"ތިބާއަށް ކުރެވޭ ހުރިހާ ކަމެއް އަމިއްލައަށް ކޮށް އެހެން މީހުންގެ މައްޗަށް ބަރޯސާވުން ކުޑަކުރުމުން ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެއެވެ. އެއީ އެހެން މީހުންނަށް އެހީތެރިވެދިނުމުން ހިތްހަމަޖެހުން ލިބޭފަދައިންނެވެ."

***

އޭނަ ކުރިމަތީގައި ހުރި ކުޑަ ނޫކުލައިގެ ގެއަށް ބަލައިލިއެވެ. އޭނައަށް ނޭގުނީ މާ ގިނަ ވަގުތެއް ނުވަނީސް ބީރައްޓެހިންތަކެއް ހަމަ މިދޮރުން ވަދެގެން އަންނާނެކަމެެވެ. އޭނާގެ އާއިލާއާ ބައްދަލުކުރަން އަންނަ މީހުން ހިފައިގެން އަންނަ ހުށަހެޅުމަކީ އޭނާގެ މުޅި ހަޔާތުގެ މިސްރާބު ބަދަލުކޮށްލާނެ ކަމެއްކަމެއް އޭނާއަށް އެނގިފައެއް ނެތެވެ.

މެހުމާނުން އައީ އޭގެ ތިންވަރަކަށް ދުވަސް ފަހުންނެވެ. އުޑުމަތި ކަނޑުނީލަމެއްހެން ދުރުދުރަށް ދާންދެން ފެތުރި އުޖާލާ އަތްވެއް ދީފައިއޮތް ދުވަހެކެވެ. މިލްހާ އިނީ ސިޓިންގ ރޫމްގެ ތަޅުންގަނޑުމަތީގައި ދެފައި ވަށްކޮށްލައިގެން އިށީދެލައިގެންނެވެ. ކުލަކުލައިގެ ކަރުދާސް ކޮޅުތަކާއި ތެރަސްފުޅިއާއި ޕްރީސްކޫލުން ގެނައި ކުރެހުންތަކެއްގެ މެދުގައެވެ. ކުދިންގެ ކުރިއަށް ރޭވިފައިވާ ހަރަކާތްތަކަށް ބޭނުންވާ ޒީނަތްތެރިކުރުމުގެ ބައެއް ތަކެތި ތައްޔާރުކޮށްދޭނެ ކަމަށް އޭނާ ވަނީ އައިޝާއަށް ވައުދުވެފައެވެ.

އޭނަ މެންދުރު ކެއުމުގެ ކުރިން އެ މަސައްކަތް ނިންމަންވެސް ރޭވިއެވެ. ނަމަވެސް މިހާރު ގަޑިން ދޭއް ޖަހާ ބޮޑުވެއްޖެއެވެ.

ފާތިމާ މުސްހަފް ހުޅުވާލައިގެން އިނދެ ކަހަފް ސޫރަތް ކިޔަވަނީއެވެ. ހުކުރުދުވަހު މަންމަ ކަހަފް ސޫރަތްކިޔަވާ އަޑު ތަކުރާރުކޮށް އިވިއިވި މިލްހާގެ ސިކުނޑީގައި އެ މޫރިތި އާޔަތްތައް ހަރުލާފައިވިއެވެ. މަސައްކަތެއްގައިއިނަސް އޭނަގެ ކަންފަތް ހުންނަނީ މަންމަގެ ގުރުއާނަށެވެ.

މިލްހާ ކަރުދާހުން ހަދާފައިވަ މަލެއް މައްޗަށް ހިއްލާލައިފައި ލޯ ކުޑަކޮށްލިއެވެ. "މި އެއްވެސް ވަރަކަށް މަލަކާއި ވައްތަރެއް ނޫން. މަންމަ ކުރަހައިދީފިއްޔާ މާ ރަނގަޅުވާނެ. އަހަރެން ކުރެހުމަށް ވަރަށް ދެރަ....."

ސޯފާގައި އިން ފާތިމާ އޭނާގެ ފޮތްކިޔާ އައިނު ތިރިކޮށްލާފައި ބަލައިލިއެވެ.

"ނޫނޭ މިލްހާ....މީތި ހަމަ މަލަކާއި ވައްތަރު..."

"ތިއީ ބޯވަ މަހެއްތަ؟" ހާރިސް އޭނާގެ ދެލޯ ހަނިކޮށްލާފައި ބަލައިލިއެވެ.

"މަލުގައި ގިނަ ފިޔަތައް ހުންނާނެ..އެހެންވެ ބޯވައަކާއި ވައްތަރީ......" ފާތިމާ ހިނި އައެވެ.

"މީތި ނިސްބަތްވަނީ ކަނޑަށް...." ހާރިސްއާއި ދިމާލަށް އަމާޒުވި ކްރެޔަން ކޮޅަކުން ރެކެމުން އިތުރުކުރިއެވެ.

"ހޭއި.... ވިސްނައިގެން އުޅެބަލަ... އަހަރެން މިހިރީ ހުކުރުދުވަހުގެ ޚާއްސަ ހެދުމުގައި." ހާރިސް ނުރުހުންވެފައި ކަޅި އަޅައިލިއެވެ. ހާރިސް އަބަދުވެސް ހުކުރު ދުވަހު ލަނީ އަތުގައި އޮންނަ އެންމެ ހުދު ގަމީހެވެ.

އެވަގުތު ގޭގެ މައި ދޮރުގައި ޓަކިދޭ އަޑުއިވުނެވެ. މިލްހާ އަދި ހާރިސްވެސް ހަރަކާތެއް ނުކުރެއެވެ.

ފާތިމާގެ ނަޒަރު ދެބެންނަށް ހުއްޓުނެވެ. "މި ކުދިން މިހާރު ބީރު ކަމަށް ހެދެން އުޅެނީތަ؟"

އަނެއްކާވެސް ޓަކިދޭންފެށިއެވެ.

އެއިން އެކަކުވެސް ތިބިތަނުން ގުޑައެއްނުލިއެވެ. މިލްހާ ލޮލުގެ އިޝާރާތުން ބުނަމުންދިޔައީ ދާން ޖެހެނީ ހާރިސްކަމަށެވެ.

ހާރިސް އޭނާގެ ފައިގައި އަތްލާފައި އިޝާރާތުން އެންގީ ރިއްސާކަމަށެވެ. ހަގީގަތަކީ އެ ކުޑަ މޭޒުމައްޗަށް ފައި ނަގައިގެން ފޮށި ޓީވީން ޕްރޮގްރާމެއް ބަލަން އިނުމުން އޭނާ އޮތީ އިންތިހާއަށް ކަންނެތްވެފައިކަމެވެ.

"މި ޒުވާން ކުދިން ކަންނެތްކަން ބޮޑުކަމުން.. މިހާރު އެކުދިންގެ ބަލިތައް މަންމަމެން މުސްކުޅިންނަށްވުރެ ގިނަ......" ފާތިމާ ތެދުވަމުން ބުނެލިއެވެ.

މަންމައަށްވުރެ ކުރިން މިލްހާ ޝޯލް ބޮލަށް މަހައިލަމުން ވިދުވަރެއްހާ ހަލުވިކަމާއެކު ގޮސް ދޮރު ހުޅުވިއެވެ.

ދޮރުގެ އަނެއް ފަރާތުގައި ދެމީހަކު ތިއްބެވެ. ފިރިހެންމީހާގެ މޫނުމަތީގައި ދަންނަގޮތެއް ހުއްޓެވެ. ވަރަށް ބޮޑަށް އެނގޭ މީހެކެވެ. އޭނާ ހުރީ ރީތިކޮށް އިސްތިރިކޮށްފައިވާ ގަމީހެއް ލައިގެންނެވެ، އަދި ރިހިކުލައިގެ އިސްތަށިގަނޑު ވަނީ ރީތިކޮށް ފަހަތަށް ފުނާއަޅާފައެވެ. އޭނާގެ ކައިރީގައި އުމުރުން ފަންސާހުގެ އަހަރުތަކުގެ ފަހުކޮޅު ކަމަށް ލަފާކުރެވޭ އަންހެނަކު ހުއްޓެވެ. ކްރީމް ކުލައިގެ އަބާޔާއަކާއި ފަނޑު ހިޖާބެއް އަޅާފައެވެ. ދެމީހުންގެ ފަރާތުންވެސް ފެނުނީ ރަސްމީ މާހައުލުތަކަށް އަހުލުވެރިވެފައިވާ މީހުންގެ ކިބައިން ހުންނަ މަޑުމައިތިރިކަމާއި ޤަދަރުވެރިކަމެކެވެ.

އެއާއެކު މިލްގެ ހަނދާނުގެ މަޑިކިލަބުގައި ކޮށްޓައިލެވުނެވެ. ކާނިވަލުގެ މަންޒަރެއް ލޯމަތިން ފެނުނެވެ.

އޭނާގެ އަތްތިލަ ދޮރުގެ ތަޅުގައި ޖެހުނުގޮތަށް ހުއްޓުން އަރާފައެވެ.

އެމީހާއަށް މިލްހާ ފެނުމާއެކު އެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދެލޯ މައްޗަށް ކުޑަކޮށް ވާންވިހެން ހީވިއެވެ.އެ މީހާ ޝައްކުކުރަމުންދިޔަ ކަމެއް ޔަޤީންވި ފަދައެވެ.

"އައްސަލާމް ޢަލައިކުމް" އޭނާ ބުނެލިއެވެ.

"ވައަލައިކުމުއްސަލާމް." މިލްހާ ޖަވާބުދިނެވެ.

އޭނާ ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. "މިއީ ބޭބެ ޙަސަންގެ ގެތަ؟"

މިލްހާ މަޑުމަޑުން ބޯޖަހައިލިއެވެ. "ލައްބަ.."

"އަޅުގަނޑުގެ ނަމަކީ އިކްރާމް......މިއީ ހަލީމާ..."

ހަލީމާ ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ."އަޅުގަނޑުމެން މަސައްކަތްކުރަނީ ހަދީދް ޢާއިލާއަށް."

މިލްހާ އިތުރު ތަފުސީލަކަށް އިންތިޒާރުކުރިއެވެ. އެ ނަން އޭނާ ދުވަހަކުވެސް އަހާފައެއް ނެތެވެ. ހަދީދްގެ ނަން ބުނެލިގޮތުން ހީވީ އެންމެންނަށް އެނގެން މަޖުބޫރުހެންނެވެ.

"އަޅުގަނޑުމެން ބޭނުންވީ ބައްޕައާ ވާހަކަދައްކައިލަން."

"އޯވް....މިގަޑީގައި ބައްޕަ އޮންނާނީ ނިދާފައި އަދި..." މިލްހާ ބޮލުން ނައްޓައިލަން އުޅުނެވެ. އެއާއެކު ބައްޕަ ހިނގާފައި އަންނަ އަޑު އިވިފައި ވާހަކަ މެދުކެނޑުނެވެ. ބޮޑު ކޮޓަރިއާއިހަމަޔަށް ފޯރާހާ ބާރު ޓަކިތަކުން ބައްޕަ މެންދުރުގެ ނިންޖުން ހޭލެއްވީކަމަށް އޭނާއަށް ލަފާކުރެވުނެވެ.

"ބައްޕަ މެންދުރު ނެޕުން ހޭލެވިއްޖެ....."މިލްހާ އެއްފަރާތަކަށް ޖެހިލިއެވެ.

"އަވަހަށް ވަންނަވާ........" ދޮރު އިތުރަށް ހުޅުވާލާފައި ވަންނަން އިޝާރާތްކުރަމުން ޙަސަން ބުނެލިއެވެ. "މިލްހާ.....ގޮސް މަންމައާއެކު މެހުމާނުންނަށް ސައި ގެންނަން އެހީވެދީ."

ދެ މެހުމާނުން ވަނުމުގެ ކުރިން ބޫޓު ބޭލިއެވެ.

"އިށީންނަވާ......." ޙަސަން އިހުތިރާމާއި އެކީ ވާހަކަދެއްކިއެވެ.

"ޝުކުރިއްޔާ...." ދެމަފިރިން ސޯފާގައި އިށީނެވެ. އެ ފިރިހެން މީހާގެ އަތުގައި އޮތް ރަން ގަޑިއާއި އަންހެން މީހާގެ އަތުގައި އޮތް އަގުބޮޑު ޑިޒައިނަރ ދަބަހާއި ގަހަނާތަކުން އެމީހުންނަކީ މުއްސަނދި ބައެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.

މިލްހާ އިރުގަނޑެއްވާންދެން އެ މީހުންގެ ހަރަކާތްތައް ދެކެން ހުރުމަށްފަހު ބަދިގޭގައި ހުރި މަންމަގެ ކައިރިއަށް ދިޔައެވެ.

"ބައްޕަ ވަރަށް މަދުން ނޫނީ މެހުމާނުން ގެއަށް ވައްދާކަށް ނޫޅޭނެ. އެއީ ކޮންބައެއްތަ؟ ރާއްޖޭގެ ރައީސްގެ ނަމަކީ ހަދީދުތަ؟" މިލްހާ ކޮނޑު އަރުވައިލިއެވެ." ވޯޓު ހޯދަން އައި ބަޔަކަށް ވާނީ...."

"ކޮންމެ ދަރަޖައެއްގެ މީހަކަށްވިޔަސް ގެއަށް އަންނަ މެހުމާނުންނަށް ކަމޭހިތަންވާނެ ދަރިފުޅު...."

ފާތިމާ އަވަދިނެތި އުޅުނީ ޚާއްސަ މުނާސަބާތަކަށް ބަހައްޓާ ސައިސެޓް ހޯދުމުގައެވެ.

ފާތިމާ ސައި ތަބައް ތައްޔާރުކޮށްފައި މިލްހާއަށް އެ ގެންދަން އެންގިއެވެ. އޭނާ އަމިއްލައަށް ބަނބުކެޔޮ ފޮތްޗާއި ބިސްކޯދެއް އަނގަޔަށް ލަމުން ތަބައް ހިފައިގެން ނުކުތެވެ.

ހަލީމާ މިލްހާ ފެނުމުން އެމޫނަށް ނަޒަރު ހުއްޓާލައިގެން އިނީ ދިރާސާކުރާފަދައިންނެވެ. އެ މޫނުން އެ ފެނުނީ ކުރިންވެސް ފެނުނު އަޖައިބުކުރުވަނިވި ކުލަވަރެވެ. ރުޅިއެއް ނޫނެވެ. އަޖައިބުވާކަމަކީ އެ ނަޒަރަކީ ހިތާމަައާއި ގާތްކުރާ ކުލަވަރަކަށް ވުމުންނެވެ. އެވަރަށް އެމީހުންނަށް އޭނަގެ މޫނުން ފެންނަނީ ކޮންކަމެއްހެއްޔެވެ؟ ކުލަ އުނގުޅިފައި ހުރީހެއްޔެވެ؟

މިލްހާ ހިތްހަމަނުޖެހިފައި ހުރެ ބަދިގެއަށް އެނބުރި އައެވެ.

އެތަނުގައި ހުރިއިރުވެސް އެ މީހުން ވާހަކަދައްކާ އަޑު ކޮންމެވެސް ވަރަކަށް އިވެއެވެ.

"ކުރިން އެންގުމަކާނުލާ އައުމުން މާފުކުރައްވާ. މިއީ ފިރިހެންދަރިފުޅުތޯ ހަސަން؟"އިކްރާމް ސުވާލުކުރިއެވެ.

"ލައްބަ.... އޭރު އަޅުގަނޑުގެ އަންހެން ދަރިފުޅުވެސް ފެނުނު.... ސައި ގެނެސްދިނީ އޭނާ."

މިލްހާ ފެން ތަށިތައް ހިފައިގެން އައުމުން ބައްޕަ ގެ ނަޒަރު އޭނައަށް ހުއްޓުނެވެ.

މިލްހާއަށް ފުރަތަމަ ފަހަރަށްަ ބައްޕަގެ މޫނުމަތިން އާދަޔާޚިލާފު ކަމެއް ފާހަގަވިއެވެ. ކުޑައިރުންފެށިގެން ޒުވާންވުމާއި ހަމަޔަށް ނުފެންނަ ކުލައެކެވެ.

"މިލްހާ.... ތިތާ އިށީނދޭ...."

އޭނާ ބުމަ އަރުވާލިއެވެ.

"އަޅުނގަޑުތަ؟"

ބައްޕަ ބޯޖަހައިލިއެވެ.

މިލްހާވެސް މަންމަގެ ގާތު ސޯފާގައި އިށީދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ތަނުގައި ހިފާފައިވަނީ ސެންޓުގެ މީރުވަހެވެ. އިރުކޮޅަކަށް ކޮޓަރިތެރެ ހިމޭންވެ އެންމެން ވާހަކަ ހުސްވިފަދައެވެ.

އިކްރާމްގެ ތަޖުރިބާހުރި ދުވަސްވެފައިވާ ލޮލުން ބުއްދިވެރިކަމުގެ އަލިކަމެއް ފާޅުވާން ހުއްޓެވެ.

"އަހަރެމެން މިއަދު މި އައީ ހަދީދްގެ އާއިލާގެ މަންދޫބުންގެ ހައިސިއްޔަތުން."

ހަސަން ވާހަކަ ނުދައްކައި އަޑުއަހަން އިނެވެ. މިލްހާއަށް ފާހަގަވީ އޭނަ ގެނައި ސައިތަށީގައި އަތްނުލާކަމެވެ. އަނެއްކާ ޖިންނިންހެއްޔެވެ؟ ނޫނީ އެމީހުންނަށް ބަނބުކެޔޮ ފޮތި ކަމުނުދަނީހެއްޔެވެ؟ އޭނާއަށް އެކަނިވެސް އެ ތަބަށް ހުރިގޮތަށް ކެވިދާނެއެވެ.

"ތިޔަ އާއިލާއާއި، ތިޔަ ދެމަފިރިންގެ އަޚުލާގާއި ބެހޭގޮތުން އަހަރެމެންގެ އާއިލާއަށް ވަނީ ވަރަށް ގިނަ ރަނގަޅު ވާހަކަތައް އަޑުއިވިފައި....." އިކްރާމް ކުރިއަށް ގެންދިޔައެވެ. "އަދި ތިޔަ ދަރިފުޅާއި ބެހޭގޮތުންވެސް...."

ހާރިސް ކެއްސާލި އަޑު އެންމެންނަށްވެސް އިވުނެވެ. ނަމަވެސް އެއްވެސް މީހަކު އަޅައެއް ނުލިއެވެ.

"އަހަރެމެންގެ ވެރިޔާގެ އާއިލާއިން ހުށަހެޅުމެއް ހުށަހަޅަން ބޭނުންވޭ."

ކޮޓަރިތެރެ ކުރިއަށްވުރެ ބޮޑަށް ހިމޭންވިހެން ހީވިއެވެ. ފަންކާގެ އަޑުވެސް ކުއްލިއަކަށް ބާރުވިހެން ހީވިއެވެ.

މިލްހާ ދެލޯ ބޮޑުކޮށްލިއެވެ.

"ހުށަހެޅުމެކޭ؟" ހާރިސްގެ އަޑު ބާރުވުމުން ޙަސަން އޭނާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ. އަދި ކީއްވެގެންތޯ އޭނާ އެތާ އަށް ދައުވަތު ނުދެނީސް އެތަނަށް އައީ ކީއްކުރަންހޭ ބުނާ ފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ.

އިކްރާމް ކަރުކެހިލިއެވެ.

"ހަދީދްގެ ޢާއިލާއިން ރަސްމީކޮށް އެދެނީ ތިޔަ ދަރިފުޅުގެ އަތުން ކައިވެންޏަށް ...."

މިލްހާގެ އަނގަ ކުޑަކޮށް ހުޅުވުނެވެ.

އޭނާގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ބުނާނެ އެއްވެސް ބުއްދިވެރި ޖަވާބެއް ނުލިބުނެވެ.

ފާޠިމާ މަޑުމަޑުން އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލިއެވެ. މި އާދައިގެ ސިޓިންގ ރޫމުގައި އެމީހުން ތިބި ގޮތުން ފާތިމާއަށް ކުރިން ނުވިސްނޭ އެތައް ކަމެއް ކުއްލިއަކަށް ވިސްނެން ފެށިއެވެ.

ފަނޑުވެފައިވާ ފަރުދާތަކާއި ކޫރުން އެޅިގައިވާ މޭޒާއި އަދިވެސް ހަމަ ރަނގަޅަށް ބޭނުންކުރެވޭތީ ބަދަލުކުރަން ނުވިސްނާ ހުރި ދުވަސްވީ ސޯފާގެ ސަބަބުން މި މެހުމާނުން މި ގެއަކީ ކުޑަގެއެއްކަމަށް ދެކޭނެހެއްޔޭ އޭނާ ހިތަށްއެރިއެވެ.

މިލްހާއަށް މަންމައިގެ އިނގިލިތަކުން އޭނާގެ އަތަށް ބާރުކޮށްލެވުނުކަން އިޙުސާސްވިއެވެ. އެއީ އޭނާއަށް ފަރިތަ ހޫނު އަތްތިލައެކެވެ.

ޙަސަން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.

އިކްރާމްކުރިއަށް ގެންދިޔައެވެ. "އެމީހުންގެ ދަރިފުޅު ސިފްރާންގެ އުމުރަކީ އަށާވީސް އަހަރު.. އޭނާ ދިރިއުޅެނީ ރާއްޖެއިން ބޭރުގައި...އެ ޢާއިލާގެ މިލްކުވެރިކަމާއި ރިއަލް އެސްޓޭޓް ވިޔަފާރިތައް ބަލަހައްޓަމުން... އޭނާއަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު...."

މިލްހާއަކަށް މި ހަދީދު ޢާއިލާގެ ވާހަކައެއް ނުވަތަ އެމީހުންގެ ދަރިފުޅުގެ ވާހަކައެއް އެއްވެސް އިރެއްގައި އަޑުއަހާފައެއް ނުވެއެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އެ ޢާއިލާއިން ސީދާ އޭނާގެ ގެއަށް އައިސް އޭނާއަށް އެދިފައިވަނީއެވެ.

ބައްޕަ މި "ޑީލް" ޤަބޫލުކޮށް ބޯޖަހާލަފާނެ ކަމަށް މިލްހާ ހީކުރިއެވެ.

"އޭނާ ދިރިއުޅެނީ ކޮންތާކު؟" އެއީ ޙަސަންގެ ފުރަތަމަ ސުވާލެވެ.

"ސްކޮޓްލެންޑްގައި...."

މިލްހާގެ ދެލޯ ކުޑަކޮށް ބޮޑުވިއެވެ. ސްކޮޓްލެންޑެވެ. އެއީ ހަމަޔަގީނުންވެސް ވަރަށް ދުރެވެ.

ހާރިސް ޝައުގުވެރިކަމާއެކު ކުރިއަށް ޖެހިލިއެވެ. "އޭނާ ހަގީގަތުގައިވެސް އެތާ ދިރިއުޅެނީތަ، ނުވަތަ މަސައްކަތަށް އެކަނި ދަތުރުކުރަނީތަ؟"

އިބްރާހީމް އޭނާއަށް ބަލައިލިއެވެ. "އޭނާ ދިރިއުޅެނީ އެތަނުގައި....."

ހާރިސް އިންޓަވިއުއެއް ކުރިއަށް ގެންދާ ފަދައިން ވިސްނާލުމުގެ ގޮތުން ބޯޖަހައިލިއެވެ. "އަދި މަސައްކަތް ނުކުރާ ވަގުތުތަކުގައި އޭނާ ކުރަނީ ކޮން ކަމެއް؟"

ފާޠިމާ އޭނާއަށް އިންޒާރުގެ ނަޒަރަކުން ބަލައިލުމުން ހާރިސް މަޑުޖެހިލިއެވެ.

"މިލްހާ މި ރަށުން ބޭރަށް ދުވަހަކުވެސް ދަތުރެއްކޮށްފައެއް ނެތް. އަދި މި ސޮކްލެންޑް... ތިޔަ ބުނާ ތަނަކީ މާ ދުރު ތަނެއް." ޙަސަން ބުނެލިއެވެ. އަދި އެ ހުށަހެޅުމާ މެދު އޭނާ ހިތްހަމަނުޖެހޭ ކަހަލައެވެ.

މިލްހާގެ އިޙުސާސްތައް ބަންޑުންވާން އުޅުނެވެ. މުއްސަނދިކަން ހޯދުމަށްޓަކައި ދަރިން ކައިވެނިކޮށްދޭން އުޅޭ ޢާއިލާތަކުގެ ވާހަކަތައް އޭނާ އަޑުއަހާފައިވެއެވެ. ބޭރު ޤައުމަކާއި ބޮޑު ގަނޑުވަރެއް ނުވަތަ މުއްސަނދި ނަމެއް ފެނުމުން އެހެން ހުރިހާ ކަމެއް ފަހަތަށް ޖައްސާލާ މީހުންނެވެ. ނަމަވެސް ބައްޕަ އިކްރާމްގެ އަތުގައި އޮތް އަގުބޮޑު ގަޑިއަކަށް ނުބަލައެވެ. ބޭރުގައި އޮތް ކާރަކަށްވެސް ބައްޕަ ނުބަލައެވެ.

ބައްޕައަކީ މާ ގިނައިން ވާހަކަދައްކާ އުޅޭ މީހެއް ނޫނެވެ. ބައެއް ބައްޕައިން ދަރިންނާއި އޮންނަ ގުޅުމާއި އެގޮތށް ލޯބި ދައްކާ މީހެއްވެސް ނޫނެވެ. ނަމަވެސް ކުއްލިއަކަށް އޭނާއަށް ކަމެއް ވިސްނުނެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ އައިސް ދޮރުގައި ޓަކިޖެހިޔަސް، ޙަސަން ކަންބޮޑުވާނީ އޭނާގެ ދަރިފުޅުގެ އިފަލާއިމެދުގައެވެ.

"އަހަރެމެންނަށް ވިސްނޭ. އެއީ ވަރަށް ދުރު ރާސްތާއެއް."

"ކައިވެންޏަކީ ކުޑަ ކަމެއް ނޫން. ޚާއްސަކޮށް ދަރިފުޅު ދުނިޔޭގެ އަނެއް ފަރާތަށް ފޮނުވާލަން ޖެހޭއިރު."ހަސަންގެ އެ ވާހަކަތަކުން ފާތިމާގެ ހިތްވެސް ވިރިގެންދިޔައެވެ.

"މި ހުށަހެޅުމުގެ ވާހަކަ އެ ފިރިހެން ކުއްޖާއަށް އެނގޭތަ؟" ޙަސަން ސުވާލުކުރިއެވެ.

"އާނ.... ސިފްރާންއަށް އެނގޭ." މިފަހަރު ވާހަކަދެއްކީ ޙަލީމާއެވެ، އޭނާގެ އަޑު ހުރީ ވަރަށް މަޑުމައިތިރިކޮށް އަދި އަދަބުވެރިކޮށެވެ. "ޢާއިލާއިން ބޭނުންވަނީ އެއްވެސް ގޮތެއް ނިންމުމުގެ ކުރިން އެ ދެމީހުން ބައްދަލުވެ ހަދައިލަން.."

ޙަސަން މިލްހާއަށް ބަލައިލިއެވެ. އޭނާގެ ލޮލުގައިވާ ސުވާލު މިލްހާއަށް ފެނުނެވެ.

"މިލްހާ ދެކެނީ ކިހިނެއް؟ މިހާރު ހުރިހާ ކަމެއް އޮތީ މިލްހާގެ އަތްމަތީގައިއޭ ބައްޕަގެ ނަޒަރު ބުނާ ކަހަލައެވެ.

އެއީ ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއް ގެނުވި ކަމެކެވެ. އޭނާ ދުވަހަކުވެސް ނުދަންނަ މުޅި ޢާއިލާއެކެވެ. އޭނާ ދުވަހަކުވެސް ދެކެފައިނުވާ ފިރިހެނެކެވެ. އޭނާ ދުވަހަކުވެސް ދަތުރުކޮށްފައިނުވާ ޤައުމެކެވެ.

"އަޅުގަނޑަކަށް ނޭނގެ،" އޭނާ ތެދުބަހުން ބުނެލިއެވެ. "އޭނާއާ ބެހޭގޮތުން އަޅުގަނޑަށް އެއްވެސް އެއްޗެއް ނޭނގެ."

އިކްރާމަށް އެ ޖަވާބު ކަމުދިޔަހེން ހީވިއެވެ.

"އެއީ ހަމަ އެ ސަބަބާހުރެ މިއަދު ވަކި ގޮތެއް ނުނިންމާނެކަން އަހަރެމެން ޤަބޫލުކުރަނީ. ޢާއިލާއިން ރުހޭނަމަ ސިފްރާންއާ ބައްދަލުވެވޭނެ އިންތިޒާމެއް އަހަރެމެން ހަމަޖައްސައިދެވިދާނެ." އޮިކްރާމް ބުނެލިއެވެ. އޭރު އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އެއީ އިތުރަށް އިށީނދެގެން އިނދެ ނޫނެކޭ ބުނާ އަޑުއަހަން ބޭނުންނުވާ ފަދައިންނެވެ.

"ޙަސަން، އަޅުގަނޑު އުންމީދުކުރަން ތިބޭފުޅުންގެ ޖަވާބެއް ލިބޭނެ ކަމަށް."އިކްރާމް ސަލާމް ކޮށްލަމުން ބުނެލިއެވެ. އަދި ހާރިސަށްވެސް ސަލާމް ކޮށްލިއެވެ.

ޙަލީމާ އައިސް މިލްހާ ހައިރާންކޮށްލަމުން ލުއިކޮށް ބައްދާލިއެވެ. "ދަރިފުޅާ، ބަލައިގެން އުޅޭތި..... މިކަމާ ހެދި އެއްވެސް ބުރައެއް، ނުވަތަ ނުފޫޒެއް އިހުސާސްނުކުރާނެ ކަމަށް އުންމީދުކުރަން."

މިލްހާ ކުޑަކޮށް ހިނިތުންވެލިއެވެ. "އަޅުގަނޑު ނުކުރާނަން." އޭނާ އެ ބުނީ ތެދަށެވެ. އޭނާ އެބުނާ ޢާއިލާއެއް ނުދަނެއެވެ. އެމީހުންގެ ދަރިފުޅެއްވެސް ނުދަނެއެވެ. ކުދިކުދި ކަންކަމުގައި ދުވަހަކުވެސް ނުފެންނަ މީހަކާ މެދު ވިސްނާކަށް ޙަޔާތް މާ ކުރެވެ. އަދި ތެދަށް ބުނާނަމަ އޭނާ އިނީ ކައިވެންޏަކަށް ބޭނުންވެފައެއް ނޫނެވެ. މިހާރަކު ނޫނެވެ.

އެމީހުން ދިޔުމާއެކު ހާރިސް ވާހަކަދައްކަން ފެށިއެވެ.

"މިލްހާ އެއީ ވަރަށް މުއްސަނދި މީހަކާ ކައިވެނިކުރަން އުޅޭ މީހެއް."

"ޙަސަން އެއީ ކޮންބައެއްތަ އަދި މި ހަދީދް ޢާއިލާއަކީ ކޮބައިތަ؟ އެމީހުން އެނގޭތަ؟" ފާޠިމާއަށް ސުވާލުތައް ގިނަވިއެވެ. މިލްހާއަށް ރަނގަޅު ފިރިއެއް ލިބުމަކީ އޭނާ އަބަދުވެސް އެދޭ ކަމަކަށްވާތީ އޭނާ ހުރީ އުފަލުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު