"ތިބާއަށް ލިބިފައިވާ އެންމެ އަގު ބޮޑު އެއްޗަކީ ވަގުތެވެ. އޭގެ ބޭނުން ރަގަޅަށް ނުހިފިއްޖެނަމަ ފަހުން ހިތާމަކުރާނެއެވެ. ވަގުތުއޮތްވާ ތައުބާވެ ﷲގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަންވާނެެވެ. ދެދުނިޔޭގެ ހިތްހަމަޖެހުމާއި ހިތުގެ އުފާވެރިކަން ލިބިގެންދާނެއެވެ."
***
އެމީހުން ދިޔުމާއެކު ހާރިސް ވާހަކަދައްކަން ފެށިއެވެ.
"މިލްހާއަކީ ވަރަށް މުއްސަނދި މީހަކާ ކައިވެނިކުރަން އުޅޭ މީހެއްތާ....."
މިލްހާ ކަޅި އަނބުރައިލަމުން ނޭފަތް ގުރުޑުކޮށްލިއެވެ.
"ޙަސަން އެއީ ކޮންބައެއްތަ؟ މި ހަދީދް އާއިލާއަކީ ކޮބައިތަ؟ އެމީހުން އެނގޭތަ؟" ފާތިމާގެ ސުވާލުތައް ގިނަވިއެވެ. މިލްހާއަށް ރަނގަޅު ފިރިއެއް ލިބުމަކީ އޭނާ އަބަދުވެސް އެދޭ ކަމަކަށްވާތީ އޭނާ ހުރީ އުފަލުންނެވެ.
"އެއީ ވަރަށް މަޝްހޫރު އާއިލާއެއް. އެމީހުންގެ ވިޔަފާރިތައް މައިގަނޑު ގޮތެއްގައި ހިންގަނީ ރަށުން ބޭރުގައި.... މިލްކުވެރިކަމާއި، އިމާރާތްކުރުމާއި، އިންވެސްޓްމަންޓްތައް. އެމީހުން ރިއަލް އެސްޓޭޓް ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ....."
"މީގެ ކުރިން އެ އާއިލާއާ ބައްދަލުކުރިންތަ؟" ފާތިމާ ސުވާލުކުރިއެވެ. މިލްހާ އިނީ ނިކަން ޝައުޤުވެރިކަމާއެކު އަޑުއަހައިގެންނެވެ. އެސްފިޔަވެސް ޖަހާ ނުލައެވެ.
"ނޫން.." ހަސަން ޖަވާބު ދިނީ ތެދަށެވެ.
"އެހެންވިއްޔާ އެމީހުންގެ މައުލޫމާތު އެނގުނީ ކިހިނެއް؟" ފާތިމާގެ ބުމަ ގާތްވެލިއެވެ.
"އަހަރެން ވެރި ރަށުގެ މީހުންނާއެކު ވިޔަފާރީގެ މުޢާމަލާތްކުރާތާ އެތައް އަހަރެއް ވެއްޖެއެއްނު ފާތިމާ. ވިޔަފާރިތަކާއެކު މަސައްކަތްކުރާއިރު އެކި ނަންނަން އަޑުއިވޭނެ..."
ފާތިމާ ހަސަންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. "އެއީ ކޮން ކަހަލަ އާއިލާއެއް؟"
ހަސަން ކުޑަ ހިނދުކޮޅަކަށް އަނގައިން ނުބުނެ ވިސްނުމެއްގައި އިނެވެ. "ވަރަށް އަމިއްލަގޮތެއް ހުންނަ ސިއްރުވެރި ބަޔެއް."
ފާތިމާ ލޯ ކުޑަކޮށްލިއެވެ. "ސިއްރުވެރިއޭ؟"
"އެމީހުން މާ ބޮޑަކަށް އާންމު ކަންކަމުގައި ބައިވެރިއެއް ނުވޭ. ކޮންމެ ކޮންމެ ހަފްލާއަކަށް ނުދާނެ އަދި އެމީހުންގެ މުއްސަނދިކަން އާންމުންގެ ކުރިމަތީގައި ދައްކާކަށް ނޫޅޭނެ..." ހަސަން ތަފްސީލު ދިންގޮތުން މިލްހާވެސް ހައިރާންވިއެވެ.
"ކީއްވެގެންތަ އެމީހުން އަހަރެމެންގެ ދަރިފުޅު ޚިޔާރުކުރީ؟"
ހަސަންގެ މޫނުގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. "އަހަންނަކަށް ނޭނގޭ...."
"މިއީ ހައިރާންވެ ހަމަ ޝޮކަކަށް ދާވަރުގެ ކަމެއްހެން ހީވަނީ...ރަގަޅަށް ވިސްނައިލީމަ......" ހާރިސް އޭނާގެ އަތްތިލައިގެ އިނގިލިތައް މަހައިލިއެވެ.
"ޝޮކަކަށް ދާންވީ ވަރު ކަމަކަށް ވާންވީ ކީއްވެތަ؟" މިލްހާ އެހިއެވެ.
"މި ހުރިހާ ކަމެއް..." އޭނާ ކުރިމަތީގައި ހުރި ގޭގެ މައި ދޮރާއި ދިމާލަށް އިޝާރާތްކުރިއެވެ. "އެ ޢާއިލާއަށް އެމީހުން ބޭނުންވާ ކޮންމެ ކުއްޖަކު ޚިޔާރުކުރެވިދާނެ....."
މިލްހާ ކޮނޑު އަރުވާލިއެވެ. "އެމީހުންނަށް ކޮންމެ ކޮންމެ ކުއްޖެއް ކަމުނުދަނީކަމަށްވެސް ވެދާނެ...."
"ތިބުނީ ތެދެއް...." ހާރިސް ކުރިއަށް ޖެހިލިއެވެ. "އެކަމަކު މިލްހާ ވިސްނައިބަލަ. މި ފިރިހެން މީހާ އެ މީހުން ބުނާހާ މުއްސަނދި ނަމަ އޭނާ ބޭނުންވާ ކޮންމެ އަންހެން ކުއްޖަކާއި ކައިވެނިކުރެވިދާނެ... ރީތި ކުއްޖެއް. މުއްސަނދި ކުއްޖެއް. އަހަރެމެންގެ މުޅި މަގަށްވުރެ ބޮޑު ގެތައް ހުންނަ އޭނަފަދަ މޮޅު ގަދަރުވެރި އާއިލާއެއްގެ ކުއްޖެއް........"
"އަހަރެންގެ އިތުބާރު ބޮޑުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ." މިލްހާ ކަޅި މައްޗަށް ހިންގައިލިއެވެ.
"މިބުނީ ހަމަ ސީރިއަސްކޮށް....." ހާރިސް ބުންޏެވެ. "އެހެންވީމަ ކީއްވެގެންތަ އެމީހުން މިގެއަށް އައީ؟"
މިލްހާގެ ހނިތުންވުން ކުޑަކޮށް ފަނޑުވިއެވެ. "އެއްގޮތަކަށްވެސް ނޭގޭ..ދޮންބެ ބުނެބަލަ....."
"އެއީ މިބުނާ އެއްޗަކީ........." ހާރިސް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. "މިއީ ކޮންމެވެސް ބޮޑު މަކަރެއް ކަމަށްވެސް ވެދާނެ."
މިލްހާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. "ކައިވެނީގެ ހުށަހެޅުމެއްގެ މަކަރެއް؟"
"ވެދާނެ."
"އެމީހުން އަހަންނަށް ކޮން ސްކޭމެއް ޖައްސާނީ؟"
ހާރިސް ހިމޭންވިއެވެ. އޭނަގެ ތިއަރީ ބޭކާރުވީކަމުގެ އިހުސާސާއެކު ނިތްކުރީގައި އިނގިލިތަކުން ފިރުމައިލިއެވެ. ސިކުނޑީގައި އެކިކަހަލަ ޚިޔާލުތައް އެނބުރެމުން ސެނބުރެމުން ދިޔައިރު އެތައް އިހުސާސްތައް މަސްހުނިވެ އޮޅިފައެވެ. ކޮއްކޮގެ ސުވާލު ގޯހެއް ނޫނެވެ. ރަށެއްގެ އާދައިގެ ގެއެއްގައި އަންހެން ކުއްޖަކަށް މަކަރު ހަދައިގެން މުއްސަނދި ޢާއިލާއަކަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ނަމަވެސް އޭނަގެ ސިކުނޑި ބުނަނީ ގޯހެއް އެބައުޅޭކަމުގައެވެ. އޭރު ފާތިމާ އެތެރެއަށް ވަނީ ހީވާގޮތުން އެކަނިވެލުމަށެވެ. އެކަނިހުރެ ވިސްނައިލުމަށެވެ. އެހެންނޫނަސް ކައި ނިމުމަށްފަހު ތަށިތައް ނުނަގާ ގިނައިރު ބެހެއްޓުމަކީ އޭނަގެ އާދައެއް ނޫނެވެ.
އެވަގުތު ގޭގައި ހިމޭންކަން ފުނޑުވެގެން ދިޔައީ ބިއްލޫރިތަށްޓެއް ތެޅުނު އަޑުންނެވެ.
ފާތިމާ މޭޒުމަތިން ތަށިތައް ނަގަނިކޮށް އަތުން ތަށްޓެއް ދޫވީއެވެ. އެއީ އެ ހަފުތާގައި އޭނާގެ އަތުން ތަށި ވެއްޓުނު ތިންވަނަ ފަހަރެވެ.
މިލްހާ އަވަސްއަވަހަށް ދުއްވައިގަތީ މަންމައަށް އެހީތެރިވެދިނުމަށެވެ. އޭނައަށް މަންމަގެ އަތްތިލަ ތުރުތުރުއަޅާކަން ފާހަގަވިއެވެ. މަންމަގެ އަތްތިލަ ދަނީ އިތުރަށް ގޯސްވަމުންކަން އޭނާއަށް ވިސްނުނެވެ. އަދި އެ ހިނދު އޭނާ ނިންމީ މިއިން ޒަމާނެއްގައިވެސް ކައިވެނި ނުކުރުމަށެވެ. އަދި ޚާއްސަކޮށް ސްކޮޓްލެންޑްގައި ދިރިއުޅޭމީހަކާއި އެވެ.
މިލްހާ އޭނާގެ ނިންމުން ފާތިމާއަށް އިއްވީ ނަމާދަށްފަހު މަންމަގާތު ކޮޓަރީގައި ވާހަކަދައްކަން އިނުމުގެ ތެރޭގައެވެ. އޭނާ މީހަކާއި ކައިވެނިކުރިކަމުގައިވިޔަސް އެހާ ދުރުގައި ދިރިއުޅެން ހިތާއި ރޫހުވެސް ނުރުހެއެވެ. އެއީ އޭނަގެ ފަހުގެ ނިންމުމެވެ. އޭނަގެ މައިންބަފައިންގެ ތެރެއިން އެކަކުވެސް ދަރިފުޅު ނުރުހޭ ކައިވެންޏަކަށް މަޖުބޫރެއް ނުކުރާނެއެވެ. ކައިވެނީގެ ހުށަހެޅުން ހިފައިގެން އައި އިކްރާމް އެކަން އަންގާނީ ހަސަންއެވެ.
ކައިވެނީގެ ހުށަހެޅުމަށް އިންކާރުކުރުމަށްފަހުވެސް މިލްހާގެ ސިކުނޑިން އެ ކައިވެނީގެ ހުށަހެޅުން ފުހެވިގެންނެއް ނުދިޔައެވެ. ނިދަން އޮށޯތަސް ކާން އިނަސް ކުދިންނާއިއެކު ސަކަރާތްޖެހިޔަސް ސިކުނޑީގެ ކަނަކުން ބުނަނީ ހުށަހެޅުމެއް އައިކަމެވެ. އެކި މަންޒަރުތަކެވެ. އެންމެންގެ ވާހަކަތަކުގެ އެކި ޖުމްލަތަކެވެ. ފުރަތަމަ ކައިވެންޏާއި ދެކޮޅުހަދައިފިއްޔާ އިންނާނެ މީހަކު ނުވާނެކަމުގައި އަވަށްޓެރިޔަކު ކިޔާއަޑުވެސް ކަންފަތުގައި ހަރުލާފައިވިއެވެ. އެންމެ ރަގަޅެވެ. ދުވަހަކު ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ހުރުމަކީ މައްސަލައެއްހެއްޔެވެ؟ ފައިސާއިންވެސް ލޯތްބެއް ނުގަނެވޭނެއެވެ. އެ ކުޑަ ކުޑަ އާއިލާއިން އޭނައަށް ލިބޭ އުފާވެރިކަމާއި ލޯބިން ހިތް މުއްސަދިވެފައިވާއިރު އިތުރަށް ބޭނުންވާ މުއްސަދިކަމެއް ނެތްކަމަށް ހިތް ވިސްނައިދިނެވެ.
***
އެތައް ދުވަހެއްގެ ފަހުން މިލްހާ ރަފާއާއެކު ބޭރަށް ދިޔައެވެ. އެމީހުން އެތަނަށް ދިޔައީ ވަކި ޚާއްސަ މުނާސަބާއެއް ނޫނީ ރޭވުމެއް އޮވެގެނެއްނޫނެވެ. ރަފާ ހަވީރުގެ ވަގުތެއްގައި އޭނައަށް ގުޅާފައި ބުނީ "ގޭގައި ތާށިވެގެން ނޭވާ ހާސްވަނީ" ކަމަށެވެ، އެ ޖުމްލައިން އެކުވެރިޔާ ހުރީ ފޫހިވެފައި ކަމަށާއި އޭނާ ކައިވެނިކުރަން އުޅޭ މީހާއާއި ބެހޭގޮތުން ޝަކުވާކުރާނެ މީހަކު ބޭނުންވެފައިވާ ކަން ނަގައިގަނެވުނެވެ.
ދެއެކުވެރިން ވަނީ މިލްހާގެ ގެ ކައިރީގައި ހުރި ކުޑަ ކެފޭއަކަށެވެ. އެއީ އެހާ މުއްސަނދި މީހެއްގެ ތަނެއް ނޫނެވ. ނަމަވެސް އެތަނުގެ ވެރިން ވަނީ އެތަނަކީ ލޯބިވެތި ހިތްފަސޭހަތަނަކަށް ހެދުމަށް ބުރަ މަސައްކަތްކޮށްފައެވެ. ހިޔާވެފައިވާ ފެންޑާއެއްގެ ދަށުގައި ލަކުޑި މޭޒުތައް އަތުރާފައިވާއިރު ތަނބުތަކުގެ ދެމެދުގައި ކުދިކުދި ލަންޓަންތައް ހަރުކޮށްފައިވެއެވެ. އެތަން ފަހަނަޅައި ދާއިރު ދުރު ދުރަށްދާންދެން ކަނޑު ފެންނަން އޮވެއެވެ. މުށިތަކުގައި ކުލަކުލައިގެ މާފޮޅޭ ކުދި ގަސްތަކެވެ.
މިލްހާއަށް މި ކައިވެނީގެ ހުށަހެޅުމުގެ ވާހަކަ ނުދައްކައި ނުހުރެވުނެވެ. ރަފާއަށް މިލްހާ އެ ހުށަހެޅުން ދެކޮޅު ހެދިކަން އެނގުމުން އޭނާ ބޯން އިން ކޮފީތަށި ނޯށަށް އެރިއެވެ.
"އަހަރެންގެ ނިންމުން ރަގަޅުކަމަށް ގަބޫލުކުރެވެނީ......." މިލްހާ ކޮނޑު އަރުވާލިއެވެ. ބައްތީގެ އަލިން އޭނާގެ މުށިކުލައިގެ ދެލޮލަށް އިތުރު އުޖާލާކަމެއް ގެނުވިއެވެ.
ރަފާ ކުޑަ ހިނދުކޮޅަކަށް އޭނާއާއި ދިމާލަށް ބަލައިލުމަށްފަހު ބޯހޫރާލިއެވެ.
"އެނގޭތަ؟ތިއީ ހަމަ ވަރަށް ލޯބި ކުއްޖެއް. މާނައަކީ މެގަޒިންތަކުގެ ކަވަރުތަކުން ފެންނަ ކަހަލަ މީހެއްވަރު ނުވިޔަސް....." ރަފާގެ ޖުމްލަތަކާއިއެކު މިލްހާ ލޯ އަޅައިލިއެވެ.
"އަހަރެން ޔަޤީންކޮށް ބުނެފާނަން....އެ ފިރިހެން މީހާ ކޮންމެވެސް ތަނަކުން މިލްހާ ދެކެފައި މޮޔަވީ.........އެއީ ކައިވެނިކުރަން ހަމަ އެކަށީގެންވާ ރަނގަޅު ސަބަބެއް ނޫންތަ؟" ހުށަހެޅުން ޤަބޫލުކުރުމަށް މިލްހާއަށް ވިސްނައިދޭން ރަފާ ބޭނުންވިއެވެ.
"ތިއީ ކައިވެނިކުރަން ޖެހޭ އެންމެ ބުއްދިވެރި ސަބަބެއް ނޫން."
"އޭނާ މުއްސަނދިވިޔަސްތަ؟" ރަފާ ދެލޯ ބޮޑުކޮށްލިއެވެ. "އެފަދަ ހުށަހެޅުމެއް ލިބިއްޖެއްޔާ ގިނަ އަންހެން ކުދިން ތިބޭނީ ކައިވެނީގެ ހަފުތާއާއި މެދު ޚިޔާލުކުރަން.....ހުވަފެންތައް ދެކެން...."
މިލްހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.
"ފައިސާއިން ހަޔާތް ފަސޭހަކޮށްދެވިދާނެ. އެކަމަކު އެމީހާގެ ރަނގަޅުކަމެއް އެއަކުން ނޭނގޭނެ. އަހަރެން ބޭނުމެއް ނޫން ބޭންކް އެކައުންޓަކާ ކައިވެނިކުރާކަށް....."
ރަފާ އޭނާގެ ދަތްދޮޅީގައި އަތް ވިއްދައިލިއެވެ. އޭނާ ހުރީ އެކަމަށް އެއްބަސްވާ ގޮތަކަށް ނޫނެވެ.
ރަފާ މިލްހާއަށް ބަލައިލީ ރަށުގެ ރަދުންނާ ބައްދަލުކުރުމުގެ ދައުވަތަކަށް އިންކާރުކުރިކަން އޭނާ އިއުލާންކުރުމުން ހައިރާންވިފަދައިންނެވެ. "އެންމެފަހަރަކު ނަމަވެސް އެ ފިރިހެންމީހާ ދެކެލަން ދާން އެއްބަސް ވެވިދާނެ.."
"އެންމެ ވާހަކަދައްކައިލުމެއް... އެންމެ ކޮފީއެއް...... ކައިވެންޏަށު އާނއެކޭ ބުނާކަށް ނުޖެހެއެއްނު."
"ތިއަށް ކިޔަނީ ޑޭޓަށް ދިޔުން....އެގޮތް ބޭނުމެއް ނޫން." މިލްހާ އޭނާގެ ފިނިކޮށްފައިވާ ޗޮކެލްޓް ބުއިމުން ކޯވަރެއް ބޯލިއެވެ.
"މީހަކު ފެނިވެސް ނުލައި ބޭނުންނުވާކަން އެނގެނީ ކިހިނެއް؟" ރަފާ ދެލޯ ހަނިކޮށްލިއެވެ.
އޭނަ ވާހަކަދައްކަން އަނގަ ހުޅުވާލި ނަމަވެސް، އޭނާއަށް ޖަވާބުދޭނެ ފުރުސަތެއް ނުދީ ރަފާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެކައިވެނީގެ ހުށަހެޅުމުގެ ސަބަބުން ފޯރި ހިފާފައެވެ. "އޭނަ ރީތި ނަމަ ކިހިނެއް ހަދާނީ؟"
މިލްހާ ހިނިތުންވެލިއެވެ. "އެއީވެސް އަދި ކުއްލިއަކަށް ސްކޮޓްލެންޑަށް ބަދަލުވާން ބޭނުންވާ ފަދަ މެދުވެރިއަކަށްނުވާނެ..."
ރަފާ ދުރަށް އަޑުއިވޭހާ ބާރަށް ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް އޭނާގެ ކޮފީ ނެގިއެވެ. "އޭނާ ހިތްހެޔޮ މީހަކަށް ވެއްޖެނަމަ؟"
މިލްހާ ބުމަ އަރުވައިލިއެވެ. އިކްރާމްއަށް ރަފާގެ އެޑްރެސް ދޭންވީއެވެ.
"އަދަބުވެރި މީހަކަށް ވެއްޖެނަމަ؟ ދީންވެރި މީހަކަށް ވެއްޖެނަމަ؟ މައިންބައިންނަށް ރަނގަޅަށް އޯގާތެރި މީހަކަށް ވެއްޖެނަމަ؟ މިލްހާ އަބަދުވެސް ހިތްއެދޭ ހުރިހާ ސިފަތަކެއް ލިބިފައިވާ ފިރިއަކަށް އޭނާ ވެއްޖެނަމަ؟"
ރަފާ އިތުރަށް ގާތަށް ޖެހިލިއެވެ. "މީހަކާ ރައްޓެހިވެ ޑޭޓަކަށްގޮސްގެން ލޯބިވެރިޔަކު ހޯދުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށް ބުނެ މިލްހާ އެތައް އަހަރެއް ހޭދަކޮށްފިން. ލޯބިވެވިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ދެފަރާތުގެ ޢާއިލާ ބައިވެރިކޮށް ކައިވެނިކުރުން ކަމަށް ރަފާ އަބަދުވެސް ބުނަމުން އައީ...."
"އަދިވެސް އެގޮތަށް ޤަބޫލުކުރަނީ.........." މިލްހާ ލޯބިވެރިންގެ ގޮތުގައި އުޅުމާއި މުޅިން ދެކޮޅަށެވެ. އޭނާ ތަރުބިއްޔަތުވެފައިވަނީ ދީނުގައި އެފަދަ ގުޅުން ހުއްދަނޫންކަން ގަބޫލުކޮށްގެން ހުރެއެވެ. އެފަދަ މާނައެއްނެތް ބޭކާރު ގުޅުންތަކުގައި ފާފަވެރިވާން އޭނާ ބޭނުމެއް ނުވިއެވެ. މަންމަ ދަސްކޮށްދީފައިވަނީ އަބުރުވެރިކޮށް އުޅުމަށެވެ.
"ދެން ކީއްވެގެންތާ ތި ބުނާފަދަ ކައިވެންޏެއް ހަގީގަތުގައިވެސް ތިގޭގެ ދޮރުމައްޗަށް އައުމުން ދުވެ ފިލީ؟"
މިލްހާ ގޮސް ހުސްވެފައިވާފަދަ ނަޒަރަކުން ބަލައިލިއެވެ. "އެއީ އެކައިވެނި ފްލައިޓް ޓިކެޓަކާއި އެކު އައީމަ..."
ރަފާ ބޯ ހޫރައިގަތެވެ. "އަހަރެން މިހިރީ ހަމަ ޝޮކްޖެހި ތަލިން ކުޅުހިކިފައި...މަ ނަމަ ވަގުތުން އާނއެކޭ ބުނީމު..........އޭރުން އެންމެ ކުޑަވެގެން ކަރުނަތައް ފޮހެލާނީ ސަތޭކަ ޑޮލަރުގެ ނޫޓަކުން. "
"އޭ މިލްހާ..އަނެއްކާ ޖީޖީ ހަދީދް ފެމިލީ މީހެއްތަ؟ އެމެރިކާގައި އުޅޭ އެ މުއްސަދި އާއިލާ؟" ރަފާ ގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ.
"ސާބަހޭ ރަފާ..މީ ދިވެހި އާއިލާއެކޭ...."
"އަހަންނަށްވެސް އެފަދަ ނަސީބެއް ލައްވާނެނަމަ..މަގޭ ލައިފަށް އަންނަނީ ކޮންފަދަ ވިޔާނުދާ މީހުން...ކީއްވެ؟ މިލްހާ..އަހަންނަށްވެސް ދުޢާކޮށްދީބަލަ. ޕްލީޒް"
ރަފާ ވަނީ ދެ ކައިވެނީގެ ހުށަހެޅުމަކާއި ކުރިމަތިލާ ނާކާމިޔާބުވެފައެވެ. ފުރަތަމަ މީހާ ކައިވެނީގެ ވާހަކަ ދެކެވުމާއެކު ފިލައިގެން ދިޔައީއެވެ ދެވަނަ ފިރިހެންމީހާ ވީ ބޮޑު ކުށްވެރިއަކަށެވެ. އޭނާއަށް އެގުޅުންތަކުން ވަނީ ފިލާވަޅެއް ލިބިފައެވެ. ﷲ ގެ ރުހިވޮޑއިގަތުމާއި ބަރަކާތްނެތް ގުޅުމަކީ އެފަދަގޮތަކަށް ނެތިހިނގައިދާނެ އަދި ހިތި ނަތީޖާ ނިކުންނާނެ ކަމެކެވެ. އެ ސަބަބާހުރެ ކޮންމެ ގުޅުމެއް ފެށޭއިރުވެސް މުހިންމުވަނީ އެންމެ ކަމެވެ، ކޮންމެ މީހަކުވެސް ކައިވެންޏެއްކުރިޔަސް ޢަމަލުކުރަންވާނީ އަދި އުންމީދުކުރަންވާނީ ﷲ ގެ ބަރަކާތާއެކު ފެށުމަށެވެ.
***
ރަފާއާއެކު ވަގުތުތަކެއް ވޭތުކޮށްލާފައި މިލްހާ ގެއަށް އެނބުރި އައިއިރު ގޭތެރެ އަށް އާދަޔާޚިލާފު ހިމޭންކަމެއް ވެރިވެފައިވިއެވެ. އޭނަ އެތެރެއަށް ވަނުމާއެކު ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލް ސިކުނޑި ދިނެވެ.
މަންމަ ސޯފާގައި އަތްތިލަ އުނގުޅައިލަން އިންއިރު ބައްޕަގެ މޫނުމަތިންވެސް ކޮންމެވެސް ވަރަކަސް ކަންބޮޑުވުމާއި ހާސްކަމުގެ ކުލަަވަރު ފެނެއެވެ. މިލްހާ ވަންކަމެއް އެކަކަށްވެސް ފާހަގަނުވިފަދައެވެ.
"ކިހިނެއްވީ އަނެއްކާ؟"
މަންމަ އިސްއުފުލައިލިއިރު ލޯމަތިވަނީ ދުޅަވެފައެވެ. "ދޮންބެ....މައްސަލަގަނޑެއް ދިމާވެގެން........"
މިލްހާގެ ހިތް ތެޅިގަތެވެ.
އޭނާ އަވަސްއަވަހަށް ގޮސް ހާރިސްގެ ކޮޓަރިއަށް ވަނީ ޓަކިވެސް ޖަހައިލުމެއްނެތިއެވެ. ހުއްދަ ހޯދަންވެސް ހަނދާނެއްނުވިއެވެ. ދޮންބެ ހުރީ އަދިވެސް ޕައިލެޓް ޔުނިފޯމް ލައިގެންނެވެ.
އެ މޫނުމަތިން އެންމެ ބޮޑަށް ފެނުނީ ރުޅިވެރިކަމެވެ.
ހަގީގަތުގައި ހާރިސް ވަނީ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ވަގުތީގޮތުން އުވާލާފައެވެ. އެންމެ ހައިރާންވާ ކަމަކީ އެކަންވީ ސަބބެއް އޭނާއަށް އެއްގޮތަކަށްވެސް ނޭނގޭ ކަމެވެ.
"ކޮންމެވެސް ކަހަލަ ތަހުގީގެއް ހިނގަމުން ދަނީ...." ހާރިސް ކިޔާދިނެވެ.. "އެމީހުން ބުނަނީ ހާދިސާއަކާއި ގުޅިގެން ބައެއް ޕައިލެޓުންނާއި ކުރޫއިން ތަހުގީގުކުރަމުންދާ ކަމަށް. އަހަރެމެންގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން އެމީހުން އަދި ސާފުކޮށް ބުނެފައެއް ނުވޭ."
"ދޮންބެ އެކަނިތަ؟" މިލްހާ އެއްސެވެ.
"ނޫން. ދޮންބެއާއިއެކ އިތުރު ދެ ޕައިލެޓުން ވަނީ ވަޒީފާއިން ވަކިކޮށްފައި."
މިލްހާ ބުމަ އަރުވާލިއެވެ. "އަދި ސަބަބެއް ސާފުކޮށް ނުދީ؟ ހެއްވާކަމެއްނު......"
"ބޭއިންސާފުން.........." ހާރިސް އޭނާގެ ނިތްކުރި މަޑުމަޑުން ފިރުމާލިއެވެ.
"ހައިރާންވާން ޖެހޭ ސަބަބަކީ ދޮންބެގެ ޑިސިޕްލިނަރީ މައްސަލައެއް ދުވަހަކުވެސް ދިމާވެފައެއް ނެވޭ. ލައިސަންސް ސައްޙަ..... މެޑިކަލް ކްލިއަރެންސްވެސް ރަނގަޅު. ނަމަވެސް އެމީހުން ކުރަމުންދާ ތަހުގީގެއް ނިމެންދެން ފްލައިކުރުން މަނާކޮށްފައިވާ ކަމަށް ބުނޭ....."
ހާރިސް މޭޒުގައި އަތް އަޅުވައިލުމަށްފަހު ހަށިގަނޑު ސީދާކޮށްލިއެވެ."އަދި އިތުރު ކަމެއްވެސް އެބައޮތް........"
މިލްހާ ރީތިވާ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. "ކޮންކަމެއް؟"
"އެއާޕޯޓުގައި ހުއްޓާ ކައިވެނީގެ ހުށަހެޅުން ހިފައިގެން މި ގެއަށް އައި އިކްރާމްއާއި ދިމާވި."
މިލްހާގެ މެޔަށް ފިނިވިފަދަ އިޙުސާސެއްވިއެވެ.
"އޭނާ ބުނީ ކީކޭ؟"
"ދޮންބެ ސަސްޕެންޑްކުރިކަން އޭނާއަށް ކުރިންވެސް އެނގޭ."
މިލްހާގެ ދެލޯ ބޮޑުވިއެވެ.
"ހާރިސް ހަސަން ހެއްޔޭ އޭނާ އެހީ. ދެން ބުނީ މިކަން ހިނގަމުންދާކަން ހަދީދު ޢާއިލާއަށް އެނގޭ ކަމަށާއި އެމީހުންނަށް އެހީތެރިވެވިދާނެ ކަމަށް."
މިލްހާ މޭޒުމަތީގައި ހުރި ސެންޓު ފުޅީގައި ވަސް ބަލައިލިއެވެ." ކިހިނެއް އެހީވާ ވާހަކަ އެބުނީ......."
"ނޭނގެ. އޭނާ ތަފުސީރެއް ނުދޭ....." ހާރިސް ބޯހޫރާލިއެވެ. "އޭނާ ބުނީ އޭވިއޭޝަން އޮތޯރިޓީތަކާއެކު ހަދީދު ޢާއިލާއަށް ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށް. ފާހަގަކޮށްލެވޭ ގޮތުގައި އެމީހުންގެ ވިޔަފާރި ގްރޫޕާ ގުޅިފައިވާ ކުންފުނިތަކަށް އެއާޕޯޓުގައި ކޮންޓްރެކްޓްތައް ލިބިފައިވޭ...އަދި އިސް މަޤާމުތަކުގައި ތިބި މީހުން އެމީހުންނަށް އެނގޭ."
މިލްހާގެ ބޮލަށް އާދަޔާ ޚިލާފު ހޫނެއް އިހުސާސްވިއެވެ. އެއީ މާ ބޮޑު އިއްތިފާގެއް ކަމަށް ކުއްލިއަކަށް ފެންނަން ފެށިއެވެ. އޭނާގެ ބޭބެ ސަސްޕެންޑްވުމާއި ހަދީދު އާއިލާގެ ކުއްލި ބައިވެރިވުން އަދި އޭނާ އިންކާރުކުރި ކައިވެނީގެ ހުށަހެޅުމެވެ. ހުރިހާކަމެއް އެކަތި އަނެކައްޗާއި ގުޅި ލާމެހިފައިވެއެވެ.
ހާރިސް އޭނާގެ އަތުގައި އޮތް ސަސްޕެންޝަން ކަރުދާސްކޮޅަށް މާޔޫސްކަމާއެކު ބަލައިލިއެވެ.
"ދޮންބެއަށް އެނގޭހާވެސް އެއްޗަކީ ވަޒީފާއިން ވަކިވުމުން ސަލާމަތްވުމަށް އެ ޢާއިލާއަކީ އެކަށީގެންވާ ވަރަށް ބާރުގަދަ ބައެއް ކަން.... މިހާރު ހިނގަމުންދާ ސިޔާސީ ނުތަނަވަސްކަމާއެކު ކަންކަން އޮތީ އަންދާޒާކުރަން ނޭނގޭ ގޮތަކަށް..."
"ކުޑަ ދުވަސްކޮޅެއް ކުރިން ހަދީދު ޢާއިލާއެއް އުޅޭކަންވެސް އަހަރެމެންނަށް އެނގުނީ........" އޭނަ މަޑުމަޑުން ބުނެލީ އަމިއްލަ ނަފުސަށެވެ.
"މިލްހާ... އަދި އެހެން ވާހަކައެއް އެބައޮތެވެ." ހާރިސް ހިންދިރުވައިލިއެވެ.
"އިކްރާމް ބުނީ ހަދީދު ޢާއިލާއިން އެހީތެރިވުމަށް ޝައުޤުވެރިވާނެ ކަމަށް..."
"ތިބުނީ؟" އޭނަ ލޯޝަން ފުޅިން އެތިކޮޅެއް އަތަށް އަޅައިލުމަށްފަހު ލޯޝަން ލާންފެށިއެވެ. އަދި ސެންޓުފުޅިނެގިއެވެ.
"ދޮންބެމެންނަކީ.... އެ އާއިލާ މީހުންނަށް ވެއްޖެނަމަ........" ހާރިސްގެ ޖުމްލައާއެކު އޭނަގެ އަތުން ސެންޓުފުޅި ދޫވިއެވެ.
ނުނިމޭ