"ކޮންމެ ހާލެއްގައިވެސް ނަމާދުތައް ދޫކޮށްނުލާށެވެ. ކޮންމެ ނަމާދަކީ ހަޔާތުގެ އެންމެ ފަހު ނަމާދުކަމުގައި ދެކެގެން ޚުޝޫއަތް ތެރިކަމާއެކު ނަމާދުކުރުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެއެވެ."
***
ރަސްގެފާނު ޣާޒީގެ ހިތްޕުޅުގައި މެތިއުއާއި މޭރީއަށް އޮތް ގަދަރާއި އިހުތިރާމް އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ތާރިގުއަކީ އެމަނިކުފާނު އެންމެ އިތުބާރުކުރާ ހަނގުރާމަވެރިޔާއެވެ. ތާރިގުގެ ދެއްކުންތެރިކަމެއް ނެތް ހެޔޮލަފާ ބައްޕައަށް އެހީތެރިވުމަކީ އެމަނިކުފާނުގެ ވާޖިބެއްކަމަށް ރަސްގެފާނު ގަބޫލުފުޅުކުރެއްވިއެވެ.
"ހިތްހަމަޖައްސާލައިގެން ތިއްބަވާ.........." ރަސްގެފާނު ޣާޒީ މެތިއުގެ ކޮނޑުގައި އަތްޖައްސަވާލެއްވިއެވެ. "ތިޔައީ އަޅުގަނޑުމެންގެ އެންމެ ބާރުގަދަ ހަނގުރާމަވެރިޔާ ތާރިގުގެ ބައްޕާފުޅާއި ކޮއްކޮ...... މި ކިއްލާގައި ތިޔަބޭފުޅުންނަށް ފުރިހަމަ ހިމާޔަތާއި އެންމެ ރަނގަޅު ފަރުވާ ލިބޭނެ....."
ރަސްގެފާނު ޣާޒީ އެންގެވީ މޭރީއާއި މެތިއުއަށް ގަނޑުވަރުން ޚާއްސަ ކޮޓަރިއެއް ހަމައްސާދިނުމަށެވެ.
***
މުސްލިމުންގެ ބޮޑު ކިއްލާގެ ރައްކާތެރިކަމުގެ ތެރޭގައި މޭރީގެ ހަށިގަނޑަށް އަލުން ދިރުން ލިބެމުން ދިޔައެވެ. ބޭސްވެރިންގެ ފަރުވާއާއި ގަނޑުވަރުގެ ޚާދިމާއިންގެ އަޅާލުމުގެ ދަށުން އޭނާގެ ބަލިކަށިކަން ފިލައި ހަކަަތަ އަލުން އިއާދަވާންފެށުމާއެކު ކޯތާފަތުން ފިޔާތޮށިކުލަ އެރިއެވެ. ގަނޑުވަރުގެ ރަހަމީރު މޮޅު ކެއުމާއެކު ހުރިހާ ޚިދުމަތެއްވެސް އެހެން ބޭފުޅުން ފަދައިން ލިބުނެވެ. ނަމަވެސް މޭރީގެ ހިތުގެ އެންމެ ފުންމިނުގައި ރޯވެފައިވި ނަފްރަތުގެ އަލިފާންގަނޑު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
އޭނާގެ ލޮލުގެ ކުރިމަތީގައި ފެންނަނީ ހުޅުތަކުން ދިރުވައިލެވުނު އަމިއްލަ އަވަށެވެ. ކަންފަތުގައި އަދިވެސް ގުގުމަމުން ދިޔައީ އަވަށު މީހުންގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއީ މުސްލިމުންގެ ހެދުމުގައި އައިސް އޭނާގެ ދިރިއުޅުން ހަލާކުކޮށްލި އަނިޔާވެރިން ކަމަށް މޭރީގެ ސިކުނޑިއަށް އޮތީ ސާބިތުވެފައެވެ. އެހެންކަމުން މުސްލިމުން އޭނާއަށް ދެމުންދިޔަ އޯގާތެރިކަމާއި އިޙްތިރާމަކީ އޭނާގެ ލޮލުގައި އަނދުން އަޅުވައި ކެއްސެއް ދިނުމަށްޓަކައި ކުރާ ކަމެއް ކަމުގައި މޭރީ ނިންމިއެވެ.
"އަހަރެންގެ އަވަށާއި އަހަރެންގެ އާއިލާގެ ދިރިއުޅުން ދުއްވާލި މީހުންގެ ފަރާތުން އަހަރެން ވަޅުލެވުމުގެ ކުރިން ބަދަލުހިފާނަން. ކިތަންމެ އޯގާތެރިކަން ބޭރުފުށުން ދެއްކިޔަސް މުސްލިމުންނަކީ ރަހުމެއްނެތް އަނިޔާވެރިބަޔެއް......" މޭރީ ގެ ހިތުގައި އުފަންވީ ބަދަލުހިފުމުގެ އަޒުމެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. މޭރީގެ މަޑުމައިތިރިކަމާއި މާތް އަޚްލާޤުގެ ފަހަތުގައިވާ އަނދިރި ސިއްރު ރަސްގެފާނު ޣާޒީއަކަށް އެއްވެސް ވަރަކަށް ރޭކާއެއް ލައްވައެވެ. އެމަނިކުފާނަށް ފެނިވަޑައިގަރީ މޭރީގެ ހިތްހެޔޮކަމާއި ހިކުމަތްތެރިކަމެވެ. އޭނާގެ އަޚުލާގީ މާތް ސިފައެވެ. ތާރިގު ފަދައިންނެވެ.
އެއްރޭ ގަނޑުވަރުގެ ބޮޑު މާލަމުގައި ރަސްގެފާނު ޣާޒީ މޭރީއާ ބައްދަލުކުރައްވަން ދައުވަތު ދެއްވިއެވެ.
"މޭރީ..." ރަސްގެފާނު ޣާޒީ ހައިބަވަންތަ ނަމަވެސް، މަޑުމައިތިރި އަޑަކުން ވާހަކަދެއްކެވިއެވެ. "ނިކަމެތިންނަށް އެހީތެރިވުމާއި އޯގާތެރިވުމަކީ އިސްލާމްދީނުގެ އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސިފައެއް... ތިބާގެ ކިބައިން އަހަރެންނަށް ފެންނަނީ އެ މާތް ސިފަތައް.... އަހަރެން އެދެނީ ތިބާ އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް.......މި ގަނޑުވަރުގެ ރާނީއަކަށް ވުމަށް......."
މޭރީގެ އިސްޖަހާލެވުނު މޫނުމަތިން ކުޑަ ހިނިތުންވުމެއް ފާޅުވިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ހިނިތުންވުމެއް ނޫނެވެ. އެއީ ނުރައްކާތެރި ބަދަލުހިފުމުގެ ހިނިތުންވުމެކެވެ. މުސްލިމުންގެ އެންމެ އިސްވެރިޔާ މުޅި ލަޝްކަރުގެ ރަސްގެފާނުގެ އަނބިކަނބަލުންގެ މަޤާމަށް އާދެވުމަކީ އެމީހުންގެ އެންމެ އެތެރެއިން މުޅި ސަލްޠަނާތް ހަލާކުކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތުކަން މޭރީއަށް ވިސްނުނެވެ. އެހެން އަންބަކު ހުރިއިރުވެސް އޭނައާއި ކައިވެނި ބައްލަވައިގަންނަވަން ނިންމެވުމަކީވެސް އޭނަ ދެކުނު ގޮތުން ނުބައި ސިފައެކެވެ.
"އާދެ މާތް ސާހިބާ...އަޅުގަނޑު...ތި ކައިވެންޏާއި އެއްބަސްވަން....އަޅުގަނޑު މިހިރީވެސް އިސްލާމްދީން ޤަބޫލުކޮށްގެން............" މޭރީ އޮޅުވާލުމުގެ ނިޔަތުގައި ބުނެލިއެވެ..
"އެހެންވިއްޔާ މިއަދުން ފެށިގެން މޭރީގެ ނަން ބަދަލުކޮށްލައިފިން. އެއީ ބުތައިނާ ކަމުގައި ހަމަޖައްސައިފިން..."
"ލައްބަ ސާހިބާ....އަޅުގަނޑަށް ތިނަން ވަރަށް ހިތްގައިމު.....ވަރަށް ކަމުދާ ނަމެއް.."
"ބުތައިނާގެ މާނައަކީ ރީތިކަން..މަޑުކަން...މޭރީއާއި އެންމެ އެކަށީގެންވަނީ މި ނަން......."
މޭރީއަށް ރަސްފެގާނުގެ ތައުރީފުން އުފާވެރިކަމެއްލިބުނެވެ. އޭނައަށް ހައްގު ތައުރީފެއްކަމަށް ހިތް ގަބޫލުކުރިއެވެ.
ރަސްގެފާނު ޣާޒީ އުފާފުޅުކުރައްވާ މެތިއުއާއި ވާހަކަދައްކަވާ އޭނަގެ ރުހުން ހޯއްދެވިއެވެ. މެތިއުގެ ހިތް އެންމެ ރުހޭކަމަކަށްނުވިޔަސް ހާލަތު މަޖުބޫރުކުރަނީ އެކަމަށް ހުއްދަދިނުމަށެވެ. އަދި ދަރިފުޅު މޭރީއަށް މަރުޙަބާ ކިޔާ ދިރިއުޅުމާއިމެދު ނަސޭހަތްތެރިވިއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުލަގަދަ ކައިވެނީގެ ޙަފްލާއެއް ބޭއްވި މޭރީ މުސްލިމުންގެ އާ ރާނީއަށް ވެގެން ދިޔައެވެ. ބުތައިނާއަށް އެނގުނީ ޖަޒީރާއަކީ ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުން ކަމާއި ދަރިކަލަކު ހުންނަވާކަމެވެ. އެތުއްޕުޅު ބޭފުޅާގެ ހަގީގަތް ގަނޑުވަރުގެ މީހުންނަށްވެސް އެނގިފައެއްނެތެވެ. އެދަރިކަލުންނަކީ ބުތައިނާގެ ކުރިމަގަށް އޮތް ހުރަހެެއްކަމުގައި އޭނަ ދެކުނެވެ.
ގަނޑުވަރުގެ ތެރޭގައި ރާނީ ބުތައިނާގެ ނުފޫޒު ގަދަވަމުން ދިޔައެވެ.
ގަނޑުވަރުގެ ބަގީޗާގެ ތެރޭގައި އުނދޯއްޔެއްގައި ޖަޒީރާ އެ ތުއްޕުޅު ދަރިކަލުން ގޮވައިގެން އިންނަވަނިކޮށް ރާނީ ބުތައިނާއަށް އެތަނަށް އާދެވުނެވެ.
"މި ދަރިކަލުން ވަރަށް ރީތި... ދޯ؟" ޖަޒީރާ އުފާފުޅުން ފުރިފައިވާ އަޑަކުން ވިދާޅުވިއެވެ.
"އާނ...ކޮންފަދަ ރީތި ދެލޮލާއި އެސްފިޔަ...މި ވަރުގަދަ އިސްތަށިގަނޑު...."ބުތައިނާ އެދަރިކަލުންގެ އިސްތަށިގަނޑުފުޅުގައި އަތް ބީއްސައިލިއެވެ. ދަރިކަލުން ބައްޕާފުޅާއި ވައްތަރުކަމެއް ނެތެވެ. މިދަރިފުޅުގެ އިސްތަށިގަނޑުގަދަ މުށިކުލައަކަށްދާއިރު ލޮލުގެ ކުލަވެސް އަޅިކުލައިގެ ޖަވާހިރެއްފަދައިން ވިދާ ބަބުޅައެވެ.
ދަރިކަލުންގެ ނިޔަނެތި ލޯފުޅާއި ރީތި މައުސޫމް މޫނުކޮޅު ފެނުމުން ބުތައިނާގެ ހިތަށް ބުނެދޭން ނޭނގޭ ތަފާތު އިޙްސާސެއް ކުރެވުުނެވެ. އޭނާގެ ހިތުގައިވާ ނަފްރަތުގެ އަލިފާންގަނޑުގެ ތެރެއިންވެސް، އެ ތުއްތު ކުއްޖާއަށްޓަކައި ހިތް މަޑުވެ ނޭނގޭ ލޯތްބެއް އުފެދިގެން ދިޔައެވެ.
ނަމަވެސް ބުތައިނާގެ ހިތުގައި އޮތީ އެ މުސްލިމުންގެ ކިބައިން ބަދަލުހިފުމުގެ އަނދިރި ރޭވުމެވެ. އޭނާއަށް ނޭނގޭ ކަމަކީ ހަލާކުކޮށްލަން އެ ރާވާ މުސްލިމުންގެ ގަނޑުވަރުގެ ތެރޭގައި މިއުޅުއްވަނީ އޭނާގެ ދައްތައެއްފަދަ ކެތްރީންގެ ޔަތީމު ކުޑަ ދަރިކަލުން ކަމެވެ.
ބުތައިނާ ގަހުގެ ހިޔަލުގައި ހުރި މަރުމަރުހިލައިގެ ބެންޗެއްގައި އިށީދެ އިންއިރު ވިސްނެމުން ދިޔައީ ޖަޒީރާގެ ދަރިކަލުންނާއިމެދުގައެވެ. އޭނަވެސް އެފަދަ ދަރިއަކު ހުރުމަށް އެދެއެވެ. ޖަޒީރާގެ ދަރިކަލުން ދުރުކޮށްލާފައި ރަސްކަންހޯދަދޭންވީ އޭނަގެ އަމިއްލަ ދަރިފުޅަށެވެ.
"މުސްލިމުންގެ އަތްދަށުން ތަޚުތު ފޭރިގަތުމަށްޓަކާ އެންމެ ފުރަތަމަ އަޅަންވީ ފިޔަަވަޅަކީ ދަރިއެއް ހޯދުން...ފިރިހެންދަރިއެއް ލިބިއްޖެއްޔާ ޖަޒީރާގެ ދަރިފުޅު މަގުން އެއްފަރާތްކޮށްލެވިދާނެ.....އެނޫންގޮތަކަށް މުސްލިމުންގެ ފަރާތުން ބަދަލުހިފޭނެކަމަކަށް ނުފެނޭ.....ކޮންމެގޮތެއްވިޔަސް މި ރަސްކަން ނިގުޅައިގަންނަން ޖެހޭ..މުސްލިމުންގެ އަނިޔާވެރިކަން ނިންމަންޖެހޭ..އެހެޔޮ ކުަޑަކުއްޖަކު ގުރުބާން ކޮށްލަން ޖެހުނަސް........"
ބުތައިނާ ޖަޒީރާއާއި ގުޅުން ރަގަޅުކަމަށް ބޭރުފުށުން ދެއްކިޔަސް ހިތުގައިވަނީ އަދާވާތްތެރިކަމެވެ.
***
ދުވަސްތައް މަސްތަކަށް އަދި އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. ޝާހީ ގަނޑުވަރުގެ ތެރޭގައި ޒަމާންތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް ކެތްރީންގެ ހިތްޕުޅުގައިވި ފުން ޒަޚަމްތަކަށް އެއްވެސް ލުޔެއް ނުލިބެއެވެ.
އެކަމަނާގެ ބައްޕާފުޅު ކިންގް ފަޑިނަންޑްއާއި މަންމާފުޅު ކުއީން އިޒަބެލާ ގެ ނުފޫޒާއި މަޖުބޫރުކުރުމުގެ މަތިން ކެތްރީންއަށް ސިޔާސީ ބޮޑު ކައިވެންޏެއް ކުރައްވަން މަޖުބޫރުވެވަޑައިގަތެވެ. އެއީ އެމީހުންގެ އިއްތިހާދީ އީސާއީންގެ ބާރު އިތުރަށް ގަދަކޮށް ފުޅާކުރުމަށްޓަކައި އަވަށްޓެރި ބާރުގަދަ ރަސްކަމެއްގެ ޝާހީ ޕްރިންސްއަކާއެކު ކުރެވުނު ކައިވެންޏެކެވެ. އާތަރއާއި ކައިވެނިކޮށްގެން ދުވަސްކޮޅެއްވީތަނާ އެމަނިކުފާނު ދުނިޔެއާއި ވަކިވެ ވަޑައިގެންނެވިއެވެ. އެއަށްފަހު ކެތްރީންގެ ހަޔާތަށް ވަޑައިގަތީ އާތަރގެ ކޮއްކޯފުޅު ހެންރީއެވެ.އެއީ އިންގްލޭންޑްގެ ރަސްކަމުގެ ވާރިސެވެ.
ހެންރީއާއި އެކަމަނާގެ ކައިވެންޏަށް އަހަރެއްވީތަނާ ކެތްރީންއަށް ފިރިހެންދަރިކަލަކު ލިބިވަޑައިގަތެވެ.ގަނޑުވަރުގެ އެންމެންވެސް އެ ތުއްޕުޅު ޕްރިންސް އުފަންވެވަޑައިގަތުމުން އުފާކޮށް ބޮޑު ޙަފްލާތައް ބޭއްވިއެވެ. ނަމަވެސް، ކެތްރީންގެ ހިތްޕުޅުގައި ފޮރުވުފައިވީ މުޅިން ތަފާތު ވޭނެކެވެ.
އެކަމަނާ އެ ދަރިކަލުން އުރާވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަމަނާގެ ދެލޯފުޅުން ހިފެހެއްޓުމެއްނެތި ކަރުނަފޮދު އޮހިގަނެއެވެ.އެކަމަނާގެ މުޅި ވިސްނުންފުޅާއި،ހިތްޕުޅުގެ ކަނެއްގައި އަބަދުވެސް ވީ އެންމެ ހަނދާނެކެވެ. މާޒީގެ ހިރަފުހުގެ ތެރެއަށް އޮބުނު ހިތްދަތި ބާބެވެ. ފިނި ހޮހަޅައިގެ ތެރޭގައި ވިހެއި ތުއްޕުޅު ފުރާނައެވެ.
"އަހަރެންގެ ލޯބިވާ އަންހެން ދަރިފުޅު...އެހާ ހިތްދަތިގޮތަކަށް މަރުވެގެން ދިޔައީ ކީއްވެ؟" ކެތްރީން ކީރިތި ފުޅު ކުރައްވާ އަމިއްލަ ނަފުސާއި ވާހަކަދައްކަވައެވެ.
އޭނާގެ ބޭބެ ޕްރިންސް ރޮޑްރިގޯ ހެއްދެވި އިތުރުފުޅުގެ ސަބަބުން ކެތްރީންއަށް ޔަޤީންވެފައި އޮތީ އެކަމަނާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ އަންހެން ބޭފުޅެއްކަމަށެވެ. އެތުއްޕުޅު ބޭފުޅާ އަވަހާރަވީ މުސްލިމުންގެ އަނިޔާވެރި ހަމަލާގައި ކަމަށެވެ. އެ ތުއްޕުޅު ދަރިކަނބަލުން އޮތްތަނެއް އެނގިވަޑައިނުގަންނަވާ ކެތްރީންގެ މުޅި ހަޔާތް ވަނީ ހިތާމައިގެ ކަނޑެއްގައި ޣަރަގުވެފައެވެ.
ނަމަވެސް، ދާދި ކައިރީގައިވާ އެހެން ކިއްލާއެއްގައި ކެތްރީންގެ ހަޔާތްޕުޅުގެ އެހެން ބާބެއް ތަމްސީލުވަމުން ދިޔައެވެ.
މުސްލިމުންގެ ރަސްގެފާނު ޣާޒީގެ ޝާހީ ގަނޑުވަރުގެ ތެރޭގައި ފުރަތަމަ އަނބިކަބަލުން ޖަޒީރާ އުޅުއްވަނީ އިންތިހާއަށް އުފަލުންނެވެ.
ޖަޒީރާގެ ދަރިކަލުންނަށް އެކަމަނާގެ ފަރާތުން ފުރިހަމަ ލޯތްބާއި އަޅައިލުން ދެއްވައެވެ. އެ ދަރިކަލުންގެ ޝާހީ ސިފަތަކާއި ތޫނު ދެލޮލުން ފެންނަ ހައިބަތަކީ އަސްލު ކެތްރީންއާއި ޖޯންގެ ލޭކަމެއް ގަނޑުވަރުގެ އެކަކަށްވެސް އަދި ދަރިކަލުން ގެންގުޅުއްވާ ޖަޒީރާއަކަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ.
މުޅި ގަނޑުވަރުގެ އެންމެންވެސް ޤަބޫލުކުރަނީ އެއީ ރަސްގެފާނު ޣާޒީ އާއި ޖަޒީރާގެ އަމިއްލަ ޝާހީ ފިރިހެން ދަރިކަލުން ކަމުގައެވެ.
އެއްކޮޅުން ކެތްރީން ދުނިޔެއަށް ނާންނަ އަންހެން ދަރިއަކަށްޓަކައި ކަރުނައަޅުއްވައި ހިތާމަފުޅުކުރައްވާއިރު އެކަމަނާގެ އަސްލު ފިރިހެން ދަރިކަލުން މުސްލިމުންގެ ތަޚުތުގެ ވާރުތަވެރިއެއްގެ ގޮތުގައި ބޮޑުފުޅުވަމުން އެދަނީއެވެ.
***
މުސްލިމުންގެ ބޮޑު ކިއްލާގެ ތެރޭގައި އާ އުފާވެރިކަމެއްގެ އަލިކަން ފެތުރިގެން ދިޔައެވެ. ތާރިޤްއަށް އޭނާގެ ލޯބިވާ ކޮއްކޮ މޭރީ ސަލާމަތުން ހުރިކަމާއި އަދި ރަސްގެފާނު ޣާޒީއާ ކައިވެނިބައްލަވައިގެންފިކަން އެނގިވަޑައިގެންނެވި ހިނދު ދެލޯފުޅުން އުފާވެރިކަމުގެ ކަރުނަ އޮހިގެން ދިޔައެވެ. ތާރިގު ހިތްޕުޅުގެ އަޑިން ﷲ އަށް ޙަމްދުކުރެއްވިއެވެ.
މެތިއު އޭނާގެ އަމިއްލަ ދީން ބަދަލެއް ނުކުރެއެވެ. އޭނާ ސާބިތުކަމާއެކު ހުރީ އޭނާގެ ކްރިސްޓިއަން ދީނުގައެވެ. މުސްލިމުން އޭނާއަށް އެއްވެސް ވަރަކަށް ދީން ބަދަލުކުރާކަށް މަޖުބޫރެއް ނުކުރެއެވެ.
ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް މެތިއުއަށް ފެންނަމުން ދިޔައީ މުސްލިމުންގެ ތަފާތު ރީތި އާދަކާދަތަކެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރޭގައި މިސްކިތްތަކުން ގުގުމައިގެންދާ ނަމާދުގެ ބަންގީގެ އަޑެވެ. އެއް ސަފެއްގައި ރަސްގެފާނާއި އާދައިގެ ސިފައިން ކޮނޑާއިއެކު ކޮނޑުޖައްސައިގެން ތިބެ ﷲ އަށް ސަޖިދަކުރާ މަޑުމައިތިރި އަސަރުގަދަ މަންޒަރެވެ. އެމީހުންގެ މުޢާމަލާތްތަކުގައިވާ ތެދުވެރިކަމާއި އެކަކު އަނެކަކަށް ދޭ އޯގާތެރިކަމެވެ.
މެތިއު އިރުއޮއްސޭ ވަގުތު ކިއްލާގެ ބޮޑު ފާރުމަތީގައި އިނދެ މި ހުރިހާ ކަމަކާމެދު ފުންކޮށް ވިސްނައެވެ.
"އަހަރެން މުޅި އުމުރު ހީކުރީ މުސްލިމުންނަކީ އަނިޔާވެރި ވަހުޝީ ބައެއް ކަމަށް......." މެތިއު އަމިއްލަ ނަފްސަށް ކިޔާލިއެވެ. "ނަމަވެސް، މިމީހުންގެ އަޅުކަމުގައިވާ މާތްކަމާއި ހިތްތަކުގައިވާ ސާފުކަން ފެނުމުން އަހަރެންގެ ހިތް އިންތިހާއަށް ތިރިވެއްޖެ. އެމީހުންގެ އިސްލާމްދީނަކީ ހަޤީޤަތުގައިވެސް އަމާންކަމުގެ ދީނެއް."
މެތިއު ދީން ބަދަލުނުކުރި ނަމަވެސް، މުސްލިމުންނާމެދު އޭނާގެ ހިތުގައި އޮތް ނަފްރަތު މުޅިން ފިލައި އިންތިހާއަށް ޤަދަރާއި ލޯބި އުފެދިގެން ދިޔައެވެ.
***
އީސާއީންގެ ޝާހީ ގަނޑުވަރުގެ ތެރޭގައިވެސް ތަފާތު ހާދިސާތައް ނިއުޅެމުން ދިޔައެވެ.
ކެތްރީންއަށް ދަރިފުޅު ލިބުނުތާ ކުޑަދުވަސްކޮޅެއް ފަހުން، އޭނާގެ ބޭބެ ޕްރިންސް ރޮޑްރިގޯގެ އަންހެނުން މާގްރެޓްވެސް ރައްކާވެވަޑައިގެންފިއެވެ. އެ ޕްރިންސެސްއަށް ނަން ދެވުނީ އޮލީވިއާގެ ނަމުންނެވެ.
އޮލިވިއާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާއި ގުޅިން މުޅި ގަނޑުވަރުގައި ކުލަގަދަ އުފާވެރިކަމުގެ ހަފުލާއެއް ބޭއްވުނެވެ. ރޮޑްރިގޯ ތުއްޕުޅު ދަރިކަނބަލުން އޮލިވިއާ އުރާލައްވައިގެން ހުންނަވާއިރު މޫނުފުޅުމަތިން ަފެންނަނީ ބައްޕައެއްގެ އުފާވެރިކަމެވެ.
ބައެއްފަހަރު އެ ދަރިކަނބަލުންނަށް ބައްލަވައިލައްވާ ކޮންމެ ފަހަރަކު އެމަނިކުފާނުގެ ހިތްޕުޅަށް ކުށްވެރިކަމުގެ ތޫނު ކަންޏެއް ހެރިގެންދެއެވެ. އެމަނިކުފާނުގެ އަމިއްލަ ދަރިކަނބަލުން ގަނޑުވަރުގެ ހިމާޔަތުގައި ސަލާމަތުން އޮތްއިރު އެމަނިކުފާނުގެ ކެހިވެރިކަމުގެ ސަބަބުން ކެތްރީންގެ ދަރިކަނބަލުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ކެތްރީން ދަރިފުޅުގެ ހަނދާނުގައި ކީރިތިކުރައްވާތަން ފެނިވަޑައިގަތުމުން ރޮޑްރިގޯގެ ހިތްޕުޅުގައި އޮލިވިއާއަށްޓަކައިވާ ލޯބީގެ ތެރެއިން ސިއްރު ބިރުވެރިކަމެއް އުފެދެން ފެށިއެވެ.
"އަހަރެން ކެތްރީންގެ ދަރިފުޅަށް ހެދި މަކަރާއި ދޮގުގެ ސަޒާ...... މަގޭ އޮލިވިއާއަށް ލިބިދާނެބާ؟" ރޮޑްރިގޯ އެކަނިވެރިވެ ވަޑައިގަންނަވާ ވަގުތުތަކުގައި ބިރުފުޅުން އެކަމާއިމެދު އަމިއްލަ ނަފުސާއި ސުވާލުކޮށްލެވެއެވެ.
***
ޝާހީ ގަނޑުވަރުގެ އެންމެ ފުން އަނދިރި އަދި ޖަލުގައި ޖޯން އެކަނިވެރިކަމާއެެކު ދުވަސްތައް ހޭދަކުރަމުން ދިޔަ ގުނަމުން ދިޔައެވެ. ސާފު ވައިކޮޅެއް ނުލިބޭ އަނދިރި އެ ކުޑަކުޑަ ގޮޅީގެ ތެރޭގައި އޭނާ އިންނަތާ އެތައް އަހަރުތަކެއް ފާއިތުވެގެންދިޔައެވެ. ރޭދުވާ ވަތްކެއްނުވާ ހާލުގައެވެ. ހިތާމައާއި އެކަނިވެރިކަމުގައި ބުއްދި ގޯސްވާ ހިސާބަށް ދިޔައެވެ.
އޭނާގެ މުޅި ހަށިގަނޑުގައިވަނީ އަނިޔާގެ ނިޝާންތަކެވެ. ނަމަވެސް، އެ ހަށިގަނޑުގެ ޒަޚަމްތަކަށްވުރެ އޭނާގެ ހިތުގައިވާ ވޭން މާ ބޮޑެވެ.
"ކެތްރީން... މަގޭ ލޯބިވާ ކެތްރީން... ކޮބައިބާ އަހަރެމެންގެ ދަރިފުޅު؟" ޖޯން ފާރުގައި ބޯޖައްސާލައިގެން އިނދެ ތުރުތުރުއަޅާ އަޑަކުން ކިޔާލިއެވެ.
އޭނާގެ ހަނދާނަށް އަންނަނީ އަވަށަށް ހަމަލާދިން ރޭ މުސްލިމުންގެ ހެދުމުގައި އައިސް އޭނާ ހައްޔަރުކުރި ސިފައިންނެވެ. އޭނާއަށް އަދިވެސް ހީވެފައިވަނީ އެއީ މުސްލިމުންގެ ކަމެއް ކަމަށެވެ. ނަމަވެސް، ކޮންމެ ދުވަހަކު އޭނާއަށް ކާނާ ދޭން އަންނަ ފާރަވެރިޔާގެ ހަރަކާތްތަކުން ޖޯންގެ ސިކުނޑީގައި ސުވާލުތަކެއް އުފެދެން ފެށިއެވެ.އެއީ ހަމަ މުސްލިމުންހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ލިބެން ދުވަހެއް ނުނެގިއެެވެ. ޖަލުގެ ބަރު ދަގަނޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވެދެވަޑައިގެންނެވީ ޝާހްޒާދާ ރޮޑްރިގޯއެވެ. އެމަނިކުފާނު ފަތްތަރުތައް ގިރާކުރައްވާފައި ތިރިއަށް ވަޑައިގަތީ ދިއްލާފައިވާ ބައްތީގެ އެހީގައެވެ. އެ ބައްތީގެ އަލިން ރޮޑްރިގޯގެ މޫނުފުޅުމަތިން ފެނުނީ ނުބައި މަކަރުވެރިމުގެ ހިނިފުޅެކެވެ.
"ކިހިނެއް؟ ޝާހީ ގަނޑުވަރުގެ އަނދިރި ޖަލު ކަމުދޭތަ ޖޯން؟" ރޮޑްރިގޯ މަލާމާތުގެ އަޑުފުޅަކުން ސުވާލުކުރެއްވިއެވެ.
ޖޯން ރުޅިއާއި ނަފްރަތާއެކު އިސްއުފުލައި، ރޮޑްރިގޯއާ ދިމާލަށް ބަލައިލިއެވެ. "ރޮޑްރިގޯ....ވީއިރު އަވަށަށް ހަމަލާދީ އީސާއީން ކަތިލީ މުސްލިމުންނެއްނޫން... ކޮންފަދަ ބޮޑު އަނިޔާއެއް.....ކެތްރީން ކޮބާ؟ އަހަރެންގެ ދަރިފުޅު ކޮބާ؟"
ރޮޑްރިގޯ ބާރަށް ހިނިފުޅުވަޑުވައިލެއްވިއެވެ. "ކެތްރީން މިހާރު އުޅެނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި........ އޭނާ މިއަދު ޤަބޫލުކުރަނީ ކަލެއާއި ދަރިފުޅު ވަނީ މުސްލިމުންގެ ހަމަލާގައި މަރުވެފައި ކަމަށް.... އޭނާގެ ހިތުގައި މުސްލިމުންނާމެދު އޮތީ އިންތިހާދަރަޖައިގެ ނަފްރަތު......."
"ތިއީ ދޮގެއް....އެހެނެއްނުވާނެ..." ޖޯން ހަޅޭއްލަވައިގަންނަމުން އަނދަގޮޑިއާއެކު އަތުން ފާރަށް އެތިފަހަރެއް ވީއްލަން އުޅުނެވެ" ކެތްރީން އަހަރެން މަތިން ހަނދާން ނައްތާނުލާނެ..އެއީ ހަމަ ޔަގީންކަމެއް..."
"ހަނދާން ނައްތާލައިފި.... ޖޯން....." ރޮޑްރިގޯ ކައިރިއަށް ޖެހިވަޑައިގަތެވެ. "ކެތްރީން މިހާރު ވަނީ އާ ކައިވެންޏެއްކޮށް އާ ދަރިއަކުވެސް ހޯދާފައި...... ތިއީ މާޒީގެ މީހެއް. ކަލޭ މުޅި އުމުރު ހޭދަކުރާނީ މި އަނދިރި ޖަލުގެ ތެރޭގައި......"
"ކޮބާ އަހަރެމެންގެ ކުށަކީ؟"
"އާދައިގެ ސިފައިންގެ މީހަކު ޝާހީ ރަސްދަރިކަނބަލަކު ހައްލާލައިގެން ފިލުމަކީ އެއްވަނަދަރަޖައިގެ ޖަރީމާއެއް..ކަލޭގެ ހުކުމަކީ ދަންޖައްސާ މަރައިލުން..ކެތްރީންގެ ދިރިއުޅުމަށް ދުވަހަކު ދެން ނާދެވޭނެ..."
ރޮޑްރިގޯ ގެ އަނިޔާވެރި ލަފުޒުތަކުން ޖޯންގެ ހިތް ކުދިކުދިކޮށްލަމުން އެމަނިކުފާނު އެތަނުން ނުކުމެވަޑައިގަތީއެވެ.
ނަމަވެސް، ޖޯންގެ ހިތުގައި އުންމީދުގެ ކުޑަކުޑަ ކަންޏެއް ރޯވިއެވެ. ރޮޑްރިގޯގެ ވާހަކަތަކުން އޭނާއަށް އެނގުނު އެންމެ ބޮޑު ހަގީގަތަކީ ކެތްރީން ދުނިޔޭގައި ހުރިކަމެވެ.
"އަހަރެން މި ޖަލުން ސަލާމަތްވާނަން..." ޖޯން ދަތްކުނޑިވިކާލަމުން އަމިއްލަ ނަފްސަށް ވައުދުވިއެވެ. "ކެތްރީންއަށް ހަގީގަތް ކިޔައިދީ އަހަރެމެންގެ ދަރިފުޅު ހޯދުމަށްޓަކައި އަހަރެން ފުރާނަ ދީގެންވެސް މިތަނުން ފިލާނަން............"
ނުނިމޭ