"ދިރިއުޅުމުގެ ރާސްތާގައި ކިތަންމެ ބޮޑު ތަކުލީފަކާއި ވޭނެއް ކުރިމަތިވިޔަސް ނިމުން ރަގަޅުވުމަކީ ލިބޭނެ އެންމެ ބޮޑު ނަސީބެވެ."

***

ކާނިވަލުގެ ބާރުބޮޑުވި ހަފުތާބަންދަކަށްފަހު މިލްހާއަށް ހޭލެވުނީ އުޖާލާ އާދީއްތަ ދުވަހަކަށެވެ. އޭނާ އެލާމް އެޅުމުގެ އެއް ގަޑިއިރު ކުރިން ހޭލިއެވެ. އެއީ އޭނާ އާދީއްތަ ދުވަސްތައްދެކެ ލޯބިވާވަރުންނެވެ.

އޭނާ ފަތިސްނަމާދާއި ޒިކުރަށްފަހު ހެނދުނުގެ ކަސްރަތު ކޮށްލުމަށްފަހު ތައްޔާރުވާންފެށިއެވެ. ހާވިޔާ ވެފައި ހުންނަ މުށިކުލައިގެ ބޮލުގެ އިސްތަށިގަނޑު ރަނގަޅަށް ފުނާއެޅުމަކީ އުދަގޫކަމެކެވެ. އޭނަ ބުރުސް ހިފައިގެންގޮސް އިށީނީ ފާރުގައި ހުރި ކުޑަ ހަތަރެސްކަން ލޯގަނޑެއްގެ ކުރިމަތީގައެވެ. އަދި ބިސްމި ކިޔާފައި އިސްތަށިގަނޑުގައިވާ ގޮށްތައް ފިލުވަންފެށިއެވެ.

މިލްހާގެ އިސްކޮޅު ފަސް ފޫޓަށްވުރެ ކުޑަކޮށް އިތުރުވެފައި އުމުރަށްވުރެ ހަނގުކޮށް ފެންނަ މޫނަކާއި ހަށިގަނޑެއްގެ ވެރިއެކެވެ. ރާއްޖޭގެ ދަކަަ އަވީގައި ގިނަވަގުތު ހޭދަކޮށްފައިވުމުގެ ސަބަބުން ހަންގަނޑުގައި ރަން މުށިކުލައިގެ އަސަރެއް ހުއްޓެވެ. އޭގެ އިތުރުން އޭނާގެ އާމަންޑް ބައްޓަމަށް ހުންނަ ބޮޑު ލޮލަކީ މޫނުން އެންމެ ބޮޑަށް ފާހަގަވާ ސިފައެވެ. މައްޗަށް އަރާފައިވާ ހިމަ ބުމައިން އެ މޫނަށް އަބަދުވެސް މަޑުމައިތިރިކަމާއިއެކު ޝައުޤުވެރިކަން ހުންނަފަދަ ގޮތެއް ގެނެސްދެއެވެ. ނަމަވެސް ބޭރުފުށުގެ ރީތިކަމަށްވުރެ ބޮޑަށް މީހުން އޭނާއާއި އެކުވެރިވާން ބޭނުންވަނީ ރަނގަޅު އަޚުލާގުގެ ސަބަބުންނެވެ.

އޭނައަށް ކާނިވަލުން ފެނުނު ބީރައްޓެހި ދުވަސްވީ ދެމަފިރިން ކުޑަ ހިނދުކޮޅަކަށް އޭނަގެ ޚިޔާލުން ޖާގަ ހޯދިއެވެ.އެ ފިރިހެން މީހާގެ ތަފާތު ބެލުމާއި އަންހެން މީހާގެ މޫނުގެ ކުލަ ފަނޑުވިގޮތް ހަނދާންވެ އޭނަ ލޯ ކުޑަކޮށްލިއެވެ.

"އެމީހުން އަހަރެން އެހެން މީހެއްކަމަށް ހީކުރީކަމަށް ވެދާނެ......"އޭނަ މަޑުމަޑުން އިސްތަށިގަނޑު ފުނާއަޅަމުން ދިޔައެވެ. އެ ޚިޔާލުން ވަގުތީ ހިތްހަމަޖެހުމެއް ލިބުނެވެ.

ހިތްދަތިވާ ކަންކަމާއި މެދު މާގިނައިން ވިސްނާ ހެދުމަކީ އޭނާގެ އާދައެއް ނޫނެވެ. ފަސޭހަ ސަބަބެއް ފެންނަން އޮންނައިރު ބޮލަށް އުނދަގޫ ވަ މައްސަލަލަތަކާއި މެދު ވިސްނަން އޭނާ ބޭނުމެއް ނުވެއެވެ.

އެއަށްވުރެ މުހިންމު އެހެން ކަންތައްތަކެއް ވެސް އެބަހުއްޓެވެ. މިއަދަކީ ޕްރީސްކޫލް އޮންނަ ދުވަހެކެވެ.

އެއީ އަތްތިލައިގައި ކުލަޖެހުމާއި، ހެދުމުގައި ކުލަ ހޭކުމާއި، ނިމުމެއްނެތް ސުވާލުކުރުމާއި، އަދި ކުލާހުގައި ކާކުކަން ނޭނގޭ ކުދިންތަކެއްގެ ހަލަބޮލިކަމާއި ކުރިމަތިލުމެވެ.

މިލްހާ އަމިއްލައަށް ހިނިތުންވެލިއެވެ. އޭނާ ހުރީ އެކަމަށް ކެތްމަދުވެފައެވެ.

އޭނަ ސްކޫލް ނިންމި ނަމަވެސް އަދި ދާއިމީ ވަޒީފާއެއް ނުލިބެއެވެ. އޭނާ ތަޢުލީމީ ދާއިރާއިން ކިޔެވި ނަމަވެސް ރަށުގައި ވަޒީފާތައް މަދީއެވެ. ވަޒީފާއެއް ލިބެންދެން އޭނާ ގޭގައި ކުދިންނަށް ޓިއުޝަން ދިނުމާއި ޕްރީސްކޫލުގައި އެހީތެރިވެދެއެވެ. ގޭގައި ކަމެއްނެތި އިނުމުގެ ބަދަލުގައި ރަށުގެ އެކި ކަންކަމުގައި އެހީތެރިވެދިނުމަކީ އޭނާގެ އާދައެކެވެ.

އަވަށްޓެރިއަކަށް ބޭހެއް ބޭނުންވެއްޖެނަމަ އޭނަ ދެއެވެ. މީހެއްގެ ބުޅަލެއް ގެއްލިއްޖެނަމަ ހޯދަން ނުކުމެއެވެ. ކައިވެނީގެ ހަފްލާއެއް އޮވެ ޒީނަތްތެރިކުރަން ޖެހިއްޖެނަމަ އޭނަ އެތަނުގައި ހުންނާނެއެވެ.

"މިއަދު މީހެއްގެ ގަޑި ހުއްޓިފައި ހުރިހެން ހީވަނީ......" ހާރިސްގެ އަޑަށް މިލްހާ އިސްއުފުލާ ބަލައިލިއެވެ.

"ކީކޭ ތި ކިޔަނީ؟"

"ދިހަ ގަޑި ބައިވެ ފަސް މިނެޓު ވެއްޖެއޭ މަންމަ އެބަ ބުނޭ......" މިލްހާ ލޯގަނޑު ދޮށުން ދުރުކޮށްލާފައި ހާރިސް އެ މަގާމު ނެގިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ޖެލްލައި ރީތިކޮށްލަން ފެށިއެވެ. އެގޭގައި ލޯގަނޑު ހުންނަނީ ހަމައެކަނި މިލްހާގެ ކޮޓަރީގައެވެ.

"ކީކޭ......" ހާރިސްގެ އަތުގައި ހިފަހައްޓާފައި އަތުުކުރީގައި އޮތް ގަޑި ބަލައިލަމުން މިލްހާ ހަޅޭއްލަވައިގަތެވެ. ހާރިސް ބުނީ ތެދެކެވެ. ގަޑި ޖެހެނީއެވެ. ގަޑި ކުޑަތަންވަނީއެވެ. ޕްރީސްކޫލް ފަށާނީ ދިހަގަޑި ބައިގައެވެ. އަލިފާނެއް ހިފައިގެން އުޅޭ ފަދައިން މިލްހާ ތައްޔާރުވާން ފެށިއެވެ.

ގެއިން ނުކުތްއިރު ބާކީ އޮތީ އެންމެ ފަސް މިނެޓެވެ. ރަނގަޅު ކަމަކީ ހިނގާފައި ދާންޖެހޭ ދުރުމިން ކުޑަވީމައެވެ.

ގޭގެ ކުރިމަތީގައި ނިދާފައިއޮތް ބުޅަލެއްގެ މަތިން ފަރުވާތެރިކަމާއެކު ގިރާކޮށްލިއެވެ. ކޮނޑުގައި އަޅުވާފައިވާ އާދައިގެ ފޮތިދަބަސް ރަނގަޅުކޮށްލިއެވެ.

"އައްސަލާމް ޢަލައިކުމް މަރިޔަމް ދައްތަ...."

ސައިމާ ގަހަށް ފެންދޭން ހުރި އުމރުުން ދުވަސްވެފައިވާ އަންހެން މީހާއަށް މިލްހާ ފެނުމުން ލޯ ވިދައިލިއެވެ. "ވައަލައިކުމުއްސަލާމް. މިލްހާ. އަނެއްކާވެސް އަސްކަރީކުދިން ހޯދަން ދަނީތަ؟"

"އެއީ އަސްކަރީ ލަޝްކަރެއް ނޫން. މަރިޔަމް ދައްތާ..."

"އެ މީހުން އުޅޭ ގޮތުން ވައްތަރީ އެހެން." މަރިޔަމް ދައްތަ ބުނެލިއެވެ.

މިލްހާ ހީނލިއެވެ. އެކަމާ ދެކޮޅު ފަށަން އޭނާގެ ހިތް އެއްބަހެއްނުވިއެވެ.

ޕްރީސްކޫލަށް ދެވުނުއިރު، ހުޅުވާފައި ހުރި ކުޑަދޮރުތަކުން ކުދިންގެ އުފާވެރި އަޑު ބޭރަށް އިވެމުންދިޔައެވެ. އެ އިމާރާތަކީ ކުޑަ، އަދި އަވީގައި ކުލަ ފަނޑުވެފައިވާ، އެކި ކުލަކުލައިގެ އިމާރާތެކެވެ.

ސްކޫލް ފާރުގައި ކުދިންގެ އަތުގެ ނިޝާންތައް ހުއްޓެވެ. ފެއަރީ ލައިޓްސް ފަދައިން ކަރުދާހުން ހަދާފައިވާ މަސްތައް ސީލިންގައި އެލުވާފައި ހުއްޓެވެ. ބްލެކްބޯޑުގައި ކުރަހަފާއިވީ އަވި އައިނު އަޅާފައިވާ ހިނިތުންވެގެން ހުރި ރުކެކެވެ.

އޭނާ އެތެރެއަށް ވަނުމާއެކު ކުދިންތައް އެކީގައިހެން ހަޅޭއްލަވައިގަތެވެ. "މިލްހާ އާންޓީ.."

މަދުވެގެން ހަޔެއްކަ ކުދިން ކުރަމުންދިޔަ ކަންތައްތައް ދޫކޮށްލާފައި އޭނާއާ ދިމާލަށް ދުވެފައި އައެވެ. އެކުއްޖަކު އޭނާގެ ކަކުލުގައި ބައްދާލިއެވެ. އަނެއް ކުއްޖަކު އޭނާގެ އަތުގައި ހިފިއެވެ. ތިންވަނަ ކުއްޖާ ވައިލެޓްކުލައިގެ ކުކުޅަކާއި ވައްތަރުގެ ކުރެހުމެއް ފަޚުރުވެރިކަމާއެކު ދެއްކިއެވެ.

"އަޅުގަނޑު ކުރެހީ މިލްހާ...." އެކުއްޖާ ބުނެލިއެވެ.

މިލްހާ އެއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"މީގައި ހުރީ އާންޓީގެ ހިނިތުންވުން." ކުއްޖާ އިތުރުކޮށްލިއެވެ. އެކަމަކު ކުރެހުމުގައި އަނގަ ހުރިތަން ވަކިކުރަން މިލްހާއަކަށް ނޭނގުނެވެ.

މިލްހާ އޭނާގެ މޭގައި އަތްއަޅާލަމުން ބުންޏެވެ. "އެހެންވީމަ މިއީ މާސްޓަރޕީސްއެއް."

އެ ކުއްޖާ އުފަލުން ހީގަތެވެ.

އެމީހުންގެ ފަހަތުގައި ހުރި ޑޭކެއާގެ މުދައްރިސް އައިޝާ ބޯ ހޫރައިލަމުން ލޯބިން ކަޅި އަޅައިލިއެވެ."ކުދިން މިއަންނަނީ ކިޔަވަންކަމެއް، ނުވަތަ މިލްހާ ދެކެލަންކަމެއް ނޭގޭ.... ހަމަ ހައިރާންވެއްޖެ."

***

ފާތިމާ ގަޑި ބަލައިލިއެވެ. ގަޑިން އެއްގަޑި ބައިވަނީއެވެ. އާދީއްތަ ދުވަހު ފިރިމީހާއާއި މިލްހާ ގެއަށް އަންނާނީ ހަވީރު ވާއިރަށް ކަމަށްވާތީ، އެގަޑިއަށް މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ބެހެއްޓުމަކީ އޭނާގެ އާދައެކެވެ. އޭނާ ހޫނު އަލުވި ރިހައެއް ކައްކާ ނިންމާލިއިރު ގޭގައި ހަނޑޫ ހުސްވެފައިވާކަން އެނގުނެވެ.

އަވިން ރައްކާތެރިވުމަށް އަތުން މޫނު ނިވައިކޮށްގެން، ފާތިމާ ފިހާރައާއި ދިމާލަށް މިސްރާބުޖެހީ ހަޑޫ ގަތުމަށެވެ. އެތަނުން މިލްހާ ފެނުމުން ހައިރާންވިއެވެ.

"މިލްހާ މިއަދު ކީއްކުރަނީ މެންދުރު ކާން ގެއަށް ނުގޮސް؟"

"ހަނޑޫ ކޮތަޅެއް ގަންނަން މިއައީ..." މިލްހާ ހިނިތުންވެލަމުން ބުނެލިއެވެ. ރޭގަނޑު ގޭގައި ހަނޑޫ ހުސްވެފައި ހުރިކަން އެނގޭތީ މަންމައަށް އެކަން ކޮށްދިނުމަށް އޭނާ ހަނދާނުގައި ބެހެއްޓީއެވެ. މިދުވަސްވަރު ހާރިސްގެ އާ ޕައިލެޓް ވަޒީފާއިން މައިންބައިންގެ ލޯބި ހޯދަމުންދާތީ މައިންބައިންގެ ސަމާލުކަން ހޯދުން އޭނާއަށް އުނދަގޫވެފައިވިއެވެ. މިލްހާއަކީ އެކަހަލަ ކަންކަމުގައި ވާދަވެރި މިޒާޖެއްގެ ކުއްޖެކެވެ.

"ފާތިމާ. މިލްހާ ކަހަލަ ދަރިއަކު ހުރިއިރު ގޭގައި އަރާމުކޮށްލައިގެން އިންނަންވީނު. އޭނާއަކީ ހަމަ ރަންގަނޑެއް....." ފާތިމާ ބާޒާރުން ގަތް ހަނޑޫކޮތަޅު މިލްހާ އަތުލިތަން ފެނިފައި ރަށުގެ މުސްކުޅި އަންހެނަކު ބުނެލިއެވެ.

"ތިޔައީ ތެދެއް ދަލޭކާ. އަހަރެން ބޮޑު ކާށި ބަސްތާއެއް ހިފައިގެން ވާރޭ ތެރޭގައި ހުއްޓާ ކުއްލިއަކަށް މި ކުއްޖާ ކުޑައެއް ހިފައިގެން އައިސް ގެއަށް ގެންގޮސްދިނީ." ކިއްލި ގަނެގެން އަނގަފުރާލަމުން ނިކުތް ރަޝީދާ ބުނެލިއެވެ.

"ﷲ މިކުއްޖާއަށް ހެޔޮލަފާ ފިރިއެއް މިންވަރުކޮށްދެއްވާށި. ކޮންމެ އާއިލާއަކަށް ލިބުނަސް އެއީ ނަޞީބެއް... އަހަރެންގެ މޮޔަ ދަރި ބޭރު މީހަކާ އިނދެގެން ދިއުމަކީ މަށަށް ލިބުނު ކިހާ ބޮޑު ދެރައެއް.... ބައެއް ކުދިންނަކީ އަހަރެމެންނަށް އަންނަ އިމްތިހާނެއް....."

މިލްހާ ލަދުގަންނަގޮތްވިއެވެ/

"އާމީން......." ފާތިމާ މިލްހާއަށް ލޯބިން ބަލައިލަމުން ހީނލިއެވެ. އެހެން މީހުންނަށްވުރެ ބޮޑަށް ފާތިމާއަށް މިލްހާގެ ހިތުގެ ސާފުކަން އެނގެއެވެ. ގޭތެރޭގައި ބޭބެއާއި ޒުވާބުކޮށް ހެދިޔަސް މިލްހާގެ ރީތި އަޚުލާގަކީ ތަޢުރީފުކުރަންޖެހޭ ސިފައެކެވެ. ﷲތައާލާ އަބަދުވެސް އޭނާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވާށި. ފާޠިމާ ހިތާހިތުން ދުއާކޮށްލިއެވެ. މައިމީހާ ދަރިއަށްޓަކާ ކުރާ ދުއާއަކީ އެންމެ އަވަހަށް އިޖާބަ ކުރައްވާ އެއް ދުއާއެވެ.

ފާތިމާއާއި މިލްހާ ގެއަށް އެނބުރި ދިޔައިރު، ރަށުގެ ބޯޓު ކެޕްޓަން އިބްރާހީމްބެ ގޭ ދޮރުމަތީގައި މަޑުކޮށްގެން ހުއްޓެވެ.

"އަހަރެން އެތައް ފަހަރަކު ސަލާމް ގޮވައިފން... އެއްވެސް މީހެއްގެ ޚަބަރެއް ނުވުމުން ދާން އުޅުނީ. ރަގަޅު ވަގުތަށް ތި އާދެވުނީ."

"ކޮން ކަމަކު އިބްރާހީމްބެ މިއައީ؟"

"އެއީ ހަސަނަށް ދޭންޖެހޭ ފައިސާކޮޅުހިފައިގެން. އޭނާ ރޭގައި އަހަރެންގެ ބޯޓުގެ ހުންގާނު މަރާމާތުކޮށްދިނީ އެއްވެސް ފައިސާއެއް ނުނަގާ. އަހަރެންނަކީ ހިލޭ އެއްވެސް އެއްޗެއް ބޭނުންވާ މީހެއް ނޫން އެހެންވެ މިއައީ." އިބްރާހީމްބެ ސިޓީ އުރައެއް ދިއްކޮށްލިއެވެ.

ފާތިމާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. ބައްޕައާއި އަންހެންދަރިފުޅުގެވެސް ހުންނަނީ އެއް މިޒާޖެކޭ ހިތަށްއެރިއެވެ. އޭނާގެ ފިރިމީހާ ހަސަނަކީވެސް އަބަދުވެސް އެހެން މީހުންނަށް އެހީތެރިވެދޭ މީހެކެވެ. މިލްހާއަށް އެ ސިފަ ވާރުތަވީ އެހެންވެއެވެ.

"އަދި އެހެންކަމެއް، ރަށަށް އައިސްތިބި ބޭރު މީހުންނާ ބައްދަލުވިތަ؟"އިބްރާހީމްބެ ދާން ހިނގައިގަންނަމުން އެނބުރި ބަލައިލިއެވެ.

"ކޮން ބަޔެއް؟" މިލްހާ ބުމަ އަރުވާލިއެވެ.

"އުމުރުން ދުވަސްވީ ފިރިހެނަކާއި އަންހެނެއް. ވަރަށް ރީތިކޮށް ފަރަންޖީއިންހެން ހެދުންއަޅާފައި ތިބީ. އެ މީހުން ހަސަންގެ ގެ ހުންނަ ތަން އަހަމުން އުޅުނު. އަހަރެން ބުނެދިނިން، އެމީހުންނަށް ނުވިސްނުނީބާ. އެ މީހުންނަކީ ދުވަސްވީ މީހުންވިއްޔަ...." އިބްރާހީމްބެ ކޮނޑު އަރުވާލިއެވެ.

މިލްހާ އޭނާގެ މަންމައާއި ނަޒަރު ބައްދަލުކުރިއެވެ. "އެ މީހުން ބުނިތަ ކާކުކަން؟"

"ނޫން. ހަމައެކަނި ހަސަން އުޅޭ ގެ ނޭގިގެން އަހައިލީ....." އިބްރާހީމްބެ ދަތްދޮޅީގައި ފިރުމައިލިއެވެ. "އަހަރެން ބުނެދިނިން. ހަސަން އުޅޭ ގެ ނޭނގޭނީ ކާކަށް؟"

މިލްހާ ހިނިތުންވެލިއެވެ. އެއީ ތެދެކެވެ. އެމީހުންގެ ކުޑަ ނޫ ގެއަކީ ރަށުގެ އެންމެ ބޮޑު ނުވަތަ އެންމެ އައު ގެއެއް ނޫނެވެ. ނަމަވެސް ހަސަންގެ އެހީއެއް ބޭނުންވާ މީހަކަށް އެ ގެ ހުންނަ ތަން އެނގޭނެއެވެ.

އެވަގުތު ކާނިވަލުން ފެނުނު ދުވަސްވީ ދެމަފިރިން ހަނދާނަށް އައެވެ. ނަމަވެސް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ވަގުތުން އެކަން ހަނދާންނެތުނެވެ. ގޭގައި މިއަށްވުރެ މުހިންމު ކަމެއް އޭނާގެ އިންތިޒާރުގައި އެބަހުއްޓެވެ. މެންދުރުގެ ކެއުމެވެ.

"ބައްޕަ އަދި ކާން ނުފަށާނެކަމަށް އުންމީދުކުރަން."އެ އާއިލާއަކީ އެކީގައި ކެއުމަށް އާދަވެފައިބާ ބަޔެކެވެ.

"ބައްޕަ މަޑުކުރާނެ." ފާތިމާ ބުނެލިއެވެ.

"އަހަރެންނަށްވެސް؟" މިލްހާ އެހިއެވެ.

ފާތިމާ އޭނަގެ ކޮލުގައި މަޑުމަޑުން ޖަހައިލިއެވެ. "ޚާއްސަކޮށް މިލްހާއަށް...."

އޭނަ ހިނިތުންވެލިއެވެ.

އޭނަ ކުރިމަތީގައި ހުރި ކުޑަ ނޫ ގެއަށް ބަލައިލިއެވެ. އޭނައަށް ނޭގުނީ މާ ގިނަ ވަގުތެއް ނުވަނީސް ބީރައްޓެހިންތަކެއް ހަމަ މިދޮރުން ވަދެގެން އަންނާނެކަމެެވެ. އޭނާގެ އާއިލާއާ ބައްދަލުކުރަން އަންނަ މީހުން ހިފައިގެން އަންނަ ހުށަހެޅުމަކީ އޭނާގެ މުޅި ހަޔާތުގެ މިސްރާބު ބަދަލުކޮށްލާނެ ކަމެއްކަމެއް އޭނާއަށް އެނގިފައެއް ނެތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު