އައިއޯއައިޖީ 2027 ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ރިވައިވަލްގެ ބޮޑު ޓީމެއް މެލޭޝިއާއަށް

މެލޭޝިއާއަށް ފުރި ރިވައިވަލްގެ ޓީމު--

ރިވައިވަލް ސްޕޯޓްސް ކުލަބުގެ ތާރީޚުގައި ޤައުމުން ބޭރުގައި ކުރިއަށްގެންދާ އެންމެ ބޮޑު ތަމްރީނު ކޭމްޕުގައި ބައިވެރިވުމަށް، އެ ކްލަބުގެ ހައި ޕާފޯމަންސް ޓީމާއި 23 އަހަރުން ދަށުގެ ސްކޮޑު މިއަދު މެލޭޝިޔާއަށް ފުރައިފިއެވެ.

ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ތަމްރީނު ދަތުރުގައި ކްލަބުގެ ހައި ޕާފޯމަންސް އަދި 23 އަހަރުންދަށުގެ ސްކޮޑަށް ނިސްބަތްވާ އެތުލީޓުންނާއި 2 ކޯޗުން ހިމެނޭހެން ޖުމްލަ 12 މެންބަރުންގެ ޓީމެއް ބައިވެރިވެއެވެ.

މި ތަމްރީނު ކޭމްޕަކީ 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް މެޑެލް ހޯދުމުގެ ފުރުޞަތު ބޮޑުކުރުމަށްޓަކައި ރިވައިވަލް ސްޕޯޓްސްއިން ކުރިއަށްގެންދާ "އައިއޯއައިޖީ 2027 ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ރޭވިގެން ހިންގާ ހަރަކާތެކެވެ.

މީގެ އިތުރުން، މި ދަތުރުގެ ތެރެއިން ކުރިއަށްއޮތް އޭޝިއަން ގޭމްސްއާއި ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ގަބޫލުކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި ދަތުރުގެ މުއްދަތުގައި ރިވައިވަލްގެ އެތުލީޓުން ބީޑަބްލިއުއެފްގެ ދެ މުބާރާތެއްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ "ޕެޓްރޯނާސް މެލޭޝިޔާ އިންޓަނޭޝަނަލް ޗެލެންޖް 2026" އަދި "ޕެޓްރޯނާސް މެލޭޝިޔާ އިންޓަނޭޝަނަލް ސީރީޒް 2026" އެވެ.

ރިވައިވަލް ސްޕޯޓްސްއިން ހާމަކުރި ގޮތުގައި، މިފަދަ ބޭރުގެ ތަމްރީނު ކޭމްޕްތަކާއި، ސެޝަންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަކީ ކުޅުންތެރިންގެ ފެންވަރު މަތިކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމަށް ބޭނުންވާ ތަޖުރިބާއާއި އިތުބާރު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު