"އަދި ކިއެއްތައެވެ. ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައި މީހުންނަށް ލާބަހުރި ކަމަކަށް ވުން އެކަށީގެންވެއެވެ. އަދި ތިޔަބައިމީހުންނަށް ރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ގެއްލުން ހުރިކަމަކަށް ވެދާނެއެވެ. އަދި ﷲ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭގެއެވެ." ސޫރަތުލް ބަޤަރާ (2:216)

***

ކަނާތްފަރާތު ކަންމަތީގައި ހުރި ކުޑަ ނޫ ކުލައިގެ ގޭގެ ކުޑަ ދޮރުގެ ލޭސް ފަރުދާގެ ތެރެއިން އިރުގެ ފުރަތަމަ ދޯދިތައް ގެއަށް އެޅެމުން ދިޔައެވެ. ދުނިޔެ އާ ދުވަހަކަށް ހޭލެއްވުމުގެ އިއުލާނެއްފަދައިންނެވެ. އެ ދޯދިތަކަކީ ކުލަ ފޭދި ހަލާކުވަމުންދާ ފާރުތަކަށާއި، ކޮންމެވެސް ވަރަކަށް އާކޮށްފައި ހުރި ތަންތަން އިތުރަށް ސާފުކޮށް ފެންނަ ވަރުގެ އަލިކަމެކެވެ. އިރުގެ އަލިކަން މަޑުމަޑުން ގަދަވަމުން ގޮސް އެންމެ ފަހުން ހަރުލީ ފަންކާ ދަށުގައި ހިއްކަން އަޅާފައި ހުރި ހެދުންތަކަށެވެ.

"އެންމެ ފަހުން އިރު އަރައިފި.. މިހާރު މި ހެދުންތައް ބޭރަށް ނެރެގެން ހިއްކާލެވޭނެ...." ފަތިސް ނަމާދަށްފަހު މުސައްލަ މަތީގައި އިނދެފައި ތެދުވަމުން މިލްހާ ހިނިތުންވެލަމުން އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. އޭނާ ނަމާދު ބުރުގާ ބޭލުމާއެކު ގޮސް އިސްޓާނީކާއި ފޮށާ ގޮސް ޖެހުނީ ސޯފާއާއި ބިންމައްޗަށެވެ. އެ މަންޒަރު ފެނިގެން އޭނާގެ މަންމަ ފާތިމާ މަޑުމަޑުން ބޯހޫރާލިއެވެ. ދަރިފުޅަށް ނުފެންނަނީސް ފާތިމާ ގުދުވެ ފޮށާ ނެގިއެވެ. އޭނާގެ އިނގިލިތައް އެ ފޮތިގަނޑުގައި ބީހިލިއިރު ކޮންމެ ހެނދުނެކޭ އެއްފަދައިން އިނގިލިތައް ހަރުވެފައިވިއެވެ. އެއްއިރެއްގައި އެ އަތުން އަވަށްޓެރިންނަށް ކައިވެނީގެ ހެދުންތައް ޖަރީކޮށް ވިޔެދީ ހެދިއެވެ. ނަމަވެސް މިއަދު ބްލައުޒެއްގެ ގޮށް ލެއްވުމަކީވެސް އޭނާއަށް ކުރެވޭ ވަރަށްވުރެ ބުރަ ކަމަކަށްވެފައެވެ.

މިލްހާގެ އުމުރުން ފަންސަވީސް އަހަރު ވެފައިވީނަމަވެސް، ފާތިމާއަށް މިލްހާ އަދިވެސް ފެންނަނީ ކުރީގެ ކުޑަކުއްޖާގެ އުޅުމާއި އެ ސިފައިގައެވެ. އެކުއްޖާއަކަށް ޒުވާން، ބޮޑު މީހަކަށް ވުމުގެ ހުނަރެއް އަދިވެސް ނުލިބެއެވެ. މިލްހާ ފެން ކައްކަން އުނދުން ކައިރީގައި ހުރެ ކައްކާ އެއްޗެއްސާއި ވާހަކަދައްކައެވެ. މޭޒެއްގައި އޮޅިގެން ޖެހިއްޖެއްޔާ އެ މޭޒުގެ ކިބައިން މާފަށް އެދެއެވެ. އަދި ވާހަކަދައްކާއިރު އަތުގެ އިޝާރާތްތައް ބޭނުންކުރަނީ ހަމައެކަނި ބަސްތަކުން ނުފުދޭ ފަދައަކުންނެވެ.

މިލްހާ ދެ އަތް ބަރާވެފައި ހުރީ ކުޑަކޮށް ތެތްކޮށް ހުރި ފިރިހެނެއްގެ ހެދުންތަކުންނެވެ. އޭނަ ބޭރަށް ނުކުންނަން އުޅެނިކޮށް ދޮރު ހުޅުވި މީހެއްގެ ގައިގާ އަޅައިގަތުމުން ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެއީ އޭނަގެ ދޮންބެ ހާރިސްއެވެ.

"ހެނދުނުގެ ނާސްތާ ތައްޔާރުވާނެ ކަމަށް އުންމީދުކުރަން...." އެކަކުވެސް ސަލާމް ނުގޮވަނީސް ހާރިސް ގޮވާލިއެވެ.

"ނޫން، ތައްޔާރެއް ނޫން....." އޭނަ ޖަވާބުދިނެވެ.

ހާރިސް އަނގަޔަށް ގޮތެއް ހަދައިލިއެވެ." ރަގަޅު ނާސްތާއެއް ހުންނާނެކަމުގެ ވަރަށް ބޮޑު އުންމީދެއްގައި މިއައީ..."

"ތި އުންމީދުތައް ދަށްކޮށްލަންވީ. އެއީ ސިއްޙަތަށް އެންމެ ރަނގަޅު ގޮތަކީ."

ހާރިސް ޕައިލެޓް ޔުނިފޯމުގައި ކަޅު އަވި އައިނު އަޅައިގެން ހުރެ ބަދިގެއަށް ވަނެވެ. ގޭތެރޭގައި ހުރެގެންނެވެ.

މިލްހާ ބަލަން ހުރީ ތޫނު ނަޒަރަކުންނެވެ.

"އެނގޭތަ..." އޭނަ ފެށިއެވެ.

"ކޮންކަމެއް؟" ހާރިސްގެ ލޯ މިލްހާގެ އަތުގައި ހުރި ހެދުންތަކަށް އަމާޒުވުމުން ބުމަ ކައިރިކޮށްލިއެވެ.

"މިތާގައި އިރެއް ނެތް....... " އޭނަ ހީގަތެވެ.

"މިއަށް ކިޔަނީ ސްޓައިލް......."ހާރިސް އަވި އައިނު ބޮލަށް ހިއްލާލަމުން ބުންޏެވެ.

"ތިއަށް ކިޔަނީ ދެއްކުންތެރިކަން....." އޭނަ ދުލެއްނުކުރިއެވެ.

"މިއީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު......."

"ތިއަށް ކިޔަނީ..." އޭނައަށް އިތުރު ޖަވާބެއް ނުވިސްނެނީސް ފާތިމާ ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަދެއްކިއެވެ. "ތިދެމީހުން އިތުރުއެއްޗެއް ނުބުނާތި... އިރު އަދި ރަނގަޅަށް ނާރަނީސް އަހަރެމެންގެ ގެއަކީ މަގުމަތީގައި ހުރި އެންމެ އަޑުގަދަ ގެއަށް ވެއްޖެއެއްނު.."

"އެކަމަކު މަންމާ، އަހަރެން އައުމުގެ ކުރިން ހެދުންތައް ހިއްކާފައި ބެހެއްޓުމަށް މިލްހާ ގާތު ބުނިން. އަނެއް ފްލައިޓް އޮތީ ދެ ގަޑިއިރު ފަހުން........"

"ކިހިނެއް ފިރިހެނަކު މިހާ ގިނަ ބޭނުން ނެތް ހެދުން ގެންގުޅެނީ؟" މިލްހާ މަޑުމަޑުން ކިޔައިލިއެވެ. ރޭގަނޑު ހެދުން ހިއްކާ ނުދެވުނީތީ އޭނާ ހުރީ ކޮންމެވެސް ވަރަކަށް ދެރަވެފައެވެ. އެހެން ނޫންނަމަ ރޭގަނޑު ހެދުން ހިއްކާ ދިނުމުން ދޭނެ ކަމަށް ވައުދުވި ހަދިޔާ ހާރިސް ދޭނެއެވެ.

ނިދާކޮޓަރިން ހާރިސްގެ އަޑު އިވެމުންދިޔައެވެ. "ޕައިލެޓެއްގެ ހައިސިއްޔަތުން ޤައުމުގެ ރައްޔިތުންނަށް ރީތިކޮށް ފެނުމަކީ އަހަރެންގެ ޒިންމާއެއް."

މިލްހާ އަނގަ ލައްޕާލައިގެން ހުރެ ހީލިއެވެ. "ތި ދުއްވަނީ ރަށުން ރަށަށް މީހުން އުފުލާ އާދައިގެ ބޮއްކުރާ އެއް ކަހަލަ ބޯޓެއް. ޔުނައިޓެޑް ނޭޝަންސް ގައި ދިވެހިރާއްޖެ ތަމްސީލުކުރަނީއެއް ނޫން......."

ދެމީހުންގެ ދެމެދުގައިވަނީ އެންމެ ދެ އަހަރުގެ ފަރަގެއް ނަމަވެސް ދެކޭ މީހުންނަށް ހާރިސް އަކީ މާ ދޮށި މީހެއް ކަމަށް ހީވެއެވެ. އެއީ ކޮންމެހެން ހަރު ވައްތަރު ޖަހާތީއެއް ނޫނެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކާއި ވާހަކަދެއްކުމުގައި ހުންނަ ސީރިއަސްކަމާއި ބޮޑު މީހެއްގެ ފުށުން ފެންނަ ސިފަތައް ހުންނާތީއެވެ. އޭނާ ވަނީ ފަރިތަކުރުންތަކަށްފަހު ދާދި ފަހުން ޤައުމީ އެއަލައިންގެ ދަތުރުތައް ކުރަން ފަށާފައެވެ.

ކޮންމެ އާއިލީ ބައްދަލުވުމަކީ އެކި ވާހަކަތައް ދައްކަން ލިބޭ ރަނުގެ ފުރުސަތަކެވެ. ހާރިސްގެ ވާހަކައިގާ ގިނައީ ވަޒީފާގައި ދިމާވާ ކަންތައްތަކެވެ. ވައިގެ ތެރޭގައި ބޯޓަށް އަރާ ލޮޅުންތަކާއި ކޮކްޕިޓްގެ އުސޫލުތަކެވެ. އަންހެން މުވައްޒަފުން ކޮންމެވެސް ވަރަކަށް އޭނާއާއި ގާތްވާން އުޅުމުން އާދައިގެ މަތިން ސަލާމަތްވަނީ އެއީ ބުއްދިވެެރިކަމަކަށްވާތީކަމަށް ބުނެ އެފަދަ ވާހަކަތައްވެސް މަންމަމެންނާއި ހިއްސާކޮށްލައެވެ.

މިލްހާ ހިތާހިތުން ގަބޫލުކުރާ ގޮތުގައި އޭނާގެ އަމިއްލަ ކައިވެނި ހަފުލާގައިވެސް ދޮންބެ ވާހަކަ ދައްކާނީ މަތިންދާ ބޯޓުފަހަރާއި ބެހޭގޮތުންނެވެ.

"އެނގޭތަ؟" ޓޯސްޓްގައި ބަޓަރު އުނގުޅަމުން ހާރިސް ފެށިއެވެ، "ގިނަ މީހުން ފްލައިޓް ނައްޓާލާއިރު ތިބެނީ ވަރަށް ބިރުން.."

"ދޮންބެވެސް ބިރުން އިންނަނީ؟"

ހާރިސް ހިތްހަމައެއްނުޖެހުނެވެ. "އަހަރެން މިއީ ޕައިލެޓް."

"އެހެންވީމަ... ދެން؟"

"އަހަރެން މިހުރީ ވަރަށް ރަނގަޅަށް ތަމްރީނު ލިބިގެން."

"އަހަރެން މިއީ ކެއުމުގައި ވަރަށް ބޮޑަށް ތަމްރީނު ލިބިފައިވާ މީހެއް......."އޭނަ ވިސްނައިލުމަށްފަހު ބޯ ޖަހައިލިއެވެ.

"އެއީ އެއްކަހަލަ ކަމެއް ނޫން،" ހާރިސް ކަޅި މައްޗަށް ހިންގައިލިއެވެ.

"އަހަރެން ކާ މަންޒަރު ނުފެންނަނީސް ދޮންބެއަށް ރަގަޅަށް ނޭނގޭނެ......" އޭނަ ދެ ފޮތި ޕާނުގައި ތާޒާ ކްރީމް އުނގުޅަމުން، އެއަށް ކުޑަކޮށް މާމުއި އަޅައި، އަދި އޭގެ މައްޗަށް އޭނާގެ ސައިތަށި އޮއްސާލިއެވެ. ހާރިސް މޭނުބައިކުރާގޮތްވެ އަނގަ ހުތްވިއެވެ.

"މަންމަ ހާސްނުވޭތަ؟މަންމަގެ އަންހެން ދަރިފުޅާއި ކައިވެނިކުރަން އެއްވެސް މީހަކު ބޭނުމެއް ނުވެދާނެ..."

މިލްހާ ހާރިސްގެ އިސްތަށިގަނޑުގައި ހިފަން އުޅުނެވެ، ނަމަވެސް އޭނާ ހެމުން ތެދުވެގެންގޮސް ބައްޕަގެ ހިމާޔަތަށް އެދި ބައްޕައާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަން އުޅުނެވެ.އެވަގުތު ހާރިސްގެ ފައި މޭޒުގައި އަޅައިގަނެ ވެއްޓެން އުޅުމުން މިލްހާގެ ހިތްގައިމު ހިނިގަނޑު ބޭރުވިއެވެ.

ފާތިމާ ސައިމޭޒަށް ފުރަގަސްދީގެން ހުރެ ހިނިތުންވުން ފޮރުވާލިއެވެ. އަލްޙަމްދުލިﷲ، އޭނާ ހިތަށްއެރިއެވެ. މި ގޭގައި އަދިވެސް ހިނިތުންވެ އުޅުމަކީ ކިހާ ފަސޭހަ ކަމެއް ހެއްޔެވެ؟ އާއިއިލާއަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުން އޭނާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލަނީ އެ ހިނިތުންވުންތަކެވެ.

މިސްކިތުން އައި ގޮތަށް ނޫހެއް ހިފައިގެން އިށީން ހަސަންވެސް ކުޑަ ހިނދުކޮޅަކަށް އިސްއުފުލާފައި ބަލާލިއެވެ. އެއީ ސީދާ ހިނިތުންވުމެއް ނޫނެވެ. ނަމަވެސް އެއާ ގާތްކުރާ ފަދަގޮތަކަށް ތުންފަތަށް އައި ބަދަލެކެވެ. މިލްހާއަށް އަބަދުވެސް އެކަން ފާހަގަވެއެވެ. އޭނާ ބައްޕަގެ ކިބައިން އެފަދަ ކުދިކުދި ވަގުތުކޮޅުތައް ހޯދުމަށް ހީކުރާވަރަށްވުރެ ގިނަ ވަގުތު ހޭދަކުރެއެވެ. އެއީ ބައްޕަ ހިތްހަރު މީހަކަށް ވީމައެއް ނޫނެވެ. ހަސަން ލޯބި ދައްކާދެނީ ބަހަށްވުރެ އަމަލުންނެވެ. ކަރަންޓު ބިލު އަބަދުވެސް އޮންނަނީ ދައްކާފައެވެ. ފުރާޅުން ފެން ފައިބާކަން އެހެން މީހަކަށް އެނގުމުގެ ކުރިން މަރާމާތުކުރުވައެވެ. ބަލިވެދާނެ ކަމަށް ވިސްނާފައި ކުރިން ޕެނެޑޯލާއި ލޮނު ޕެކެޓްފަދަ ތަކެތި ހޯދާފައި ބަހައްޓައވެެ.އެ ކުލުނު އެންމެ ބޮޑަށް ޚާއްސަވެފައިވަނީ އެކުދިންގެ މަންމަ ފާތިމާއަށެވެ. ހާރިސް އޭނާގެ ޕައިލެޓް އިމްތިހާނުތަކުން ފާސްވިކަން އެންގި ދުވަހު ހަސަން އޭނާގެ ދެ އަތް ހާރިސްގެ ކޮނޑުމަތީގައި ބޭއްވިއެވެ. "ބައްޕަ ވަރަށް ފަޚުރުވެރިވޭ...."

މިލްހާ އެއިން ކޮންމެ ލަފުޒެއް އަދި ކޮންމެ އަކުރެއްވެސް ހަނދާނުގައި ފޮރުވާފައިވިއެވެ. އެފަދަ ބަސްތަކެއް ހޯދުމަށް އޭނާއަށް ކުރެވިދާނެ ކޮން މަސައްކަތެއްބާއޭ އޭނާ ހިތަށްއެރިއެވެ. އެއަށްފަހު އޭނާއަށް ވަގުތުން ކުށްވެރިކަމުގެ އިޙްސާސެއް ކުރެވުނެވެ. ﷲ ވަނީ އޭނާއަށް ލޯބިވާ ދެމައިންބަފައިން ދެއްވާފައެވެ. އެއީ ހީނުކުރާފަދަ ބޮޑު ނިއުމަތެކެވެ. އެހެން މީހުންނާއި ތިމާގެ ދިރިއުޅުން އަޅައިކިޔުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއްކަން ފާތިމާ އަބަދުވެސް ހަނދާންކޮށްދެއެވެ. އެހެންކަމުން މިލްހާ ހިނިތުންވެ އެ ޚިޔާލު ދުރުކޮށްލާފައި އޭނާއަށް ލިބިފައިނުވާ ކަންކަމަށް ހިތާމަކުރުމުގެ ބަދަލުގައި ލިބިފައިވާ ކަންކަމަށް ﷲ އަށް ހަމްދުކުރެއެވެ.

އާދައިގެ ވާހަކަތަކަކާއެކު ނާސްތާ ކުރިއަށް ދިޔައެވެ. ރޭގައި އައި ހުވަން ރޯޅިއަކުން އަވަށްޓެރިޔާގެ އަނބު ގަސް ވެއްޓުނު ވާހަކައާއި، މަހުގެ އަގު މައްޗަށް ދިއުމުގެ ވާހަކައެވެ.

މާ ގިނައިރެއް ނުވެ ރަށް މުޅިން ހޭލައިފިއެވެ. ކުނި ކަހާ އަޑާއި، ރަގަބީލު ޖަހަމުން ދުއްވާފައިދާ ކުޑަކުދިންގެ ބައިސްކަލްތަކުގެ އަޑެވެ. ކައިރީގައި ހުރި ގެއެއްގައި ކޮންމެވެސް މީހަކު ޑްރިލްއެއް ޓެސްޓުކުރަނީ ކީއްވެ ކަމެއް އެނގޭނީ ހަމައެކަނި އެ މީހަކަށެވެ. ހަޔާތް ކުރިއަށް ދިޔައީ އަބަދުވެސް ހިނގާގޮތަށެވެ. ސުލްޙަވެރިކަމާއި ބަރަކާތާ އެކުގައެވެ.

މިލްހާ އަބަދުވެސް ހިތަށް އަރަނީ މީހުން އާދައިގެ ދުވަސްތަކުގެ އަގު އެކަށީގެންވާ ވަރަށް ވަޒަންކުރޭ ހެއްޔެވެ؟ އޭނާ ގައިމުވެސް ވަޒަންކުރެއެވެ. ސަބަބަކީ އާދައިގެ ދުވަސްތަކުގައި މަންމަ ސައި ކެއްކުމާއި، ބޭރަށް ނުކުމެ މަތިންދާ ބޯޓުގެ ވާހަކަ ދެއްކުމާއި، ބައްޕަ މަޑުމެޑުން ނޫސް ކިޔުން ހިމެނޭތީއެވެ.

***

އެ ދުވަހަކީ މިލްހާ އަވަދިނެތި އުޅުނު ދުވަހެކެވެ. އޭނާއަކީ އާންމުކޮށް އެހާ މަސައްކަތްކުރާ ކުއްޖެއްނޫނެވެ. ނަމަވެސް ކޮންމެވެސް މަސައްކަތެއް ކުރަން ލިބުނީމާ އޭނާ ހުންނަނީ ވަރަށް އުފާވެފައެވެ. އެދުވަހު މިލްހާ ހުރީ އެކުވެރިއެއްގެ ގޭގައި އައިސްކްރީމް ހަދާ، ފިހެހެދުމުގައި އެހީތެރިވެދޭށެވެ. އޭނާއަކީ ރަނގަޅަށް މަސައްކަތްކޮށްފިނަމަ ރަނގަޅަށް ކާބޯތަކެތި ތައްޔާރުކުރަން އެނގޭ މީހެކެވެ.

ކާނިވަލުގެ ދުވަހަށް ސްޓޯލް ތައްޔާރުކުރުމަށް އެ މީހުން ހަފުތާއަކަށްވުރެ ގިނަ ދުވަހު މަސައްކަތްކުރިއެވެ.

ހަވީރު ވަގުތުވަމުންދިޔަ ވަރަކަށް މީހުން ރަށު ޕާކުގައި ސްޓޯލްތައް ހަރުކުރުމުގައި އަވަދިނެތި އުޅުނެވެ. ކާނިވަލް އޮތީ މުޅި ޕާކު ކަހަލަ ގޮތަކަށް ހިފާފައެވެ. ކުލަކުލައިގެ ސްޓޯލްތައް ދިއްލާފައިވާ ބޮކިތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ކުޑަކުދިން މަހުގެ ބައްޓަމަށް ހަދާފައިވާ ފުއްޕާހަން ހިފައިގެން އާއިލާތަކުގެ ދެމެދުގައި ދުވަމުންދިޔައެވެ. ޒުވާނުން ބޮނޑިވެލައިގެން ތިބީ ބާބެކިއު ކުކުޅު ވިއްކާ ސްޓޯލެއް ކައިރީގައި އެވެ. ގިނަ މީހުންގެ އަތުގައި ކުލަކުލައިގެ އައިސްކްރީމް ކޯން ހުއްޓެވެ. ވައިގައިވެސް ކާތަކެތީގެ މީރު ވަހެއް ހުއްޓެވެ.

ކުދިންނަށް ކަމުދިޔައީ މިލްހާގެ ސްޓޯލުން ހަދާފައިވާ އައިސްކްރީމާއި ކޭކެވެ. އޭނާ ހުރީ ކޮންޓޭނަރުތަކަށް އެޅުމާއި، ޕެކްކުރުމާއި އަދި ބަހައިދިނުމުގައި އަވަދިނެތިއެވެ. އިރުއޮއްސެމުންދިޔަ ވަރަކަށް ކުޑަކުދިން މަދުވެ، ސްޓޯލަށް އަންނަ މީހުންވެސް މަދުވިއެވެ. މިލްހާއާއި ރަފާ ސާފުކުރަން ފެށުމާއެކު، މިލްހާ ކުއްލިއަކަށް މަޑުޖެހިލިއެވެ. އޭނާއަށް ކޮންމެވެސް ތަފާތު އިޙްސާސެއް ކުރެވެން ފެށިއެވެ. އެއީ މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރިކަމުގެ އިޙްސާސެވެ.

އޭނާ ފަހަތަށް ބަލައިލިއެވެ. އާއިލާތަކެވެ. ކުރުނބާ ގަންނަން ތިބި ދުވަސްވީ ދެމަފިރިއެކެވެ. އާދަޔާޚިލާފު އެއްވެސް ކަމެއް ނެތެވެ.

"މިލްހާ.... އައިސްކްރީމް ވިރެނީއޭ. ތި މަތިތައް ބަންދުކުރޭ....." ރަފާ އެދުނެވެ.

"އޫޕްސް،" މިލްހާ އަވަސްއަވަހަށް މަސައްކަތްފެށިއެވެ.

ދިހަ ސިކުންތު ފަހުން އެ އިޙްސާސް އަނެއްކާވެސް އެނބުރި އައެވެ. މިފަހަރު މާ ގަދަޔަށެވެ.

އޭނަ ވިސްނާލުމެއްނެތި މީހުންތަކުގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. ލަކުޑިން ހަދާފައިވާ ތަކެތި ވިއްކާ ސްޓޯލެއް ކައިރީގައި ތަންކޮޅެއް ދުވަސްވީ ފިރިހެނަކު ހުއްޓެވެ. މާތް ފާޑު ޖަަހައެވެ. އެމީހާ ހުރީ ރީތަކަށް އިސްތިރިކޮށްފައިވާ އަޅިކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައި، ވިދާ އޮފް އަރާ ބޫޓަކަށް އަރައިގެންނެވެ.

އޭނާ ހުރީ އެތަނުގައި ހުރި އެއްޗެއް ބަލާކަށް ނޫނެވެ. އޭނާ ވާހަކައެއްވެސް ނުދައްކައެވެ. ސީދާ މިލްހާއަށް ބަލަހައްޓައިގެން ހުރީ އެހެން ކަހަލަ ނަޒަރަކުންނެވެ. ޙައިރާންވުމެއް އަދި ތަޢުރީފުކުރާފަދަ ގޮތަކަށް ނޫނެވެ. ބިރުވެރިކަމާއި އެކު ފެންނަ މަންޒަރެއް ޤަބޫލުނުކުރެވޭ ފަދަ ބެލުމެކެވެ. އޭނާގެ މޫނުމަތީގެ އަސަރު ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. އޭނާގެ ލޯ ހުރީ ސީދާ މިލްހާއަށް އަމާޒުވެފައެވެ. އެއީ ދުވަހަކުވެސް ބައްދަލުވާނެ ކަމަށް ޤަބޫލުނުކުރެވޭ މީހަކާ ބައްދަލުވީ ބަލާފަދަ ގޮތަކަށެވެ.

މިލްހާއަށް އަމިއްލަ ނަފުސަށް އިތުބާރުނުކުރެވި އެނބުރި ފަހަތަށް ބަލައިލެވުނެވެ. އެމީހާ އޭނާގެ ފަހަތުގައި ހުރި މީހަކަށް ބަލަނީބާއެވެ؟ އެއްވެސް މީހަކު ނެތެވެ.

"ރަފާ."

"ހޫމް؟"

"އެ މީހާ އެނގޭތަ؟"

"ކޮން މީހެއް؟"

އޭނާ އިޝާރާތްކޮށްލިއެވެ. ރަފާ ބަލައިލިއިރު އެ މީހަކު ހުރީ މިލްހާއިން ނަޒަރު ދުރުކޮށް ކައިރީގައި ހުރި ރީތިކޮށް ހެދުންއަޅާފައި ހުރި އަންހެނަކާ މަޑުމަޑުން ވާހަކަދެއްކުމުގައެވެ. އެމީހުން ބަދަލުކުރީ މަދު ވާހަކަތަކެކެވެ. އަންހެން މީހާ ވެސް މިލްހާމެން ތިބި ދިމާލަށް ބަލައިލިއެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ލޯ މިލްހާގެ ލޮލާ ބައްދަލުވިއެވެ.

އޭނާގެ މޫނުގެ ކުލަ ފަނޑުވެ އެއްކޮށް ހުދުވެގެން ދިޔަހެން ހީވިއެވެ. އޭނާ އެ ފިރިހެން މީހާގެ އަތުގައި ހިފަހައްޓާލިއެވެ. ދެން، ވަގުތުންހެން، އެ ދެމަފިރިން އެހެން ލާފައި ދިޔަ މީހުންގެ ތެރެއަށް ގެއްލުނެވެ.

މިލްހާ ލޯ ކުޑަކޮށްލިއެވެ. "އެއީ ވަރަށް އާދަޔާޚިލާފު ކަމެއް."

"ކޮން ކަމެއް؟" ރަފާގެ ދެބުމަ މައްޗަށް އެރިއެވެ.

"ނޭނގެ."

ރަފާ ފޫހިގޮތަކަށް ވަށައިގެން ބަލައިލިއެވެ. "ތިއުޅެނީ މާ ގިނައިން މިސްޓްރީ ވާހަކަ ކިޔައިގެން."

"އަހަރެން މިސްޓްރީ ވާހަކައެއް ނުވެސް ކިޔަމެއްނު......." މިލްހާ މޫނު ހަދާލިއެވެ.

"އެހެންވިއްޔާ ތި އުފައްދަނީ މިސްޓްރީ."

މިލްހާ ހީލާފައި އެކަން ދޫކޮށްލިއެވެ. މިނެޓުކޮޅެއްގެ ތެރޭގައި ކަސްޓަމަރަކު އައުމުން އެ ހުރިހާކަމެއް ހަނދާންނެތުނެވެ.

އެއީ އޭނާގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ބައްދަލުވުމެއްކަން އެވަގުތު ރޭކާ ނުލައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު