ހަތް ގަޑިއިރުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު ދެ ކްރިޕްޓޯ ބްރިޖަކަށް ދިން ނުރައްކާތެރި ސައިބާ ހަމަލާތަކެއްގައި 31.6 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
މި ސައިބާ ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައި ވަނީ އާބިޓްރަމް ނެޓްވޯކްގައި ހިންގާ ޑީސެންޓްރަލައިޒްޑް ޕާޕެޗުއަލް އެކްސްޗޭންޖް އޭއެފްއެކްސް ގެ ބްރިޖަށެވެ. ސެކިއުރިޓީ ކުންފުނި ބްލޮކްއެއިޑް އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގައި އެކަނިވެސް 24.15 މިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.
އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ދެވަނަ ހަމަލާ ދީފައި ވަނީ ވާރަސް ޕްރޮޓޯކޯލް ގެ އިތީރިއަމް ބްރިޖަށެވެ. މި ހަމަލާގައި 7.5 މިލިއަން ޑޮލަރު ވަގަށް ނަގާފައި ވާއިރު، ބްލޮކްއެއިޑް އިން ފާހަގަކުރި ގޮތުގައި މި ޓްރާންސެކްޝަންގައި 1,625 އިތީރިއަމް (އީޓީއެޗް) އާއި 147,659 ޔޫއެސްޑީސީ އަދި 103.57 ޓީބީޓީސީ ވީ2 ހިމެނެއެވެ.
ބްލޮކްއެއިޑް އިން މި ދެ ހަމަލާ ވެސް ދެނެގަނެފައި ވަނީ ބުދަ ދުވަހުގެ ރޭ 9:30 ޔޫޓީސީ ހާއިރުއެވެ. އަދި އޮފްޗެއިން ލެބްސް ގެ ކޯ-ފައުންޑާ ސްޓީވަން ގޯލްޑްފެޑާ ވެސް ވަނީ މި ސެކިއުރިޓީ ބްރީޗް ހިނގާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ހެކްތަކުގެ ތަހުގީގުތަކުން ދައްކާ ގޮތުގައި މިއީ ސްމާޓް ކޮންޓްރެކްޓްގެ ބަލިކަށިކަމަކުން ހިނގާފައިވާ ކަމެއް ނޫނެވެ. ޑީފައިހެކްލެބްސް ގެ ސަންސެކް ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބަކީ ސިސްޓަމްގެ ކީތައް ކޮމްޕްރޮމައިޒްވުމެވެ.
ބްލޮކްއެއިޑް ގެ ސީއީއޯ އިޑޯ ބެން-ނަތަން ވިދާޅުވި ގޮތުގައި، މި ހަމަލާގައި 5 ހޮޓް ވެލިޑޭޓާ ކީއެއް ކޮމްޕްރޮމައިޒްވެފައިވާ ކަމަށް ބެލެވެއެވެ. އަދި މިއީ އޮޕަރޭޝަނަލް ސެކިއުރިޓީ މައްސަލައެއް ކަމަށާއި، ވަގު ޓްރާންސެކްޝަންގައި އަސްލު ވެލިޑޭޓާ ސޮއިތައް ހުރުމުގެ ސަބަބުން ބްރިޖްގެ އޮންޗެއިން ވެރިފިކޭޝަން މަސައްކަތްކޮށްފައިވަނީ އާންމު އުސޫލުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ދެ ހަމަލާއިން ވެސް ހާމަވެގެންދަނީ ކްރޮސް-ޗެއިން ބްރިޖްތަކަކީ ބޮޑެތި އަދަދުތަކުން ފައިސާ ރައްކާކޮށްފައި ހުންނަ ތަންތަން ކަމަށް ވާތީ، އެފަދަ ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާ މިންވަރެވެ.
ޑީފައިލާމާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު މިހާރު ވެސް ވެފައި ވަނީ އެންމެ ގިނައިން ހެކިން ހަމަލާތައް ހިނގި ކުއާޓަރަށެވެ. އެގޮތުން މިހާތަނަށް 83 ހެކް ހިނގާފައި ވާއިރު، މި ކުއާޓަރުގެ އެންމެ ބޮޑު ދެ ހެކަކީ ކެލްޕްޑާއޯގެ 293 މިލިއަން ޑޮލަރުގެ ހެކާއި ޑްރިފްޓް ޕްރޮޓޯކޯލް ގެ 280 މިލިއަން ޑޮލަރުގެ ހެކެވެ.