަށް އޭނާއަށް ވަރުބަލިކަން އިޙްސާސްވާން ފެށުމުން، ދެން ދައްކަން އޮތް ދުވަހަށް ވުރެ އަވަހަށް، އެ މީހުން ޑޮކްޓަރަށް ދައްކަން ދިޔައެވެ.

ޕާކިންލޮޓުގައި ކާރު ޕާކުކޮށްލަމުން ޒަހްރާން ކާރުން ފޭބުމަށް ފަހު، ގޮސް އައިރާ އިން، ދިމާ ދޮރު ހުޅުވައިލަދިނެވެ. އެއަށްފަހު އޭނާ އައިރާ ފައިބަން އެހީތެރިވެ ދިނެވެ.

"ހާދަ ބޮޑަކަށް ފައި ދުޅައޭ ދޯ..." އައިރާގެ ފަޔަށް ބަލައިލުމަށް ފަހު، ޒަހްރާނަށް ބުނެވުނެވެ. އޭނާ އައިރާގެ އަތުގައި އޮތް ފައިލުގައި ހިފަމުން އަނެއް އަތުން އައިރާގެ އަތުގައި ހިފަހައްޓައިލިއެވެ.

"ދެން ހުރިހާ އުނދަގުލެއް ރަނގަޅުވާނީ ވިހެއިމައެއްނު." އައިރާ ބުނެލިއެވެ. އޭނާ ހުރީ އޭރު ވެސް ވަރުބަލިވެފައެވެ.

"ލޭމަދީ ކަންނޭނގެ. ތިހާ ވަރަށް ވަރުބަލިވަނީ ދޯ." ޒަހްރާނަށް ބުނެވުނެވެ. އައިރާއާ މެދު އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ. ޒަހްރާން ގަޑިއަށް ބަލައިލިއެވެ. އޭރު ހެނދުނު ދިހައެއް ޖަހަނީއެވެ. އެޕޮއިންޓުމެންޓު ލިބިފައި އޮތީ ދިހަގަޑި ފަނަރައަށެވެ.

"ހިނގާ މަޑުމަޑުން ހިނގާލާފަ ދަމާ..." ޒަހްރާން ބުނެލިއެވެ. އެއާއެކު އައިރާ ބޯ ޖަހައިލިއެވެ. "ނޫނީ އުރާލައިގެން ވެސް ގެންދެވިދާނެ. އައިރާ ބޭނުން ގޮތެއް."

ޒަހްރާން ސަމާސާކޮށްލިއެވެ. އައިރާގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެންނަތާ ގިނައިރު ވީއެވެ. އައިރާ ކަންބޮޑުވެ ނުތަނަވަސް ވާ ފަހަރުތަކުގައި ޒަހްރާންގެ އެ ފަދަ ސަމާސާތަކުން އޭނާއަށް ހެވެއެވެ. މިފަހަރު ވެސް އައިރާއަށް ހީނލެވުނެވެ. ޒަހްރާނަށް ވެސް މެއެވެ. ދެމީހުން އަންހެނުންގެ ޚާއްސަބަޔަށް ގޮސް ޑޮކްޓަރަށް ދެއްކުމަށްޓަކައި މެމޯ ހެއްދުމަށް ފަހު، ގޮނޑިބަރީގައި މަޑުކޮށްލިއެވެ. ނަސީބަކުން މާގިނައިރު ތިބޭކަށްނުޖެހުނެވެ. ނަންބަރު އަރައިފިއެވެ. ޒަހްރާން ގޮނޑިން ތެދުވުމަށް ފަހު، އޭނާގެ އަތް އައިރާއަށް ދިއްކޮށްލާ އައިރާއަށް އެހީތެރިވެދިނެވެ. އޭނާ އައިރާ ގޮވައިގެން ގޮސް، ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. އިތުރު ދެ ބޭހެއް ލިޔެލަ ދީފައި، ލޭގެ ބައެއް ޓެސްޓުތައް ހަދަން ދިނުމަށް ފަހު، ރިޕޯޓު ލިބުމާއެކު ލަސްނުކޮށް ދެއްކުމަށް ޑޮކްޓަރު ބުންޏެވެ. ބައެއް ކަހަލަ އިރުޝާދުތައް ދިނުމަށް ފަހު، ބޭސް ސިޓީ ހަވާލުކޮށްލިއެވެ.

"ބަލާބެލުމަށް ލޭ މަދުހެން ހީވަނީ. އެހެންވީމަ، ރިޕޯޓު ލިބުނުހާ އަވަހަކަށް އެމަރޖެންސީއަށް ދައްކާލަންވާނެ." ނުކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ޑޮކްޓަރު ބުންޏެވެ. ޒަހްރާން ބޯ ޖަހައިލިއެވެ. އޭނާ ބޭސް ސިޓީ ފައިލަށް ލަމުން، އައިރާގެ އަތުގައި ހިފައިގެން ގޮސް ނުކުތެވެ. އެއަށްފަހު، ގޮސް ނުކުތުމަށް ބިއްލޫރި ދޮރު ހުޅުވައިލަ ދިނެވެ. އައިރާ ނުކުތުމުން، ޒަހްރާން ވެސް ނުކުތެވެ. ލިފްޓު އަންނަންދެން މަޑުކޮށްލައިގެން ދެމީހުން ތިއްބެވެ.

ތިރިން މައްޗަށް އައި ލިފްޓު އެމީހުން ތިބި ފަންގިފިލާއަށް ހުއްޓުމާއެކު، އޭގެން ދެމީހަކު ފޭބިއެވެ.

އެއީ ރިހާމްއާ އޭނާގެ އަންހެނުން ދާނިޔާ ނޫން އެހެން ދެވަނަ ބައެއް ނޫނެވެ. ރިހާމްގެ ނަޒަރު އައިރާއާ ޒަހްރާނަށް ހުއްޓުނު އިރު ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ދަތުރުކުރީ އައިރާގެ ބަނޑަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު