ފައިނަލުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ އަހަރު ރޯޑް ރެކްރިއޭޝަން ކުލަބު (އާރުއާރުސީ) އިން ހޯދައިފިއެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ތަށި އުފުލާލީ އެސްޓީއޯ އަތުން ފަހު ވަގުތު 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެސްޓީއޯ ވަނީ މި މުބާރާތް މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. މިއަހަރު ހޯދި ކާމިޔާބީއާއެކު މިއީ އާރުއާރުސީން މި ތަށި ހި ތިންވަނަ ފަހަރެވެ. މީގެކުރިން 2021 ވަނަ އަހަރާއި މިދިޔަ އަހަރުގެ ޗެމްޕިއަނަކީ އާރުއާރުސީއެވެ.
މިއަހަރުގެ ކުލަބު މޯލްޑިވްސް ކަޕް ކުރިއަށްދިޔައީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މުބާރާތެއްގެ ގޮތުގައެވެ.
ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް މުނީޒެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އިސްމާޢީލް ޝަރީފް ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އިސްމާޢީލް އީސަ އެސްޓީއޯއަށް ލީޑު ނަގައިދިން ނަމަވެސް، ޝަނާން ރަޝާދު ވަނީ މެޗުގެ 30 ވަނަ މިނެޓުގައި އާރްއާރްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އާރްއާރްސީ މޮޅުވީ މެޗުގެ ފަހު މިނެޓުގައި މުނީޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރިއިރު، މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުލަބު އެމްޓީސީސީއެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކީ ކުލަބު އެޗްޑީސީގެ އަލީ އަލްސަނެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު އެޗްޑީސީގެ މުޒްދާން ހަސަން ހޯދިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެމްޓީސީސީގެ މުޙައްމަދު އިސާމެވެ.
މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމުގެ މަގާމު ހޯދީ ޗެމްޕިއަން އާރްއާރްސީންނެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެ ޓީމާއެކު ތަށި ދިފާއުކުރި އިސްމާޢީލް ޝަރީފެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ ޝަނާން އާއި، މޮހްސެން މޮންތަޒޭމީގެ އިތުރުން އެސްޓީއޯގެ އަޙްމަދު ރާހިލް ރަޝީދާއި، ހުސައިން ޝަރީފް އަދި ގޯލްކީޕަރު މުޙައްމަދު ޒުހަލެވެ. މީގެ ތެރެއިން ކިންގް އޮފް ފުޓްސަލްގެ މަގާމު ހޯދީ ޝަނާނެވެ.
މިއަހަރުގެ ކުލަބު މޯލްޑިވްސްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދިން އިރު އެސްއެސްޓީވީން ވެސް ވަނީ މުބާރާތުގެ މެޗުތަކެއް ވަގުތުން ގެނެސްދީފައެވެ.