އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމާ ދެވަނަ ފަހަރަށް ރޮބާޓޯ މަންޗީނީ ހަވާލުވެއްޖެ

އިޓަލީގެ ރޮބާޓޯ މަންޗީނީ--

އިޓަލީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީ، އަލުން އެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މަންޗީނީ މި މަޤާމާ ހަވާލުވީ، ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ބޮސްނިއާ އަތުން ބަލިވުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހު މަޤާމުން ވަކިވި ޖެނާރޯ ގަޓޫސޯގެ ބަދަލުގައެވެ.

މި ބައްޔާއެކު ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ ވަނީ ކަޓާފައެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) ގެ ރައީސް ޖިއޮވާނީ މަލަގޯ ވަނީ ފެޑެރަލް ކައުންސިލްގެ ބައްދަލުވުމެއްގައި މަންޗީނީ އައްޔަންކުރިކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ.

އުމުރުން 61 އަހަރުގެ މަންޗީނީއަކީ 2021 ވަނަ އަހަރު ބޭއްވުނު ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) އިޓަލީއަށް ކާމިޔާބުކޮށްދިން ކޯޗެވެ.

އޭނާގެ ފުރަތަމަ ދައުރުގައި އިޓަލީގެ ޤައުމީ ޓީމަށް 58 މެޗުގައި އިރުޝާދުދީފައިވާއިރު، ކުލަބު ފެންވަރުގައި އޭނާ ވަނީ އިންޓަރ މިލާން، ފިއޮރެންޓީނާ އަދި މެންޗެސްޓަރ ސިޓީއަށް ކޯޗުކަން ކޮށްދީފައެވެ.

މެންޗެސްޓަރ ސިޓީގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި، 2011/12 ވަނަ އަހަރުގެ ސީޒަނުގައި އެ ކުލަބަށް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ތަށި ކާމިޔާބުކޮށްދިނީވެސް އޭނާއެވެ.

އިޓަލީގެ ޤައުމީ ޓީމަށް ކޯޗަކު ހޯދުމުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، އިޓަލީގެ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިސްކަންދިން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މަހުގެ ކުރީކޮޅު އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

އޭގެ ފަހުން ކޯޗުކަމަށް އެންމެ ބޮޑަށް ބެލެވުނު އަންދްރެއާ ޕިރްލޯ، ރަޝިއާގެ ބެޓިން ކުންފުންޏަކާ ގުޅުން އޮތްކަމަށް ބުނެ އޭނާ އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމާ ގުޅިގެން، ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ޕައޮލޯ މަލްޑިނީ އާއި އެޑްވައިޒަރު ލިއޮނާޑޯ ވަނީ އިއްޔެ މަގާމުން އިސްތިއުފާދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު