ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި ފުރަތަމަ އިވެންޓްތަކުގައި ރަނގަޅު ކުރިއެރުންތަކަކާ އެކު ރޭސްތައް ނިންމާލައިފިއެވެ.
އެގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ 100 މީޓަރުގެ އިވެންޓުގައި ހީޓު ނުވައެއްގެ ފަސް ވަނައިގައި 10.77 ސިކުންތުން ދުވެ، ސާއިދުގެ ސީޒަންގެ ބެސްޓް ޓައިމިންގ އައުކޮއްފައިއެވެ. މިއީ، މި އިވެންޓުގެ ހީޓުތަކުގައި ދުވި 77 ދުވުންތެރިންގެ ތެރެއިން 51 ވަނައެވެ.
އަންހެނުންގެ 100 މީޓަރު ރޭސްތަކުގެ ހީޓު އެކެއްގައި ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ވާދަކުރިއިރު، ޓައިމިން އަކީ 12.59 ސިކުންތެވެ. މި އިވެންޓުގެ ހީޓުތަކުގައި ވާދަކުރި 52 އެތުލީޓުންގެ ތެރެއިން ޝަބާ 44 ވަނަ އަށް ދިޔައިރު، މިއީ، އޭނާގެ ސީޒަން ބެސްޓް ޓައިމިންއެވެ.
މި އިވެންޓުގެ ހީޓު ހަތަރެއްގައި ރާއްޖޭގެ ޒިވާ މޫސާ ޝަފީއު ވަނީ 12.10 ސިކުންތުން ދުވެ، މި ސީޒަނުގެ އެންމެ އަވަސް ޓައިމިން އެއް ހާސިލްކޮށްފައެވެ. ޒިވާގެ ޓައިމިންއަކީ މި އިވެންޓުގެ ޖުމްލަ ރޭންކިންއަށް ބަލާއިރު، 35 ވަނައެވެ.
މި އިވެންޓުގައި އަހްނާ ނިޒާރު ވާދަކޮށް، 12.19 ސިކުންތުން ހީޓު 7 ގެ ރޭސް ނިންމިއިރު، މިއީ، އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން އެވެ. އަދި ޖުމްލަ ރޭންކިންގައި އޭނާ ވަނީ 37 ވަނަ ހާސިލްކޮށްފައެވެ.
ކޮމަންވެލްތު ގޭމްސްގެ އަންހެނުންގެ 800 މީޓަރު ދުވުމުގައި ރާއްޖޭގެ ފަސޫހާ އަހުމަދު ވާދަކޮށް ހީޓު ދޭއްގެ ހަތް ވަނައިގައި 2 މިނިޓް 19.86 ސިކުންތުގެ ޓައިމިންއަކާ އެކު ނިންމިއިރު، މިއީ އޭނާގެ ސީޒަނަލް ބެސްޓް ޓައިމިންއެވެ. އަދި، ޖުމްލަ މި އިވެންޓްގައި ވާދަކުރި 28 ދުވުންތެރިންގެ ތެރެއިން ފަސޫހާގެ ޓައިމިންއަށް ބަލާއިރު، އޭނާއަކީ 25 ވަނައެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ގައުމީ ދުވުންތެރިންނަށް ކުރިއަށްއޮތް އިވެންޓްތަކަކީ، 400 މީޓަރުގެ ރޭސްތަކެވެ. އެގޮތުން އަންހެނުންގެ 400 މީޓަރު ދުވުމުގެ ހީޓު ދޭއްގައި ރާއްޖޭގެ އައިމިނަތު ލަޔާނާ ވާދަކުރާއިރު، ފިރިހެނުންގެ 400 މީޓަރު ހީޓު ތިނެއްގައި އާދަމް ރިފްއަތު އަދި ހީޓު ދޭއްގައި ހުސެއިން ޒީކް ސުއާދު ވާދަކުރާނެއެވެ.