"ދިރިއުޅުމުގައި ލިބޭ ކުޑަ ކުޑަ ހިތްހަމަޖެހުންތަކާއިމެދު ޝުކުރުވެރިވާށެވެ. ތިބާއަށް ލައްވާފައިވާ ރަހުމަތްތަކުގެ މަތިން އެންމެ ފަހަރަކު ނަމަވެސް ހަނދާން ނައްތާނުލާށެވެ."
***
"ކުޑަ ދުވަސްކޮޅެއް ކުރިން ހަދީދު ޢާއިލާއެއް އުޅޭކަންވެސް އަހަރެމެންނަށް އެނގުނީ........" އޭނަ މަޑުމަޑުން ބުނެލީ އަމިއްލަ ނަފުސަށެވެ.
"މިލްހާ... އަދި އެހެން ވާހަކައެއް އެބައޮތް..." ހާރިސް ހިންދިރުވައިލިއެވެ.
"އިކްރާމް ބުނީ ހަދީދު ޢާއިލާއިން އެހީތެރިވުމަށް ޝައުޤުވެރިވާނެ ކަމަށް..."
"ތިބުނީ؟" އޭނަ ލޯޝަން ފުޅިން އެތިކޮޅެއް އަތަށް އަޅައިލުމަށްފަހު ލޯޝަން ލާންފެށިއެވެ. އަދި ސެންޓުފުޅިނެގިއެވެ.
"ދޮންބެމެންނަކީ.... އެ އާއިލާ މީހުންނަށް ވެއްޖެނަމަ........" ހާރިސްގެ ޖުމްލައާއެކު އޭނަގެ އަތުން ސެންޓުފުޅި ދޫވިއެވެ.
***
މިލްހާ އަބަދުވެސް ދެކެމުން އައީ އޭނާއަކީ ނިސްބަތުން ހަމަޖެހޭ ހަޔާތެއް ވޭތުކުރަމުންދާ އަންހެން ކުއްޖެއް ކަމުގައެވެ. ޚާއްސަ ކަންތައްތަކެއް ނެތް ނަމަވެސް، ހަމަޖެހޭ ދިރިއުޅުމެކެވެ. ލޯބިވާ އާއިލާއެކެވެ. އޭނާ މަސައްކަތުން ނިމުމަށްފަހު ގެއަށް ވަދެ ގޭތެރޭގެ މަސައްކަތުގައި މަންމައަށް އެހީތެރިވެދެއެވެ. ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު ހާރިސް ރުޅިއަރުވައި އަދި ހަކުރު މައްޗަށް ދާވަރުގެ ފޮނި އެއްޗެހި ކެއުމުގައި ރަފާއާއެކު ވަގުތު ހޭދަކުރެއެވެ.
މިފަދަ ގޮތްނޭނގޭ ކައިވެނީގެ ހުށަހެޅުންތަކެއް ކުރިއަކުން ނާދެއެވެ. އޭނާއަށް އާދަޔާޚިލާފު ނަޒަރުތަކުން ބަލާ އުމުރުން ދުވަސްވީ މީހުންނެއްވެސް ނުފެނެއެވެ. ސިފްރާނާއި ބައްދަލުކުރުމަށްޓަކައި ރަފާއާއެކު މާލޭގެ މަތީ ފަންތީގެ ރެސްޓޯރެންޓެއްގައި އިނދެވިދާނެ ކަމަކަށް އޭނާ ހުވަފެނެއްގައިވެސް ދެކެފައެއްނުވެއެވެ.
ހާލަތު ބަދަލުވާން ނެގީ ބަސްބުނާހާ ކުޑަ ހިނދުކޮޅެކެވެ.
ސިފްރާންއާއި ބައްދަލުކުުރުމުގެ ޚިޔާލު ފެށުނީ ހާރިސް އޭނާގެ ސަސްޕެންޝަންގެ ވާހަކަ ދެއްކި ދުވަހުގެ ފަހު ދުވަހުއެވެ. މިލްހާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ހަދީދު ޢާއިލާއަކީ އެއްވެސް ވަރަކަށް ނޭގޭ ބީރައްޓެހި ބައެއްގެ ގޮތުން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހާރިސްގެ ހާލަތު އެނގޭ ބަޔަކަށް ވީއެވެ. އެމީހުން އެހީތެރިކަން ފޯރުކޮށްދޭން ނިންމީވެސް އޭނާ އެ މީހުންގެ ހުށަހެޅުމަށް އިންކާރުކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. ހަދީދު އާއިލާއަކީ މުއްސަނދި ބައެކެވެ. މީހުންގެ ޙަޔާތާއި ކުޅެލެވޭހާ ބާރުގަދަ ބައެކެވެ. އެމީހުންނަށް ހާރިސްއަށް އެހީތެރިވެދެވޭނެކަން ކަށަވަރެވެ. ނަމަވެސް މިލްހާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
އެ ހުރިހާ ނުތަނަވަސްކަމެއްގެ ތެރޭގައި ނަން ނޭގޭފަދަ އިހުސާސްތަކެއް ހިތުގައި އުތުރިއަރައިގަތެވެ. އެއީ ޝައުޤުވެރިކަމެވެ.
އޭނާ ބޭނުންވީ އޭނާ އެ ހުށަހެޅުމަށް ދެކޮޅު ހެދުމުގައި ފައި ވިއްދައިގެން ހުރި ފިރިހެން މީހާ ދެކެލުމަށެވެ. އެ ނަމުގެ ވެރިޔާގެ މޫނު އެންމެ ފަހަރަކުވެސް ދެކެލުމަށެވެ. އަދި ރަނގަޅަށް ބައްދަލުވެސް ވެފައި ނުވާ އަންހެން ކުއްޖަކަށް ޢާއިލާއަކުން ކައިވެނީގެ ހުށަހެޅުމެއް ފޮނުވަން ހިތްވަރު ލިބުނީ ކޮން ކަހަލަ ފިރިހެނަކަށް ވެގެންތޯ ބަލަން ބޭނުންވިއެވެ.
ރަފާ ވަގުތުން އޭނާގެ ބަދަލުގައި ސިފްރާންއާއި ބައްދަލުކުރަން ދާން ނިންމިއެވެ. އެއީ ރަފާގެ އަމިއްލަ ޚިޔާލެކެވެ. މިލްހާ ހީކުރީ ރަފާ ސަމާސާއަކަށް ބުނި އެއްޗެއްކަމުގައެވެ. ނަމަވެސް ރަފާ ހުރީ ނިކަން ސީރިއަސްވެގެންނެވެ.
ރަފާގެ ރޭވުން ވަރަށް ފަސޭހައެވެ. އޭނާ މިލްހާ ކަމަށް ހެދިގެން ސިފްރާނާއި ބައްދަލުކޮށްލާނީއެވެ. ކައިވެންޏާ މެދު ޝައުޤުވެރިނުވާކަން ސާފުކޮށް ފެންނަފަދަ ގޮތަކަށް އަމަލު ބަހައްޓާނީއެވެ. އޭރުން ސިފްރާން އަމިއްލައަށް ހުށަހެޅުން ދޫކޮށްލާފައި ދުވެ ރައްކާވާނެ ކަމަށް އޭނަ އުއްމީދުކުރިއެވެ. އޭރުން މިލްހާއާއި އޭނާގެ ޢާއިލާއިން ހާރިސްގެ ވަޒީފާ ސަލާމަތްކޮށްދިނުމުގެ ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
ރަފާ އެ ރޭވުން އެހާ ޔަޤީންކަމާއެކު ކިޔައިދިންވަރުން މިލްހާއަށްވެސް އެއީ ބުއްދިވެރިކަމެއް ކަމަށް ޤަބޫލުކުރެވުނު ހިނދުކޮޅެއް އައެވެ.
އެ ރޭވުމުގެ އެންމެ ހެއްވާ ބަޔަކީ ކޮންބައެއްކަން ބުނަންވެސް ނޭގެއެވެ.
ރަފާ ލައިގެން ހުރީ ދިގު ބީޖް ކުލައިގެ މެކްސީ ހެދުމަކާއި މުށި ކުލައިގެ ކާޑިގަންއެކެވެ، އަދި އެ ހެދުމާ ނުގުޅޭ ފިޔާތޮށި ކުލައިގެ ބުރުގަލެއް އެޅުމުން މިލްހާއަށް ހެވެން ފެށުނެވެ. އެގޮތަށް ހެދުން އެޅުމުގެ މައިގަނޑު މަޤުޞަދަކީ ވެސް ޝައުޤުވެރިނުވާ ކަހަލަ ގޮތަކަށް ފެނުމެވެ.
އެމީހުން މާލެއަށް ދަތުރުކުރީ ފެރީއެއްގައެވެ. ސިފްރާނާ ބައްދަލުކުރުމަށް މިލްހާގެ މަހުރަމެއްގެ ގޮތުގައި ދިޔައީ ހާރިސްއެވެ. ނަމަވެސް ހާރިސްގެ ރަޙްމަތްތެރިންނާ ބައްދަލުކުރުމުގެ ރޭވުންތަކެއް އޮތުމުން، ރަފާމެންގެ ޕްލޭންގައި އޭނާ ބައިވެރިވި ނަމަވެސް އެންމެ ފަހު ވަގުތު އެމީހުން ދޫކޮށްލާފައި ދިޔައެވެ. ހާރިސްވެސް އޭނާގެ ހުރި ހަމައެކަނި ދައްތަ ދުރު ގައުމަކަށް ފޮނުވާކަށް ބޭނުމެއް ނުވެއެވެ.
މިލްހާ އިނީ ރަފާ އިން މޭޒާއި މާ ދުރުގައި ހުރި އެހެން މޭޒެއްގައެވެ، ނަމަވެސް ވަދެވޭ ދޮރު ރަނގަޅަށް ފެންނަން ހުއްޓެވެ. އޭނާއަށް އޯޑަރުކުރެވުނީ ހޫނު ޗޮކްލެޓް ތައްޓެއް އެކަންޏެވެ، ސަބަބަކީ މެނޫގައިވާ އެންމެ އަގުހެޔޮ އެއްޗަކީ އެއީ ކަމަށްވާތީއެވެ. އެ ރެސްޓޯރެންޓަކީ ހައިބަ ހުރިތަނެކެވެ. ހުރިހާ އެއްޗެއް ވިދާއޮފް އަރައެވެ. ކަޅު ކުލައިގެ ލަކުޑި މޭޒުތަކާއި ލޮލަށް ފިނިކަންދޭފަދަ މަޑު އައްޔާއި ކަނޑު ފެންނަން ހުރި ބޮޑެތި ކުޑަދޮރުތަކެވެ. ކާތަކެތި ކާ ސަމުސާތަކާއި ތަށިތަކުގެ އަގުބޮޑުކަމަށް ދައްކާތީ މިލްހާއަށް އެ ތަކެތީގައި އަތްލަންވެސް ބިރުގަތެވެ.
ގަޑިޖެހެމުންދިޔަ ވަރަކަށް މިލްހާ ގެ ކަންބޮޑުވުން އިތުރުވިއެވެ. ސިފްރާނާއި ބައްދަލުކުރަން އައީ އޭނާއެއް ނޫނެވެ. ރަފާއެވެ. ނަމަވެސް ކޮންމެވެސް ބޮޑު ނުރައްކަލަކާއި ކުރިމަތިލާންޖެހިދާނެ ކަމުގެ އިޙުސާސެއް ކުރެވެމުންދިޔައެވެ.
މި ސިފްރާން ކިޔާ މީހާއަށް މިލްހާ އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކުރިންވެސް މިލްހާ ދެކެފައި ވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އިކްރާމް ބުނިގޮތުގައި ކުރިއަކުން ސިފްރާން ރާއްޖެ އައިސްފައެއް ނުވެއެވެ. އަދި މިލްހާވެސް މިއަދާ ހަމައަށް ރަށުން ބޭރަށް ގޮސްފައެއް ނުވެއެވެ.
ރަފާ ވަރަށް އަދަބުވެރިކޮށް ވާހަކަދައްކައި، ދެތިން ފަހަރަކު ޕްރެކްޓިސްކުރި ގޮތަށް ކަންތައް ކުރާނެ ކަމަށް މިލްހާ އުންމީދުކުރިއެވެ. ދިވެހިރާއްޖެ ދޫކޮށް ސްކޮޓްލެންޑަށް ބަދަލުވާން ބޭނުންނުވާކަން ރަފާ ވަރަށް ސާފުކޮށް ބުނެދޭނެ ކަމަށް އުންމީދުކުރިއެވެ.
މިލްހާ މެނޫ ނަގައި ކިޔާކަމަށް ހެދުނެވެ. ދެން އިސްއުފުލާ ބަލައިލިއެވެ. އަދިވެސް ސިފްރާނާއި ވައްތަރުވެދާނެ ކަހަލަ މީހެއް ނުފެނެއެވެ. އޭނަ ގަޑި ބަލައިލިއެވެ. ގަޑިން ނުވަގަޑިބައި ވީއެވެ. ރަފާ އިން ތަނުން މިލްހާއަށް ކުޑަކޮށް ކަޅި އަޅާލާފައި ނުރުހުން ފާޅުކުރިއެވެ. ހެނދުނު ހަޔެއް ޖަހާއިރު ބޯޓަކަށް އަރައި މާލެއަށް ދަތުރުކުރަން މިމީހުންނަށް މަޖުބޫރުކުރުވީ ކޮންކަހަލަ ނަފްސާނީ ބައްޔެއް ހުރި މީހެއް ހެއްޔެވެ؟
"މިއީ ކޮންކަހަލަ މޮޔައެއް މިފަދަ ނުރަނގަޅު ވަގުތެއް ޚިޔާރުކުރާނީ؟" ރަފާ ހެނދުނު ބޯޓުގައި އިންއިރު މިލްހާ ކައިރީގައި ބުނެފައިވިއެވެ.
މިހާރު ހީވަނީ އެ މީހަކު އައުމުގެ ޚިޔާލުވެސް ދޫކޮށްލައިފިހެންނެވެ. އެހެން ކަސްޓަމަރުން ވަދެ ނުކުމެ ހަދައެވެ.
ފަސްވަނަ ފަހަރަށް ރެސްޓޯރެންޓުގެ ދޮރު ހުޅުވުނުއިރު، މިލްހާ އިސްއުފުލާ ބަލައިވެސް ނުލައެވެ.
ޒުވާން ފިރިހެނަކު އެތެރެއަށް ވަނެވެ.
އޭނާ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލައި މަރުޙަބާ ކީ ވެއިޓަރާއިއެކު އިރުކޮޅަކަށް ވާހަކަ ދެއްކިއެވެ.
މިލްހާގެ ސަމާލުކަން ވަގުތުން އޭނާއަށް ހުއްޓުނެވެ. އެއީ ސިފްރާންކަން މިލްހާގެ ހަވަނަ ހިއްސު ވަގުތުން ބުނެދިނެވެ.
އޭނާ ހީކުރިވަރަށްވުރެ މާ ޒުވާނެވެ. އޭނާ ލައިގެން ހުރި ނޭވީ ކުލައިގެ ސޫޓް ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވެއެވެ. ހެދުން އަޅާފައި ހުރި ގޮތުން ކޮނޑުމަތީގައި އެއްވެސް ރުލެއް ނެތި ފުރިހަމައެވެ. ގަމީހުގެ އަތުކުރި ދަށުން އަގުބޮޑު ގަޑިއެއް ފެންނަން ހުއްޓެވެ. އެ ފެންނަނީ އޭނާ އަތް ހަރަކާތްކުރާ ހިނދުގައެވެ.
އޭނާ ހިނގާގޮތުންވެސް އަމިއްލަ ނަފުސަށް އިތުބާރުކުރާ ހަމަޖެހޭގޮތެއް ހުއްޓެވެ. އެއީ މިފަދަ ތަނަކަށް އޭނާ ނުފެތޭނެކަމާމެދު ދުވަހަކުވެސް ވިސްނަން ނުޖެހޭ މީހެއްގެ ކިބައިން ފެންނާނެފަދަ ގޮތެކެވެ.
އޭނާގެ ގަދަ މުށި ކުލަ އަރާ އިސްތަށިގަނޑު ހުރީ ވަރަށް ރީތިކޮށް ފުނާކޮށްފައެވެ. މޫނުމަތީގެ ސިފަތައް ތޫނުވެފައި ނިކަން ހަމަޖެހެއެވެ. އޭނާ ފެންނަނީ ރީތި މޮޅު އެއްޗެހީގެ ތެރޭގައި ބޮޑުވެ، އެތަކެތީގެ މޮޅުކަމުން އަސަރެއް ނުކުރާވަރަށް ހޭނިފައިވާ ޒުވާނެއްގެ ގޮތުގައެވެ.
މިލްހާ ރަފާއަށް ބަލައިލިއެވެ. ރަފާއަށްވެސް އޭނާ ފެނުނުކަން އެންގުމުގެ ގޮތުން އަތުން އިޝާރަތްކުރިއެވެ. ރަފާ ވަގުތުން ހަށިގަނޑު ސީދާކޮށްލައި އޭނާގެ ފިޔާތޮށި ކުލައިގެ ބުރުގާ ރަނގަޅުކޮށްލިއެވެ. އެއީ ރަފާ އެކްޓްކުރަން ފަށަންވީ ވަގުތެވެ.
އެ ފިރިހެން މީހާގެ ނަޒަރު އެކި މޭޒުތަކަށް ހުއްޓުނެވެ.
އެ ނަޒަރު ރަފާގެ މޫނަށް ފަޅި ސިކުންތުކޮޅަކަށް ހުއްޓުނެވެ.
އެތަނުގެ އަނެއް ފަޅީގައި އިން ރަފާ ކުޑަ ހިނިތުންވުމެއް ދީފައި މަޑުމަޑުން އަތް ހިއްލާލައި އަމިއްލަ ނަފުސަށް އިޝާރާތްކުރިއެވެ.
އެ ފިރިހެން މީހާ ހިނގައިގަތެވެ.
ކުޑަ ހިނދުކޮޅަކަށް މިލްހާވެސް ހީކުރީ އޭނާގެ މިސްރާބު ހުރީ ރަފާއާ ދިމާލަށް ކަމަށެވެ.
ނަމަވެސް ދެތިން ފިޔަވަޅަށްފަހު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިޙުސާސްވިއެވެ.
އޭނާ މިސްރާބު ބަދަލުކޮށްލިއެވެ.
މިލްހާ އޭނާ އަންނާތީ ބަލަހައްޓައިގެން އިނެވެ. ފަހަރަކު މޭޒެއް ގޮސް ރަފާއިން މޭޒު ފަހަނަޅާ ދިޔުމާއެކު މިލްހާއާއި ރަފާގެވެސް ހިނިތުންވުން ފަނޑުވިއެވެ.
އޭނާ ދިޔައީ ރަފާއާއި ދިމާލަކަށް ނޫނެވެ. އޭނާ އަންނަނީ ސީދާ މިލްހާ އިން މޭޒާއި ދިމާލަށެވެ. މިލްހާ އަވަހަށް ބިސްމިއާއި ދުލަށް އައިހާ އެއްޗެއް ކިޔައިލިއެވެ.
އެ ފިރިހެން މީހާ މިލްހާގެ މޭޒު ކައިރީގައި މަޑުކޮށްލިއެވެ. ކައިރިން ފެނުނުއިރު އޭނާގެ ކިބައިގައި ހުރި ޔަޤީންކަން މާބޮޑަށް ފާހަގަވެއެވެ.
މިލްހާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
އެ ދެލޮލުގައި އެއްވެސްކަހަލަ ޝައްކެއް ނުތަނަވަސްކަމެއް ނެތެވެ. ހޯދުމެއް ނެތެވެ. އޭނާ ބަލަމުން އެދަނީ ކާކުކަން އޭނާއަށް ކުރިންވެސް ވަރަށް ރަނގަޅަށް އެނގޭފަދައެވެ.
"މިލްހާ؟"
އޭނާގެ ހިތް ތެޅިގަތެވެ. ސިފްރާން ހުރީ ބަލަހައްޓައިގެންނެވެ.
ސިފްރާން އޭނަގެ ކުރިމަތީގައި ހުރި ގޮނޑި ދަމައިލާފައި އިށީނެވެ.
"ލަސްވީތީ މާފަށް އެދެން." އަދި ޙަޤީޤަތުގައި އޭނާ ލަހެއް ނުވެއެވެ، މިކުދިން އައީ ބުނިގަޑިއަށްވުރެ މާ އަވަހަށެވެ. "އަހަރެންނަކީ ސިފްރާން ހަދީދު......"
މިލްހާއަށް ޖަވާބެއް ނުދެވުނެވެ. އޭނާގެ ނަޒަރު ދަތުރުކުރީ ރަފާއަށެވެ.
ރެސްޓޯރެންޓުގެ އަނެއް ފަރާތުގައި، ރަފާ އިނީ އަނގަ މަތީގައި އަތް އަޅާލައިގެން ހަރަކާތް ކުރަން ނޭގިފައެވެ.
މިލްހާ އަނެއްކާވެސް ސިފްރާންއާއި ދިމާލަށް ބަލައިލިއެވެ.
ފިޔާތޮށި ބުރުގާ އަޅައިގެން ހުރި ކުއްޖާ ހޯދަންޖެހޭ ރެސްޓޯރެންޓަކުން އެހެން އަންހެން ކުއްޖަކު ފެނުމުން އެއްވެސް އާދަޔާޚިލާފު ކަމެއް ވީހެން ހީނުވާ ކަހަލައެވެ.
"ކިހިނެއް އެނގުނީ..." މިލްހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ އިނީ އޭނަގެ އަތުގައި އޮތް އެންމެ އާދައިގެ ހެދުމެއް ކަމަށްވާ ނޫ ކުލައިގެ ކުރުތާއަކާއި ދުވަސްވެފައިވާ ޖީންސަކާއި ކަޅު ބުރުގަލެއް އަޅައިގެން ނެވެ. ކައިވެނީގެ ވާހަކައަކަށް މީހަކާއި ބައްދަލުކުރަން ތައްޔާރުވެގެނެއްނޫނެވެ.
"ބުނެފައި އޮތީ ހާރިސްއާއި އެއްކޮށް އަންނާނެ ކަމަށް. އަހަރެންނަކަށް އޭނާ ފެންނާކަށް ނެތް." ސިފްރާން ބުމަ އަރުވާލިއެވެ.
"އަހަރެން ހުންނާނީ ފިޔާތޮށި ބުރުގަލެއް އަޅައިގެން ކަމަށް ނުބުނޭތަ؟" މިލްހާ ބުނަން ބޭނުންވި ނަމަވެސް އެހެން ބުނަން ދޫ ހަރަކާތެއްނުކުރިއެވެ.
ސިފްރާންގެ އަތްތިލަ މޭޒުމަތީގައި ލުއިގޮތަކަށް ބަހައްޓާފައިވާއިރު، އޭނާ އިނީ ވަރަށް ސީދާކޮށެވެ. މިލްހާއަށް އެ އުމުރުގެ ފިރިހެނުންގެ ކިބައިން ފެންނަ ކަހަލަ ކަންބޮޑުވުމުގެ ހަރަކާތްތަކެއްވެސް ނެތެވެ. އިނގިލިން މޭޒުގައި ތަޅައިލުމެއް އެކި ދިމަދިމާއަށް ބެލުމެއް ނެތެވެ.
ޒުވާންވިއަސް ދުވަސް ވީ ދިރިއުޅުމެއް އުޅެފައިވާ ކަހަލައެވެ. އެކަމުން އޭނައަށް އޭނާގެ ނިޔާވެފައިވާ މުސްކުޅި ކާފަ ހަނދާންވިއެވެ. މަހުގެ އަގާއި މެދު ކާފަ ޝަކުވާކުރާ ބައި ފިޔަވައެވެ.
"އަހަރެން އެނގުނީ ކިހިނެއް؟" މިލްހާ ސުވާލުކުރިއެވެ.
"އަހަންނަކަށް ނޭނގެ" ސިފްރާން ކުރުކޮށް ޖަވާބުދިނެވެ.
އޭނަގެ ބުމަގާތްވެލިއެެވެ. އަޖައިބެކެވެ.
"އަހަރެން ގާތު ބުނީ ނަން.... ޢާއިލާގެ ނަން. ކައިވެންޏާއި ބެހޭގޮތުން ވާހަކަދެކެވުނުކަން......" ސިފްރާން ޖަވާބުދިނީ ފެން ތައްޓަށް ބަލަހައްޓައިގެން އިނދެއެވެ.
"ކީއްވެ އަހަރެން؟" ސިފްރާންގެ ނަޒަރު އޭނައަށް އަމާޒުވެފައި ނުވާތީ، ހިތްވަރު ލިބިގެން ސުވާލުކުރިއެވެ.
"ތެދެއް ބުނަންޏާ އެއީ އަހަރެންގެ ޢާއިލާގެ ނިންމުމެއް. އެމީހުން ބޭނުންވާކަމެއް އަހަރެންނަށް ބައިވެރިން ހޯދަދޭން.... އަހަރެމެންގެ ޢާއިލާތައް ގުޅޭ ކަމަށް އެމީހުން ދެކެނީ."
"އެކަމަކު.....އެއްވެސް ވަރަކަށް ނޭގޭ މީހަކާއި ކައިވެނިކުރަން އެއްބަސްވީ ކީއްވެ؟" ސިފްރާންގެ ޖަވާބު ބަލަން މިލްހާ ބޭނުންވިއެވެ.
"އަހަރެން އެއްބަސްވީ ބައްދަލުކުރަން. ކައިވެންޏަކަށް ނޫން. އެއީ މުޅިން ތަފާތު ދެ ނިންމުން." ސިފްރާންގެ ޖަވާބުން ލަދުންގޮސް އޭނަގެ ކޯތާފަތް ރަތްވިއެވެ. ޙަޤީޤަތުގައި އޭނަ ފެނުމަށްފަހު ސިފްރާން ކައިވެނިން ބޯ ދަމައިގަންނަން އުޅެނީ ހެއްޔެވެ؟
"މިލްހާ ފުރަތަމަ އިންކާރުކުރިީ.....ނަމަވެސް މިހާރު މިތާ އިށީދެލައިގެން ތިއިނީ......" ސިފްރާންގެ އަޑުގައި އެއްވެސް ތުހުމަތެއްގެ އަަސަރެއް ނެތެވެ. ހާމަކުރީ ހަގީގަތެވެ.
އޭނަ ސިފްރާންގެ މޫނަށް ބަލައިލިއެވެ. އެ މޫނުގެ ކުލަވަރަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ސިފްރާންގެ ސީދަލަށް ވާހަކަދައްކާތީ ބިންގަނޑުތެރެއަށް ވަދެވޭނެނަމައޭ އޭނަގެ ހިތަށް އެރިއެވެ.
"އެއީ ޙަޤީޤަތުގައި އިކްރާމްބެ ބޭނުންވި ގޮތް..." މިލްހާގެ ދޫ އޮޅޭގޮތްވިއެވެ.
"އަހަރެން ގާތު ބުނެފައިވަނީ މިލްހާ ޢާއިލާ ދޫކޮށްލަން ބޭނުންނުވާ ކަމަށް. ޢާއިލާ ދޫކޮށްލަންޖެހޭ ކައިވެންޏަކަށް އަހަރެންގެ ޢާއިލާއިންވެސް ތާއީދެއް ނުކުރާނެ...." ސިފްރާން އެ ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލިހެން ހީވިއެވެ.
"އޭގެ މާނައަކީ ކޮބައިތަ؟"
"އަހަރެންގެ ޢާއިލާގެ ވިޔަފާރިތައް އެތާ ހުރޭ. މިލްހާގެ ގާތްތިމާގެ މީހުންނަށް ފުރުޞަތުތައް ލިބޭނެ."
ސިފްރާންގެ ލޮލާއި އިސްތަށިގަނޑުގައި ހުރީ އެއް ވައްތަރެއްގެ މުށިކުލައެއްކަން އެވަގުތު މިލްހާއަށް ފާހަގަވިއެވެ.
ސިފްރާން އޭނާގެ ސޫޓް ޖީބުގެ ތެރެއަށްއިން ސިޓީއުރައެއް ނެގިއެވެ.
"އަދި މިހާރު އަހަރެމެން ބައްދަލުވެފައިވާތީ މިއަދުން ފެށިގެން ކުރިއަށްދާން ބޭނުންވާގޮތް ނިންމާނީ މިލްހާ......."
"މިހިރީ....." ސިޓީއުރަ ދިއްކޮށްލަމުން ސިފްރާން ބުންޏެވެ.
"މިއީ ކޮން އެއްޗެއް؟"
"ޤަބޫލުކުރާނަމަ ބޭނުންވާނެ ހުރިހާ އެއްޗެއް މީގައި ހުންނާނެ....." ސިފްރާން ގެ ތުންފަތަށް ކުޑަ ހނިތުންވުމެއް ވެރިވިހެން މިލްހާއަށް ހީވިއެވެ.
ސިފްރާން ތެދުވެއްޖެއެވެ.
އޭނަ ސިފްރާން ދާތަން ބަލަން އިނީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. އެއީ އޭނާ އުންމީދުކުރިގޮތެއް ނޫނެވެ. ހުރިހާކަމެއްގައި ހުރީ ހަމަޖެހޭ މާނައިން ފުރިގެންވާގޮތެކެވެ. ދެއްކުންތެރިކަމެއް ފޮނިދެއްކުމެއްނެތެވެ.
ސިފްރާން މަޖުބޫރެއް ނުކުރެއެވެ. އަދި ނުފޫޒު ފޯރުވާކަށްވެސް ނޫޅެއެވެ. އެ ސީދާކަމާއި ތެދުވެރިކަން އޭނައަށް ކަމުދިޔައެވެ.
ސިފްރާން އެތަނުން ނުކުތުމާއެކު ރަފާ އުފަލުން ހަޅޭއްލަވަމުން މިލްހާ ކައިރިއަށް ދުވެފައި އައެވެ.
"މިލްހާ. ސިފްރާންއަށް ނޫނެކޭ ބުނެފިނަމަ އަހަރެން އެކުވެރިކަން ކަނޑާލާނަން...."
އޭނާ މިލްހާގާތު ސިފްރާންހާ ކައިވެންޏަށް އެކަށީގެންވާ މީހަކު ނުފެންނާނެކަމާއިމެދު ވާހަކަދައްކަމުން ދިޔައެވެ. މިލްހާވެސް ހުރީ ކޮންމެވެސް ސަބަބަކާއިހެދި އެ ކައިވެނީގެ ހުށަހެޅުން ދޫކޮށްލަން ބޭނުން ނުވެފައެވެ.
އެ ވަގުތު ވެއިޓަރަކު އައިސް އެމީހުންގެ ވާހަކަ މެދުކަނޑާލިއެވެ.
"މާފުކުރައްވާ ކަނބަލުން........." ދެ މީހުން އެއްފަހަރާ ބަލައިލިއެވެ. ވެއިޓަރު މޭޒުމަތީގައި ދެ ތަށި ފެން ބެހެއްޓިއެވެ. ދެން އައީ އަނެއް ވެއިޓަރެވެ. އަދި އޭގެފަހުން އެހެން މީހެކެވެ. މޭޒުމަތީގައި ތަށިތައް ބަހައްޓަން ފެށުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. އެކި ވައްތަރުގެ ޕޭސްޓްރީ، ސޭންޑްވިޗް، ތާޒާ މޭވާ، ޕޭންކޭކް، ތަފާތު ކޭކްތައް، މެނޫގައި ނުވެސް ފެންނަ ބާވަތްތައްވެސް ހުއްޓެވެ. އޭނާ ބަލަހައްޓައިގެން އިނީ ލޯ ބޮޑުކޮށްގެންނެވެ. އޭނަ ބިލް ދައްކާނީ ކިހިނެއްހެއްޔެވެ؟
"މިއީ ކޯއްޗެއް؟އޯޑަރު ނުދެމެއްނު...."
ފުރަތަމަ އައި ވެއިޓަރު ހިނިތުންވެލަމުން ބުންޏެވެ. "މިސްޓަރ ހަދީދު އެދިވަޑައިގެންނެވީ ތިޔަ ކަނބަލުން ބޭނުންވާ ކޮންމެ އެއްޗެއް ދިނުމަށް."
ރަފާގެ އަނގަ ހުޅުވުނުގޮތަށް ލައްޕައިލަން ނޭގުނެވެ.
މިލްހާއާއި ރަފާ އެކަކު އަނެކަކަށް ބަލައިލިއެވެ.
ނުނިމޭ